ރައީސް މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު 12 ގަޑިއިރަށް ވުރެ ދިގުކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: އެމަނިކުފާނުގެ ވާހަކަތަކުގައި ދޮގާއި ތެދު ހިމެނޭ އަދި ސައްހަ ނޫން މައުލޫމާތު ވެސް ދެއްވި (ފޮޓޯ/ރައީސް އޮފީސް)

ފެކްޓް ޗެކް

ރައީސްގެ 12 ގަޑިއިރުން ދޮގުތަކާއި ތެދުތައް

ރައީސް ބޭއްވެވި 12 ގަޑިއިރާއި 38 މިނެޓްގެ ނޫސް ކޮންފަރެންސްގައި ދޮގު ވާހަކަތަކާއި ތެދު ވާހަކަތައް އަދި ސައްހަ ނޫން މައުލޫމާތުތައް ވެސް ދެއްވި؛ އޭގެ ތެރެއިން އާންމުންގެ ސަމާލުކަން ބޮޑަށް ހުއްޓުނު ވާހަކަތައް މި ވަނީ ފެކްޓްޗެކްކޮށްފައި

މިދިޔަ ހޮނިހިރު ދުވަހު ރައީސް މުހައްމަދު މުއިއްޒު ބޭއްވެވި 12 ގަޑިއިރާއި 38 މިނެޓް (ބްރޭކް ކަނޑާފައި) ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ގިނަ ވާހަކަތައް އެކި ފަރާތްތަކުން ނަގަނީ އެކި ގޮތަށެވެ. އެއް ބަޔަކަށް ދޮގެވެ. އަނެއް ބަޔަކަށް އެއީ ތެދެވެ. އެ ބަޔަކު އެ ހުރި ފަޅިއެއްގެ ގޮތުން ގަބޫލުކުރަން ބޭނުންވާ ގޮތަކަށް ގަބޫލުކުރަނީ އެވެ. 

'ދައުރު'އިން މިވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަތަކުގެ ތެރެއިން ފާހަގަކުރެވޭ އަދި ގިނަ ބަޔެެއްގެ ސަމާލުކަން ހުއްޓުނު މުހިންމު ވާހަކަތަކުގެ ފެކްޓް ޗެކެއް ނުވަތަ ތެދު ދޮގު ހުރި މިންވަރު ވަޒަންކޮށްފަ އެވެ. 

އެކަން ކުރުމުގައި އިންޓަނޭޝަނަލް ފެކްޓް ޗެކިން ނެޓްވޯކް (އައިއެފްސީއެން)އިން ކަނޑައަޅާފައިވާ ފެކްޓްޗެކް ކުރުމުގެ އުސޫލުތަކުގައިވާ ގޮތުގެ މަތިން ބަލާފައި ވާނީ: 

  • ރައީސް ދެއްކެވި ވާހަކައަށް ބާރު ދޭ ހެކި ހުރި މިންވަރާއި ތަފާސްހިސާބަށް

  • ކަމުގެ ވަށައިގެންވާ ކަންކަމާއި ބޮޑު މަންޒަރަށް 

  • އަދި އިތުބާރުހުރި މަސްދަރުތަކުން ދީފައިވާ މައުލޫމާތުތަކާއި ހެކިތައް ގުޅުވާލުމުން ނުކުންނަ ނަތީޖާއަށް

ރޭޓިންތަކުގެ ހުލާސާ: 

  • ތެދު - އެއްވެސް ޝައްކެއް ނެތް މިންވަރަށް ތެދެއް 

  • ދޮގު - އެއްވެސް މިންވަރަކަށް ހަގީގަތެއް ނުހިމެނޭ ސީދާ ދޮގެއް 

  • ބޮޑުބައި ތެދު - މައިގަނޑު ކަންކަން ތެދު ނަމަވެސް، ބައެއް މައުލޫމާތު މުޅިން ސައްހައެއް ނޫން  

  • ބޮޑުބައި ދޮގު - މައިގަނޑު ކަންކަން ދޮގު ނަމަވެސް، ބައެއް ސައްހަ މައުލޫމާތު ހިމެނޭ

1.  ރައީސް ވިދާޅުވީ: "އަޅުގަނޑު ނުފޯރުވަމޭ ޖުޑީޝަރީއަކަށް ނުފޫޒެއް. ދުވަހަކު ވެސް. ޖޭއެސްސީ އަކީ އަޅުގަނޑު ކޮންޓްރޯލު ކުރާ ތަނެއް ނޫން. ޖުޑިޝަރީ އަކީ އަޅުގަނޑުގެ ކޮންޓްރޯލުގައި ހިންގާނެ ތަނެއް ނޫން." | ދޮގެއް

އިތުބާރުހުރި އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުން ދީފައިވާ މައުލޫމާތުތަކާއި ވަށައިގެންވާ ކަންކަމާއި ހަގީގަތްތަކަށް ބަލާއިރު މިފަހުން ސުޕްރީމް ކޯޓުން ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމާއި އެކަމާ ގުޅިގެން ހިނގައި ދިޔަ ކަންތައްތަކަކީ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ހިނގާފައިވާ ކަންތައްތަކެވެ. އަދި އެ ކަމުގައި ކަންކަން ހިނގައިގެން ގޮސްފައިވާ ގޮތަކީ އިއްތިފާގެއް ނޫން ކަން، ކަން ހިނގި ގޮތުގެ ޓައިމްލައިނަށް ބެލުމުން ވެސް ސާފުވެ އެވެ.

ކަންކަން ހިނގި ގޮތް:

  • ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ ނިމެންދެން، ގާނޫނުއަސާސީއަށް އިތުރުކުރި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކުގެ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅާފައިވޭ

  • އެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއްގެ ނޯޓިސް ފޮނުވީ މިދިޔަ 25 ފެބްރުއަރީގެ ރޭގަނޑު 9 ޖަހާއިރު؛ ވަގުތީ އަމުރާ ގުޅޭ އަޑުއެހުން ތާވަލުކުރީ 26 ފެބްރުއަރީގެ ހެނދުނު 11 ޖަހާއިރަށް

  • ތިން ފަނޑިޔާރެއްގެ މައްސަލަ، ކާކުކަން ނޭނގޭ ގޮތަށް އަމިއްލަ ފަރުދަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅީ އެ ދުވަހުގެ ރޭ ދަންވަރު 1 ޖަހާކަށް ހާއިރު

  • އޭސީސީގެ ރައީސް އާދަމް ޝާމިލްގެ ސިޓީއެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުވީ 26 ފެބްރުއަރީގެ ހެނދުނު 10 ޖަހަން އުޅެނިކޮށް

  • ޖޭއެސްސީގެ މެންބަރުންނަށް ކުއްލި ބައްދަލުވުމެއް 10:30ގައި ބާއްވަން އުޅޭ ކަމުގެ ނޯޓިސް ފޮނުވައި އަޑުއެހުން ފަށަން ފަނޑިޔާރުން ތައްޔާރުވެފައި ވަނިކޮށް ސަސްޕެންޑްކުރުމަށް ކޮމިޝަނުން ނިންމި

ރައީސް އާއި ޕީއެންސީގެ މަސްލަހަތު ގުޅޭ ގޮތް:

ސުޕްރީމް ކޯޓުން ބަލަން ފެށި ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ގާނޫނުއަސާސީގެ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރެއަށް އާ ހާލަތްތަކެއް އިތުރުކުރުމެވެ. އޭގެ ތެރޭގައި ޕާޓީން މެންބަރަކު ވަކިކުރުމުން ވެސް ގޮނޑި ގެއްލޭނެކަން ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ރައީސް ނިސްބަތްވާ ޕީއެންސީއަށެވެ. ޕީއެންސީން މެންބަރަކު ކަނޑާލުމުން އެ މެންބަރުގެ ގޮނޑި ގެއްލޭނެ އެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ވެސް ރައީސްގެ މަސްލަހަތު ހިމެނޭ ކަމެކެވެ. އަދި އެ ގޮތަށް މަޖިލީހުން ގާނޫނުއަސާސީ ބަދަލުކުރީ ވެސް ރައީސް އަންގަވައިގެން ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވޯޓް ދީގެންނެވެ.

ޖޭއެސްސީގެ ކޮންޓްރޯލް ސަރުކާރަށް:

ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަަށެވެ. އެއީ ސަރުކާރުގެ ބާރުން ކަނޑައެޅޭ ތިން މެންބަރެއް، ގާނޫނު ހަދާ މަޖިލީހުން ކަނޑައަޅާ ތިން މެންބަރު، ކޯޓުތަކުން ކަނޑައަޅާ ތިން މެންބަރެއް އަދި ގާނޫނީ ވަކީލެއް ހިމެނޭ ގޮތަށެވެ.

މި ވަގުތު ސަރުކާރުގެ މެޖޯރިޓީ މަޖިލީހަށް އޮތުމުން ކޮމިޝަނު ގެ10 މެންބަރުންގެ ތެރެއިން 6 މެންބަރުންނަކީ ސަރުކާރުގެ ބޭފުޅުންނެވެ. ވަކީލުން ތަމްސީލްކުރައްވާ އަލީ އަބްދުއްލަތީފްގެ ވޯޓުތައް ހުންނެވީ ވެސް ސަރުކާރުން ބޭނުންވާ ގޮތަށެވެ.

ސަރުކާރު އަދި މަޖިލީހުން ޖޭއެސްސީގައި ތިއްބެވި ބޭފުޅުން:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން، މަޖިލީހުގެ ރައީސް އިންތިހާބުގައި ވޯޓު ދޭންވީ ގޮތް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނަށް އެންގެވީ ރައީސް މުއިއްޒު)

  • ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް (ރިޒާއަކީ ޖޭއެސްސީގެ ރައީސް، ޕާލިމަންޓްރީ ގްރޫޕް ދެބައިވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ މަގާމުތަކަށް ބޭފުޅުން ކަނޑައެޅުމާއި މުހިންމު ނިންމުންތައް ޕީޖީ ގްރޫޕްގެ ރައީސް ސީދާ ނިންމަވާފައިވޭ)

  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރު އާމިނަތު އުލްމުކުލްސޫމް (ރައްޔިތުންގެ މަޖިލީހުގައި އޮތީ ޕީއެންސީގެ ސުޕަ މެޖޯރިޓީ)

  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު (ރައީސް ކަނޑައަޅުއްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، ރުހުން ހޯދުމަށް ފަހު އައްޔަންކުރެވޭ ގޮތަށް ގާނޫނުގައި ބަޔާންކުރާ މަގާމެއް)

  • ބަންޑާރަ ނައިބު އަހުމަދު އުޝާމް (ރައީސް ސީދާ އައްޔަންކުރެއްވުމުގެ ބާރު އޮންނަ މަގާމެއް، ބަންޑާރަ ނައިބު ރައީސްގެ ކެބިނެޓުގައި ވެސް އިންނަވާ)

  • ރައީސް މުހައްމަދު މުއިއްޒު ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރު ޔަޒްމީދު މުހައްމަދު

މިހާރުގެ ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބެލުމުން ވެސް އެ ކޮމިޝަންގައި ރައީސް މުއިއްޒުގެ ފުރިހަމަ ބާރު އޮތްކަން ސާބިތުވެ އެވެ. 

2. "މަސްވެރިންނަށް ފައިސާ ދިނުމުގެ ވާހަކައިގައި ޑޮލަރުގެ ވާހަކައެއް އަޅުގަނޑު ނުގެންނަމޭ އިނގޭތޯ. ޑޮލަރުން ފައިސާ ދޭ ވާހަކަ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް. އަޅުގަނޑު ދެންނެވީ 48 ގަޑިއިރު ތެރޭގައި ފައިސާ ދޭނަމޭ" | ބޮޑުބައި ތެދު

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި މަސްވެރިންނަށް ވެފައިވާ ވައުދުތަކުގައި ޑޮލަރުން މަސްވެރިންނަށް ފައިސާ ދިނުމަށް ހިމަނާފައެއް ނުވެ އެވެ. އަދި އެ މަނިކުފާނު ކެމްޕޭންގައި ދެއްކެވި ތަފްސީލީ ވާހަކަތައް ހިމެނޭ ފޮތަށް ބެލުމުން ވެސް އެފަދަ ވާހަކައެއް އެމަނިކުފާނު ވިދާޅުވެފައެއް ނުވެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތަށް މެނިފެސްޓޯގައި ވެސް ހިމަނާފައި ވަނީ:

  • މަސްކިރާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދިނުމަށް 

މީގެ އިތުރަށް ރައީސް މުއިއްޒުގެ ވާހަކައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސްވެރިންނަށް ޑޮލަރުން ފައިސާ ދޭން ވައުދުވި ކަމަށް ފާހަގަ ކުރެއްވި ނަމަވެސް އެފަދަ ވާހަކައެއް ރައީސް ސޯލިހު ވެސް ކެމްޕޭންގެ ތެރޭ ވިދާޅުވެފައެއް ނުވެ އެވެ. އަދި ކެމްޕޭންގެ ވައުދެއްގެ ގޮތުގައި ލިޔުންތަކުގައި ވެސް ހިމަނާފައެއް ނުވެ އެވެ. އެހެންކަމުން ރައީސް ސޯލިހުއަށް ނިސްބަތްކުރައްވާ މުއިއްޒު ވިދާޅުވި ޑޮލަރުން ފައިސާ ދޭން ވައުދުވީ ރައީސް ސޯލިހު ކަމަށް ވިދާޅުވާ ވާހަކައަކީ ސައްހަ ވާހަކައެއް ނޫނެވެ.

3. "މަނިޓަރީ ހާލަތު މި ވަނީ ރަނގަޅު ރާސްތާއަކަށް ގެނެވިފައި. މާޗް މަހުގެ ރިޒާވް ހުރި ހިސާބަށް ބަލާއިރު މި ދަނީ ރަނގަޅު ޓްރެންޑެއްގައި ކުރިއަށް" | ބޮޑުބައި ދޮގު

ރައީސް މުއިއްޒު ރާއްޖޭގެ މާލީ ހާލަތު ހުރީ ރަނގަޅު ރާސްތާއެއްގައި ކަމަށް ވިދާޅުވީ، މަރުކަޒީ ބޭންކް އެމްއެމްއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ރިޒާވް ނަމްބަރުތަކުގެ ޗާޓެއް ދައްކަވަމުންނެވެ. އެމްއެމްއޭގެ އެންމެ ފަހުގެ ރިޒާވް ނަމްބަރުތަކުން ދައްކާ ގޮތުގައި:

  • މިދިޔަ އަހަރު ތެރޭ ބޭނުން ކުރޭ ރިޒާވް އެކީ ހުސްވުމުގެ ހާލަތު މެދުވެރިވުމަށް ފަހު އެ އަދަދު މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ވަނީ އެއް ވަރެއްގައި ހިފެހެއްޓިފައި؛ އެވްރެޖްކޮށް ބޭނުން ކުރެވޭ ރިޒާވްގައި 169.9 މިލިއަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކާ 

  • އެހެން ނަމަވެސް، މިދިޔަ މާޗު މަސް ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 163 މިލިއަން ޑޮލަރަށް ވެއްޓިފައި؛ މިއީ މިދިޔަ ފެބްރުއަރީ މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 179 މިލިއަން ޑޮލަރަށް ވުރެ %4 ދަށް އަދަދެއް 

މަހުން މަހަށް އަޅާބަލާއިރު ރިޒާވަށް ކޮންމެވެސް ވަރެއްގެ ދަށްވުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމުގެ ސިޔާސަތާ އެކު އެމްއެމްއޭއަށް ލިބޭ އިތުރު ޑޮލަރުގެ ސަބަބުން ރިޒާވަށް ރަނގަޅު އަސަރުކޮށް ރިޒާވް މިދިޔަ އަހަރަށް ވުރެ ރަނގަޅު ހާލަތެއްގައި ބެހެއްޓޭކަން ހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން، ރިޒާވްގެ ޓްރެންޑް އަދި ހުރީ ރަނގަޅަށް ކަމަށް ބުނެވިދާނެ އެވެ.

އެހެން ނަމަވެސް، ގައުމެއްގެ މާލީ ހާލަތުގެ ދުޅަހެޔޮކަން އިގްތިސާދީ ގޮތުން މިންކުރަނީ ހަމައެކަނި ރިޒާވަށް ބަލައިގެނެއް ނޫނެވެ. އެގޮތުން ބަލާ އެހެން ކަންކަމަކީ:

މީގެ އިތުރަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ދުނިޔޭގެ ކުރިޑިޓް ރޭޓިން އެޖެންސީތައް ކަމަށްވާ ފިޗާއި މޫޑީސް އިން ވަނީ ރާއްޖޭގެ ކްރިޑިޓް ރޭޓިން ޑީފޯލްޓްވުމުގެ ރިސްކް ބޮޑެތި ގައުމުތައް ހިމެނޭ ކެޓަގަރީ ނުވަތަ ރޭޓިންއަށްލައިފަ އެވެ. 

އިގްތިސާދީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެ ސަބަބުތައް އެގޮތަށް ހުރުމާއި މިއަހަރު ވެސް ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ހިމެނި ފިޔަވަޅުތައް ތަންފީޒު ނުކުރާތީ އަދި އަންނަ އަހަރު ދައްކަން ޖެހޭ ދަރަނިތައް ރީސްޓަރަކްޗާ ކުރުން ފަދަ ކަންކަން އަދިވެސް ނުކުރެވޭތީ ރާއްޖޭގެ މާލީ ހާލަތު ހުރީ ރަނގަޅު ރާސްތާއެއްގައި ކަމަށް ނުބުނެވޭނެ އެވެ. ރާއްޖޭގެ މާލީ ހާލަތާ މެދު ކަންބޮޑުވުން ބޮޑެވެ. 

4. "ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް ފާސްކުރަން ލޮބީކޮށްފައެއް ނުވާނެ" | ދޮގެއް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް އެ ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރަން ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު، އަބްދުއްސައްތާރު މުހައްމަދު ފެބުރުއަރީ މަހު ތެރޭ އަމިއްލަ ގޮތުން މަޖިލީހަށް ހުށަހެޅުއްވި ބިލް ފާސްކުރަން ނެގި ވޯޓްގައި ޕީއެންސީގެ މެންބަރުން އެ ބިލަށް ވޯޓް ދޭން މަޖުބޫރުވާ ގޮތަށް ތްރީލައިން ވިޕެއް ނެރުނެވެ. އެ ބިލާ ގުޅޭ ގޮތުން މަޝްވަރާކުރި އެ ޕާޓީގެ ޕީޖީ ބައްދަލުވުންތަކުގައި ވެސް އަދި ޕީޖީގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިގުރާދު ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ފޮނުއްވި މެސެޖްތަކުގައި ވެސް ވިދާޅުވެފައި ވަނީ:

• އެ ބިލަށް ތާއީދުކުރަނީ ރައީސް މުއިއްޒު ހިމެނޭ ގޮތުން ޕާޓީގެ ލީޑަޝިޕުން ނިންމައިގެން ކަމަށް؛ އަދި ތްރީލައިން ވިޕް ނެރުނީ ވެސް ލީޑަޝިޕްގެ ނިންމުން އެގޮތަށް އޮތުމުން ކަމަށް ވެސް ފަލާހު ވިދާޅުވެފައިވޭ

• އެ ބިލް ފާސްކުރަން ޕީޕީއެމްގެ ބައެއް މެންބަރުން ވޯޓް ނުދެއްވުމުން އެކަމާ ހިތްޕުޅު ހަމަނުޖެހިި ރައީސް ވަނީ ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުއްވާފައި؛ އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ؛" "ޕާޓީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން އެއްވެސް ފަހަރަކު،"

އެހެން ކަމުން ރައީސް މުއިއްޒުގެ އެ މެސެޖުންނާއި އަދި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހުގެ ބަހުން ރައީސް މުއިއްޒު ވެސް އެ ބިލް ފާސްކުރަން ތާއީދުކުރައްވާ މަސައްކަތްކުރެއްވިކަން ޔަގީންކުރެވެ އެވެ. އަދި އެ ބިލް ފާސްކުރަން އެ މަނިކުފާނު ލޮބީ ނުކުރައްވާ ކަމަށް ވިދާޅުވި ވިދާޅުވުމަކީ ހެއްދެވި އިތުރުފުޅެކެވެ.

5. "ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރުމުގެ ވައުދާ އަޅުގަނޑު ހިލާފެއް ނުވަން" | ދޮގެއް

މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ އިންތިގާލީ މަރުހަލާގެ ތެރޭގައި، އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން އެ އޮފީހުގެ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ރައީސް މުއިއްޒު ނިންމަވާފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރެއްވުމަށް ކަމަށެވެ. އަދި އެ ވައުދާ ހިލާފު ނުވާ ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންގެ ބައްދަލުވުމުގައި އޭގެ ތަފްސީލެއް ނުދެއްވި އެވެ. ވިދާޅުވީ މިހާރު އެ އަދަދު އަތުގައި ނެތް ކަމަށާއި ފަހުން ދެއްވާނޭ ކަމަށެވެ. އަދި ވަނީ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައި ވާނީ ބޭކާރު ގޮތުގައި ނޫން ކަމަށް ވިދާޅުވެފަ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ ގިނަ ނުކުރަން ވީ ވައުދާ ހިލާފުނުވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ވަކިވަކިން މިނިސްޓްރީތަކަށް އާރުޓީއައި ލައިގެން 'ދައުރު'ގެ ނޫސްވެރިންނާއި އެހެން ވެސް ނޫސްތަކުން މިދިޔަ އަހަރުގެ މޭ މަހާ ހަމައަށް އެއްކުރި ސިޔާސީ މުވައްޒަފުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • އޭރު ވެސް ސީދާ ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ 1،100 ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަޒީފާގައި ތިބި

  • އެއީ މައުލޫމާތު ނުލިބުނު ތިން މިނިސްޓްރީ އަކާއި މުލިއާގެ ނުހިމަނާ

އާރުޓީއައި ލައިގެން މުއައްސަސާތަކުން ހޯދި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު، 1 މޭ 2024އާ ހަމައަށް

ރައީސް އޮފީހުގެ އޮފިޝަލަކު ވެސް ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި ރައީސް އައްޔަން ކުރައްވާ ސިޔާސީ މުވައްޒަފުންގެ އަދަދުތަކާއި އޭގެ ތަފްސީލްތައް ރައީސް އޮފީހުން ބަރާބަރަށް ބަލަހައްޓަމުން އާދެ އެވެ. އަދި ރައީސްއަށް ވެސް އެ މައުލޫމާތު އަރުވަ އެވެ. އެހެން ކަމުން ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ނޭނގޭ ކަމަށާއި ވައުދާ ހިލާފުނުވާ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަކީ ހެއްދެވި އިތުރުފުޅެކެވެ.

6. "ބަދަލު ހިފުމެއްގެ ގޮތުން ސަރުކާރަށް ޖެއްސުމަށް، ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ހުއްޓާލި. ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް، ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ" | ބޮޑުބައި ތެދު

ބައެއް ބޭސްތައް ނުލިބި ހުސްވެފައިވާ މައްސަލައިގައި 'ދައުރު'އިން ރާއްޖެއަށް ބައެއް ބޭސް ގެންނަ ފަރާތްތަކާ ސުވާލުކުރުމުން އެ ފަރާތްތަކުން ބުނީ ބައެއް ކަހަލަ ބޭސްތައް ރާއްޖެ ގެންނަނީ ވަރަށް މަދު ސަޕްލަޔަރުން ކަމަށެވެ. އެގޮތުން:

  • އެފަދަ ބައެއް ބޭސް ގެނެސްގެން އާސަންދައިން ކަނޑައެޅި އަގުގައި ވިއްކާ ނަމަ ގެއްލުން ވާތީ ބައެއް ފަރާތްތަކުން އެފަދަ ބޭސް ގެނައުން ހުއްޓާލި ކަމަށް އެ ފަރާތްތަކުން ބުނި؛ ބައެއް ބޭސްތައް ހުސްވެ ނުލިބުމުގެ އަސްލަކީ އެއީ

  • ޑޮލަރުގެ އަގަށް އަންނަ ބަދަލާއި ބޭސް ގުދަންކުރަން ހިނގާ ބޮޑު އަގާ ހުރެ އާސަންދައިން ކަނޑައެޅި ރޭޓުގައި ބޭސް ވިއްކާ ނަމަ އެކަން ކުރަން ޖެހެނީ ގެއްލުުމުގައި ކަމަށް ވާތީ ބައެއް ބޭސް ގެންނަން ހުއްދަ އޮތް ފަރާތްތަކުން އެފަދަ ބޭސްތައް ގެނައުން ހުއްޓާލީ 

އެހެންކަމުން ބައެއް ބޭސްތައް ބާޒާރުން ލިބުން ދަތިވެގެން އުޅެނީ ވިޔަފާރިވެރިން ބޭސް ގެނައުން ހުއްޓާލުމުން ކަމަށް ރައީސް ވިދާޅުވި ވާހަކައިގައި ހަގީގަތެއްވެ އެވެ.

އެހެން ނަމަވެސް، އެކަން ވިޔަފާރިވެރިން ކުރީ ގަސްތުގައި ސަރުކާރަށް ޖެއްސުން ކުރަން ނުވަތަ ބަދަލު ހިފަން ކަމަށް ރައީސް ވިދާޅުވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫނެވެ. ވިޔަފާރިވެރިން ބައެއް ބޭސް ގެނައުން ހުއްޓާލީ އާސަންދައިން ކަނޑައެޅި އަގަށް ބައެއް ބޭސް ގެނެސް ވިއްކާ ނަމަ ގެއްލުމާ ކުރިމަތިވާތީ އެވެ. އެހެންވެ، އެއީ ވިޔަފާރީގެ ނިންމުމެކެވެ.

ކޮމެންޓް (7)

ކޮސް

7 މޭ 2025
އެމް.އެމް ޓީވީއާއި ގުޅުމެެއްނެތްކަމަށް ވިދާޅުވުމަކީވެސް ހަމަ ސަތޭކަ އިންސައްތަ ދޮގެއް. މުލިޔާގެއިން ފައިސާ ބެހުމަކީ ފަންސާސް އިންސައްތަ ދޮގެެއް.
3 0

ޖުހާ

6 މޭ 2025
މިއީ ޒިންމާދާރު ނޫސްވެރިކަމަކީ. ތޭންކްސް.
13 2

ސިކުނޑި

6 މޭ 2025
99 އިންސައްތަ ދޮގު ހެދި ތެދެއްވިޔާ ހަދާފައި ހުރީވެސް އޮޅިގެން ނުވަތަ އޭގެތެރެއަށް އެހެން ދޮގެއް ވައްދައިގެން!
9 2

ކިރަމަ

6 މޭ 2025
ރަނގަޅު ނޫސްވެރިން ތިބީތީ އުފާކުރަން
18 2

ސަބާސް

6 މޭ 2025
ސާބަހޭ ދައުރު ޓީމް. ނޫސްވެރިކަން ވިކި ހުސްވެ މިގައުމުން ނެތެނީއޭ ހިތާ ހިތްވަރު އެލިފަ މިހެން ތިއްބާ މިކަހަލަ ލިޔުންތަކުން އެމާޔޫސްކަން ނެތިގެން ދޭ. ބާރުގަދަ ފަރާތްތަކާ އެއްކޮޅަށްވެސް ދެކޮޅަށްވެސް ލިޔަން ކެރެން ޖެހޭނެ. އެެއީ ނޫސްވެރިކަމަކީ.
23 5

ވަކީލްްޖީ

6 މޭ 2025
ދައުރު ނޫހުގެ ނޫސްވެރިންނަށް އިތުބާރުކުރަން. ނޫސްވެރިކަމުގެ ނަމޫނާ ތިޔަ ދައްކަނީ. ކުރިއެރުމަށް އެދެން.
19 4

ފީލިންގ

6 މޭ 2025
6 ވާހަކައެއް ފެކްޓް ޗެކްކުރި އިރު 4 ވާހަކައަކީ ދޮގަށްވީމާ އެއީ 67% ދޮގު. ސީރިއަލް ލަޔާރ އަކަށް ނުވަތަ ޕެތަލޮޖިކަލް ލަޔާރ އަކަށް ވަނީ ކިހާ މިންވަރަކަށް ދޮގު ހެދީމަބާ؟؟
27 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް