ޖެނުއަރީ މަހު ބާއްވަން އޮތް އިންތިހާބަށް ފޯމު ހުށައަޅުއްވަން އަހުމަދު ތޯރިގު (ޓޮމް) އެފްއޭއެމަށް ވަންނަވަނީ

ތޯރިގު ވިދާޅުވަނީ އެފްއޭއެމަށް އޮތީ 'ވިގަނި އަރާފައި' ކަމަށް

އެފްއޭއެމްގެ އިންތިހާބު ފީފާއިން ހުއްޓުވާފައި އޮތް އެއް ސަބަބަކަށް މިހާރުގެ ރައީސް ބައްސާމްގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތުތައް ހިމެނޭ ކަމަށް ކުރީގެ ފޯވަޑް ވިދާޅުވި
23 މާރިޗު 2024

އަންނަ މަހު ބާއްވަން އެފްއޭއެމުން ނިންމި އިންތިހާބު ފީފާއިން މި ވަނީ އަނެއްކާވެސް ހުއްޓުވައި، އިތުރު ކަންކަން ބަލަން ފުރުސަތު ހޯދައިފަ އެވެ. މިއީ ރާއްޖޭގެ މައި ކުޅިވަރުގެ އެންމެ މަތީ އިދާރާގެ އިންތިހާބާ ގުޅިގެން ޖެނުއަރީން ފެށިގެން އުފެދިފައި އޮތް މައްސަލަތަކަށް ފަސޭހަ ހައްލެއް ނެތްކަން އަންގައިދޭ އެންމެ ފަހުގެ ފިޔަވަޅެވެ.

އިންތިހާބުގައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާ ވާދަކުރައްވާ އެފްއޭއެމްގެ ކުރީގެ ރައީސް އަދި ގައުމީ ޓީމުގެ ފޯވަޑް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވި ގޮތުގައި އެފްއޭއެމަށް 'މިހާރު ވަނީ ވިގަނި އަރައިފަ' އެވެ.

ބައްސާމްއަށް ނިސްބަތްކުރައްވާ އޭނާގެ އެ ސިފަކުރުން އައީ އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ތޯރިގު ކުރުކޮށް ކިޔައިދެއްވީ ފީފާއިން މިފަހަރުގެ އިންތިހާބު ހުއްޓުވުމުގެ ސަބަބުތަކެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ނައިބު ރައީސް އަލީ އުމަރު އެފްއޭއެމްގެ ރަސްމިއްޔާތެއްގައި (ފޮޓޯ/އެފްއޭއެމް)

އިންތިހާބާ ގުޅޭ މައްސަލަ މިފަހަރު ވެސް ފީފާ އާއި އޭއެފްސީއަަށް ހުށައެޅީ ތޯރިގުގެ ފަރާތުންނެވެ. ކުރިން ޖެނުއަރީ މަހު ބާއްވަން އޮތް އިންތިހާބުގެ ކަންކަން ފީފާއިން ހުއްޓުވީ އޭނާގެ ކެންޑިޑަސީ ބާތިލްކުރިކުރުން ގޯސްވެގެންނެވެ. އެފަހަރު ފީފާއިން އެންގީ އިންތިހާބުގެ ކަންކަން ބަލަހައްޓަން ޖެހޭ އިލެކްޓޯރަލް ކޮމިޓީ އާއި އެޕީލް ކޮމިޓީ އިންތިހާބުކުރާށެވެ.

މިދިއަ މަހު އެފްއޭއެމުން އެ ދެ ކޮމިޓީ އިންތިހާބުކުރަން ހާއްސަ ކޮންގްރެސްއެއް ބޭއްވި އެވެ. ނަމަވެސް އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ ތެރެއިން އަގުލަބިއްޔަތަށް ވުރެ ގިނަ ކްލަބްތައް ނުލައި އެ ކޮންގްރެސް ބޭއްވުމުން އޭގެ ސައްހަކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ފީފާއިން އަނެއްކާވެސް އެފްއޭއެމްގެ އިންތިހާބުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ސަބަބުތަކަކީ، ތޯރިގު ވިދާޅުވި ގޮތުގައި:

  • މެމްބަރު ގިނަ ކްލަބްތައް ބައިވެރިނުކޮށް ކޮމިޓީތައް އެކުލަވާލުން

  • އިންތިހާބުގެ ކުރިން ވެލެންސިއާ ސަސްޕެންޑްކުރުން

  • އެފްއޭއެމަށް ލިބުނު ފީފާގެ ފަންޑްތައް އަމިއްލަ ކަންކަމަށް ބޭނުންކުރިކަމުގެ ތުހުމަތުގައި ޖިނާއީ ތަހުގީގެއް ހިންގަމުން ދިއުން

  • ޖިނާއީ ކުށުގެ ތުހުމަތުތައް އެޅިފައި ހުއްޓާ ބައްސާމް ވާދަކުރެއްވުން

"ފެންނަ ފެނުމުގައި އެފްއޭއެމް ނޯމަލައިޒްކޮށްގެން ނޫން ގޮތަކަށް ވިގަނި އަރާފައިވާ ކަންކަން ހަމަޔަކަށް ނޭޅޭނެ،" ތޯރިގުގެ ޕޯސްޓް ނިންމާލައްވަމުން ލިއުއްވި އެވެ.

ނޯމަލައިޒްކުރުމަކީ ކޮބާ؟

ފީފާއިން ބައެއް ހާލަތްތަކުގައި މެމްބަރު އެސޯސިއޭޝަންތައް ނޯމަލައިޒްކުރެ އެވެ. އެއީ އެސޯސިއޭޝަންގެ ތެރޭގައި ހުރި މައްސަލަތައް ގިނަވެ، އެ އޮންނަ މެނޭޖްމަންޓް ބޭރުކޮށްގެން ނޫނީ ހައްލަކަށް ނުގެނެވޭނެ ހާލަތަކަށް ދިއުމުންނެވެ. ފީފާއިން ކަނޑައަޅާ މިނިވަން ވަކި ބަޔަކާ އެސޯސިއޭޝަން ހަވާލުކޮށް އާ އިންތިހާބެއް ބާއްވަ އެވެ.

މީގެ ކުރިން އެއް ފަހަރަކު އެފްއޭއެމް ވަނީ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ހިންގައިފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ބައްސާމްގެ މެނޭޖްމަންޓް ވެސް މިހާރު އޮތީ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ދަށަށް އެފްއޭއެމް ނުގެންގޮސް އިތުރަށް ކުރިއަށް ނުގެންދެވޭނެ ހާލަތެއްގަ އެވެ.

"މިފަހަރު ވެސް ފީފާއިން އެކަން ކުރާނެ ކަމަށް ބެލެވެނީ. އެހެން ނޫނީ މި އިންތިހާބެއް ނުބޭއްވޭނެ،" އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް އިންތިހާބުގައި ބައްސާމް ވާދަކުރައްވާ އިރު އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާތަކެއް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވަނީ އުފުލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް