އަލީ ވަހީދު ރާއްޖެ ވަޑައިގެން މާލޭ އެއް ނަންބަރު ފާލަމުގައި. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އަލީ ވަހީދު

ދައުވާތައް ނެގުމާ އެކު އަލީ ވަހީދު ރާއްޖެ ވަޑައިގެންފި

ހެކި ނެތް ކަމަށް ބުނެ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމާފައިވާކަން މިދިޔަ މަހު 14ގައި ޕީޖީން ވަނީ ހާމަކޮށްފައި
11 ޖުލައި 2023

މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވަނިކޮށް، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވަޒީފާ އިން ވަކިކޮށް ދައުވާ އުފުލުމާ ގުޅިގެން ރާއްޖޭން ބޭރަށް ވަޑައިގެން ބޭރުގައި އުޅުއްވަމުން ގެންދަވާ އަލީ ވަހީދު، އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް އަނބުރާ ގެންދިއުމާ އެކު އޭނާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މައްސަލައިގެ ފެށުން - ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ 18 ނޮވެމްބަރު 2020ގަ އެވެ. ކޯޓުން ޕާސްޕޯޓު ދޫކޮށްލުމާ އެކު ރާއްޖެއިން ފުރައިގެން ދިޔައީ ފެބްރުއަރީ 2021ގަ އެވެ.

އޭނާގެ މައްޗަށް ކުރި ދައުވާތަކަކީ:

  • ރޭޕްކުރަން އުޅުން

  • ޖިންސީ އަނިޔާކުރުން

  • ޖިންސީ ގޯނާކުރުން

  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން

  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުން

ވީ ކިހިނެއް؟ - އަލީ ވަހީދު ފުރައިގެން ދިއުމުން ޝަރީއަތް ކުރިއަށް ނުގެންދެވި މިދިޔަ ދެ އަހަރު ދިގުލައިގެން ގޮސްފައި ވަނިކޮށް، ހެކި ނެތް ކަމަށް ބުނެ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމާފައިވާކަން މިދިޔަ މަހު 14ގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އިން ވަނީ ހާމަކޮށްފަ އެވެ.

ތަފްސީލު - އަލީ ވަހީދު ރާއްޖެ ވަޑައިގަަތީ މިއަދު މެންދުރު ފަހު 1:20ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ޓާކިޝް އެއާލައިންސްގެ ފްލައިޓަކުންނެވެ.

މިވީ މުއްދަތު ތެރޭގައި އަލީ ވަހީދު ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިވިލާތުގަ އެވެ. އެ ގައުމުގައި ހުންނަވައިގެން އަލީ ވަހީދު ވަނީ ސެޕްޓްބަރު 2021ގައި އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ބަޔަކު މިނިސްޓަރުކަމުގެ މަގާމުގެ ދަހިވެތިކަމުގައި ދޮގު ތުހުމަތު އަޅުވައި އޭނާގެ "ދުވަސް ދުއްވާލީ" ކަމަށެވެ.

އަލީ ވަހީދު އެންމެ ފަހުން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ.

އެނގުން މުހިންމު - އަލީ ވަހީދުގެ ދައުވާތައް އަނބުރާ ގެންދަން ނިންމީ، ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ދީފައިވާ ބަޔާންތައް އަނބުރާ ގެންނަން ބޭނުންވާ ކަމަށް ބުނެ، މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން ޕީޖީ އޮފީހަށާއި ފުލުހުންނަށް ފޮނުވަމުންދިޔަ ސިޓީތަކާ ގުޅިގެންނެވެ. އެގޮތުން:

  • މައްސަލަ އަލުން ހުށަހަޅަން ފުލުހުންނަށް އަނބުރާ ފޮނުވާލި ފަހުން މުހިންމު ހެކިންނާއި އަނިޔާ ލިބުނު މީހުންގެ ފަރާތުން ތަކުރާރުކޮށް ސިޓީތައް ލިބިފައިވޭ

  • މި ސިޓީތަކާ ގުޅިގެން މައްސަލަ މުރާޖައާކޮށްދިނުމަށް ފުލުހުން އެދުނު

  • އެ މީހުންގެ ހެކިބަހާ ނުލައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރިއިރު، ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ މަގެއް ނެތް

  • އެހެންވެ، މައްސަލަ ކުރިއަށް ނުގެންދަން ނިންމައި އަނބުރާ ފޮނުވާފައިވާ މައްސަލައެއްގެ ގޮތުގައި ކަނޑައެޅީ މިދިޔަ މަހުގެ 6ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް