މިދިއަ މަހު އެފްއޭއެމްގެ މެޖޯރިޓީ މެމްބަރު ކްލަބްތައް ނުލައި ބޭއްވި ކޮންގްެރެސްގައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެކްޓިން ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޖައުޝަން ޝަރީފް (ދައުރު ފޮޓޯ/މުހައްމަދު އަމާން)
އެފްއޭއެމުން ފުރަތަމަ ކުރި ކަމަކީ ވެލެންސިއާ ސަސްޕެންޑްކުރުން، އިންތިހާބު އިއުލާންކުރީ އޭގެ ފަހުން
މުހިންމު ނުކުތާތައް
އެފްއޭއެމްގެ އާ އިންތިހާބު އޮންނާނީ 20 އެޕްރީލްގައި، ވާދަކުރާ މީހުން މި މަހު 16ގެ ކުރިން ހުށައަޅަން ޖެހޭ
ވެލެންސިއާ ސަސްޕެންޑްކުރީ އެ ކްލަބްގެ ހިންގާ ކޮމިޓީގެ ސައްހަކަން ކަށަވަރުނުވާތީ ކަމަށް، ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުން އެނގޭ
ވެލެންސިއާގެ ހިންގާ ކޮމިޓީ އާއި އެ ހިންގާ ކޮމިޓީ އިންތިހާބުކުރި އަހަރީ ޖަލްސާ ވެސް ސްޕޯޓްސް ކޮމިޝަނަރު ވަނީ ގަބޫލުކުރައްވާފައި
އެފްއޭއެމް އަދިވެސް އޮތީ ބާރުގެ ބޭނުންކޮށްގެން ކޮންމެ ކަމެއް ވެސް ކުރެވިދާނެ މޫޑެއްގައި ކަން ކަށަވަރުވާ ގޮތަކަށް ކްލަބް ވެލެންސިއާ ސަސްޕެންޑްކޮށް، އޭގެ ފަހުން އާ އިންތިހާބު އިއްޔެ އިއުލާންކޮށްފި އެވެ.
ކުރިން 31 ޖެނުއަރީގައި ބާއްވަން އޮތް އިންތިހާބުގައި އެފްއޭއެމްގެ އުސޫލުތަކާ ހިލާފު އެތައް ކަމެއް ހިމެނޭތީ ފީފާ އާއި އޭއެފްސީން އޮތީ ހުއްޓުވައިފަ އެވެ. އަދި އެފްއޭއެމްއަށް އެންގީ އަސާސީ ގަވާއިދާ އެއްގޮތަށް ފުރަތަމަ ކޮންގްރެސްއެއް ބާއްވައިގެން، އިންތިހާބަށް ބޭނުންވާ ކޮމިޓީތައް އެކުލަވާލާށެވެ. އެ ކޮންގްރެސް ވެސް އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓުން ބޭއްވީ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ތެދުވެ ތިބި ކްލަބްތައް ނުހިމަނަ އެވެ.
މަނީ ލޯންޑަރިން އާއި އެފްއޭއެމްގެ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކުރިކަމުގެ ދައުވާ އުފުލާފައިވާ ބައްސާމް އޭރު ވިދާޅުވީ އެ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށެވެ. އޭނާގެ ތާއީދާ އެކު ނުކުންނެވީ އީގަލްސްގެ ފަރާތުން އެގްޒެކްޓިވް ކޮމިޓީގައި އިންނެވި މުފާވިޒް ހާޝިމް (މުފާ) އެވެ.
އެކަމަކު މުފާވިޒް ވެސް އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީން އިސްތިއުފާ ދެއްވުމުން ބައްސާމް އަލުން އިންތިހާބަށް ނުކުންނެވުން ކައިރި ކަމަށް ބެލެވެ އެވެ.
އިންތިހާބަށް ދެން ކުރިމަތިލެއްވި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި މިހާރު މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް)ގެ ނަން އޭރު ޑިސްކޮލިފައިކުރި އެވެ. ސަބަބަކަށް ދެއްކީ އޭނާއަށާއި މުފާވިޒްއަށް ވެސް ވެލެންސިއާއިން ރުހުން ދީފައި އޮތުމެވެ.
ނަމަވެސް ވެލެންސިއާގެ މިހާރުގެ މެނޭޖްމަންޓުން ބުނާ ގޮތުގައި ވެލެންސިއާގެ ރުހުން މުފާވިޒްއަށް ދިން ކަމަށް ބުނާ ސިޓީއަކީ ސައްހަ އެއްޗެއް ނޫނެވެ.
ތޯރިގަށް ވާދަނުކުރެއްވޭ ގޮތަށް ފިޔަވަޅު އެޅުމުން އެ ނިންމުން އިސްތިއުފާނުކުރަން ލިބޭ ފުރުސަތުގައި އެކަން ކުރާނެ ސައްހަ ކޮމިޓީއެއް އެފްއޭއެމްގައި ނެތެވެ. އެހެންވެ އޭނާ މައްސަލަ ހުށައެޅުއްވީ ފީފާ އާއި އޭއެފްސީއަށެވެ. ފުޓްބޯޅައިގެ އެ ދެ އިދާރާއިން ކާމިޔާބުވީ ތޯރިގަށެވެ.
އެފްއޭއެމްގެ މައްސަލަގަނޑުގެ ކަވަރޭޖް
ނަމަވެސް ތޯރިގުގެ ފަހަތުގައި އޮތް އެއްވަނަ ޑިިވިޒަންގެ ވެލެންސިއާއަށް އިއްޔެ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުމާ އެކު ކުރިއަށް އޮތް އިންތިހާބުގައި ވޯޓެއް ނުލެވޭނެ އެވެ. އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވާ ބޭފުޅަކަށް އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ކްލަބްގެ ރުހުން ބޭނުންވެ އެވެ.
ތޯރިގަށް ތާއީދުކުރާ އެއްވަނަ ޑިވިޒަންގެ ކްލަބްތަކުގެ ލިސްޓަށް މިފަހުން ގްރީން ސްޓްރީޓް އެރި އެވެ. ދެން ހިމެނެނީ ވެލެންސިއާ އާއި މާޒިޔާ އަދި ޓީސީ އެވެ. މި ކްލަބްތައް އޭނާގެ ފަހަތުގައި އޮތް ނަމަ އިންތިހާބުގައި ތޯރިގަށް ވާދަކުރެއްވުން ހުއްޓުވޭނެ ގޮތެއް ނެތެވެ.
ވެެލެންސިއާ ސަސްޕެންޑްކުރުން
އިއްޔެ ވެލެންސިއާ ސަސްޕެންޑްކުރިކަން އެފްއޭއެމުން އެ ކްލަބަށް އެންގީ ކުރިން އެ ކްލަބްގެ އެގްޒެކްޓިވް ކޮމިޓީގައި ހިމެނުނު ހަސަން ވަހީދު ހުށައެޅި މައްސަލައެއް ޑިސިޕްލިނަރީ ކޮމިޓީން ބަލާފަ އެވެ. އެގްޒެކްޓިވް ކޮމިޓީން އޭނާ ވަކިކުރީ 11 ޑިސެމްބަރު 2023ގައި ވެލެންސިއާގެ އަހަރީ އާންމު ޖަލްސާއެއް ބާއްވާފައި ކަމަށް ވެލެންސިއާއިން ބުންޏަސް އެ ޖަލްސާ ނުބާއްވާ ކަމަށް، އޭނާގެ ވާހަކަތަކަށް ބިނާކޮށް ޑިސިޕްލިނަރީ ކޮމިޓީން ނިންމި އެވެ.
އެ ކޮމިޓީން ވެލެންސިއާއަށް އެންގީ އާ އިންތިހާބެއް ބާއްވައިގެން ކްލަބްގެ އާ ހިންގާ ކޮމިޓީ އިންތިހާބުކުރާށެވެ. އޭގެ ކުރިން ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ވެލެންސިއާއަށް ބައިވެރިނުވެވޭނެ ކަމަށް، އެ ނިންމުމުގައިވެ އެވެ.
ވެލެންސިއާގެ އަހަރީ ޖަލްސާގެ ހުރިހާ ކަމެއް ރާއްޖޭގެ ކްލަބް/ޖަމިއްޔާގެ ބެލެނިވެރި ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނަރު ވަނީ ގަބޫލުކުރައްވައިފަ އެވެ. އެހެންކަމުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް އެ މައްސަލަ ބެލިދާނެތޯ ވެސް ސުވާލު އުފެދެ އެވެ.
އެ ސުވާލު އުފެއްދިޔަސް އެފްއޭއެމުން ވެލެންސިއާ ސަސްޕެންޑްކުރުމުން އިންތިހާބުގައި އެ ކްލަބަށް ވޯޓު ލެވޭނެ ގޮތެއް ނެތެވެ.
އެފްއޭއެމުން އިއްޔެ އިއުލާންކުރި ގޮތުން ނަމަ އާ އިންތިހާބު އޮންނާނީ 20 އެޕްރީލްގަ އެވެ. އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަން މި މަހު 16ގެ ކުރިން ހުށައަޅަން ޖެހެ އެވެ.
ވެލެންސިއާގެ ރައްދު: އެފްއޭއެމުން ދަނީ އުސޫލުތައް މުގުރަމުން
އެފްއޭއެމުން އެ ކްލަބް ސަސްޕެންޑްކުރީ އެފްއޭއެމްގެ އިންތިހާބުގައި ތޯރިގަށް ތާއީދުކުރާތީ ކަމަށާއި އެ ނިންމުން އެ ކްލަބްގެ ހިންގާ ކޮމިޓީން ބަދަލުނުކުރާނެކަން އެނގޭތީ ކަމަށް، މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.
ވެލެންސިއާއިން ބުނީ އެފްއޭއެމްގެ ހިންގާ ކޮމިޓީ އާއި އެ ކޮމިޓީން އިންތިހާބުކުރަން ބޭއްވި ޖަލްސާ ވެސް، ސްޕޯޓްސް ކޮމިޝަނަރު ގަބޫލުކުރައްވާފައި އޮތް ކަމަށެވެ. އަދި ކުރީގެ ހިންގާ ކޮމިޓީން ވަކިކުރި ތިން މެމްބަރަކު ވަގުތީ އަމުރެއް ހޯދަން ސިވިލް ކޯޓަށް ހުށައެޅިޔަސް އެ އަމުރު ދީފައި ނުވުމުގެ މާނައަކީ ވެލެންސިއާގެ ހިންގާ ކޮމިޓީ ސައްހަވުން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"ކްލަބް ވެލެންސިއާ ސަސްޕެންޑްކުރުމަށް ފަހު އޭގެ ކުޑައިރުކޮޅެއް ފަހުން އެފްއޭއެމްގެ އިންތިހާބު އިއުލާންކުރުމުން މިކަމުގައި އެފްއޭއެމްގެ ނިޔަތް ގޯސްކަމަށް ބާރު ލިބިދެ އެވެ،" ވެލެންސިއާގެ ބަޔާނުގައި ބުންޏެވެ.
"އެފްއޭއެމްގެ މި އަމަލަކީ އެ އިދާރާއިން ނުރުހިއްޖެ ކޮންމެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅައި، ކުޅިވަރުގެ އަގުމާތްވި ރިވެތި އުސޫލުތައް މުގުރަމުން ދާނެކަން ދަލީލްކޮށްދޭ ކަމެއް ކަމުގައި މި ކްލަބުން ދެކެމެވެ."