ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން(

އަލީ ވަހީދު

އަލީ ވަހީދާ ދެކޮޅަށް ހެކިބަސް ނުލިބުނީ ޝަރީއަތް ހިނގުން ލަސްވުމުން: ޝަމީމް

ޝަމީމް ވިދާޅުވީ އަލީ ވަހީދު މައްސަލާގައި ގޯސްތަކެއް ވެސް ހެދުނު ކަމަށް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކިބަސްދޭން އަނިޔާ ލިބުނު ފަރާތްތަކުން ދެކޮޅުހެދީ މައްސަލަ ހިނގުން ލަސްވުމުން ކަމަށް ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ 18 ނޮވެމްބަރު 2020ގަ އެވެ.

އޭނާގެ މައްޗަށް ކުރި ދައުވާތަކަކީ:

  • ރޭޕްކުރަން އުޅުން

  • ޖިންސީ އަނިޔާކުރުން

  • ޖިންސީ ގޯނާކުރުން

  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން

  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުން

އަލީ ވަހީދާ ދެކޮޅަށް އެ ދައުވާތައް ކުރިއަށް ނުގެންދަން މި މަހުގެ ހަވަނަ ދުވަހު ޕީޖީން ވަނީ ނިންމާފަ އެވެ. ސަބަބަކަށް ބުނެފައި ވަނީ، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ދީފައިވާ ބަޔާންތައް އަނބުރާ ގެންނަން ބޭނުންވާ ކަމަށް ބުނެ، މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން ޕީޖީ އޮފީހަށާއި ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވަމުން ދިއުމެވެ.

ތަފްސީލް - މިއަދު ރާއްޖެޓީވީ ފަށާއިރު ޕްރޮގްރާމްގައި މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޝަމީމް ވިދާޅުވީ އެ މައްސަލަ ކުރިއަށް ނުގޮސް ފައިލް ކުރަން ޖެހުމުގައި ޕީޖީއަށް ބައެއް ގޯސްތައް ހެދިފައިވާ ކަަމަށެވެ.

"މި މައްސަލާގައި އަސްލު އަޅުގަނޑުމެންނަށް ބައެއް ކަހަލަ މިސްޓޭކްސް ވެސް ހެދުނު. އެއީ މި މައްސަލަ ހިނގުން ލަސްވެގެން ދިޔައިމަ ހެކިން ހެކިބަސް ދޭން ވެސް ބޭނުން ނުވަނީ. އަޅުގަނޑުމެން ވަަރަށް މަސައްކަތް ކުރިން ތަކުރާރުކޮށް. އެކަމަކު [ފަހުން] އެއްވެސް މީހަކު އެމައްސަލަ ކުރިއަށް ގެންދާކަށް ބޭނުމެއް ނުވި،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލައެއްކަމުން، އަނިޔާ ލިބުނު ފަރާތްތަކުގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެމައްސަލަ ހިނގައިދިޔަ ގޮތުން ދަސްކުރަން ޖެހޭ ކަންކަން ހުރިކަން ޝަމީމް ފާހަގަކުރެއްވި އެވެ.

އެގޮތުން ފާހަގަކުރެއްވީ:

  • ޝަރީއަތްތައް އަވަސްކުރުން

  • އަނިޔާ ލިބުނު ފަރާތްތަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުން؛ އެކަން ކުރެވޭނީ ޝަރީއަތްތައް އަވަސްކޮށްގެން

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

އަލީ ވަހީދާ ދެކޮޅަށް ދައުވާތައް އުފާލާފައި ވަނިކޮށް، ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދީ، އެކުވެރިޔާ އަސްހަދު އަލީ ޖާމިނުކުރުމަށް ފަހު، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކޯޓުން ބާތިލް ކުރުމުން ހަމަ އެ ދުވަހު ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަނީ ރާއްޖޭން ފުރާފަ އެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް އޭނާ ހުންނެވީ ޝަރީއަތަށް ހާޒިރުނުވެ، އިނގިރޭސިވިލާތުގަ އެވެ.

އެގޮތުން:

  • އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އޭނާގެ ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުނެފައިވޭ

  • ވިސާގެ މުއްދަތު ހަމަވެގެން އިނގިރޭސިވިލާތުން އޭނާ ހައްޔަރުކުރީ ވެސް އޭނާގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ދައުވާތަކެއްގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށް ދެ ފަހަރެއްގެ މަތިން އެންގުމުން ވެސް ބޭރުގައި ފިލައިގެން އުޅުއްވަނިކޮށް

  • ކޯޓަށް ހާޒިނުކުރެވިގެން ކޯޓުން މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ 22 ސެޕްޓެމްބަރު 2022ގައި

  • އެ ފަހަރު މައްސަލަ އަނބުރާ ފޮނުވާލީ ކޯޓަށް އަލީ ވަހީދު ހާޒިރުކުރެވޭ ވަރު ވުމުން އަލުން މައްސަލަ ހުށަހެޅުމަށް

ކޮމެންޓް (1)

ފުކެއްބޮޑުވަރު

20 ޖޫން 2023
ކަނޑައެޅިގެބް ބޮޑު ދޮގެއް. ތިމާމެން މިއަދު ތިހެން ބުނެވިދާނެ ޤިޔާމަތްދުވަހު ކޮންތާކަށްބާ ތި ދޮގު ހަދަންވަންނާނީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް