ޕީޖީގެ އަމުރަށް އެފްއޭއެމްއަށް ފުލުހުން ވަދެ ފާސްކުރަމުން ދިޔަ އިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ބޭރުގައި

ފީފާއިން ބައްސާމް ނުވަ މަހަށް ސަސްޕެންޑުކޮށްފި

ފީފާގެ އެތިކްސް ކޯޑާ ބައްސާމް ހިލާފުވެފައިވޭތޯ ބަލަން ރަސްމީ ތަހުގީގެއް ހިންގަން ވެސް އެ އިދާރާއިން ވަނީ ނިންމާފައި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކުރެވޭ މަނީ ލޯންޑްރިން އާއި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އޭނާ ނުވަ މަހަށް ސަސްޕެންޑްކޮށްފި އެވެ.

ވީ ކިހިނެއް؟ - ފީފާގެ އިންޑިޕެންޑެންޓް އެތިކްސް ކޮމެޓީއިން ބައްސާމު ސަސްޕެންޑު ކުރަން ނިންމީ މިއަދު އެވެ. އެނިންމުން އައީ އޭނާގެ މައްޗަށް ރާއްޖޭގެ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އިން އެދިގެން ކުރިއަށް ގެންދާ ތަހުގީގަށް ވެސް ބިނާކޮށެވެ.

ތަފްސީލް - ފީފާގެ މި ނިންމުމާ އެކު ފުޓްބޯޅައާ ގުޅުން ހުރި އެއްވެސް ކަމެއްގައި ކުރިއަށް އޮތް ނުވަ މަހަށް ބައްސާމަށް ބައިވެރިއެއް ނުވެވޭނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހިންގާ ފުޓްބޯޅައިގެ ހަރަކާތްތަކާއި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ހަރަކާތްތައް ވެސް ހިމެނެ އެވެ.

ބައްސާމަށް މި ފިޔަވަޅުއެޅީ ފީފާގެ ކޯޑް އޮފް އެތިކްސްގެ (އެފްއީސީ) 86 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް، ފީފާއިން ނެރުނު ބަޔާނުގައި ބުންޏެވެ. ސަސްޕެންޝަން ގުނަން ފަށާނީ ވެސް މިއަދު އެވެ.

ބައްސާމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތުހުމަތުތަކުގެ މައްސަލަ ފީފާ އިން ބަލަން ފެށީ ޕްރޮސެކިޔުޓާ ޖެނެރަލް ހުސެން ޝަމީމްގެ އެންގެވުމަށް ފުލުހުން އެފްއޭއެމްގެ އޮފީހަށް ވަން ފަހުންނެވެ.

ފީފާއިން ރާއްޖެއަށް ދޭ ފައިސާ ބޭނުންކުރައްވައިގެން ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށް އެފްއޭއެމް މެދުވެރިކޮށް ބައްސާމު ހިންގާފައިވާ ކަމަށް ތުހުމަތުކުރެ އެވެ. ކްރިމިނަލް ކޯޓުގައި މިހާރު ވަނީ އެ ދައުވާތައް ވެސް އުފުލައިފަ އެވެ.

ފީފާ އިން ބުނީ ބައްސާމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ތަހުގީގުތަކުގެ އިބްތިދާއީ މަރުހަލާގައި ލިބިފައިވާ ކަމާ ގުޅުން ހުރި މައުލޫމާތާއި ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، އެފްސީއީގެ 62 ވަނަ މާއްދާގެ ޕެރެގްރާފް 1 ގައިވާ ގޮތުގެ މަތިން 'ޕްރައިމަ ފެސީ' ކޭސްއެއް އޮތް ކަމަށް އިންވެސްޓިގޭޓަރީ ޗެމްބަރުގެ ޗެއާޕަސަން ނިންމަވާފައިވާ ކަމަށެވެ.

އެފްސީއީގެ އެ މާއްދާތަކާ ބައްސާމު ހިލާފުވެފައި އޮވެދާނެތީ އެކަމާ ގުޅޭ ރަސްމީ ތަހުގީގެއް ފަށަން ވެސް އެ އިދާރާއިން ވަނީ ނިންމައިފަ އެވެ.

ފީފާއިން ބައްސާމު ސަސްޕެންޑު ކުރިކަން އެ އިދާރާއިން މިއަދު ވަނީ އޭނާއަށް އަންގައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް