ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު އަލީ ވަހީދު އެ މިނިސްޓްރީގެ ޖަލްސާއެއްގައި އޮންލައިންކޮށް ބައިވެރި ވަނީ. (ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ)

އަލީ ވަހީދު

އަލީ ވަހީދަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް ބުނެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމައިފި

ޕީޖީން ބުނީ އެ ގޮތަށް ނިންމީ، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ދީފައިވާ ބަޔާންތައް އަނބުރާ ގެންނަން ބޭނުންވާ ކަމަށް ބުނެ، މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން ސިޓީ ފޮނުވުމުން ކަމަށް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ، އެ ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ 18 ނޮވެމްބަރު 2020ގަ އެވެ.

އޭނާގެ މައްޗަށް ކުރި ދައުވާތަކަކީ:

  • ރޭޕްކުރަން އުޅުން

  • ޖިންސީ އަނިޔާކުރުން

  • ޖިންސީ ގޯނާކުރުން

  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން

  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުން

ވީ ކިހިނެއް؟ - ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދައުވާތައް ކުރިއަށް ނުގެންދަން ނިންމީ، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ދީފައިވާ ބަޔާންތައް އަނބުރާ ގެންނަން ބޭނުންވާ ކަމަށް ބުނެ، މައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިން ޕީޖީ އޮފީހަށާއި ފުލުހުންނަށް ފޮނުވަމުންދިޔަ ސިޓީތަކާ ގުޅިގެން ކަމަށެވެ.

ތަފްސީލް - ޕީޖީ އޮފީހުން ބުނީ:

  • މައްސަލަ އަލުން ހުށަހަޅަން ފުލުހުންނަށް އަނބުރާ ފޮނުވާލި ފަހުން މުހިންމު ހެކިންނާއި އަނިޔާ ލިބުނު މީހުންގެ ފަރާތުން ތަކުރާރުކޮށް ސިޓީތައް ލިބިފައިވޭ

  • މި ސިޓީތަކާ ގުޅިގެން މައްސަލަ މުރާޖައާކޮށްދިނުމަށް ފުލުހުން އެދުނު

  • އެ މީހުންގެ ހެކިބަހާ ނުލައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްތޯ ބަލައި ދިރާސާކުރިއިރު، ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވިދާނެ މަގެއް ނެތް

  • އެހެންވެ، މައްސަލަ ކުރިއަށް ނުގެންދަން ނިންމައި އަނބުރާ ފޮނުވާފައިވާ މައްސަލައެއްގެ ގޮތުގައި ކަނޑައެޅީ މި މަހުގެ 6ގައި

މައްސަލައިގެ ހުލާސާ

ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދީ، އެކުވެރިޔާ އަސްހަދު އަލީ ޖާމިނުކުރުމަށް ފަހު، ގާނޫނާ ހިލާފަށް ދޫކޮށްލި ޕާސްޕޯޓެއްގައި ހަމަ އެ ދުވަހު ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ވަނީ ރާއްޖޭން ފުރާވަޑައިގެންފަ އެވެ. އޭގެ ފަހުން އޭނާ ހުންނެވީ ޝަރީއަތަށް ހާޒިރުނުވެ، އިނގިރޭސިވިލާތުގަ އެވެ.

އޭގެ ފަހުން:

  • އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އޭނާގެ ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުނެފައިޭ 

  • ވިސާގެ މުއްދަތު ހަމަވެގެން އިނގިރޭސިވިލާތުން އޭނާ ހައްޔަރުކުރީ ވެސް އޭނާގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ދައުވާތަކެއްގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށް ދެ ފަހަރެއްގެ މަތިން އެންގުމުން ވެސް ބޭރުގައި ފިއްލަވައިގެން އުޅުއްވަނިކޮށް

  • ކޯޓަށް ހާޒިނުކުރެވިގެން ކޯޓުން މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ 22 ސެޕްޓެމްބަރު 2022ގައި

  • އެ ފަހަރު މައްސަލަ އަނބުރާ ފޮނުވާލީ ކޯޓަށް އަލީ ވަހީދު ހާޒިރުކުރެވޭ ވަރު ވުމުން އަލުން މައްސަލަ ހުށަހެޅުމަށް؛ އެހެންވެ، އެ މައްސަލަ ޕީޖީން ފުލުހުންނަށް ހުށަހެޅީ 6 އޮކްޓޫބަރު 2022ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް