8 ފެބްރުއަރީ 2024ގައި ބޭއްވި އެފްއޭއެމްގެ ކޮންގްެރެސްގައި އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ) (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ސަސްޕެންޝަނުން ވެލެންސިއާ ސަލާމަތްވެއްޖެ، އެފްއޭއެމްގެ ކޮންގްރެސް ވެސް ގޯސް
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ބާރުގެ ދަށުން އެ އިދާރާ ގެއްލިދާނެތީ އަޅަން ފެށި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ހުރިހާ ކަމެއް ފީފާގެ ނިންމުމާ އެކު، ބާތިލްވެއްޖެ އެވެ.
ފުރަތަމަ ކަމަކީ 8 ފެބްރުއަރީގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެވެ. ފީފާއިން ވަނީ އެ ކޮންގްރެސް ބަލައިނުގަންނަކަން އަންގައިފަ އެވެ.
އޭގެ ނަތީޖާއަކީ އެ ކޮންގްރެސްގައި ނިންމި އެއްވެސް ނިންމުމެއް ސައްހަ ނުވުމެވެ. އޭގެ ފުޅާ މާނައަކީ އެ ކޮންގްްރެސްގައި އިންތިހާބު ކުރި އެފްއޭއެމްގެ އެއްވެސް ކޮމިޓީއެއް ސައްހަނުވުމާއި އެ ކޮމިޓީތަކުން ނިންމި އެއްވެސް ނިންމުމެއް ވެސް ސައްހަ ނުވުމެވެ.
މިއީ ވެލެންސިއާއަށާއި ބައްސާމާ ދެކޮޅަށް ނުކުންނެވި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި އޭނާގެ ބައިވެރިންނަށް ކާމިޔާބީއެކެވެ.
ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ އިދާރާގެ އިންތިހާބު ބާއްވަން އިއުލާންކުރި ދެ ފަހަރު ވެސް އޭރުގެ މެނޭޖްމަންޓްގެ ކެންޑިޑޭޓާ ދެކޮޅަށް ނުކުންނެވީ ތޯރިގެވެ. އެ ދެ ފަހަރު ވެސް އެއްވަނަ ޑިވިޒަންގައި ތޯރިގަށް ތާއީދުކުރި ތިން ޓީމުގެ ތެރޭގައި ވެެލެންސިއާ ހިމެނެ އެވެ.
އެފްއޭއެމްގެ ގަވާއިދު އޮތް ގޮތުން އެއްވަނަ ޑިވިޒަންގެ އަށް ޓީމުގެ ތެރެއިން މަދުވެގެން ތިން ޓީމެއްގެ ތާއީދު ލިބިގެން ނޫނީ ރައީސްގެ މަގާމަށް ކުރިމައްޗެއް ނުލެވެ އެވެ.
ފުރަތަމަ ފަހަރަށް އިއުލާންކުރި އިންތިހާބުގައި ބައްސާމް ވާދައެއްނުކުރައްވަ އެވެ. އެކަމަކު ތޯރިގުގެ ކެންޑިޑެސީ އެފްއޭއެމުން ގަބޫލުނުކުރީ، ބައްސާމްގެ ތާއީދު އޮތް މުފާވިޒް ހާޝިމް (މުފާ)އަށް ވެސް ވެލެންސިއާއިން ރުހުމުގެ ސިޓީ ދީފައި އޮތް ކަމަށް ބަލައި، ދެ ކެންޑިޑޭޓަކަށް އެއް ކްލަބަކުން ތާއީދުކުރުމަކީ ފީފާގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ނިންމުމުންނެވެ.
ވެލެންސިއާގެ ތާއީދު އޮތް ދެ ނިންމުމެއް ލިބިފައި އޮތް ކަމަށް ބުނެ، އެ ތާއީދު ގަބޫލުނުކުރުމުން ތޯރިގަށް ތިން ކްލަބްގެ ތެރެއިން އެއް ކްލަބްގެ ތާއީދު ގެއްލުނީ އެވެ. އެކަމަކު އެފަދަ ހާލަތެއްގައި ރަސްމީކޮށް އެޕީލްކުރަން ޖެހޭ އިލެކްޓޯރަލް އެޕީލް ކޮމިޓީ އެފްއޭއެމްގައި ނެތެވެ.
އެފްއޭއެމްގެ މައްސަލަގަނޑުގެ ކަވަރޭޖް
ފީފާ އާއި އޭއެފްސީއަށް މައްސަލަ ހުށައެޅުމުން އެ ދެ ޖަމާއަތުން ނިންމީ އަސާސީ ގަވާއިދުގައި ހިމެނޭ ކޮމިޓީތައް އަލުން އިންތިހާބުކުރުމަށް ފަހު އިންތިހާބު ބާއްވާށެވެ.
އެކަމަށް އެފްއޭއެމުން 8 ފެބްރުއަރީގައި ބޭއްވީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެކެވެ. އެކަމަކު އެ ކޮންގްރެސްގައި މެމްބަރު އެތައް ކްލަބަކަށް ފުރުސަތު ނުލިބޭ ކަމަށް ބުނެ އަނެއްކާވެސް ފީފާއަށް މައްސަލަ ހުށައެޅި އެވެ. ކޮންގްރެސްގެ ކަންކަން ބަލަން ފީފާގެ އޮފިޝަލުން ވެސް ރާއްޖެ ވަޑައިގަތެވެ.
އެ ކޮންގްރެސްގައި ބައްސާމަށް ތާއީދުކުރާ ކްލަބްތަކުން ވޯޓު ލައިގެން ޑިސިޕްލިނަރީ ކޮމިޓީ އާއި އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ ވެސް އިންތިހާބުކުރި އެވެ.
ދެވަނަ ފަހަރަށް އިންތިހާބު އިއުލާންކުރީ 7 މާޗުގަ އެވެ. އެކަމަކު 20 އެޕްރީލްގައި އިންތިހާބު ބާއްވަން އިއުލާންކުރުމުގެ ކުރިން ޑިސިޕްލިނަރީ ކޮމިޓީން އެ ދުވަހު ނިންމީ ވެލެންސިއާގެ ހިންގާ ކޮމިޓީ ސައްހަ ނޫން ކަމަށާއި އެހެންވެ ވެލެންސިއާ ސަސްޕެންޑްކުރީ ކަމަށެވެ.
މިފަހަރު ބައްސާމް ކުރިމަތިލެއްވި އެވެ. ތޯރިގު ދެން ވެސް ފޯމު ހުށައެޅުއްވީ ވެލެންސިއާގެ ތާއީދުގެ ސިޓީއާ އެކުގަ އެވެ. އޭނާގެ ކެންޑިޑަސީ މިފަހަރު ވެސް އެފްއޭއެމުން ބާތިލްކުރާނެ ކަމަށް ބައްލަވައި ފީފާ އާއި އޭއެފްސީއަށް މައްސަލަ ހުށައެޅުއްވި އެވެ. އެ ދެ ޖަމާއަތުން 21 މާޗުގައި އެންގީ އިންތިހާބުގެ ހުރިހާ ކަމެއް ހުއްޓާލުމަށެވެ.
އޭގެ ފަހުން މިދިއަ ޖުލައި މަހު ބައްސާމް އާއި އޭނާ ހިމެނޭ އެކްސްކޯގެ ދައުރު ހަމަވި އިރު ވެސް އިންތިހާބު ބޭއްވޭ ގޮތެއް ނުވި އެވެ.
މިހާރު އެފްއޭއެމް ހިންގަމުން އަންނަނީ ފީފާއިން ނެގި ނޯމަލައިޒޭޝަން ކޮމިޓީންނެވެ. އެ ކޮމިޓީގެ އެއް ޒިންމާއަކީ 31 ޖުލައި 2025ގެ ކުރިން އާ އިންތިހާބު ބޭއްވުމެވެ.
ކޮމެންޓް