އަޅުގަނޑަކީ އެހާ ފަސޭހައިން ގޮތްދޫކުރާނެ މީހެއް ނޫން: ތޯރިގު
ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަހުމަދު ތޯރިގު (ޓޮމް)އަށް 2016އަކީ ނާކާމިޔާބު އަހަރެކެވެ. އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވިތާ އެންމެ ހައެއްކަ މަސްދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރި ހޯއްދަވައި، އެފްއޭއެމްގެ ކޮންޓްރޯލް އަތުލެއްވި އެވެ.
އެ ނާކާމިޔާބީއަށް ފަހު ތޯރިގު ހުންނެވީ ފުޓްބޯޅައާ ދުރުގަ އެވެ. އޭގެ ފަހުން އަށް އަހަރު ވަނީ އެވެ. މާ ބޮޑު ވާދަވެރިކަމެއް ނެތި އެފްއޭއެމްގައި ހަތަރު އަހަރުގެ ދެ ދައުރު ބައްސާމް އެ އަންނަނީ ފުރިހަމަކުރައްވަމުންނެވެ. އެކަމަކު އޭނާގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުތަކުގެ އިތުރުން ފުޓްބޯޅައިގެ ގައުމީ އިދާރާގެ ގުދާރު އޮތީ ދަރަނީގެ ބޮޑު ބަރައަކުން މުގުރިފަ އެވެ.
އެފްއޭއެމްގެ އާ އިންތިހާބު 30 ޖެނުއަރީއަށް ތާވަލްކޮށް، ތޯރިގުގެ ނަން ބާތިލްކުރުމާ އެކު އުފެދުނު މައްސަލަގަނޑު މިހާރު މި އޮތީ، ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން އަނެއްކާ އަލުން އިއުލާންކުރަން ޖެހިފަ އެވެ. މި ވަގުތު ތޯރިގު އަތުގައި އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ އަގުލަބިއްޔަތު ވޯޓު އެބަ އޮތެވެ. ނަމަވެސް ބައްސާމްގެ މެނޭޖްމަންޓުން ގެންދަނީ ތޯރިގަށް ކާމިޔާބު ނުކުރެއްވޭނެ ހުރިހާ މަގަކަށް މަސައްކަތްކުރަމުން ކަން، އެފްއޭއެމްގެ ހަރަކާތްތަކަށް ބަލައިލުމުން، އާންމު މީހާއަށް ވެސް، އެނގޭވަރުވާނެ އެވެ.
ތޯރިގު ވިދާޅުވި ގޮތުން ނަމަ އެފްއޭއެމްގެ އިންތިހާބަކީ އޭގައި ވާދަކުރާ މީހުންގެ އަމިއްލަ ނަފުސަށް ވެސް ނުރައްކާވާ ހިސާބުގައި އޮތް ކަމެކެވެ. ތަފުސީލަކަށް ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު އޭނާގެ ހިތްވަރު ހުރިކަން އަންގައިދެއްވި އެވެ.
"އެފްއޭއެމްގެ އިންތިހާބަކީ ވެސް މިހާރު އަމިއްލަ ނަފުސު ވެސް ނުރައްކާތެރިކަމަށް ހުށައެޅޭ ޒާތަކަށް އޮތް ކަމެއް،" ރައްޔިތުންގެ މަޖިލިހުގައި މަހިބަދޫ ދާއިރާގެ މެމްބަރު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވި އެވެ.
"ދެން އެކަމަކު އަޅުގަނޑަކީ އެހާ ފަސޭހައިިން ގޮތް ދޫކުރާ މީހެއް ނޫން."
އޭނާ ވިދާޅުވީ ކޮންމެ ކަހަލަ ހުރަހެއް ކުރިމަތިވިޔަސް އެ ހުރަސް ނައްތާލަން މަސައްކަތްކުރެއްވުމަކީ އާދަ ކަމަށެވެ. 'އަޅުގަނޑު ނުކުންނަ ކަމެއްގައި އަޅުގަނޑު ކުރަން ޖެހޭ މަސައްކަތްކުރާނެ ކަމަށް" ވިދާޅުވެ، އެފްއޭއެމްގެ އިންތިހާބުގައި ދެން ވެސް އެއް ކެންޑިޑޭޓަކަށް ހުންނަވާނީ އޭނާކަމުގެ ޔަގީންކަން ދެއްވި އެވެ.
އެފްއޭއެމްގެ ހާލަތު ވަޒަންކުރަން ވެސް ނޭނގޭ
ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް 2008 ކާމިޔާބުކުރި ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ފޯވަޑް އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވަން ނުކުންނެވި އިރު ފުޓްބޯޅައިގެ މައި އިދާރާގެ ހާލަތު އޮތީ ދަށުގަ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ "އެފްއޭއެމްގެ ހާލަތު ވަޒަންކުރަން ވެސް ނޭނގޭ" ކަމަށެވެ.
"ހާއްސަކޮށް ފައިނޭންޝަލް ކަންތައް މެނޭޖްކޮށްފައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލް ބުނާހެން އާންމު އިންސާނަކު ކުރާ ގޮތަކަށެއް ނޫން. ކުންފުންޏަކުން ވެސް ކުރާ ޒާތަކަށް ނޫން،" އެފްއޭއެމްއާ ބެހޭ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަމުރުކުރެއްވުމަށް ފަހު ޕީޖީ ހުސެއިން ޝަމީމް ދެއްކެވި ވާހަކައަށް އިޝާރަތްކުރައްވާ ތޯރިގު ވިދާޅުވި އެވެ.
ނަމަވެސް ފުޓްބޯޅައިގެ ލޯބި ހުރި އެންމެން ތިބީ އެފްއޭއެމް ދާނެ މިސްރާބަކަށް ދާން ދޫކޮށްލަން ނޫންކަން، މިދިއަ ދެތިން މަހު ތޯރިގު އަމިއްލައަށް ވެސް ވަނީ ތަޖުރިބާކުރައްވައިފަ އެވެ. އެހެންކަމުން "ދިވެހި ފުޓްބޯޅަ ހަލާކުވެގެން ދާ ތަން ބަލާކަށް އަޅުގަނޑުމެންނަކަށް ނުތިބެވޭނެ" ކަމަށް އޭނާ ވިދާޅުވީ އަޒުމެއް އޮތްކަން ދޭހަކޮށްދެއްވަމުންނެވެ.
"ފުޓްބަޅަ ކުޅުނު އެތައް ބަޔަކު [ތިބީ] ހަމަ ހިތަށް ތަދުވެފައި، ދެރަވެފައި. މިހާރު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތުން،" ތޯރިގު ވިދާޅުވި އެވެ.
ގޮންޖެހުންތައް އޮތަސް، އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބަށް ނުކުންނަވާނެ އެވެ. މިހާރު އޮތް ސުވާލަކީ އިންތިހާބު އިއުލާންކުރާނެ ދުވަހެކެވެ. ދާދި ފަހުން އެފްއޭއެމުން ވަނީ ފީފާ އާއި އޭއެފްސީގެ އެދުމަށް ހާއްސަ ކޮންގްރެސްއެއް ބާއްވައި، އިންތިހާބަށް ބޭނުންވާ ކޮމިޓީތައް އިންތިހާބުކޮށްފަ އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި އޭނާ ނުކުމެ ހުންނެވީ ފުޓްބޯޅައަށް ލޯބިކުރާ އެތައް ބައެއްގެ އެދުމުގެ މަތިންނެވެ.
"އަޅުގަނޑު މި ކަމައިގެން ކުރިއަށް ދާނަން،" އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ލިބޭ ހަތަރު އަހަރު ދުވަހު ދަރަނިން ސަލާމަތްކޮށް، ކޮންމެވެސް ހިސާބަކަށް، ކޮންމެވެސް ވަރަކަށް [ފުޓްބޯޅަ] މައްޗަށް ޖެއްސޭނެ."
އެޑިޓަރުގެ ނޯޓު: އަހުމަދު ތޯރިގު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތަފުސީލު އަންނަ ހަފުތާގައި މި ނޫހުގައި ޖަހާނެ އެވެ.
ކޮމެންޓް (1)
ލިއޮނެލްޓައިންސް111