23 އޮކްޓޯބަރު 2023 - ޕީޖީގެ އަމުރަށް އެފްއޭއެމްއަށް ފުލުހުން ވަދެ ފާސްކުރަމުން ދިޔަ އިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ބޭރުގައި:

ބައްސާމުގެ ޕާސްޕޯޓް ދޫކޮށްލެވެން ނެތް ކަމަށް ނިންމައިފި

ބައްސާމް ހުށައެޅުއްވީ އެފްއޭއެމްއާ ގުޅޭ ބައްދަލުވުމަކަށް ގަތަރަށް ވަޑައިގަތުމަށް ވަގުތީ ގޮތުން ޕާސްޕޯޓް ދޫކޮށްދިނުމަށް ނަމަވެސް އެކަމަށް ގާޒީ ދެކޮޅުހެއްދެވި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓް ވަގުތީ ގޮތުން ވިޔަސް  ދޫކޮށްލެވެން ނެތް ކަމަށް  ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟  - މިގޮތަށް ނިންމީ ބައްސާމުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާގެ އަޑުއެހުމުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކޮށްފައިވާ އަމުރު މުރާޖާކޮށް ދިނުމަށް ހުށަހެޅުމުން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

މި އަމުރު މުރާޖައާގައި ބައްސާމު އެދިވަޑައިގަތީ އެފްއޭއެމްގެ އިންތިހާބާ ގުޅޭ މަޝްވަރާ ބައްދަލުވުމަކަށް ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގަތުމަށް އޭޝިއަން ފުޓުބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން އޭނާއަށް ފޮނުވި ދައުވަތަކާ ގުޅިގެން އެ ބައްދަލުވުމަށް ވަޑައިގަތުމަށް މި މަހުގެ 22ގެ ނިޔަލަށް ވަގުތީ ގޮތުން ޕާސްޕޯޓް ދޫކޮށްލާ ދިނުމަށެވެ.

ތަފުސީލް - މިއަދުގެ އަޑުއެހުމުގައި ބައްސާމުގެ ވަކީލު އިބްރާހިމް ޝަމީމް އެދިވަޑައިގަތީ ކޯޓުން ނުވަތަ ޕީޖީން ކުރާ ޝަރުތުތަކަކާ އެކު ނަމަވެސް، ވަގުތީ ގޮތުން ޕާސްޕޯޓް ދޫކޮށް ދިނުމަށެވެ.

ނަމަވެސް އެކަމަށް ދައުލަތުން އިއުތިރާޒުކޮށް ބުނެފައިވަނީ:

  • އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ތަހުގީގު މަރުހަލާގައި ފިލާފާނެ ކަމުގެ ބިރު އޮތުމުން 

  • ނަމަވެސް މިހާރު އޭނާގެ މައްޗަށް އެކަމާ ގުޅޭ ގޮތުން ބޮޑެތި ދައުވާތަކެއް ވެސް އުފުލާފައި ވާތީ ޕާސްޕޯޓު ހިފެހެއްޓުމުގެ ބޭނުން އޭރަށް ވުރެ ބޮޑު ކަމަށް 

  • އިތުރު މައްސަލަތަކެއްގެ ތަހުގީގުތަކެއް އަދިވެސް ކުރަމުން އަންނާތީ އޭނާ ފިލާފާނެ ކަމުގެ ބިރު އަދިވެސް ފިލައިގެން ނުދާ ކަމަށް ބުނި

މީގެ އިތުރުން އެންމެ ބޮޑަށް ޕާސްޕޯޓު ދޫކޮށް ނުލެވޭނެ ސަބަބެއް ކަމަށް ދައުލަތުން ދެއްކީ ޕާސްޕޯޓު ދޫކޮށްލުމާ ގުޅޭ ގޮތުން މި ފަހުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަންކަމެވެ. އެގޮތުން ޕާސްޕޯޓު ދޫކޮށްލާއިރު ފުރިހަމަވާން ޖެހޭނެ ކަމަށް އެ ހުކުމުގައި ބުނާ، ޒަރޫރަތުގެ ޝަރުތު ބައްސާމުގެ ފުރިހަމަނުވާ ކަމަށް ބުނެ ދައުލަތުން ވަކާލާތުކުރި އެވެ. އެގޮތުން ބުނީ:

  • ބައްދަލުވުމާ ގުޅޭ ގޮތުން ހުށަަހެޅި ލިޔެކިއުންތަކަށް ބަލާއިރު އެއީ ކޮންމެހެން ބައްސާމު ވަޑައިގަންނަވަން މަޖުބޫރު ބައްދަލުވުމެއްކަން އެނގެން ނެތް

  • އޮންލައިންކޮށް ބައްދަލުވުން ބޭއްވުން ނުވަތަ ބަދަލުގައި އެހެން ފަރާތެއް ފޮނުވުން ފަދަ އިހުތިޔާރުތައް ވެސް އެބަ އޮތް

ގާޒީގެ ބަސް - މިއަދުގެ އަޑުއެހުމުގައި ބައްސާމުގެ ފަރާތުންނާއި ދައުލަތުގެ ވަކީލުން ދެއްކެވި ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން ކުރިން ނެރުނު އަމުރަށް ވަގުތީ ގޮތުން ވިޔަސް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ. 

އެގޮތަށް ނިންމެވި ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ:

  • ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމާއި ދޫކޮށްލުމާ ގުޅޭ ގޮތުން މިފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ބަލާއިރު އެ ހުއްދަ ދިނުމުގައި ފުރިހަމަވާން ޖެހޭ ޓެސްޓުތަކެއް އެބަހުރި

  • އެ ޓެސްޓުތަކުގައި ތުހުމަތުކުރެވޭ ކުށުގެ ވަށައިގެންވާ ކަންކަމަށް ބެލުމުން އޭނާ ފިލާފާނެ ކަމުގެ ބިރު ނައްތާލެވިފައިވާކަން ނުވަތަ ކުޑަކުރެވިފައިވާކަމާއި ބޭރަށް އޭނާ ދާން ޖެހޭ ޒަރޫރަތަށް ބަލަން ޖެހޭ

  • އެ މިންގަނޑުން ބަލާއިރު މި މައްސާލާގައި ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ފިލާފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވެފައި އެ ހާލަތު ނެތިދިޔަ ގޮތެއް ބައްސާމަށް ބަޔާންކޮށެއް ނުދެއްވޭ

  • ގަތަރުގައި އޮންނަ ބައްދަލުވުމަކީ އެ ބައްދަލުވުމަށް އޭނާ ވަޑައިނުގެންފި ނަމަ އޭގެ ސަބަބުން ބައްސާމުގެ އަމިއްލަ މަސްލަހަތަށް އުނިކަން ނުވަތަ ގެއްލުން ވެދާނެ ކަމެއްކަން އެކަށީގެންވާ ގޮތެއްގައި ބަޔާނެއް ނުކޮށްދެއްވޭ 

"މިސާލަކަށް މި ބައްދަލުވުމަށް ނުގޮސްފި ނަަމަ، ވަޒީފާ ގެއްލުން ނުވަތަ ފައިސާގެ ގޮތުން ގެއްލުންތަކެއް ވުން ފަދަ އަމިއްލަ މަސްލަަހަތަށް އުނިކަން އަތުވެދާނެ ކަމެއް [ބައްސާމަށް] ބަޔާންކޮށްދެެވިފައެއް ނުވޭ. އެހެންކަމުން ޕާސްޕޯޓް ހިފެހެއްޓުމަށް މި ކޯޓުން ނެރެފައިވާ އަމުރަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ނިންމަން،" ގާޒީ ޝަފީއު ވިދާޅުވި އެވެ.

އެނގުން މުހިންމު - ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލާ މީހުންގެ ޕާސްޕޯޓް ވަގުތުން ހިފެހެއްޓުމާ އެކު، ފިލާފާނެ ކަމުގެ ބިރު އޮތް މީހެއް ނަމަ، އެ މީހަކު ބޭސްފަރުވާއަށް ބޭރަށް ފުރަން ހުއްދަ ދިނުމުގައި ކޯޓުން ބަލަން ޖެހޭ ޝަރުތުތައް ހަރުކަށިކޮށް އެކަމާ ގުޅޭ އުސޫލެއް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 21ގައި ވަނީ ކަނޑައަޅާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް