ބައްސާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް: އެފްއޭއެމް ހިންގާނެ މެނޭޖްމަންޓެއް މިހާރަކު ނެތް (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އެފްއޭއެމް

އެފްއޭއެމް ހުސް ތޮށިގަނޑަކަށް، ގޮތެއް ނިންމުން ފީފާއަށް

އެކްސްކޯގެ މުއްދަތު މިދިއަ އަންގާރަދުވަހު ހަމަވުމުން އެފްއޭއެމް ދެން ކުރިއަށް ގެންދާނެ ގޮތެއް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ފީފާއިން އެންގުން ކައިރި
4 ޖުލައި 2024

މިދިއަ އަންގާރަދުވަހު އެފްއޭއެމްގެ މިހާރުގެ އެކްސްކޯގެ މުއްދަތު ހަމަވެ، ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިދާރާ ހުސްކަމަކަށް ހިނގައްޖެ އެވެ. މި ހުސްކަން ފިލުވާލަން ފީފާއިން ވަގުތީ ގޮތުން ނިންމާ ނިންމުމެއް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެނގޭނެ ކަމަށް، ބައެއް ބޭފުޅުން 'ދައުރު'އަށް ވިދާޅުވި އެވެ.

އެފްއޭއެމްގެ އާ އިންތިހާބު ދެ ފަހަރެއްގެ މަތިން ފީފާ އާއި އޭއެފްސީން ކެންސަލްކުރުމުން އާ ރައީސް އާއި އާ އެކްސްކޯ އެކުލަވާލެވޭނެ ހުރިހާ މަގެއް ވަނީ ބަންދުވެފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން މި ނުކުޅެދުމުގެ ތެރެއަށް ދިޔައީ ފީފާއިން މިހާރު ސަސްޕެންޑްކޮށްފައި ހުރި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޭނާއާ ދެކޮޅު ފުޓްބޯޅައިގެ އެހެން އިސް ވެރިންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުމުގައި އިންތިހާބު ގުރުބާންކުރުމުންނެވެ.

ބައްސާމް (ކ) އާއި އަހުމަދު ތޯރިގު

ބައްސާމާ ދެކޮޅު ކްލަބްތަކުން ދެ އިންތިހާބަށް ނެރުނީ ބައްސާމްގެ ކުރިން އެފްއޭއެމްގެ ރައީސަކަށް ހުންނެވި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ. އެކަމަކު އޭނާގެ ޝަރުތު ހަމަނުވެގެން އެ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް އެފްއޭއެމުން ހަމަޖެއްސުމުން ފީފާ އާއި އޭއެފްސީން ވަނީ އެ އިންތިހާބު ކެންސަލްކޮށްފަ އެވެ. އޭގެ ފަހުން އިއުލާންކުރި އިންތިހާބަށް ތޯރިގާ ވާދައަށް ނުކުންނެވީ، ދެން އެ މަގާމަށް ކުރިމަތިނުލައްވާނެ ކަމަށް އިއުލާާންކުރެއްވި ބައްސާމެވެ.

އެކަމަކު އިންތިހާބުގެ ކުރިން ވެލެންސިއާ ސަސްޕެންޑްކުރި ގޮތާ މެދު އޮތް ހިޔާލު ތަފާތުވުމާ ހެދި، އޭގެ ތެރެއަށް އަނެއްކާވެސް ފީފާ އާއި އޭއެފްސީ ވަދެ، އިންތިހާބު ފަސްކުރި އެވެ.

އެފްއޭއެމްގެ އެކްސްކޯގެ މުއްދަތު ހަމަވުމުގެ މާނައަކީ ފުޓްބޯޅައާ ގުޅުން ހުރި އެއްވެސް މަސައްކަތެއް ހިންގާނެ މެނޭޖްމަންޓެއް ނެތުމެވެ. ނަމަވެސް ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ފީފާއިން ވަކި ގޮތެއް ނިންމަންދެން އޭނާއަށް އިދާރީ ބައެއް ކަންކަން ކުރެއްވުމުގެ ފުރުސަތު ވަނީ، ފީފާއިން ދީފަ އެވެ. 

"ލިއުމުން ވަކި ގޮތެއް އަންގާނެ ކަމަށް އޮތީ ބުނެފައި،" އެ ބާރު ފީފާއިން ދިނީ ލިއުމުންތޯ ދެންނެވުމުން ޖައުޝަން ވިދާޅުވި އެވެ.

ނޯމަލައިޒޭޝަންއަށް ދިއުން ކައިރި

މިހާރު މި އޮތް ހާލަތުގައި އެންމެ ކައިރީ ނޯމަަލައިޒޭޝަނަކަށް އެފްއޭއެމް ދިއުމެވެ. އޭގެ މާނައަކީ ފީފާއިން ކަނޑައަޅާ ކޮމިޓީއަކުން އެފްއޭއެމްގެ ކަންކަމާ ހަވާލުވެ، އިސްލާހުކުރަން ހުރި ކަންކަން އިސްލާހުކޮށް، އާ އިންތިހާބަކަށް ދިއުމެވެ. އިންތިހާބު ނިމި، އާ އެކްސްކޯއިން ޒިންމާ ނަގަން ފެށެންދެން އެފްއޭއެމްގެ ހުރިހާ ކަމެއް ބަލަހައްޓާނީ ނޯމަލައިޒޭޝަން ކޮމިޓީންނެވެ.

ފީފާގެ މެމްބަރު އެސޯސިއޭޝަނެއް ނޯމަލައިޒޭޝަނަށް ލުމުގެ ޒިންމާ 5 ޖުލައިގެ ފަހުން ނަގާނީ ސީދާ ފީފާގެ ކައުންސިލުންނެވެ. އެހެންކަމުން ކައުންސިލަށް ނުގޮސް އެފްއޭއެމްއާ މެދު ފީފާއިން ގޮތެއް ނިންމާ ނަމަ އެކަމަށް އޮތް އެންމެ ފަހު ދުވަހަކީ މާދަމާ އެވެ. ވަކި ގޮތެއް ކަނޑަނޭޅިއްޖެ ނަމަ ފީފާގެ ނިންމުން އަންނާނީ މި މަހު 20ގައި ބާއްވާ ފީފާ ކައުންސިލް ބައްދަލުވުމުގަ އެވެ.

އެފްއޭއެމްގެ އެެތެރެއިންނާއި ބޭރުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ކައުންސިލުން ވަކި ގޮތެއް ނިންމަން ޖެހޭ ހާލަތުގައި ވެސް އެ ނިންމުން އަންނަންދެން އެފްއޭއެމްގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އެންގުމެއް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފީފާގެ ފަރާތުން އައުން ކައިރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް