އަލީ ވަހީދު ރާއްޖެ ވަޑައިގެން މާލޭ އެއް ނަންބަރު ފާލަމުގައި. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އަލީ ވަހީދު

އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން އިއްވި ޖަލު ހުކުމް އޮތީ މައާފްކޮށްދީފައި

ކޯޓުން މައާފް ދިނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަލީ ވަހީދު މައާފަށް އެދިވަޑައިގެންފައިވާތީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ކުށުގެ ދައުވާތަކުގެ މައްސަލައިގެ ޝަރީއަތުގައި ބައިވެރިވާން ރާއްޖެ ވަޑައިގަތުމަށް ތަކުރާރުކޮށް ޗިޓް ފޮނުވުމުން ވެސް ކޯޓުގެ އަމުރަށް ގޮންޖައްސަވައި ރާއްޖެ ވަޑައިގެންފައިނުވާތީ އޭނާގެ މައްޗަށް ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ކުށުގައި ސުޕްރީމް ކޯޓުން އިއްވި ދެ މަހާއި 12 ދުވަހުގެ ހުކުމް މައާފްކޮށްދީފައިވާކަން އެނގިއްޖެ އެވެ. އެހެންވެ، އޭނާ މިއަދު ރާއްޖެވަަޑައިގެންނެވީ ތަންފީޒުކުރަން ޖެހޭ އެއްވެސް ހުކުމެއް ނެތް، މިނިވަނެއްގެ ގޮތުގަ އެވެ.

ވީ ކިހިނެއް؟ - ޖިންސީ ކުށުގެ ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދީ، އެކުވެރިޔާ އަސްހަދު އަލީ ޖާމިނުކުރުމަށް ފަހު، ގާނޫނާ ހިލާފަށް ދޫކޮށްލި ޕާސްޕޯޓެއްގައި ހަމަ އެ ދުވަހު ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ރާއްޖޭން ފުރާވަޑައިގަތެވެ. އޭގެ ފަހުން އޭނާ ހުންނެވީ ޝަރީއަތަށް ހާޒިރުނުވެ، އިނގިރޭސިވިލާތުގަ އެވެ.

  • އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް ޝަރީއަތުގައި ބައިވެރިވުމަށް އަލީ ވަހީދު ރާއްޖެ ގެނެވިފައެއް ނުވޭ

  • ވިސާގެ މުއްދަތު ހަމަވެގެން އިނގިރޭސިވިލާތުން އޭނާ ހައްޔަރުކުރީ ވެސް އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށް ދެ ފަހަރެއްގެ މަތިން އެންގުމުން ވެސް ބޭރުގައި ފިއްލަވައިގެން އުޅުއްވަނިކޮށް

  • 11 އޮގަސްޓް 2021 - ތަކުރާރުކޮށް ޗިޓު ފޮނުވުމުން ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވި

  • 22 ސެޕްޓެމްބަރު 2022 - ކޯޓަށް ހާޒިނުކުރެވިގެން ކޯޓުން މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލި؛ އެ ފަހަރު މައްސަލަ އަނބުރާ ފޮނުވާލީ ކޯޓަށް އަލީ ވަހީދު ހާޒިރުކުރެވޭ ވަރު ވުމުން އަލުން މައްސަލަ ހުށަހެޅުމަށް

  • އެކަމަކު މިދިޔަ މަހުގެ 14 ވަނަ ދުވަހު ޕީޖީން ވަނީ އަލީ ވަހީދުގެ މައްޗަށް ކުރާ ހުރިހާ ދައުވާއެއް އަނބުރާ ގެނެސްފައި

  • އޭގެ ފަހުން މިއަދު އަލީ ވަހީދު ވަނީ ރާއްޖެ ވަޑައިގެންފައި

ތަފްސީލް - ސުޕްރީމް ކޯޓުން މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން އިއްވި ޖަލު ހުކުމް މީގެ ދެ މަހެއްހާ ދުވަސް ކުރިން އެ ކޯޓުން ވަނީ މައާފްކޮށްދީފަ އެވެ. އެއީ، އެނގިފައިވާ ގޮތުގައި، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަލީ ވަހީދު މައާފަށް އެދިވަޑައިގެންފައިވާތީ އެވެ.

އެ ގަވާއިދު ބުނާ ގޮތުން، ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހުުކުމެއް އިއްވާފައިވާ މީހަކު ތެދު ނިޔަތުގައި މައާފަށް އެދޭ ހާލަތުގައި މައާފް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް