އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ފޯވަޑް އަހުމަދު ތޯރިގު އޭނާގެ ފޯމު ހުށައަޅުއްވަން ވަޑައިގަންނަވަނީ (ފޮޓޯ/މިހާރު)
އިންތިހާބުގެ ކުރިން ތޯރިގަށް ކާމިޔާބީއެއް، އެފްއޭއެމަށް އޮތީ ތަބާވުން
މި މަހު 31ގައި ބާއްވަން އޮތް އެފްއޭއެމްގެ އިންތިހާބު ބާތިލްކޮށް، އެފްއޭއެމްގެ ގާވާއިދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރަން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އޭޝިއާގެ އެންމެ އިސް ފަރާތް، އޭއެފްސީން، ނިންމައި އެކަން އިއްޔެ އަންގައިިފި އެވެ.
މިއީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި މިހާރު މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ތޯރިގަށް ލިބިވަޑައިގެންނެވި ކާމިޔާބީއެކެވެ. އަދި އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން މީގެ ކުރިން އެ އިދާރާއިން ނިންމި ހުރިހާ ނިންމުމެއް ބާތިލްވެ، އެއީ އުސޫލުތަކާ ހިލާފަށް ކުރި އަމަލްތަކެއްކަން ސާބިތުވެފަ އެވެ.
އިންތިހާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގާ އެކު ވާދަކުރައްވަނީ މިހާރު ވެސް އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ މުފާވިޒް ހާޝިމް (މުފާ) އެވެ. އެކަމަކު މި ދެ ބޭފުޅުންނަށް ވެސް އެއްވަނަ ޑިވިޒަންގެ ވެލެންސިއާއިން ތާއީދުކުރާކަމުގެ ލިއުން ދީފައި އޮތުމުން، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމީ އެ ދެ ހުށައެޅުން ވެސް ބާތިލް ކަމަށެވެ. އެގޮތަށް ނިންމުމުން، ގަވާއިދުގައި ބުނާ އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ކްލަބްގެ ތާއީދު ތޯރިގަށް ހަމަނުވެ އެވެ. އޭނާގެ ކެންޑިޑެސީ ބާތިލްކުރީ އެކަމަށް ނިސްބަތްކޮށެވެ.
ނަމަވެސް ތޯރިގުގެ ފަރާތުން ބުނަމުން އައީ މުފާވިޒްއަށް ތާއީދުކޮށް ވެލެންސިއާއިން ދިން ކަމަށް ބުނާ ލިއުމަކީ ވަގު އުފެއްދުމެއް ކަމަށެވެ.
ތޯރިގު އޭނާގެ ހައްގު ހޯއްދަވަން މައްސަލަ ވެއްދީ ފީފާ އާއި އޭއެފްސީއަށެވެ. އެ ދެ އިދާރާއިން ނިންމީ އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ވެސް ގޮސްފައި ވަނީ ގޯސްކޮށް ކަމަށެވެ.
އެންމެ ބޮޑު މައްސަލައަކީ އިލެކްޓޯރަލް ކޮމިޓީ އެވެ. އޭގެ ފަހުން ދެން އަންނަނީ އިލެކްޓޯރަލް އެޕީލް ކޮމިޓީ އުފައްދާފައި ނެތް މައްސަލަ އެވެ. މިއީ އިންތިހާބާ ގުޅޭ މައްސަލަތައް ބަލަން އޮންނަން ހާއްސަ ކޮމިޓީ އެވެ.
މިދިއަ އަހަރު އޮތް އެފްއޭއެމްގެ ކޮންގްރެސްގައި ނެގީ ހަމައެކަނި އިލެކްޓޯރަލް ކޮމިޓީ އެވެ. ނަމަވެސް ފީފާ އާއި އޭއެފްސީން ބުނާ ގޮތުގައި މި ދެ ކޮމިޓީ ވެސް ކޮންގްރެސްއިން ނަގަން ޖެހޭނީ އެކުއެކުގަ އެވެ.
މިހާރު އޮތް އިލެކްޓޯރަލް ކޮމިޓީގައި ތިއްބެވި މެމްބަރުން ވެސް އިންތިހާބުކޮށްފައި ވަނީ ގޯސްކޮށެވެ.
އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން އިލެކްޓޯރަލް ކޮމިޓީގައި ޖެހިޖެހިގެން ދެ ދައުރަކަށް ނުތިއްބެވޭނެ އެވެ.
ނަމަވެސް އެ އުސޫލަށް އެފްއޭއެމުން ތަބާވެފައެއް ނުވެ އެވެ. އެހެންކަމުން މިހާރު ކޮމިޓީގައި ތިއްބެވި ތިން މެމްބަރުން ވެސް ސައްހައެއް ނޫނެވެ. އެއީ؛
-
1-އަބްދުﷲ އަލީ، އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަން (ގަވާއިދާ ހިލާފަށް ތިން ދައުރު އެ ކޮމިޓީގައި އޭނާ އިންނެވި ކަމަށް)
-
2-އަހްމީމް އަބްދުއްރައްޒާގު، ވައިސް ޗެއާމަން (މިއީ އޭނާގެ ދެވަނަ ދައުރު)
-
3-އަބްދުﷲ އަލީ، މެމްބަރު (އޭނާ ވެސް އިންތިހާބުކޮށްފައި ވަނީ ދެ ވަނަ ދައުރަކަށް ކަމަށް ތޯރިގު ވިދާޅުވި)
ފީފާ އާއި އޭއެފްސީން އެފްއޭއެމަށް އިއްޔެ އެންގީ އާ ކޮންގްރެސްއެއް ބާއްވައި އިލެކްޓޯރަލް ކޮމިޓީ އާއި އިލެކްޓޯރަލް އެޕީލް ކޮމިޓީ އަލުން އިންތިހާބުކުރުމަށެވެ. މިއީ ތޯރިގަށް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބެލެވެ އެވެ. ސަބަބަބީ އާ ކޮންގްރެސްއެއް ބާއްވާ ނަމަ އޭނާއަށް ތާއީދުކުރާ ކްލަބްތައް ގިނަވުމުންނެވެ.
ފީފާ އާއި އޭއެފްސީގެ ނިންމުން އައުމާ އެކު އެފްއޭއެމުން އިއްޔެ ބުނީ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމެއް އަންނަ ބުރާސްފަތިދުވަހު ބާއްވައި، އިންތިހާބާ ބެހޭ ގޮތުން ކަންކަން ނިންމާނެ ކަމަށެވެ.
"ފީފާއިން މިހާރު އެ އޮތީ ގޮތް ނިންމާފައި. އެކަމާ އެފްއޭއެމަށް ހިލާފެއް ނުވެވޭނެ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވި އެވެ.
"ދެން ހުރި ކަންކަން ތަރުތީބުކުރުމަށް ދެން ގޮތް ނިންމަން ޖެހޭނީ."
އޭނާ ވިދާޅުވި ގޮތުގައި އެގޮތްތައް ނިންމަން ބުރާސްފަތި ދުވަހު އެކްސްކޯގެ ބައްދަލުވުން ބާއްވަނީ އެފަދަ ބައްދަލުވުމަކަށް ދާން ތިން ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭތީ އެވެ.
ތޯރިގުގެ ފަހަތުގައި އޮތް މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބް މާޒިޔާ އިން ވަނީ އާ ކޮންގްރެސްއެއް ބާއްވައި ދޭން އެފްއޭއެމް މެމްބަރު 10 ކްލަބެއްގެ ތާއީދާ އެކު މިދިއަ ބުދަދުވަހު އެދިފަ އެވެ. އެފްއޭއެމްގައި މި ވަގުތު މެމްބަރު ކްލަބްތަކުގެ ގޮތުގައި އޮތީ 18 އެވެ. އެހެންކަމުން މެޖޯރިޓީ ކްލަބްތައް ތޯރިގުގެ ފަހަތުގައި އޮތްކަން، އެ ހުށައެޅުމުން އެނގެ އެވެ.