އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: ކުރިއަށް އޮތް އިންތިހާބުގައި އޭނާ ވާދަކުރައްވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި

ތޯރިގާއި ބައްސާމް ވާދަކުރައްވަނީ: އަނެއްކާވެސް އެފްއޭއެމް މައްސަލަގަނޑެއްގެ ތެރެއަށް

އިންތިހާބުގެ ކަންކަން އަނެއްކާވެސް ކޮޅެއްގައި ޖެހުން ދުރުކަމަށް ފެންނަނީ އަހުމަދު ތޯރިގަށް ތާއީދުކުރި ޓީމުތަކުގެ ތެރޭގައި ވެލެންސިއާ އޮތުމުން
17 މާރިޗު 2024
1

އެފްއޭއެމްގެ ރައީސްކަމަށް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އަހުމަދު ތޯރިގު (ޓޮމް) ކުރިމަތިލެއްވިކަމުގެ މީޑިއާ ރިޕޯޓްތަކާ އެކު އެ އިންތިހާބު އަނެއްކާވެސް މިސްރާބު ޖަހާފައި ވަނީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ކަމަށް ބެލެވެން ފަށައިފި އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތި އިއްޔެ ހަމަވިއިރު ތޯރިގު، ތިން ކްލަބްގެ ތާއީދާ އެކު ނުކުންނެވިކަން ޔަގީންވިިޔަސް، ބައްސާމް ކުރިމަތިލެއްވިކަން ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.

އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ ކުރިމަތިލީ މީހުންގެ ސިޓީއުރަތައް ކަނޑާނީ އިލެކްޓޯރަލް ކޮމިޓީން ކަމަށެވެ.

"މިއަދު ނޫނީ މާދަން ކޮމިޓީ މީޓިން ބޭއްވޭނެ. އޭރުން ކޮންފާމް ކުރެވޭނީ ކުރިމަތިލާފައި ވަނީ ކޮން ބައެއްކަން،" އެފްއޭއެމްގެ އޮފިޝަލް ވިދާޅުވި އެވެ.

ބައްސާމަށް 'ދައުރު'ން ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

މީގެ ކުރިން ކެންސަލްކުރި އިންތިހާބުގެ ކުރިން ބައްސާމް އިއުލާންކުރެއްވީ އެ އިންތިހާބަށް ނުނިކުންނަވާނެ ކަަމަށެވެ.

20 ނޮވެމްބަރު 2016ގައި އޮތް އެފްއޭއެމްގެ އިންތިހާބުގައި އޭރުގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އާއި އެ އިންތިހާބު ކާމިޔާބުކުރެއްވީ ބައްސާމް އަދީލް ޖަލީލް (ވ) --ފޮޓޯ/މިހާރު

މަނީ ލޯންޑަރިންނާއި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުގައި އޭނާއާ ދެކޮޅަށް ކުރިމިނަލް ކޯޓުގައި ދައުލަތުން ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ދެން ވެސް އޮތީ މައްސަލަތައްކަން ޔަގީންވާ އެއް ކަމަކީ ތޯރިގަށް ތާއީދުކުރި ތިން ކްލަބްގެ ތެރޭގައި ވެލެންސިއާ ހިމެނުމެވެ. އެފްއޭއެމުން ދާދި ފަހުން ވަނީ ފުޓްބޯޅައިގެ ހުރިހާ ހަަރަކާތަކުން އެފްއޭއެމް ސަސްޕެންޑްކޮށްފަ އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރައީސް ކަމަށް ކުރިމަތިލާ މީހަކަށް އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ކްލަބެއްގެ ތާއީދު އޮންނަން ޖެހޭނެ އެވެ. އެއްވަނަ ޑިވިޒަންގައި އަށް ޓީމު އޮންނަ އިރު ތޯރިގަށް ތާއީދުކުރަނީ މާޒިޔާ އާއި ޓީސީ އަދި ވެލެންސިއާ އެވެ. އަނެއް ފަސް ޓީމު ކަމަށްވާ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އާއި ސަސް އާއި ބުރު ސްޕޯޓްސް އަދި ގްރީން ސްޓްރީޓް އޮތީ ބައްސާމް ފަޅީގަ އެވެ.

ކުރިން ބާއްވަން އޮތް އިންތިހާބުގައި އެ ފަސް ޓީމުން ތާއީދުކުރީ ބައްސާމް އަޑީގައި ހުންނަވައިގެން ނެރުއްވި ކެންޑިޑޭޓް ކަަމަށްވާ މުފާވިޒް ހާޝިމް (މުފާ)އަށެވެ. ފަހުން އޭނާ ވަނީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.

މިދިއަ މަހު އެފްއޭއެމްގެ މެޖޯރިޓީ މެމްބަރު ކްލަބްތައް ނުލައި މިއަދު ބޭއްވި ކޮންގްރެސްގައި ބައްސާމް އާއި އެކްޓިން ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޖައުޝަން ޝަރީފް (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އާ އިންތިހާބަށް އަލުން އިއުލާންކުރަން ޖެހުނީ އެ އިންތިހާބުގެ ކަންކަން ބަލާނެ ސައްހަ ކޮމިޓީތައް އެފްއޭއެމްގައި ނެތުމުން ފީފާ އާއި އޭއެފްސީގެ އެންގުމަށެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އާއި އޭޝިއާ ފުޓްބޯޅައިގެ މައި ޖަމިއްޔާއިން އެގޮތަށް ނިންމީ ތޯރިގުގެ ކެންޑިޑެސީ އެފަހަރު ބާތިލްކުރުމުން އޭނާ ހުށައެޅުއްވި މައްސަލައިގަ އެވެ.

ފީފާ އާއި އޭއެފްސީގެ އެންގުމަށް އެފްއޭއެމުން ވަނީ ހާއްސަ ކޮންގްރެސްއެއް ބާއްވައިގެން އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އިންތިހާބުކޮށްފަ އެވެ. ނަމަވެސް އެ ކޮންގްރެސްގައި އެފްއޭއެމްގެ މެމްބަރު ގިނަ ކްލަބްތަކަކަށް ބައިވެރިނުވެވުމުން، އޭގެ ސައްހަކަމާ މެދު އޮތީ ސުވާލު އުފެދި އެވެ.

ވެލެންސިއާ ސަސްޕެންޑްކުރުމުން ތޯރިގުގެ ސަޕޯޓަރުން ގަބޫލުކުރަނީ ބައްސާމް ބޭނުންވަނީ އޭނާ ނޫން އެހެން ބޭފުޅަކަށް އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ހެއްދެވުން ކަމަށެވެ.

ދެ ދައުރުގައި އެފްއޭއެމްގެ ރައީސްކަމުގައި ހުންނަވަން ބައްސާމް އެންމެ ބޮޑަށް ބޭނުންކުރެއްވީ ވެލެންސިއާ އެވެ. އެކަމަކު މިދިއަ އަހަރުގެ ފަހުކޮޅު ވެލެންސިއާގެ މެނޭޖްމަންޓް ބަދަލުވެ، ވެލެންސިއާގެ ތާއީދު ތޯރިގަށް ދޭން ނިންމި އެވެ.

އެހާ ހިސާބުން ވެލެންސިއާ އޮތީ އެފްއޭއެމްގެ އިންތިހާބުގެ މައިގަނޑު މައްސަލައަށް ވެފަ އެވެ. ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ އިތުރުން ވެލެންސިއާގެ ތާއީދު މުފާވިޒްއަށް ވެސް ދިނުމުންނެވެ. އެކަމަކު އޭނާއަށް ތާއީދުކޮށް ސިޓީ ދިނީ ވެލެންސިއާގެ ސައްހަ އެގްޒެކްޓިވް ކޮމިޓީން ނޫން ކަމަށް، މިހާރުގެ މެނޭޖްމަންޓުން ބުނެ އެވެ. އަދި ކްލަބްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނަރު ވެސް ގަބޫލުކުރައްވަނީ އެގޮތަށެވެ.

ވެލެންސިއާ މި މަހު 7 ވަނަ ދުވަހު ސަސްޕެންޑްކުރީ މިހާރުގެ އެގްޒެކްޓިވް ކޮމިޓީ ނުވަތަ ހިންގާ ކޮމިޓީ ސައްހަކަމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ނުފެންނާތީ އެވެ.

އެކަމަކު ކްލަބްތަކުގެ އިންތިހާބާއި ހިންގާ ކޮމިޓީގެ ސައްހަކަން ބެލުމުގެ ޒިންމާ އޮންނަނީ ސްޕޯޓްސް ކޮމިޝަނަރަށެވެ. ކްލަބްތަކުގެ އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު ގަބޫލުކުރެއްވުމުން އެއީ ސައްހަ އިންތިހާބެއް ކަމަށް ބަލަން ޖެހެ އެވެ.

މިހާރު ޔަގީންވާ ކަމަކީ އަނެއްކާވެސް ތޯރިގުގެ ކެންޑިޑެސީ، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ބާތިލްކުރާނެ ކަމެވެ. އެހާ ހިސާބުން އަނެއްކާވެސް މައްސަލަ ދާނީ ފީފާ އާއި އޭއެފްސީއަށެވެ.

ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އެފްއޭއެމްގެ ހިންގުން މިހާރުގެ މެނޭޖްމަންޓުން ނަގައި، މިނިވަން ބަޔަކާ ހަވާލުކުރުން ކައިރި އެވެ. ނުވަތަ ފުޓްބޯޅައިން ރާއްޖެ ސަސްޕެންޑްކުރާނީ އެވެ.

ކޮމެންޓް (1)

ހަސަންދީ

17 މާރިޗު 2024
މި ބައްސާމެއްގެ ކިބައިން ސަލާމަތްވާނެ ގޮތެއް ނެތީތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް