ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހްސާން ވާހަކަ ދައްކަވަނީ.

ކުށްކުރުން

ކުރީ ސަރުކާރުން ދޫކޮށްލި 2 'ކުށްވެރިން' އައްޑޫ މާރާމާރީތަކުގައި ހައްޔަރުކުރި: މިނިސްޓަރު

ސަރުކާރު ބަދަލުވުމާ ހަމައަށް މި އަހަރު އެކަނި ވެސް 434 ގައިދީން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ދޫކޮށްލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި
20 ޑިސެމްބަރު 2023

މިފަހުން އައްޑޫގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިދިޔަ ސަރުކާރުން މައާފް ދިނުމަށް ފަހު ދޫކޮށްލާފައިވާ ދެ މީހަކު ހިމެނޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - އައްޑޫގައި މި މަހުގެ ކުރީކޮޅު ހިންގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް 11 މީހަކު ގެންގޮސްފައިވެ އެވެ. 

މި މާރާމާރީތައް ފެށުނީ، ގޭންގަކުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުންނެވެ. އުމުރުން 30 އަހަރުގެ އެ މީހާއަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ހިންގި މާރާމާރީއެއްގައި އިތުރު މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ، އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބަންދުގައި ތިބޭ މީހުންނަށް މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމާއި ގޭބަންދަށް ބަދަލުކުރުން ފަދަ ލުއިތައް ދިނުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ވިދާޅުވީ، ބަންދުގައި ތިބޭ މީހުން އެކި ގޮތް ގޮތުން ދޫކުރެވޭ އުސޫލުތަކާއި މިންގަނޑުތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭ ކަމަށެވެ.

"އޭގެ ސަބަބަކީ 2023 ވަނަ އަހަރު މިހާ ހިސާބަށް އައި އިރުގައި، އަޅުގަނޑުމެން ސަރުކާރާ ހަވާލުވި ހިސާބަށް އައި އިރުގައި، އެކު ޖުމްލަ 434 ގައިދީން ވަނީ މުޖުތަމައުގެ ތެރެއަށް ދޫކުރެވިގެން ގޮސްފައި،" އޭނާ ވިދާޅުވި އެވެ.

"ހަމަ އެއާ އެކުގައި، އައްޑޫ ސިޓީގައި މި ދޭތެރެއިން ހިނގާ ދިޔަ މާރާމާރީގައި އަޅުގަނޑުމެންނަށް ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި މި ދެންނެވި 434 މީހުންގެ ތެރެއިން ދޫކޮށްލާފައިވާ ދެ މީހަކު ހިމެނޭކަން ވެސް އަޅުގަނޑު ފާހަގަކުރަން."

އިހުސާން ފާހަގަކުރެއްވި ގޮތުގައި، އެކި އުސޫލުތަކުގެ ދަށުން ދޫކުރާ މީހުންގެ ސަބަބުން މުޖުތަމައަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން، ކުށްކުރުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދޫކޮށްފައިވާ މީހުންނާ ގުޅޭ ގޮތަށް މުޖުތަމައުގެ ތެރޭގައި ބައެއް ކަހަލަ ކުށްތައް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ބައެއް ކުށްތަކަކީ:

  • ވައްކަމާއި ފޭރުމުގެ ކުށްތައް

  • މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަ

އެނގުން މުހިއްމު - އެކިއެކި ކުށްތަކުގައި ހައްޔަރުކޮށްފައި ތިބި ގިނަ އަދަދެއްގެ މީހުން، މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދީ ނުވަތަ މައާފް ދިިނުމަށް ފަހު ދޫކޮށްލާފަ އެވެ. އޭގެ ސަބަބުން އެ ސަރުކާރަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް