މިއަދު ބޭއްވި ކޮންގްެރެސްގައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެކްޓިން ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޖައުޝަން ޝަރީފް (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އެފްއޭއެމް

ގިނަ ކްލަބްތަކަކަށް ފުރުސަތު ނުދީ އެފްއޭއެމްގެ ކޮންގްރެސް ބާއްވާ، ކޮމިޓީތައް ނަގައިފި

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވީ ހަމައެކަނި ބަައްސާމް އަދީލް ޖަލީލަށް ސަޕޯޓްކުރާ ފަސް ކްލަބް ލައިގެން
8 ފެބްރުއަރީ 2024

އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓާ ދެކޮޅު 12 ކްލަބަކަށް ފުރުސަތު ނުދީ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް، ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބާއްވައިފި އެވެ. އެކަމަކު ފުރަތަމަ ބާއްވަން އުޅުނު ކޮންގްރެސްއަށް ކޯރަމް ހަމަނުވުމުން ދެން ބޭއްވީ ދެވަނަ ކޮންގްރެސްއެއްގެ ގޮތުގަ އެވެ. 

އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް އިއުލާންކުރެއްވި ގޮތުގައި ކޮންގްރެސްގެ ފުރަތަމަ ޖަލްސާ ކޯރަމް ހަމަނުވެގެން ނުބޭއްވިއްޖެ ނަމަ 24 ގަޑިއިރު ތެރޭގައި ދެ ވަނަ ޖަލްސާއެއް ބޭއްވޭނެ ކަމަށެވެ. އަދި އެ ޖަލްސާގެ ކޯރަމް ހަމަވުމުން ލާޒިމް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ މިހާރުގެ މެމްބަރު ކްލަބްތަކަށް ބަލާ ނަމަ ކޯރަމްއަކީ 13 އެވެ. މިއަދުގެ ކޮންގްރެސް ކުރިއަށް ގެންދިޔައީ އެންމެ ފަސް ކްލަބް ބައިވެރިކޮށްގެންނެވެ.

މި ކޮންގްރެސް މިދިއައީ އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓުން ކުރިންސުރެ ދައްކަމުން އައި ހަރުކަށިކަމުގެ ތެރޭގައި ކަމަށް، މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅު މީހުން ބުނެ އެވެ.

ކުރިން މުޅި ކޮންގްރެސް އޮންލައިންކޮށް ބާއްވަން ހަމަޖައްސައި މެމްބަރު ކްލަބްތަކަށް ދައުވަތު ދިނެވެ. ނަމަވެސް މިދިއަ އަންގާރަދުވަހު އެފްއޭއެމުން ހަމަޖެއްސީ، ކްލަބްތަކުގެ އެދުމުގެ މަތިން ކަމަށް ބުނެ، ފިޒިކަލްކޮށް ކޮންގްރެސް ބާއްވާށެވެ.

ފީފާ އާއި އޭއެފްސީން ކެންސަލްކުރި އެފްއޭއެމްގެ އިންތިހާބުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި މަހިބަދޫ ދައިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގުގެ ފަހަތުގައި އޮތް މެޖޯރިޓީ ކްލަބްތަކުން ބުނީ، ކޮންގްރެސް ގަވާއިދާ ހިލާފު ކަމަށެވެ.

8 ފެބްރުއަރީ 2024 - އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ބައެއް ބައިވެރިން ރިޔާސަތުގައި (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އެ 12 ކްލަބުން ބުނާ ގޮތުގައި ކުރިން އޮންލައިންކޮށް ބާއްވަން ހަމަޖައްސައި ނޯޓިސް ފޮނުވި ކޮންގްރެސްއެއް ފިޒިކަލްކޮށް ބާއްވާ ނަމަވެސް، އެފްއޭއެމްގެ ގަވާއިދުގައި ބުނާ މުއްދަތު ލިބެން ޖެހޭނެ އެވެ. އެފްއޭއެމް ގަވާއިިދު ބުނާ ގޮތުން ކޮންގްރެސްއެއް ބާއްވާ ނަމަ އެ ކޮންގްރެސް ބާއްވާ ތަނަކާއި ގަޑި، އަދި އެޖެންޑާ، ހަތް ދުވަސް ކުރިން މެމްބަރު ކްލަބްތަކަށް އަންގަން ޖެހޭނެ އެވެ. އެކަމަކު މިއަދު ސެންޓްރަލް ހޮޓެލްގައި ކޮންގްރެސް ބާއްވާކަން އެންގީ މިދިއަ އަންގާރަދުވަހު ނުވަތަ 6 ފެބްރުއަރީގަ އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ނިންމުމާ ދެކޮޅު އަށް ކްލަބަކުން މިއަދުގެ ކޮންގްރެސްއަށް ރަޖިސްޓްރީކުރަން އުޅުނެވެ. އެ ފުރުސަތު ނުދިނީ ކަމަށް، އެ ކްލަބްތަކާ ގުޅުން ހުރި ބައެއް މީހުން ބުންޏެވެ.

އެފްއޭއެމްގެ އިންތިހާބަށް ބޭނުންވާ އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އިންތިހާބުކުރަން ބާއްވާ ކޮންގްރެސް ބައްސާމްގެ ރިޔާސަތުގައި އިންނަވައިގެން ފައްޓަވަމުން އޭނާ ވިދާޅުވީ އެފްއޭއެމްގެ ގަވާއިދުގެ ދަށުން ލިބެން ޖެހޭ ފުރުސަތުތައް މެމްބަރު ހުރިހާ ކްލަބަކަށް ވެސް ދިން ކަމަށެވެ.

"ކޮމިޓީތަކަށް ނަންތައް ހުށައެޅުމަށް ހުރިހާ މެމްބަރު ކްލަބްތަކަށް ހިންގާ ގަވާއިދުގައި ދީފައި އޮތް މުއްދަތުގެ ތެރޭގައި އޮންނާނީ ފޮނުވިފައި،" ބައްސާމް ވިދާޅުވި އެވެ.

މިއަދު ކޮންގްރެސް ބޭއްވީ ފުރަތަމަ ޑިވިޒަންގެ ހަތަރު ކްލަބް، އީގަލްސް، ބުރު، ސަސް އަދި ޔޫވީގެ އިތުރުން ތިން ވަނަ ޑިވިޒަންގެ ޖޭޖޭ ބައިވެރިކޮށްގެންނެވެ. މީގެ ތެރެއިން ޔޫވީ ބައިވެރިވީ އޮންލައިންކޮށެވެ.

ތޯރިގުގެ ފަހަތުގައި އެއްވަނަ ޑިވިޒަންގެ މާޒިޔާ، ޓީސީ، ވެލެންސިއާ، ގްރީން ސްޓްރީޓްގެ އިތުރުން ދެވަނަ ޑިވިޒަންގެ ބީޖީ، ޓެންޓް، އެލްޓީ، ކުޑަ ހެންވޭރު، މަހިބަދޫ، ސީބީއެލް، ޕީކޭ އަދި ދަ ގްްރާންޑޭ އެބަ އޮތެވެ.

އެކަމަކު މިހާ ގިނަ ވޯޓު ހިމެނޭ ކްލަބްތަކެއް ބައިވެރިނުވެ ބާއްވާ ކޮންގްރެސްއެއްގެ ސައްހަކަމާ މެދު، މިހާރުގެ މެނޭޖްމަންޓާ ދެކޮޅު މީހުން ސުވާލު އުފައްދަ އެވެ.

މި ކޮންގްރެސްގެ ކަންތައް ބަލަން ފީފާ އާއި އޭއެފްސީގެ ވަފުދެއް ވަނީ ރާއްޖެ އައިސްފަ އެވެ. އެހެންކަމުން އަނެއްކާވެސް އެފްއޭއެމްގެ މައްސަލަ އެ ދެ ޖަމާއަތާ ހަމައަށް ފޯރުން ވަރަށް ކައިރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް