އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ފަލާހް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)
ގްރީން ޓެކްސްއަށް 12 ޑޮލަރު ވެސް ކުޑަ: ފަލާހު
ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް އަންނަ އަހަރުން ފެށިގެން ދެ ގުނަކުރާ ގޮތަށް ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި 50 ކޮޓަރިއަށް ވުރެ ގިނަ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނު ނަގަން ނިންމާފައިވާ އަދަދު އަދިވެސް ކުޑަ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގްރީން ޓެކްސް ދެ ގުނަ ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އެ އަދަދު އެއަށް ވުރެ ވެސް ބޮޑު ކުރަން ޖެހޭ ކަމަށެވެ.
އެނގުން މުހިންމު - ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހުގައިވާ ގޮތުން، ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް އަންނަ އަހަރުން ފެށިގެން ދެ ގުނަ ކުރާނެެ އެވެ. އެގޮތުން:
-
ގެސްޓްހައުސްތަކުން (50 ކޮޓަރިއަށް ވުރެ މަދު): 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން
-
ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި 50 ކޮޓަރިއަށް ވުރެ ގިނަ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން: 6 ޑޮލަރުން 12 ޑޮލަަރަށް ބޮޑުކުރުން
ބުނީ ކީކޭ؟ - ފަލާހު ވިދާޅުވީ ރާއްޖެއަށް އަންނަނީ މުއްސަނދި ފަތުރުވެރިން ކަމަށާއި ރާއްޖޭގައި މިއޮތް ކަހަލަ ރީތި ހުދު ދޮންވެލިގަނޑަކާއި މޫދެއް، ރާއްޖޭން ލިބޭ ސާފުވައި އަދި ފިނިހޫނުމިން އެއް މިންވަރަކަށް އޮންނަ މޫސުމެއް ދުނިޔޭގެ އެހެން ގައުމަކުން ލިބެން ނޯންނާނެ ކަމަށެވެ.
"އަޅުގަނޑަށް ކުޑަ އިނގޭތޯ ރައީސް ޖެއްސި އަދަދު. އަޅުގަނޑު ނަމަ ގްރީން ޓެކްސް 12 [ޑޮލަރު]އެއް ނޫން ނަގާނީ، 18 [ޑޮލަރު] ނަގާނަން،" ފަލާހު ވިދާޅުވި އެވެ.
"ހަގީގަތުގައި ބޮޑެއް ނޫނޭ އިނގޭތޯ، ދިވެހިރާއްޖެއަށް މި އަންނަނީ ވަރަށް މުއްސަނދި ފަތުރުވެރިން."
ފަލާހު ވިދާޅުވީ ރާއްޖޭގައި އޮންނަ މޫދާއި ގޮނޑުދޮށްތަކާއި ސާފު ވަޔާއި މޫސުން ހޯދަން ފަތުރުވެރިންނަށް ނައިސް ނުތިބެވޭނެ ކަމަށެވެ.
"އިއްޒަތްތެރި ރައީސް، އެ ރޫމްތަކާއި ބެޑްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދުގެ ހަގީގީ އަދަދަށް އެ ބޭފުޅުން [ރިސޯޓް އޯނަރުން] ދައްކާ ނަމަ ވެސް މިކަންކަން ނުކޮށް ވެއްޖައީސް،" އޭނާ ވިދާޅުވި އެެވެ.
"ނޫނިއްޔާ ދައުލަތުގެ މީރާއަށް 50 ޑޮލަރު ދައްކަން އޮތިއްޔާ 25 ޑޮލަރު އޮންނާނީ ފޮތުގައި. އެހެންވީމަ މިކަންކަން ފުރިހަމަ ވީމަ ދައުލަތްތަކުން ކަންތައް ކުރާނީ މިކަންކަން ކުރަން ނުޖެހޭ ގޮތަށް."