އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލު (ކ) އާއި އަހުމަދު ތޯރިގު (ޓޮމް)

ފީފާއިން އަނެއްކާވެސް އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި

އެފްއޭއެމުން ބުނީ ފީފާއަށް އެތައް ޝަކުވާއެއް ލިބުމާ އެކު، ކަންކަން ސާފުކޮށްދިނުމުގެ ވާހަކަތައް ފަށާފައިވާ ކަމަށް
21 މާރިޗު 2024
1

އަންނަ މަހު 20ގައި ބާއްވަން އިއުލާންކޮށް އަދި ބައިވެރިވުމުގެ މުއްދަތު ވެސް ހަމަވެފައި އޮތް އެފްއޭއެމްގެ އިންތިހާބު ފީފާއިން އަނެއްކާވެސް ހުއްޓުވައިފި އެވެ.

މީގެ ކުރިން 30 ޖެނުއަރީގައި ބާއްވަން އުޅުނު އިންތިހާބު ވެސް ހުއްޓުވީ ފީފާ އާއި އޭއެފްސީ އިންނެވެ. އެފަހަރު ފީފާއިން އެންގީ އިންތިހާބުގެ ކަންކަން ބަލަހައްޓަން ޖެހޭ އިލެކްޓޯރަލް ކޮމިޓީ އާއި އެޕީލް ކޮމިޓީ، އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބުކުރާށެވެ.

އެފްއޭއެމުން ވަނީ ހާއްސަ ކޮންގްރެސްއެއް ބާއްވައިގެން އެ ދެ ކޮމިޓީ އިންތިހާބުކޮށްފަ އެވެ. ނަމަވެސް އެފްއޭއެމްގެ މެޖޯރިޓީ ކްލަބްތައް ބައިވެރިނުވާ ކޮންގްރެސްއަކަށް ވާތީ، އެ ކޮންގްރެސްގެ ސައްހަކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް، އެފްއޭއެމްގެ މީޑިއާ ގްރޫޕްގައި މިރޭ ވިދާޅުވީ ފީފާ އާއި އޭއެފްސީގެ އެދުމާ އެކު އިންތިހާބު މަޑުޖައްސާލީ މިހާރު ކުރިއަށް ދާ ވާހަކަތަކާ ގުޅިގެން ކަމަށެވެ.

މިދިއަ އަހަރުގެ ކުރީކޮޅު ގައުމީ ފުޓްބޯޅަ ޓީމުގެ ތަމްރީންތަކުގައި ބައްސާމް ޓީމާ ބައްދަލުކުރައްވަނީ: ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތީ މައްސަލަގަނޑެއްގެ ތެރޭގައި --ފޮޓޯ/އެފްއޭއެމް

އިންތިހާބުގައި ވާދަކުރަން ހުށައެޅުމުގެ މުއްދަތު ހަމަވިއިރު ރައީސް ކަމަށް ކުރިމަތިލެއްވީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޭނާގެ ކުރިން އެފްއޭއެމްގެ ރައީސަކަށް ހުންނެވި ކުރީގެ ފޯވަޑް އަދި މިހާރު މަހިބަދު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގެވެ.

ތޯރިގު ކުރިމަތިލެއްވީ އެއްވަނަ ޑިވިޒަނުން އޭނާއަށް ތާއީދުކުރާ ތިން ކްލަބްގެ ތެރޭގައި އެފްއޭއެމުން މިހާރު ސަސްޕެންޑްކޮށްފައިވާ ވެލެންސިއާ ވެސް ހިމަނައިގެންނެވެ. އެހެންކަމުން މިފަހަރު ވެސް ތޯރިގުގެ ކެންޑިޑަސީ އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ބާތިލްކުރާނެ ކަަމަށް އޮތީ ބެލެވިފަ އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލެވޭނީ އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ކްލަބްގެ ތާއީދާ އެކުގަ އެވެ. ތޯރިގަށް ތާއީދުކުރަނީ ވެލެންސިއާގެ އިތުރުން މާޒިޔާ އާއި ޓީސީ އެވެ.

ބައްސާމްގެ ފަހަތުގައި ފަސް ކްލަބެއް އެބަ އޮތެވެ.

ތޯރިގު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ފަރާތުން އެއްވެސް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.

ނަމަވެސް ފީފާ އާއި އޭއެފްސީން އެފްއޭއެމްގެ އިންތިހާބުގެ ތެރެއަށް މިފަހަރު ވެސް މި ވަނީ ތޯރިގުގެ ފަރާތުން ޝަކުވާތަކެއް ހުށައެޅުއްވުމުންނެވެ.

އެފްއޭއެމުން އިންތިހާބު އިއުލާންކުރީ ވެލެންސިއާ ސަސްޕެންޑްކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ ވެލެންސިއާގެ ހިންގާ ކޮމިޓީގެ ކުރީގެ މެމްބަރަކު، އެ ކޮމިޓީން ވަކިކުރީ ސައްހަ ނޫން އިންތިހާބަކުން ކަމަށް ބުނެ އޭނާ އެފްއޭއެމަށް ހުށައެޅި މައްސަލައަކާ ގުޅިގެންނެވެ. 

އެފްއޭއެމުން ބުނީ ސައްހަ ހިންގާ ކޮމިޓީއެއް އެކުލަވާލަންދެން ފުޓްބޯޅައިގެ ހަރަކާތްތަކުން ވެލެންސިއާ ސަސްޕެންޑްކުރީ ކަމަށެވެ.

ވެލެންސިއާއިން ބުނި ގޮތުގައި އެ ފިޔަވަޅު އެޅީ ވެލެންސިއާއިން ތޯރިގަށް ތާއީދުކުރާތީ ކަމަށެވެ. 

ރާއްޖޭގެ ކްލަބްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވިދާޅުވެފައި ވަނީ ވެލެންސިއާގެ ހިންގާ ކޮމިޓީ ސައްހަ ކަމަށެވެ. އެހެންކަމުން އެ ކޮމިޓީއާ މެދު އެފްއޭއެމުން ސުވާލު އުފައްދަން ޖެހޭ ސަބަބެއް އޮތް ކަމަކަށް، ތޯރިގަށް ތާއީދުކުރާ މީހުން ގަބޫލެއްނުކުރެ އެވެ.

ކޮމެންޓް (1)

ޢައިސާ

22 މާރިޗު 2024
ބައްސާމުގެ ކިބައިން ސަލާމަތް ނުވި!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް