އިރުފާން ތަގިއްޔު، ސ. ހުޅުދޫ/ދޭލިޔާ؛ މީނާގެ މައްޗަށް ތުހުމަތުކުރެވެނީ 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެ ރާއްޖެ އެތެރެކޮށް ވިޔަފާރި ކުރުމުގެ ކުށް

ހައި ކޯޓުން މިފަހަރު ނިންމީ އިރުފާން ދޫކޮށްލީ ރަނގަޅަށް ކަމަށް

މި މައްސަލާގައި މީގެ ކުރިން ހައި ކޯޓުން ނިންމީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އިރުފާން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް

ޖުމްލަ 72 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރި މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ އިރުފާން ތަގިއްޔު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.

މައްސަލައިގެ ފެށުން -  އިރުފާން، ސ. ހުޅުދޫ/ދޭލިޔާގެ ހައްޔަރުކުރީ، 7 ޑިސެމްބަރު 2020 ވަނަ ދުވަހުގެ ރޭގަނޑު 10 ހާއިރު، އިތުރު ބަޔަކާއި ގުޅިގެން ރާއްޖެއަށް މަސްތުވާތަކެއްޗާއި ޕާޓީ ޑްރަގް އެތެރެކޮށް، ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ޖެހިގެން އައި ދުވަހު އެވެ.

އެ މައްސަލާގައި އިރުފާންގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައިވާތީ އާއި މުޖުތަމައުގެ ސަލާމަތަށާއި ހެކިންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބަލައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމީ 24 ޑިސެމްބަރު 2020ގަ އެވެ. އެ ނިންމުން މުރާޖާކޮށް، ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިދިނުމަށް މިދިޔަ 29 އޮގަސްޓުގައި އިރުފާންގެ ފަރާތުން އެދުމުން، އެ ކޯޓުން ވަނީ އޭނާ ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލަން މިދިޔަ 3 އޮކްޓޯބަރުގައި ނިންމާފަ އެވެ.

ވީ ކިހިނެއް؟ - އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން:

  • މިދިޔަ 26 ސެޕްޓެމްބަރު - ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރި

  • މިދިޔަ މަހުގެ 3 - ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް އޭނާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމި؛ އަދި އޭނާ ބަންދުކުރަން ހުށަހަޅައިފި ނަމަ، އެކަމާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އަމުރުކުރި

  • ހައި ކޯޓުން އޭރު ކުރި ހުކުމްގައި ބުނީ އިރުފާންގެ ކިބައިން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް މިންވަރާއި ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް މީގެ ކުރިން ކްރިމިިނަލް ކޯޓުން ނިންމާފައިވާ ނިންމުމުގެ ހާލަތު ބަދަލުވެފައި ނުވާ ކަމަށް

  • މިދިޔަ މަހުގެ 23 - ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އޭނާ ބަންދުކޮށްދިނުމަށް އެދި އަލުން ޕީޖީ އޮފީހުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން ދެން ވެސް ނިންމީ އޭނާ ބަންދުކޮށްދެވެން ނެތް ކަމަށް

  • ޕީޖީން މި މަހުގެ 5 ވަނަ ދުވަހު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރި؛ މި ފަހަރު އެ ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް

ބުނީ ކީކޭ؟ - މި މައްސަލާގައި ހައި ކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނީ، ކްރިމިނަލް ކޯޓުން އިރުފާން ދޫކޮށްލަން ކުރި އަމުރު ބާތިކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެގޮތުން، މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲގެ ރައުޔުގައި ވިދާޅުވީ:

  • އިރުފާން ކުށް ކޮށްފައިވާ ހާލަތާއި ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭތޯ އާއި ކުށުގެ އަމަލު ހިންގުމުގައި ބައިވެރިވެފައިވާ ގޮތް ވަޒަންކޮށް، އެ ސަބަބުތައް ބަދަލުވެފައިވާ ކަމާ މެދު ދައުލަތުން ވެސް ދެބަސްވެފައެއް ނެތް

  • ދައުލަތުން ވަކާލާތު ކުރާ ގޮތުގައި، ބަންދަށް ލުއި ދެވޭނީ މައްސަލައިގެ ހުރިހާ ހެއްކެއް އޭނާއާ އެއްކޮޅަށް ހުރުމުން ކަމަށް

  • ނަމަވެސް، އޭނާގެ ކިބައިން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ކުރިން ބެލި ސަބަބުތައް ހުރި ގޮތް މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔައިރު ބަދަލުވެ، އޭނާއާ ކުށާ ގުޅުވާލެވޭ މިންވަރު ކުޑަ ވެއްޖެ ނަމަ، ބަންދަށް ލުއި ދިނުމުގެ އިހްތިޔާރު ފަނޑިޔާރަށް އޮވޭ

  • ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލަން ނިންމި ސަބަބުތަކުގެ ތެރޭގައި، ހެކިވެރިންގެ ހެކިބަހުން އެ މައްސަލަ އާއި އިރުފާންއާ ގުޅުވާލެވޭ މިންވަރު ކުޑަކަން ފާހަގަކޮށްފައިވޭ

  • ހެކިންގެ ހެކިބަހުން އިރުފާން އާއި އޭނާ ކުރި ކަމަށް ބުނާ ކުށާ ގުޅުވައިދެވޭ މިންވަރު ކުޑަވުމަކީ ކުށުގައި އޭނާގެ ބައިވެރިވުން ކުޑަވެފައިވާ ކަމަށް ބަލައި ކުރިން އޮތް ހާލަތު ބަދަލުވެ، އޭނާގެ ކިބައިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަ ވެފައިވާ ކަމަށް ބެލިދާނެ ސަބަބެއް

މި ރައުޔަށް، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ހަސަން ޝަފީއު އަދި މުހައްމަދު ސަލީމް ވެސް ވަނީ ތާއީދުކުރައްވާފަ އެވެ.

އެނގުން މުހިންމު - މި މައްސަލާގައި އިރުފާންއާ އެކު 10 މީހަކު ހައްޔަރުކޮށް ދައުވާކުރި ނަމަވެސް، އޭގެ ތެރެއިން ހަތް މީހެއްގެ ދައުވާތައް ޕީޖީ އޮފީހުން ވަނީ ފަހުން އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ، މި މައްސަލާގައި މިހާރު ޝަރީއަތް ހިންގަނީ އިރުފާން ހިމެނޭހެން ތިން މީހެއްގެ މައްޗަށެވެ.

އިރުފާންގެ އިތުރުން ދެން މި މައްސަލާގައި ޝަރީއަތް ހިނގަމުންދާ ދެ މީހުންނަކީ:

  • 1-

    އަހުމަދު ނަސީރު، އަނބުގޮސްދޮށުގެ/ދ. މާއެނބޫދޫ

  • 2-

    މުހައްމަދު އަކްރަމް، ހ. ގާޑެންބިއުޓީ/މާލެ

ފާހަގަކޮށްލެވޭ ކަމެއް - މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ތުުހުމަތުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިރުފާން ބަންދުން ދޫކޮށްލަން ހައި ކޯޓުން ތާއީދުކުރިއިރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ ކުށްވެރިން ދޫކޮށްލުމުގެ ނުރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މިފަހުން އައްޑޫގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިދިޔަ ސަރުކާރުން މައާފް ދިީފައިވާ ދެ މީހަކު ހިމެނޭ ކަމަށެވެ.

އިހުސާން ފާހަގަކުރެއްވި ގޮތުގައި، އެކި އުސޫލުތަކުގެ ދަށުން ދޫކުރާ މީހުންގެ ސަބަބުން މުޖުތަމައަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެ އެވެ. އެގޮތުން، ކުށްކުރުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދޫކޮށްފައިވާ މީހުންނާ ގުޅޭ ގޮތަށް މުޖުތަމައުގެ ތެރޭގައި ބައެއް ކަހަލަ ކުށްތައް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލަތައް ވެސް އޭނާ ފާހަގަކުރެއްވި އެެވެ.

އިހުސާން އިއްޔެ ވިދާޅުވީ، ބަންދުގައި ތިބޭ މީހުން އެކި ގޮތް ގޮތުން ދޫކުރެވޭ އުސޫލުތަކާއި މިންގަނޑުތައް އިތުރަށް ފުރިހަމަކޮށް، ހަރުދަނާ ކުރުމުގެ ވިސްނުން ގެންގުޅޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް