އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 18 ޖުލައި 2023 ގައި ގަލޮޅު ދަނޑުގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލައިފި

ބައްސާމްގެ މައްޗަށް މި ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ ބޮޑު ޖަލު އަދަބަކާއި ޖޫރިމަނާއަކާ އޭނާއަށް ކުރިމަތިވާނެ
1 ފެބްރުއަރީ 2024
1

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި އެ އިދާރާގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީލޯންޑަރިންްގެ ދައުވާ ޕީޖީން ކޯޓުގައި އުފުލައިފި އެވެ.

ވީ ކިހިނެއް - ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި އެ އިދާރާގެ އެންގުމަކަށް ފުލުހުން ފެށި ތަހުގީގުން މިހާތަނަށް ފާހަގަވި އެއް މައްސަލަ ކަމަށްވާ އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި މިހާރު ވަނީ ދައުވާ ކުރަން ފޮނުވައިފަ އެވެ.

ތަފްސީލް - އެ މައްސަލައިގެ ތަފްސީލް ދެމުން ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ: 

  • 1-

    ހިޔާނާތުގެ ދައުވާ: ފީފާއިން އެފްއޭއެމްއަށް ލިބިފައިވާ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ބުނެ 10،000 ޑޮލަރެއް އެ އިދާރާގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އަދި އެ ފައިސާއަށްވާ ޑޮލަރު އެއްވެސް އިރަކު އެފްއޭއެމްއަށް ބައްސާމް ދައްކާފައިނުވާކަން ތަހުގީގަށް ހޯދިފައިވާތީ؛ އަދި އެ ފައިސާ ބައްސާމްގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައި ވާތީ

  • 2-

    މަނީ ލޯންޑަރިންގެ ދައުވާ: ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ 10،000 ޑޮލަރު އޭނާ އާއި އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ބޭނުންތަކަށް ބޭނުންކޮށްފައި ވާތީ. އަދި އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްގެން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދައްކަވާފައި ވާތީ. މީގެ އިތުރަށް ވެސް އެ ފައިސާ އެކި މީހުންނަށް ފޮނުވައި އެފްއޭއެމްއާ ގުޅުމެއް ނެތް ކަންކަމަށް ހަރަދުކޮށްފައި ވާތީ 

އަދަބަކީ ކޮބާ؟ - ޕީޖީ އޮފީހުން ބުނި ގޮތުގައި ބައްސާމްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ:

  • 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ: 

  • 100,000ރ. އާއި 1,000,000ރ. އާ ދެމެދުން ޖޫރިމަނާ ކުރުމާ އެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

ބުނީ ކީކޭ؟ - ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. އެހެންކަމުން އިތުރު މުއާމަލާތްތަކާ މެދު ފާހަގަވާ ކަންކަމާ ގުޅިގެން ކުރަން ޖެހޭ ދައުވާތައް އަދިވެސް ކުރާނެ އެވެ. 

އެނގުން މުހިންމު - އެފްއޭއެމްގެ ރައީސްކަމުގައި ބައްސާމް ހުންނެވިއިރު ރާއްޖޭގެ ފުޓްބޯޅަ ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. އޭގެ އެއް ސަބަބަކީ އެފްއޭއެމްގެ ހިންގުން ބޮއްސުންލައިގެން ދިޔުމެވެ. އެގޮތުން:

  • އެ އިދާރާގައި ފައިސާ ނެތި މުވައްޒަފުންގެ މުސާރަ އާއި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް މުސާރަ ނުދެވި ވަނީ ދިގުލައިގެންގޮސްފައި 

  • ފުޓްބޯޅައިގެ ތަރައްގީއަށް ކަމަށް ބުނެ ފެށި ވަރަށް ގިނަ މަޝްރޫއުތައް ހުރީ ހުއްޓި ބޮޑެތި މައްސަލަތަކެއް ޖެހިފައި 

  • އެފްއޭއެމްއިން ފައިސާ ނުދީގެން ހިދުމަތް ފޯރުކޮށްދިން އެތައް ބަޔަކު އަންނަނީ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަމުން 

އެފްއޭއެމްގެ ހިންގާ ކޮމިޓީން ބައެއް މެންބަރުން އިސްތިއުފާ ދިނުމުން ގާނޫނީ އަދަދު ގެއްލި ބައްސާމަށް ވެސް ރައީސްކަން ވަނީ ގެއްލިފަ އެވެ. އެފްއޭއެމްގެ ހިންގާ ކޮމިޓީއެއް އަލުން އިންތިހާބު ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް (1)

ޙަސަނާ

2 ފެބްރުއަރީ 2024
މީހަކު ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރުމުން އެމީހެއްގެ މައްޗަށް ޚިޔާނާތުގެ ދައުވާ ކޮށްފައި، އޭގެ އިތުރަށް މަނީ ލޯންޑްރިންގގެ ދައުވާ ކުރަންޖެހެނީ ކީއްވެގެންބާ؟ އެހެންވިއްޔާ، ފައިސާއަށް ޚިޔާނާތްތެރިވާ ކޮންމެ މައްސަލައެއްގައިވެސް ފައިސާ ބޭނުންކޮށްފިއްޔާ މަނީ ލޯންޑްރިންގގެ ދައުވާ ކުރަން ޖެހޭނެތާ؟ އެކަމަކު މަނީ ލޯންޑްރިންގގެ ޤާނޫނުގެ މަޤްޞަދަކީ، އެގޮތަށް ނަގާ ފައިސާގެ ކަންތައްތައް ސިއްރު ކުރުމަށްޓަކައި ކުރާ ކަންތައްތަކަށް އަދަބުދިނުން ނޫންބާ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް