ކްރިމިނަލް ކޯޓު ކައިރީގައި ފުލުހުން ހަރާކަތްތެރިވަމުން ދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި މީހަކު ދޫކޮށްލައިފި

އޭނާ ބަންދުން ދޫކޮށްލީ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން ބަންދު މުރާޖާއަށް ހުށަހެޅުމުން؛ މައްސަލައިގެ ޝަރީއަތްތައް އަދި ނުފެށޭ

އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މުހައްމަދު މިގުދާދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ބޭސް ފަރުވާއަށް ބަންދުން ދޫކޮށްލުމަށް އެދުމުން މިއަދު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - މިގްދާދު، ސ. ހިތަދޫ، ނީލިސިތާރާ، ހައްޔަރުކުރީ މިދިޔަ 17 އޮގަސްޓުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ނެވެ. އެޔަށްފަހު އޭނާއާ އޭނާގެ އަންހެނުން ދިރިއުޅޭ ގެ ބަލާ ފާސްކޮށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރާނެ ސާމާނު އަދި ފައިސާތަކެއް ފެނިފައި ވެއެވެެ.

މި މައްސަލާގައި އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އުފުލާ، ޝަރީއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ބަންދުކުރުމަށް މިމަހުގެ 12ގައި ކަރެކްޝަނާ ހަވާލުކޮށްފައިވަނިކޮށް، ސިއްހީ ހާލަތަށް ރިއާޔަތްކޮށް ބަންދު މުރާޖާއަށް އޭނާގެ ފަރާތުން ހުށަހެޅި އެވެ. އެކަމަށް ބޭއްވި އަޑުއެހުމުގައި މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ތަފްސީލް - މިގުދާދުގެ ފަރާތުން ބަންދުން ދޫކޮށްލުމަށް އެދުނު ސަބަބުތަކުގެ ގޮތުގައި ބުނީ:

  • އޭނާގެ ވާތު ފައިގެ ހީލްގައި ގޮށްތަކެއް ހުރުމުން ނާރުތަކަށް ލޭ ދައުރުވުން ދަތިވެ  އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދީފައިވާތީ

  • ކަރެކްޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވެސް ޑޮކްޓަރަށް ދައްކާ ބަލީގެ ހާލަތު ކަރެކްޝަނަށް އަންގާފައިވާނެ ކަމަށް

  • އެކަން މޮނިޓަ ކުރެވޭނެ ގޮތްތަކެއް ފަހިކޮށް، ޝަރުތުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްދިނުމަށް

ބަންދު މުރާޖާކުރަން މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ހުސެއިން ފާއިޒް ރަޝާދު އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކެއް ކޮށްފަ އެވެ. ނަމަވެސް، އެ އަމުރުގައި އެ ޝަރުތުތައް ބަޔާންކޮށްފައެއް ނުވެ އެވެ.

ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ބުނެފައި ވަނީ:

  • ބަންދުން ދޫކޮށްލަނީ ބައްޔަށް ރިއާޔަތްކޮށް

  • އޭނާގެ ގެއިން ފެނުނު މަސްތުވާތަކެއްޗާއި ސީދާ ގުޅުވާލެވޭނެ ހެއްކެއް ހުށަހަޅާފައެއް ނެތް

  • ކުށުގެ ރެކޯޑެއް ނެތުމާއި، އޭނާ މުޖުތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތްކޮށް؛ އޭނާ ކޯޓުގައި ބުނެފައި ވަނީ އޭނާއަކީ ޓެކްސީ ކުރާ މީހެއް ކަމަށް

މިއަދުގެ އަޑުއެހުމުގައި އޭނާ ދޫކޮށްލަން އިންކާރުކޮށް ދައުލަތުގެ ފަރާތުން ބުނެފައި ވަނީ އޭނާއަށް ތުހުމަތުކުރެވޭ މައްސަލާގައި އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުުޖުތަމައު އަށް ނުރައްކާވެދާނެ ކަމަށް ދައުލަތުން ފާހަގަކުރި އެވެ. އަދި އޭނާ ފުލުހުންގެ ބަންދުގައި ހުރިއިރު ސިއްހީ ޝަކުވާތަކެއް ކުރި ނަމަވެސް ކަރެކްޝަނުގެ ބަންދުގައި ހުރިއިރު އެފަދަ އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށެވެ.

އޭނާ ދޫކޮށްލިއިރު، މި މައްސަލާގައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަދި އޮތީ ކޯޓުގައި ނުފެށި އެވެ.

އެނގުން މުހިންމު -މަސްތުވާތަކެތި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ދޫކޮށްލިއިރު ޖުމްލަ 72 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރި މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިރުފާން ތަގިއްޔު ވެސް މިމަހުގެ 21ގައި ވަނީ ދޫކޮށްލާފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ކޯޓުން އެކިއެކި ސަބަބުތަކާ ހެދި ބަންދުން ދޫކުރަމުންދާއިރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ ކުށްވެރިން ދޫކޮށްލުމުގެ ނުރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. 

އެގޮތުން މިނިސްޓަރު އަލީ އިހުސާން ފާހަގަކުރެއްވި ގޮތުގައި:

  • އެކި އުސޫލުތަކުގެ ދަށުން ދޫކުރާ މީހުންގެ ސަބަބުން މުޖުތަމައަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވޭ 

  • ކުށުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެގޮތަށް ދޫކޮށްލާފައިވާ މީހުން ބައިވެރިވެގެން މުޖުތަމައުގެ ތެރޭގައި ބައެއް ކަހަލަ ކުށްތައް އިތުރުވެފައިވޭ 

  • އޭގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލަތައް ވެސް އޭނާ ފާހަގަކުރެއްވި 

އިތުރު އާޓިކަލް

އިތުރު އާޓިކަލް