އަންނަ މަހު އޮންނަ އެފްއޭއެމްގެ އިންތިހާބަށް އަހުމަދު ތޯރިގު (ޓޮމް)، ކަނާތް ފަރާތުގައި، ފޯމު ހުށައެޅުއްވުމުގެ ކުރިން ފޯމްތައް ޗެކްކުރައްވަނީ

އެފްއޭއެމް

އެފްއޭއެމް އިންތިހާބު: ވެލެންސިއާގެ ނަމުގައި ވަގު ލިއުމެއް ހެދިކަމުގެ މައްސަލަ ހުށައަޅައިފި

އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާ އަހުމަދު ތޯރިގު އާއި މުފާވިޒް ހާޝިމަށް ވެސް ވެލެންސިއާގެ ތާއީދު އޮތް ކަމަށް ބުނުމުން މިހާރު މި ވަނީ އިތުރު މައްސަލަގަނޑެއް ފެށިފައި
31 ޑިސެމްބަރު 2023

ހަލާކުގެ ތެރޭގައި އޮތް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ވެސް ވެލެންސިއާގެ ތާއީދު އޮތް ކަމުގެ ރިޕޯޓްތަކާ އެކު މިހާރު އަނެއްކާ މި ވަނީ އެހެން މައްސަލައެއް ފެންމަތިވެފަ އެވެ.

ވެލެންސިއާގެ އާ ޗެއާމަން އަދި ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ސޮއިކުރައްވާ އެފްއޭއެމްއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ވެލެންސިއާ ތާއީދުކުރަނީ ތޯރިގަށް ކަމަށެވެ. އަދި އެހެން މީހަކަށް ތާއީދުކޮށް ވެލެންސިއާގެ ނަމުގައި ލިއުމެއް ނުވަތަ މުއާސަލާތީ އެހެން ވަސީލަތަކުން ވެސް އެއްޗެއް އަންގާފައިވާ ނަމަ އެއީ ސައްހަ އުފެއްދުމެއް ނޫން ކަމަށް ވެސް، އެ ސިޓީގައި ބުންޏެވެ.

ތޯރިގާ ވާދަކުރައްވާ އީގަލްސްގެ އިސް ވެރިއެއް ކަމަށްވާ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވެފައި ވަނީ އޭނާއަށް ވެސް ވެލެންސިއާގެ ތާއީދު އޮތް ކަމަށެވެ.

އަޒްމީންގެ ސިޓީގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވެސް ވަނީ މިއަދު ސިޓީއެއް އާންމުކުރައްވައިފަ އެވެ. އެ ސިޓީގައި އޭނާ ވިދާޅުވީ ވެލެންސިއާގެ ޗެއާމަނަކީ އަޒްމީން ކަމަށާއި، އޭނާ ނޫން އެހެން މީހަކު ސޮއިކޮށްފައިވާ އެއްވެސް ލިއުމެއް ސައްހަ ނުވާނެ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންކަން ބަލަހައްޓާ ގައުމީ އެންމެ އިސް ފަރާތަކީ ސްޕޯޓްސް ކޮމިޝަނަރެވެ.

އެފްއޭއެމްގެ އާ އިންތިހާބު މި ބާއްވަނީ ދެ ދައުރު ރައީސްކަން ކުރެއްވި ބައްސާމް އަދީލް ޖަލީލު އެ ތަނުން ބޭރުކުރަން ވަރަށް ބޮޑު މަސައްކަތެއް ފަށާފައި އޮއްވަ އެވެ. އެފްއޭއެމަށް ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި އެއިން މަނީ ލޯންޑަރިންގެ އަމަލްތަކެއް ހިންގިކަމުގެ ތުހުމަތުގައި، ޕްރޮސެކިއުޓަ ޖެނެރަލް އަންގަވައިގެން ފުލުހުން އަންނަނީ ތަހުގީގެއް ވެސް ހިންގަމުންނެވެ.

ކުރިއަށް އޮތް އިންތިހާބުގައި ބައިވެރިނުވާނެކަން ބައްސާމް ވަނީ އިއުލާންކުރައްވައިފަ އެވެ.

އެފްއޭއެމް އިންތިހާބު އޮންނާނީ 31 ޖެނުއަރީ 2024 ގަ އެވެ. އެ އިންތިހާބުގައި، ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި ރައްޔިތުންގެ މަޖިލިހުުގެ މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގާ ވާދަކުރައްވާ މުފާވިޒްއަކީ އެއް ވަނަ ޑިވިޒަންގެ އީގަލްސްގެ ފަރާތުން އެފްއޭއެމްގެ އެކްސްކޯގެ މެމްބަރެއް ވެސް މެ އެވެ.

އިންތިހާބުގައި ވާދަކުރައްވަން ތޯރިގު ފޯމު ހުށައެޅުވީ ވެލެންސިއާގެ އިތުރުން މާޒިޔާ އާއި ޓީސީގެ ތާއީދާ އެކުގަ އެވެ. 

އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ކްލަބެއްގެ ތާއީދު އޮންނަން ވާނެ އެވެ.

މުފާވިޒް ވިދާޅުވި ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މާޒިޔާ އާއި ޓީސީ ނޫން، އެއްވަނަ ޑިވިޒަންގެ އަނެއް ހަ ކްލަބްގެ ތާއީދު އޭނާއަށް އެބަ އޮތެވެ. އޭގެ ތެރޭގައި ވެލެންސިއާ ވެސް ހިމެނޭ ކަމަށްވެ އެވެ. ދެން ހިމެނެނީ އީގަލްސް، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް އެވެ.

ދަރަނީގެ ތެރޭގައި އޮތް އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް މިހާރު މި ކުރިމަތި މައްސަލައިގެ ސަބަބުން އަނެއްކާވެސް އިތުރު ރާޅެއް އުފެދުނީ އެވެ.

ވެލެންސިއާގެ ސިޓީގައި ބުނީ ސައްހަ ނޫން ލިއުމެއް އުފެއްދިކަމުގެ މައްސަލަ ސްޕޯޓްސް ކޮމިޝަނަރަށާއި ފުލުހުންނަށް މިހާރު ހުށައަޅާފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް