ޕީޖީގެ އަމުރަށް އެފްއޭއެމްއަށް ފުލުހުން ވަދެ ފާސްކުރަމުން ދިޔަ އިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އެ އޮފީހުގައި ބޭރުގައި (ދައުރު ފޮޓޯ)
ހިޔާނާތުގެ ތުހުމަތުގައި ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުވާ މައްސަލައިގައި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ވީ ކިހިނެއް؟ - އިމިގްރޭޝަންގެ އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް މިއަދު ކަށަވަރުކޮށްދިން ގޮތުގައި ބައްސާމްގެ ޕާސްޕޯޓް މިހާރު ވަނީ ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.
އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓުގައި އެދުނީ ފުލުހުންނެވެ.
އެނގުން މުހިންމު - ބޭރުގެ އެކި ފަރާތްތަކުން އެފްއޭއެމްއަށް ލިބޭ ފައިސާއަށް ބައްސާމް އާއި އެފްއޭއެމްގައި އިސްކޮށް ތިއްބެވި ބައެއް ފަރާތްތަކުން ހިޔާނާތްތެރިވެ އަމިއްލަ ކަންކަމަށް އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ތަހުގީގެއް ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އެންގެވުމަށް ފެށި އެ ތަހުގީގަށް އެފްއޭއެމްގެ އޮފީސް ފުލުހުން ފާސްކޮށް ލިޔެކިޔުންތަކެއް ވަނީ ގެންގޮސްފަ އެވެ.
ފާހަގަކޮށްލެވޭ - މިދިޔަ ހަފްތާ ތެރޭ ޕީޖީ ހުސެއިން ޝަމީމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްވި ކަމަށް ފުލުހުން ހިންގަމުންދާ ތަހުގީގުގައި މައި ސަސްޕެކްޓަކީ ނުވަތަ އެންމެ ބޮޑު ތުހުމަތެއް އޮތީ ބައްސާމަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރައްވާނޭ ކަމަށް ޕީޖީ ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ފާހަގަ ކުރެއްވި ކަންތައްތަކަކީ:
-
އެފްއޭއެމްއަށް ބޭރުން ލިބޭ ފައިސާ ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ދައުވާ އުފުލޭ ވަރަށް ތަހުގީގަށް ހެކި ލިބިފައިވޭ
-
ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ހިސާބުތައް ބަލަހައްޓާފައި ހުރީ އާންމު ގޮތެއްގައި އިންސާނުން ލިޔުން ބަލަހައްޓާ ގޮތަކަށް ނޫން ކަމަށް
-
ބޭންކު މެދުވެރިކޮށް ކޮށްފައިވާ އެކި މުއާމަލާތްތަކާއި ފައިސާ ދައުރުވެފައިވާ ގޮތަށް ބަލާއިރު އަމިއްލަ ބާޒާރުކުރުން ފަދަ ކަންކަމަށް ވެސް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ވެސް ވިދާޅުވި
އެ ތުހުމަތުތައް މީގެ ކުރިން ބައްސާމް ވަނީ ދޮގުކުރައްވައިފަ އެވެ. އެ މައްސަލަތައް ފެންމަތިވެފައި ވަނިކޮށް އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން ޖަވާޒު ވަނީ މިފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.