އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވެި ކުރީގެ ފޯވަޑް އަދި މަހިނބަދޫ ދާއިރާ މެންބަރު އަހްމަދު ތޯރިގު (ޓޮމް): އޭނާއަށް ވެލެންސިއާއިން ކުރި ތާއީދު ވަނީ ބާތިލްކޮށްފައި

ތޯރިގުގެ ކެންޑިޑެސީ އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ބާތިލްކޮށްފި

އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ބަލަހައްޓާ ކޮމިޓީން މިއަދު ވަނީ ތޯރިގާއި އޭނާއާ އެކު ދެން ވާދަކުރައްވާ މުފާވިޒް ހާޝިމް (މުފާ)އަށް ވެލެންސިއާއިން ކުރި ތާއީދު، ފީފީގެ މިންގަނޑުން ބާތިލްކަމަށް ނިންމާފައި
10 ޖެނުއަރީ 2024

މުހިންމު ނުކުތާތައް

ތޯރިގަށް ވާދަނުކުރެއްވޭ ގޮތް ވީ އެއްވަނަ ޑިވިޒަންގެ ތިން ޓީމުގެ ތާއީދު މިހާރު ނެތުމުން

އެކަމަކު މުފާވިޒްއަށް ފަސް ޓީމުގެ ތާއީދު އޮތުމުން އޭނާގެ ކެންޑިޑެސީގައި މައްސަލައެއް ނެތް

އެފްއޭއެމްގެ އިންތިހާބާ މެދު ސަރުކާރުން ދެން ކަންތައް ކުރާނެ ގޮތާ މެދު ސުވާލު އެބަ އޮތް

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގުގެ ކެންޑިޑޭސީ، އެފްއޭއެމުން މިއަދު ބާތިލްކޮށްފި އެވެ. މި ބާތިލްކުރުން އައީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެއްވަނަ ޑިވިޒަންގެ ތިން ކްލަބްގެ ތާއީދުގެ ތެރެއިން، އޭނާއަށް ވެލެންސިއާއިން ކުރި ތާއީދު އެފްއޭއެމުން ގަބޫލުނުކުރުމުންނެވެ.

މި މައްސަލަ ކުރިމަތިވީ ތޯރިގާ އެކު ދެން އިންތިހާބުގައި ވާދަކުރައްވާ މުފާވިޒް ހާޝިމް (މުފާ)އަށް ވެސް ވެލެންސިއާގެ ތާއީދު އޮތްކަމުގެ ލިއުން ހުށައެޅުމުންނެވެ. އޭގެ އިތުރުން އޭނާއަށް އެއްވަނަ ޑިވިޒަންގެ ފަސް ކްލަބެއްގެ ތާއީދު ވެސް އޮތެވެ.

ވެލެންސިއާ ފިޔަވައި އެއްވަނަ ޑިވިޒަނުން ތޯރިގަށް ދެން ތާއީދުކުރީ މާޒިޔާ އާއި ޓީސީންނެވެ. އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން ރައީސްކަމަށް ކުރިމަތިލައްވާ ބޭފުޅަކަށް އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ކްލަބްގެ ތާއީދު އޮންނަން ޖެހޭނެ އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާ އީގަލްސްގެ އޮފިޝަލް އަދި އެފްއޭއެމްގެ އެކްސްކޯގެ މެމްބަރު މުފާވިޒް ހާޝިމް (މުފާ)

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ދެ ބޭފުޅުންނަށް ވެސް ވެލެންސިއާއިން ދިން ތާއީދު ސައްހަ ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމި އިރު ރާއްޖޭގެ ކުޅިވަރު ކްލަބްތަކާ ބެހޭ ރަސްމީ އެންމެ އިސް ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވަނީ ވެލެންސިއާއިން ނިންމާ ނިންމުމެއް ސައްހަވާނީ ޗެއާމަން އަބްދުﷲ އަޒުމީން ސޮއިކުރައްވާފައި އޮތް ނަމަ ކަމަށް ވިދާޅުވެ، މިއަދު ވެސް އެފްއޭއެމަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ގޮތަށް އެފްއޭއެމަށް ސިޓީ ފޮނުއްވުމުން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން އެ މައްސަލަ ބެލި އެވެ. އެ ކޮމިޓީން ނިންމީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީއަށް ވެލެންސިއާއިން ކަނޑައަޅާފައިވާ ކްލަބްގެ ލިއުންތަކުގައި ސޮއިކުރުމުގެ ހައްގު ލިބޭ ބޭފުޅުންގެ ތެރޭގައި ވެލެންސިއާގެ ފަރާތުން ވައިސް ޗެއާމަން އިލްމާއު ހުސެއިން އިބްރާހިމް (މައު) ހިމެނޭތީ، އޭނާގެ ސޮއި ހިމެނޭ ލިއުންތައް ވެސް އެފްއޭއެމަށް ގަބޫލުކުރެވޭނެ ކަމަށެވެ.

އެހެންކަމުން އިލެކްޓޯރަލް ކޮމިޓީން ބެލީ ތޯރިގާއި މުފާވިޒްއަށް ވެލެންސިއާއިން ކުރި ތާއީދު ރަނގަޅު ކަމަށެވެ. ނަމަވެސް ދެން ބެލީ ފީފާއިން ގެންގުޅޭ އުސޫލުތަކަށެވެ. އެގޮތުން ފީފާގެ އިންތިހާބުތަކުގައި މެމްބަރު އެސޯސިއޭޝަނަކަށް ތާއީދުކުރެވޭނީ އެންމެ ކެންޑިޑޭޓަކަށް ކަމަށް އޮތް މާއްދާ، ވެލެންސިއާގެ މައްސަލާގައި ގޮތެއް ނިންމުމުގެ މިންގަނޑަކަށް، އެ ކޮމިޓީން ބަލާފައިވެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު: އަދިވެސް އޭނާގެ ބާރު އެފްއޭއެމްއަށް ގަދަ ކަމަށް ބެލެވޭ

ފީފާގެ އުސޫލު ބުނާ ގޮތުން މެމްބަރު އެސޯސިއޭޝަނަކުން އެކަކަށް ވުރެ ގިނަ މީހުންނަށް ތާއީދުކޮށް ހުށައަޅައިފި ނަމަ، އެ ހުރިހާ ހުށައެޅުމެއް ބާތިލްވާނެ އެވެ.

ފީފާގެ މިންގަނޑަށް ބަލައިގެން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމީ ތޯރިގާއި މުފާވިޒްއަށް ވެލެންސިއާއިން ކުރި ތާއީދު ބާތިލް ކަމަށެވެ. މި ނިންމުމާ އެކު ތޯރިގަށް ހަމަވަނީ އެއްވަނަ ޑިވިޒަންގެ ދެ ކްލަބްގެ ތާއީދެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް މުފާވިޒް ކުރިމަތިލެއްވީ ވެލެންސިއާގެ އިތުރުން އެއްވަނަ ޑިވިޒަންގެ އީގަލްސް، ސަސް، ޔުނައިޓެޑް ވިކްޓަރީ، ބުރު ސްޕޯޓްސް އަދި ގްރީން ސްޓްރީޓްގެ ތާއީދާ އެކުގަ އެވެ. މީގެ ތެރެއިން ވެލެންސިއާގެ ތާއީދު ބާތިލްކުރިޔަސް އޭނާއަށް ފަސް ކްލަބެއްގެ ތާއީދު އެބަ އޮތެވެ. އެހެންކަމުން މި މަހު 31ގައި އޮންނަ އިންތިހާބުގައި ވާދަކުރެއްވޭނީ މިހާރު ވެސް އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ މުފާވިޒްއަށް އެކަންޏެވެ. 

އެކަމަކު 'ދައުރު'އާ ވާހަކަ ދެއްކެވި ކަމާ ބެހޭ ބައެއް ބޭފުޅުން ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު ގަބޫލުކުރެއްވުމާ މެދު ވަރަށް ބޮޑު ޝައްކެއް އޮތް ކަމަށެވެ. 

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ބޭރުކޮށް، އެފްއޭއެމަށް އާ މެނޭޖްމަންޓެއް ގެންނަން ފަށާފައިވާ މަސައްކަތަށް ސަރުކާރުގެ ތާއީދު އޮތް ކަމަށް ބެލެވެ އެވެ. އެފްއޭއެމްއަށް ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ ތުހުމަތުގައި ހުންނެވި ބައްސާމް މިފަހަރު ވާދައެއްނުކުރައްވަ އެވެ. އެކަމަކު މުފާވިޒްއަކީ ސީދާ ބައްސާމްގެ ތާއީދު އޮވެގެން އޭނާގެ ބާރުގައި ނުކުންނެވި ބޭފުޅެއް ކަމަށް، އެފްއޭއެމުން ބައްސާމް ބޭރުކުރުމުގެ ހަރަކާތުގައި އުޅޭ ބައެއް މީހުން ބުނެ އެވެ.

މީގެ ކުރިން ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ވަނީ އެފްއޭއެމްގެ އިންތިހާބު ނުބާއްވަން ވެސް އަންގަވައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އެފްއޭއެމުން އަޅައެއްނުލަ އެވެ.

އެފްއޭއެމްގެ އިންތިހާބުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ވަދެއްޖެ ނަމަ ފީފާއިން ރާއްޖެ ސަސްޕެންޑްކުރުމުގެ ފުރުސަތު އެބަ އޮތެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް