ރައްޔިތުންގެ މަޖިލިސް އިދާރާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)
ޓެކްސްތައް ބޮޑު ކުރަން ޖެހޭނީ ބޭކާރު ހަރަދުތައް ކުޑަކޮށްފައި: އެމްޑީޕީ
ސަރުކާރުން މާލީ ހިސާބުތައް ސިއްރުކޮށްފައިވާތާ އެތައް މަހެއް ވެއްޖެ ކަމުގެ ކަންބޮޑުވުންތަކާ އެކު، ޓެކްސްތައް ބޮޑުކުރުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީ މެންބަރުން މިގޮތަށް ވާހަކަ ދެއްކެވީ، ފަތުވެރިކަމާ ގުޅޭ ބައެއް ޓެކްސްތައް ބޮޑު ކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށާއި އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން ނަގާ ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ދެ ބިލަށް ވާހަކަ ދައްވަމުންނެވެ.
ތަފްސީލު - އެ ދެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ފަށާފައި ވާއިރު، އެއަށް ވާހަަކަ ދެއްކެވި އެމްޑީޕީ މެންބަރުން ވަނީ ވަރަށް ބޮޑަށް އެ ބަދަލުތަކާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އެ މެންބަރުން ވިދާޅުވި ގޮތުގައި، ސަރުކާރުގެ ހަރަދުތައް އިންތިހާބަށް ބޮޑުވެފައި ވާއިރު، ބޭކާރު ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެެއް ނުވެ އެވެ.
"ސަރުކާރުގެ ހަރަދު ކުޑަ ކުރަން މިއަދު ކުރީ ކޮން ކަމެއްތޯ؟ އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަކުން މީހަކު ބަދަލުކޮށްލުން ނޫން ކަމެއް ނެތޭ، އިއްޒަތްތެރި ރައީސް ކޮށްފައި. އެ ބުނާ ސިޔާސީ މަގާމުތައް ވެސް ވީ އިތުރު. މި ސަރުކާރުގައި 22 މިނިސްޓްރީ އެބަ އޮތް. ކޮންމެ މިނިސްޓްރީއެއްގައި 100 އިން މަތީގެ ވަޒީރުން އެބަ ތިބި. އޭގެ އަދަދެއް ވެސް ނޭނގެ،" އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވި އެވެ.
ޓެކްސްތައް ބޮޑު ކުރުން
އޭނާ ވިދާޅުވި ގޮތުގައި:
-
ޔޫތު މިނިސްޓްރީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ހަދައިގެން މިއަދު ޒުވާނުންނަށް ކުރި ކަމެއް ނެތް
-
ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އޮތް އިރު، އެ ތަނަށް ވެސް ގިނަ އަދަދަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކޮށްފައިވޭ
-
ގައުމިއްޔަތުގެ ނަމުގައި ވަކި މިނިސްޓްރީއެއް ހަދާފައި ވާއިރު، އެ ތަނުން ކުރާ މަސައްކަތަށް ވުރެ ގައުމިއްޔަތު ދިރުވަން މޯލްޑިވް ގޭސް އިން ކުރާ މަސައްކަތް ގިނަ
-
އާމްދަނީ އިތުރުކޮށްގެން އެކަނި ނުވާނެ؛ އެފަދަ ބޭކާރު މަގާމުތައް އުވާލައި ހަރަދުތައް ކުޑަ ކުރަން ޖެހޭ
ޒިޔާދު ވިދާޅުވީ، ޓެކްސް ބޮޑު ކުރަން ޖެހޭ ހާލަތުގައި ޓެކްސް ބޮޑު ކުރަން އޭނާ ވެސް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަމުން ރައްޔިތުންނަށް ވަނީ ކޮން ފައިދާއެއްތޯ އަދި މިކަން މި ކުރާ ސަބަބާ މެދު ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަށް ވަންނަ އާމްދަނީ ވަނީ އިތުރު. އެއްވެސް މަޝްރޫއޫއެއް ނުހިނގާ. ޓެންޑާ ބޯޑު ތަޅުލާފައި ހުންނަތާ މިހާރަށް އަހަރެއް މި ވަނީ... ލިބޭ އާމްދަނީއެއް އެނގެނީކީ ނޫން. މިބޭފުޅުންގެ ބަހުން އެ ބުނާ ފިޒިކަލް ރިޕޯޓު މިހާރު ހަފްތާއިން ހަފްތާއަށް ނެރެނީކީ ނޫން. ލިބޭ އެއްޗެއް އެނގިގެންތާ އިތުރު ކުރަން އެނގޭނީ،" އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މުސާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހުރީ 2،000 އިން މަތީގަ އެވެ. އަދި ސަރުކާރުގެ ކުންފުނިތަކަށް ލިބޭ އާމްދަނީ ދަށްވެފައި ވާއިރު، އެ ތަންތަނަށް ވެސް 6،000 ވުރެ ގިނަ މުވައްޒަފުން އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ކައިރީ ބުނީ މަތިބަރު ނޫން ހެޔޮ ލަފާ ސަރުކާރެކޭ ގެންނާނީ. ރައްޔިތުން ދެކެން ބޭނުން ނުވާ ވަރަށް ގިނަ ކަންކަން މި ސަރުކާރުގައި ވަރަށް ގިނަ. ބުނި ގޮތާ މުޅިން އިދިކީއްޔަށް ހުރިހާ ކަމެއް މިދަނީ. ވައްކަމާއި ކޮރަޕްޝަން ސަރުކާރު ތެރޭގައި އޮތީ އިންތިހާއަށް،" ގަފޫރު ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ، މި ސަރުކާރުން ސިޔާސަތުތައް އެކުވަލާލައި ނިންމުންތައް ނިންމަނީ އެއްވެސް ކަހަލަ ދުރު ރާސްތާ ޕްލޭނެއް ނެތި ކަމަށެވެ. މިއަދު ނިންމާ ނިންމުން މާދަމާ ބަދަލުކޮށްފައި އެބަހުރި ކަމަށާއި އެކަމުން ދަލީލުކޮށްދެނީ "އެއްވެސް ރޭވުންތެރިކަމެއް، އިންތިޒާމެއް" ސަރުކާރުގައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ސަރުކާރަށް ގޮވާލަން ތަފާތު ސިޔާސަތުތައް އާންމު ކުރައްވާއިރު، މަޖިލީހަށް ބިލުތައް ފޮނުއްވާއިރު، ތަންކޮޅެއް ދުރާލާ މިކަމާ ގުޅުން ހުރި ފަރާތްތަކާއި ސްޓޭކް ހޯލްޑާސްއާ ބައްދަލު ކުރައްވާ އެ ބޭފުޅުންގެ މަޝްވަރާ ވެސް ހިމަނުއްވައިގެން ކަންކަން ކުރެއްވުމަށް، "މީކާއިލް ވިދާޅުވި އެވެ.
"އެހެން ނޫނީ އަނެއްކާވެސް އިންޑިއާ އައުޓްއަށް ވީހެން، ބޭންކް އޮފް މޯލްޑިވްސްގެ ކާޑް ލިމިޓަށް ވީހެން، އިޒްރޭލް ޕާސްޕޯޓަށް ވީހެން މި ބިލަށް ވެސް ނުވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅު."
ޓެކްސް އިތުރު ކުރުމަށް ވިސްނަން ޖެހޭނީ ވެސް ބޭކާރު ހަރަދުތައް ކަނޑާލުމަށް ފަހު. އެ ތަން ކުރާ ތަނެއް ނުފެނޭ. ސަރުކާރުން އެ ވިސްނުން ގެންގުޅޭ ތަނެއް ވެސް ނުފެނޭ. މާލީ ރިޕޯޓުތައް ހާމަ ކުރާ ތަނެއް ނުފެނޭ. ރައީސް މުއިއްޒަށް ވެސް އަދި ސަރުކާރަށް ވެސް ރާއްޖޭގެ މާލީ ހާލަތު ސާފުވީހެންނެއް ހިއެއް ނުވޭ. ރިޒާވް ހުސްވެއްޖެ. ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރީ ފޫގޮސްފައި. ސަރުކާރުގެ މާލީ ހިސާބު އާންމު ނުކުރާތާ އެތައް މަހެއް ވެއްޖެ. މި ބިލަށް ލޯ މަރާފައި ވޯޓު ދޭން އަޅުގަނޑު ޖެހިލުންވޭ.
ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ:
-
ރިޔާސީ ކެމްޕެއިން ތެރޭ ރައީސް މުއިއްޒު ވިދާޅުވީ މާލީ ހާލަތު އެނގިވަޑައިގެންނަވާ ކަމަށާއި ދަރަނި ހުރި މިންވަރު ވެސް އެނގިވަޑައިގަންނަވާ ކަމަށް
-
އެކަން އެނގިހުރެ، ޓެކްސްތައް ބޮޑު ނުކުރައްވާނެ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވި؛ ރައީސް އޭރު ވިދާޅުވީ ޓެކްސް ބޭސް ބޮޑު ކުރައްވާނީ ކަމަށް
-
މިހާރު ޓެކްސްތައް ބޮޑު ކުުރުމަށް ހުށަހަޅާފައިވާ ބިލުތަކާ އެކު، އެ ހެއްދެވީ އިތުރުފުޅެއްކަން އެނގިއްޖެ
-
ނަމަވެސް އާމްދަނީ އިތުރު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަން ޖެހޭނެކަން ގަބޫލު ކުރަން
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، ރާއްޖޭގައި ޓޫރިޒަމް ނޫން ސިނާއަތެއް ތަރައްގީވަމުންދާ ތަނެއް ނުވަތަ ތަރައްގީ ކުރަން އުޅޭ ތަނެއް އަދި ނުފެންނަ ކަމަށެވެ. ނަމަވެސް ފެންނަނީ ސަރުކާރު ފަރާތުން މި ސިނާއަތައް ގޮންޖެހުން ބޮޑު ނިންމުންތައް ނިންމަމުންދާ ތަކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަވަށްޓެރި ސްރީ ލަންކާ މިހާރު އެ ދަނީ ޓޫރިޒަމްގެ ރޮނގުން އަޅުގަނޑުމެންނާ ވާދަ ކުރަމުން. އަދުގެ ސަރުކާރުން މި ދަނީ ޓޫރިޒަމް ސިނާއަތް ދަމާ ކޫއްތައި އެ ނޫން އެހެން ގޮތް ގޮތުން ވެސް އެކްސްޕްލޮއިޓް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީ %12 އިން %16އަށް 2023ގައި ބޮޑު ކުރިތާ ދޮޅު އަހަރު ފަހުން އެ ޓެކްސް މި ބޮޑު ކުރަނީ، ޓޫރިޒަމް ސިނާއަތައް އޭރު ބޮޑު ކުރި ޓެކްސްއިން އަދި މުޅިން ހަމަޖެހިނުލެވެނީސް އެވެ. އެއާ އެކު، ގްރީން ޓެކްސް ދެ ގުނަ ކުރާތީ އޭނާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
"ޓެކްސް އިތުރު ކުރުމަށް ވިސްނަން ޖެހޭނީ ވެސް ބޭކާރު ހަރަދުތައް ކަނޑާލުމަށް ފަހު. އެ ތަން ކުރާ ތަނެއް ނުފެނޭ. ސަރުކާރުން އެ ވިސްނުން ގެންގުޅޭ ތަނެއް ވެސް ނުފެނޭ. މާލީ ރިޕޯޓުތައް ކުރާ ތަނެއް ނުފެނޭ. ރައީސް މުއިއްޒަށް ވެސް އަދި ސަރުކާރަށް ވެސް ރާއްޖޭގެ މާލީ ހާލަތު ސާފުވީހެންނެއް ހިއެއް ނުވޭ. ރިޒާވް ހުސްވެއްޖެ. ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރީ ފޫގޮސްފައި. ސަރުކާރުގެ މާލީ ހިސާބު އާންމު ނުކުރާތާ އެތައް މަހެއްވެއްޖެ. މި ބިލަށް ލޯ މަރާފައި ވޯޓު ދޭން އަޅުގަނޑު ޖެހިލުންވޭ،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
ހަސީނު