ސްޕްރީމް ކޯޓު
ބޮޑެތި ކުށްތަކުގެ ދައުވާ އުފުލުމާ އެކު ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލާ މީހުންގެ ޕާސްޕޯޓު ވަގުތުން ހިފެހެއްޓުމާ އެކު، ފިލާފާނެ ކަމުގެ ބިރު އޮތް މީހެއް ނަމަ، އެ މީހަކު ބޭސްފަރުވާއަށް ބޭރަށް ފުރަން ހުއްދަ ދިނުމުގައި ކޯޓުން ބަލަން ޖެހޭ ޝަރުތުތައް ހަރުކަށިކޮށް، އެކަމާ ގުޅޭ އުސޫލެއް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ވީ ކިހިނެއް؟ - މިފަދަ އުސޫލުތަކެއް ކަނޑައެޅީ، ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގައި އެ ކޯޓުން މިއަދު އިއްވި ހުކުމުގަ އެވެ.
އަހްމަދު މޫސާ އަކީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ މީހަކަށް ވުމާ އެކު، އޭނާގެ ޕާސްޕޯޓު ދޫކޮށްލައި ފުރަން މި ފަހުން ހުއްދަ ދިނީ ގޯސްކޮށް ކަމަށް ނިންމައި ސުޕްރީމް ކޯޓުން މިއަދު ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ.
ފިލާފާނެ ކަމުގެ ބިރު އޮންނަ މީހުން ބޭސްފަރުވާއަށް ދޫކޮށްލުމުގައި ކޯޓުން ބަލަން ޖެހޭނެ ކަންކަމާއި ޝަރުތުތަކެއް ކަނޑައެޅީ މި މައްސަލައިގެ ރިޔާސަތު ބެލެެހެއްޓެވި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ ރައުޔުގަ އެވެ. އެ ރައުޔަށް ތާއިދުކުރެއްވި ފަނޑިޔާރު ހުސުނުއްސުއޫދުގެ ރައުޔުގައި ވެސް ވަނީ، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލާ މީހުން ފިލައިގެން ދިއުން ހުއްޓުވަން އަމަލުކުރަން ޖެހޭނެ ގޮތްތަކެއް ކަނޑައަޅުއްވާފަ އެވެ.
ބުނީ ކީކޭ؟ - ފިލާފާނެ ކަމުގެ ބިރު އޮންނަ މީހަކު ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެދިއްޖެ ނަމަ، އެ މީހެއްގެ ޕާސްޕޯޓު ދޫކޮށްލުމަށް ކޯޓުން ގޮތް ކަނޑައެޅުމުގައި ބަލަން ޖެހޭނެ ކަމަށް ޝުޖޫންގެ ރައުޔުގައި ކަނޑައަޅުއްވާފައިވާ ކަންކަމަކީ:
-
ކަމާ ގުޅޭ ކަންކަމާއި ވަށައިގެންވާ ކަންކަމަށް ބެލުމުން އޭނާ ފިލާފާނެ ކަމުގެ ބިރު ނައްތާލެވިފައިވާކަން ނުވަތަ ކުޑަކުރެވިފައިވާކަން
-
އެ މީހަކު ބޭސްފަރުވާއަށް ދާން ބޭނުންވަނީ ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ހޯދަންކަން
-
ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ހޯދަން ބޭރަށް ދާން ބޭނުންވާ ނަމަ، ބޭރަށް ގޮސްގެން ހޯދާ ފަރުވާ އަކީ ރާއްޖެއިން ލިބޭ ފަރުވާއަށް ވުރެ ރަނގަޅު ނުވަތަ އެ ފަރުވާއެއް ކޮށްގެން ބަލި ރަނގަޅުވުމުގެ ފުރުސަތު އޮތް ފަރުވާއެއް ކަމަށް ޑޮކްޓަރަކު ލަފާ ދީފައި ވުން؛ އެ ލަފާ ދޭން ވާނީ ޑޮކްޓަރު ނުވަތަ ސިއްހީ ތަޖުރިބާކާރަކު ކޯޓަށް ހާޒިރުވެގެން
ހުސްނުއްސުއޫދުގެ ރައުޔުގައި ކަނޑައެޅުއްވި އިތުރު ކަންކަމަކީ:
-
ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގެ ދައުވާ ކޯޓަށް ހުށަހެޅުމާ އެކު ދައުވާ ލިބޭ ފަރާތް ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ކޯޓުން އިމިގްރޭޝަނަށް އެންގުމާ އެކު، އެފަދަ މީހުން ބްލެކްލިސްޓުކޮށް، ރާއްްޖެއިން ނުފުރޭނެ ގޮތް ހެދުމަކީ އިމިގްރޭޝަނުގެ ޒިންމާއެއް
-
ޖިނާއީ ބޮޑު މައްސަލައެއް އިސްތިއުނާފީ މަރުހަލާތަކުން ނިމެންދެން އެ މީހަކު ރާއްޖެއިން ފުރުން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުން
-
ޖިނާއީ ބޮޑު މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކު ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދޭން ވާނީ އެ ފަރުވާ އަކީ ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދޭ ރައުޔުގެ މައްޗަށް ބިނާކޮށް؛ މިހާރު އޮންނަ ގޮތުން ޑޮކްޓަރެއްގެ ލިއުމެއް ހުށަހެޅުމުން އެ ލިއުމަށް ރިއާޔަތްކޮށް ހުއްދަ ދެވޭ
-
ބޭރަށް ފުރަން ހުއްދަ ދޭން ވާނީ ޑޮކްޓަރުގެ ރައުޔާ މެދު ޕީޖީ އޮފީހުން ދެކޭ ގޮތް ސާފުކުރުމަށް ފަހު، އެ މީހަކު އަނބުރާ ރާއްޖެ އަންނާނެކަން ކަށަވަރު ކުރަން ޝަރުތުކޮށްފައި
-
އެ ޝަރުތުތަކުގެ ތެރޭގައި ކަފާލާތުގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާގެ އަދަދާ އެއްވަރުގެ އަދަދެއް ނުވަތަ ބޭންކު ގެރެންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވޭ
-
އެ ޝަރުތަކަކީ ޕީޖީ އޮފީހުން ގަބޫލުކުރާ ޝަރުތެއް ކަމަށް ވާން ޖެހޭނެ
-
ބޭސްފަރުވާއަށް ނޫން ގޮތަކަށް ފުރަން ހުއްދަ ދޭން ވާނީ ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތަށް، ޕީޖީން އެ ކަމަށް ދެކޮޅު ނަހަދާ ނަމަ
"ކުށެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެއް. ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހަކު ބޭރަށް ފުރައިގެން ގޮސް ފިލައިފި ނަމަ، ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭނެ. އެހެންކަމުން އެކަން އެހެން ވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅު އަޅަން ޖެހޭ،" ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވި އެވެ.
ހުސްނުއްސުއޫދާއި ޝުޖޫންގެ ރައުޔަށް، އެ މައްސަލައިގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތާއީދުކުރެއްވި އެވެ.
އެނގުން މުހިންމު - ބޮޑެތި ކުށްތަކުގައި ދައުވާ އުފުލައި ބަންދުކޮށްފައި ތިބޭ ބައެއް މީހުން ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ފުރައިގެން ދިއުމަށް ފަހު އަނބުރާ ރާއްޖެ ނާންނަ މައްސަލަތައް ގިނަ އެވެ.
އެގޮތުން، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައި އޮއްވައި ބޭސްފަރުވާއަކަށް ވަޑައިގެން ގޮތަށް، ކޯޓުން ތަކުރާރުކޮށް ޝަރީއަތައް ހާޒިރުވާން ކުރި އަމުރުތަކަށް ފަހު ވެސް އަނބުރާ ރާއްޖެ ވަޑައިނުގަތުމުން ޝަރީއަތްތައް ކުރިއަށް ނުގެންދެވުނެވެ. އޭނާ އެނބުރި ރާއްޖެ ވަޑައިގަތީ އޭނާގެ މައްޗަށް އުފުލި ދައުވާތައް ނެގުމުންނެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށް ދައުވާ އުފުލާފައިވާ މީހަކު ހައްޔަރުކުރިތާ މަހެއް ވެސް ނުވަނީސް، ބޭސްފަރުވާއަށް ދޫކޮށްދިނުމަށް އެދުމުން ކްރިމިނަލް ކޯޓުން މި ފަހުން ވަނީ އޭނާ ވެސް ދޫކޮށްލާފަ އެވެ.
އިތުރަށް ކިޔާލަން
ޑްރަގް ޝަރީއަތް ނިމެންދެން ބަންދުކުރި މީހަކު ދޫކޮށްލައިފި
27 ޑިސެމްބަރު 2023
އަލީ ވަހީދު ކޯޓަށް ހާޒިރުނުވެގެން ކުރި ހުކުމް އޮތީ މައާފްކޮށްފައި
11 ޖުލައި 2023
ދައުވާތައް ނެގުމާ އެކު އަލީ ވަހީދު ރާއްޖެ ވަޑައިގެންފި
11 ޖުލައި 2023
އަލީއާ ދެކޮޅަށް ހެކިބަސް ނުލިބުނީ ޝަރީއަތް ލަސްވުމުން: ޝަމީމް
20 ޖޫން 2023