23 އޮކްޓޯބަރު 2023ގައި ޕީޖީގެ އަމުރަށް އެފްއޭއެމްއަށް ފުލުހުން ވަދެ ފާސްކުރަމުން ދިޔަ އިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ބޭރުގައި
އެފްއޭއެމްގެ މައްސަލަ ބަލަން ފީފާގެ އޮޑިޓަރުން ރާއްޖޭގައި
ޕްރޮސިކިއުޓަ ޖެނެރަލް، ހުސެން ޝަމީމްގެ އަމުރަށް ފުލުހުން ކުރިއަށް ގެންދާ އެފްއޭއެމްގެ މަނީ ލޯންޑަރިންގެ ތަހުގީގުތަކާ ބެހޭ މައުލޫމާތު ހޯދަން ފީފާގެ އޮޑިޓަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެ އޮޑިޓަރުން ގެންދަނީ އެފްއޭއެމްގެ މާލީ ހިސާބުތައް ވެސް ބަލަމުންނެވެ. އޭގެ އިތުރުން ރާއްޖޭގެ ބޮޑެތި ކްލަބްތަކާ ވެސް ބައްދަލުކުރާނެ ކަމަށްވެ އެވެ.
އެފްއޭއެމްއާ ގުޅިފައިވާ ސީރިއަސް ތުހުމަތުތަކެއްގައި އެކަން ތަހުގީގުކުރަން ފުލުހުންނަށް ޕީޖީ އެންގެވުމުން މިދިއަ އޮކްޓޯބަރު މަހު އެފްއޭއެމްގެ ތެރެއަށް ވެސް ފުލުހުން ވަނެވެ. އެތަނުގެ ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްތައް ވެސް ތަހުގީގަށް ގެންދިޔަ އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ބޭރުން އެފްއޭއެމަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި ވަނީ ބޭނުންކޮށްފަ އެވެ. އެކަމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ މެދު ކުރެވޭ ތުހުމަތުތައް ވެސް ބޮޑެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި ފީފާގެ އޮޑިޓަރުން ބޭނުންވަނީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ މައުލޫމާތު ވެސް ހޯދާށެވެ.
"އެމީހުން އެބަ ބައްދަލުކުރޭ ފުޓްބޯޅައާ ގުޅުން ހުރި އެތައް ބަޔަކާ،" އެފްއޭއެމްގެ އެތެރޭގެ މައުލޫމާތު ހުރި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
އެފްއޭއެމް އޮތީ ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އޭގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުގައި ބައްސާމް ވާދައެއް ނުކުރައްވަ އެވެ. އެކަމަކު އިންތިހާބަށް އޭނާގެ ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް، ބައްސާމާ ދެކޮޅަށް ކެމްޕެއިން ކުރާ މީހުން ބުނެ އެވެ.
އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަނީ ބައްސާމްގެ ކުރިން ރައީސަކަށް ހުންނެވި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި އެފްއޭއެމްގެ އެކްސްކޯގައި އީގަލްސް ތަމްސީލްކުރައްވާ މުފާވިޒް ހާޝިމް (މުފާ) އެވެ.
ދެ ބޭފުޅުންނަށް ވެސް ވެލެންސިއާގެ ރުހުން ދީފައި އޮތުމުން އެކަމުގައި އޭއެފްސީގެ ލަފައެއް ހޯދަން އެފްއޭއެމުން ވަނީ އެދިފަ އެވެ.
ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ބައްސާމް އަޑީގައި ހުންނަވައިގެން މަސައްކަތްކުރައްވަނީ ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރާށެވެ. އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅަކަށް އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ކްލަބެއްގެ ރުުހުން އޮންނަން ޖެހެ އެވެ. ތޯރިގު ވާދަކުރައްވަނީ ވެލެންސިއާގެ އިތުރުން މާޒިޔާ އާއި ޓީސީގެ ސަޕޯޓާ އެކުގަ އެވެ. އަނެއް ފަސް ޓީމުގެ އިތުރުން މުފާވިޒްއަށް ވެލެންސިއާގެ ރުހުން ވެސް ދީފައި އޮތް ކަމަށް، އޭނާ ވިދާޅުވެ އެވެ.
ވެލެންސިއާއިން އެފްއޭއެމަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ކްލަބްގެ ރުހުން އޮތީ ހަމައެކަނި ތޯރިގަށް ކަމަށެވެ. މުފާވިޒަަށް ރުހުން ދިން ލިއުމެއް އުޅޭ ނަމަ އެއީ ވަގު އެއްޗެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.