އަހުމަދު ތޯރިގު (ކ) އާއި މިހާރުގެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 2016ގެ އެފްއޭއެމް އިންތިހާބުގެ ދުވަހު. މި މަހު އޮންނަ އިންތިހާބުގައި ވާދަކުރައްވަން ތޯރިގު އަންނަނީ މަސައްކަތްކުރައްވަމުން. ބައްސާމް ކުރިމައްޗެއް ނުލައްވާ --ފޮޓޯ/މިހާރު
އެފްއޭއެމް އިންތިހާބު، މައްސަލައަކަށް ފަހު މައްސަލައެއް
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ އިންތިހާބުގެ މައްސަލަތައް އޮތް ހާލަތަށް ބަލާއިރު ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން ކަންބޮޑުވަންތޯ ސުވާލުކުރުމުން މުހައްމަދު ޖައުޝަން ޝަރީފްގެ ޖަވާބު ވަރަށް ކުރެވެ: ހުރިހާ ކަމެއް ވެސް ދަނީ އެފްއޭއެމް އާއި ފީފާ އާއި އޭއެފްސީގެ އުސޫލުތަކާ އެއްގޮތަށެވެ.
އެއް ނަޒަރަކުން އޭނާގެ ވާހަކަތައް ގޯހެއް ނޫނެވެ. މިސާލަކަށް އިންތިހާބަށް ކުރިމަތިލެއްވި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ބާތިލްކުރީ، ފީފާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ އެވެ.
އެކަމަކު އެހެން ނަޒަަރަކުން ބަލާއިރު ތޯރިގަށް ވާދަނުކުރެއްވޭ ހާލަތު ދިމާވި ނިންމުން އައި އިލެކްޓޯރަލް ކޮމިޓީ، އެފްއޭއެމްގެ އުސޫލުތަކުން ވެސް ސައްހަ ނޫން ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟
އެ މައްސަލަ މިހާރު އޮތީ ފީފާ އާއި އޭއެފްސީގަ އެވެ. ޖައުޝަން ވިދާޅުވި ގޮތުގައި އިލެކްޓޯރަލް ކޮމިޓީ އިންތިހާބުކުރީ އެފްއޭއެމްގެ ކޮންގްރެސްއިންނެވެ. އެހެންކަމުން އެ ކޮމިޓީ ސައްހަ ނޫން ކަމަށް، އޭނާއަށް ވިދާޅުވެވޭކަށް ނޯންނާނެ އެވެ.
ޖައުޝަންއަކީ ކުޅިވަރުގެ ގާނޫނީ މައްސަލަތަކާ ބެހޭ ގާނޫނީ ވަކީލެކެވެ. އެހެންކަމުން އޭނާގެ ވާހަކަތައް އާންމު މީހެއްގެ ހިޔާލާ ވަރަށް ތަފާތުވާނެ އެވެ.
އެކަމަކު ތޯރިގު ވަނީ އޭނާގެ ކެންޑިޑެސީ ބާތިލްކުރިކުރުމުގައި ހުރި މައްސަލަތައް ފީފާ އާއި އޭއެފްސީއަށް ހުށައަޅުއްވައިފަ އެވެ.
"އަޅުގަނޑުގެ ހައްގު ހޯދަން އަޅުގަނޑު އެ ހުރިހާ މައްސަލަތަކެއް ފީފާ އާއި އޭއެފްސީއަށް ވައްދާފައި އޮންނާނީ. ފީފާއިން އެފްއޭއެމަށް އެންގީ އެކަމާ ގުޅޭ ހުރިހާ ލިއުންތަކެއް ފޮނުވަން. އަޅުގަނޑަށް އެނގިފައި އޮތީ އެފްއޭއެމުން އަޅުގަނޑާ ބެހޭ ހުރިހާ ލިއުންތަކެއް މިހާރު ދީފައި އޮތްކަން،" ކުރިން ވެސް އެފްއޭއެމްގެ ރައީސްކަން ކުރެއްވި އަދި ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އަސްލު ވެގެން މި އުޅެނީ ކިހިނެއް؟
މި މަހު 31ގައި އޮންނަ އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވީ ތޯރިގުގެ އިތުރުން އީގަލްސަށް ނިސްބަތްވާ މުފާވިޒް ހާޝިމް (މުފާ) އެވެ.
އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓަކަށް އެއްވަނަ ޑިވިޒަަންގެ މަދުވެގެން ތިން ކްލަބެއްގެ ތާއީދު އޮންނަން ޖެހެ އެވެ. ރާއްޖޭގެ އެއްވަނަ ޑިވިޒަންގައި ހިމެނޭ އަށް ޓީމުގެ ތެރެއިން ތޯރިގަށް ތާއީދުކުރީ މާޒިޔާ އާއި ޓީސީ އަދި ވެލެންސިއާ އިންނެވެ.
މިހާރު ވެސް އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ މުފާވިޒްގެ ފަހަތުގައި އޮތީ އީގަލްސް، ގްރީން ސްޓްރީޓް، ބުރު ސްޕޯޓްސް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަދި ސަސް އެވެ. މައްސަލަ އުފެދެނީ ވެލެންސިއާގެ ތާއީދު ވެސް އޭނާއަށް އޮތް ކަމަށް ހުށައެޅުއްވުމުންނެވެ. އެހެންކަމުން ވެލެންސިއާ އިން އެވަނީ ތޯރިގާއި މުފާވިޒަށް ވެސް ތާއީދުކޮށްފަ އެވެ.
މައްސަލަ އުފެދުނީ މިހާ ހިސާބުންނެވެ. ނުވަތަ މިއީ، ތޯރިގުގެ ފަހަތުގައި ތިބި މީހުން ގަބޫލުކުރާ ގޮތުގައި، އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ރޭވުމެއްގެ ދަށުން އޭނާގެ ކެންޑިޑެސީ ގަސްދުގައި ބާތިލްކުރަން ޖެހި މަޅިއެކެވެ.
އެފްއޭއެމަށް ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ ތުހުމަތު އެޅިފައި އޮތް އަދި ފުލުހުންގެ ތަހުގީގާ ކުރިމަތިލައްވައިގެން ހުންނެވި ބައްސާމް މިފަހަރުގެ އިންތިހާބުގައި ވާދައެއްނުކުރައްވަ އެވެ. އެކަމަކު އޭނާގެ ނުފޫޒު އެފްއޭއެމުން ކެނޑިގެން ނުދާކަން، އެފްއޭއެމްގެ ކަންކަން ދަންނަ އެންމެ އާދައިގެ މީހާއަށް ވެސް އެނގޭނެ އެވެ.
އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ބަލަހައްޓަން ހަދާފައި އޮންނަ އިލެކްޓޯރަލް ކޮމިޓީން ނިންމީ، ތޯރިގާއި މުފާވިޒަށް ވެސް ވެލެންސިއާއިން ތާއީދުކުރި ކުރުން އޮތީ އެ ކްލަބްގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ދެ ބޭފުޅުންނަށް ވެލެންސިއާއިން ކުރި ތާއީދު ވެސް އެފްއޭއެމްގެ އުސޫލުތަކުގެ ތެރެއިން ގަބޫލުކުރި އެވެ.
އެފްއޭއެމުން އެގޮތަށް އަމަލްކުރީ ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒުމީންގެ ސޮއި ނެތް އެއްވެސް ލިއެކިއުމެއް ގަބޫލުނުކުރެވޭނެ ކަމަށް ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ދެ ފަހަރެއްގެ މަތިން އެފްއޭއެމަށް އެންގުމުންނެވެ. ތޯރިގަށް ތާއީދުކުރި ލިއުންތަކުގައި ސޮއިކުރައްވާފައި އޮތީ އަޒްމީން އެވެ. މުފާވިޒަށް ތާއީދުކޮށް ވެލެންސިއާއިން ދިން ލިއުމުގައި ސޮއިކުރައްވާފައި އޮތީ ވައިސް ޗެއާމަން އިލްމާއު ހުސެއިން އިބްރާހިމް (މައު) އެވެ.
އެފްއޭއެމުން ނިންމީ އިލްމާއުގެ ސޮއި ވެސް ގަބޫލުކުރެވޭނެ ކަމަށެވެ.
އެއް ކްލަބަކުން ދެ ކެންޑިޑޭޓަށް ތާއީދުކުރުމުން ދެން އަމަލްކުރާނެ ގޮތެއް އެފްއޭއެމްގެ ގަވާއިދުގައި ނެތެވެ. އެހެންކަމުން އިލެކްޓޯރަލް ކޮމިޓީން ބެލީ ފީފާއިން އެ ހާލަތުގައި އަމަލްކުރާ ގޮތެވެ. ފީފާގެ އިންތިހާބުތަކުގައި އެއް އެސޯސިއޭޝަނަކުން އެކަކަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ތާއީދުކޮށްފި ނަމަ އެ ހުރިހާ ތާއީދެއް ވެސް ބާތިލްވާނެ އެވެ. އެހެންކަމުން އިލެކްޓޯރަލް ކޮމިޓީން ނިންމީ ތޯރިގާއި މުފާވިޒަށް ވެލެންސިއާއިން ކުރި ތާއީދު ބާތިލް ކަމަށެވެ.
އެހާ ހިސާބުން ތޯރިގަށް އޮތީ އެއްވަނަ ޑިވިޒަންގެ ދެ ކްލަބްގެ ތާއީދެވެ. އޭނާގެ ކެންޑިޑެސީ އެ ކޮމިޓީން ބާތިލްކުރީ އެއް ވަނަ ޑިވިޒަންގެ މަދުވެގެން ތިން ޓީމުގެ ތާއީދު ނެތް ކަމަށް ބުނެ އެވެ.
ތޯރިގު ވިދާޅުވަނީ އިލެކްޓޯރަލް ކޮމިޓީ ވެސް ސައްހަ ނޫން ކަމަށް
މިހާރު މައްސަލަ އޮތީ ފީފާ އާއި އޭއެފްސީގަ އެވެ. 'ދައުރު'އާ ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ މިދިއަ އަހަރު އޮތް އެފްއޭއެމްގެ ކޮންގްރެސްގައި ހޮވި އިލެކްޓޯރަލް ކޮމިޓީ ސައްހަ ނުވަނީ އޭގައި ހިމެނޭ ދެ މެމްބަރަކު އެފްއޭއެމްގެ ގަވާއިދާ ހިލާފަށް އައްޔަންކޮށްފައި ވާތީ ކަމަށެވެ.
"އެފްއޭއެމް އިލެކްޓޯރަލް ކޯޑްގެ ހަތަރު ވަނަ މާއްދާގައި ބުނަނީ އިލެކްޓޯރަލް ކޮމިޓީގެ މެމްބަރުން ޖެހިޖެހިގެން ދެ ދައުރަށް އިންތިހާބުކޮށްގެން ނުވާނެ ކަމަށް،" ތޯރިގު ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮޮތުގައި މިހާރު ކޮމިޓީގައި ތިއްބެވި ތިން މެމްބަރުން ވެސް އިންތިހާބުކުރީ ގަވާއިދާ ހިލާފަށެވެ. އެއީ؛
-
1-
އަބްދުﷲ އަލީ، އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަން (ތޯރިގު ވިދާޅުވީ ގަވާއިދާ ހިލާފަށް ތިން ދައުރު އެ ކޮމިޓީގައި އޭނާ އިންނެވި ކަމަށް)
-
2-
އަހްމީމް އަބްދުއްރައްޒާގު، ވައިސް ޗެއާމަން (މިއީ އޭނާގެ ދެވަނަ ދައުރު)
-
3-
އަބްދުﷲ އަލީ، މެމްބަރު (އޭނާ ވެސް އިންތިހާބުކޮށްފައި ވަނީ ދެ ވަނަ ދައުރަކަށް ކަމަށް ތޯރިގު ވިދާޅުވި)
ފީފާ އާއި އޭއެފްސީއަށް މައްސަލަ ހުށައެޅުއްވީ، ތޯރިގު ވިދާޅުވި ގޮތުގައި، އެފްއޭއެމްގެ އަސާސީ ގަވާއިދާއި އިންތިހާބާ ބެހޭ ގަވާއިދާ ހިލާފު ކޮމިޓީއަކުން އިންތިހާބާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެތީ އެވެ.
އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނުވެސް ނެތް!
ތޯރިގުގެ ހައްގު ހޯއްދަވަން އޭނާ ކުރިއަށް ގެންދަވާ މަސައްކަތްތަކުގައި ދެން ފާހަގަކުރެއްވީ އަދި މާ ބޮޑު މައްސަލައެކެވެ. އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން އިންތިހާބާ ބެހޭ މައްސަލަތައް އެޕީލްކުރަން އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް އޮންނަން ޖެހެ އެވެ. އެކަމަކު މިދިއަ އަހަރު އޮތް ކޮންގްރެސްގައި އެ ކޮމިޓީ އިންތިހާބުކޮށްފައެއް ނުވެ އެވެ.
އެޕީލް ކޮމިޓީ ނެތުމުން ތޯރިގުގެ މައްސަލަ ބަލާނެ ރަސްމީ ބަޔަކު އެފްއޭއެމްގައި މި ވަގުތު ނެތެވެ. އެކަމަކު އޭނާ ވަނީ މި މަހު 12ގައި އިލެކްޓޯރަލް ކޮމިޓީގެ ނިންމުން އިސްތިއުނާފްކޮށްފަ އެވެ. އެފްއޭއެމްގެ އުސޫލުތަކުގައި އޮތް ގޮތުން ނަމަ ތިން ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހެ އެވެ. މިއަދަކީ އެ މުއްދަތުގެ ފަހު ދުވަހެވެ.
ޖައުޝަން ވިދާޅުވީ އިސްތިއުނާފް ކުރުމުގެ ހައްގު ތޯރިގަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެ ކޮމިޓީ އިންތިހާބުކޮށްފައި ނެތް ކަމަށް ސީދާ ވިދާޅުވާން އޭނާ ބޭނުންނުވަނީ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު އެފްއޭއެމްގެ ހުރިހާ ލިއެކިއުންތަކެއް އޭނާއަށް ފެނިވަޑައިގެންފައި ނެތުމުންނެވެ.
"މިތަނާ ހަވާލުވި އިރު ލިއެކިއުންތައް ހޯދަން ވަރަށް ދަތި ކަމަކަށް ވި،" އެފްއޭއެމްގެ ތެރޭގައި މަނީ ލޯންޑަރިން ފަދަ ކުށްތައް ކުރާކަމުގެ ތުހުމަތުގައި ފުލުހުން ފެށި ތަހުގީގަށް އެތަނުގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްތައް ގެންދިޔަ ގެންދިއުމަށް އިޝާރަތްކުރައްވާ ޖައުޝަން ވިދާޅުވި އެވެ.
އެޕީލް ކޮމިޓީއެއް އިންތިހާބުކޮށްފައި ނެތް ކަމަށް ވިދާޅުނުވިޔަސް އޭނާ ވިދާޅުވީ އެކަމުގައި އެފްއޭއެމުން ވެސް މިހާރު އިންތިޒާރުކުރަނީ ފީފާ އާއި އޭއެފްސީގެ ލަފަޔަކަށް ކަމަށެވެ.
މިދިއަ އަހަރު އޮތް އެފްއޭއެމް ކޮންގްރެސްގެ ޔައުމިއްޔާގައި އިލެކްޓޯރަލް އެޕީލް ކޮމިޓީ އިންތިހާބުކުރިކަމުގެ ވާހަކައެއް ނެތެވެ. އެހެންކަމުން އެއީ ނެތް ކޮމިޓީއެއް ކަމަށް ތޯރިގު ހުށައެޅުއްވި މައްސަލައަށް ބާރު ލިބެ އެވެ.
އެފްއޭއެމަށް ކުރިމަތިވެފައި މި އޮތީ ހަމައެކަނި މާލީ މައްސަލަގަނޑެއް ނޫނެވެ. ރާއްޖޭގެ އެންމެ ބާރުގަދަ ކުޅިވަރު އެސޯސިއޭޝަނަށް ވާން ޖެހޭ އިދާރާގައި މައްސަލަ ނޫން އެހެން އެއްޗެއް މި ވަގުތު ފެންނާކަށް ނެތެވެ.