ބާޒާރުގައި މީހަކު ވިޔަފާރި ކުރަނީ: ތަކެތީގެ އަގުތައް ވަރަށް ބޮޑުތަނުން ރާއްޖޭގައި ވަނީ މައްޗަށް ޖެހިފައި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
އިންފްލޭޝަން ރެކޯޑް އަދަދަކަށް މައްޗަށް ގޮސް އަންދާޒާތައް ވެސް ފަހަނައަޅައިފި
ތަކެތީގެ އަގުތައް މައްޗަށް ދާ ވަރު ވަޒަންކުރާ، ސީޕީއައިގެ ޑިސެމްބަރު މަހުގެ ނަމްބަރުތައް ބިޔުރޯ އޮފް ސްޓެޓިކްސްއިން މިއަދު އާންމުކުރި އިރު މިދިޔަ އަހަރު ނިމުނުއިރު މުޅި ރާއްޖޭގެ އިންފްލޭޝަން ވަނީ %4.80އަށް އަރާފަ އެވެ. މިއީ މިިދިޔަ 9 އަހަރު ތެރޭ ރާއްޖޭގެ އިންފްލޭޝަން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އެގޮތުން:
-
މިދިޔަ އަހަރު ޖެނުއަރީގައި އިންފްލޭޝަން ހުރީ %0.9؛ އެހެންކަމުން މިއީ %3.9 ޕޮއިންޓް މަތިވުމެއް
-
މިދިޔަ 9 އަހަރު ތެރޭ އިންފްލޭޝަން ދެން އެންމެ މައްޗަށް ދިޔަ 2023ގައި އިންފްލޭޝަން އެރީ %4އަށް
ސީޕީއައިގެ ނަމްބަރުތަކަށް ބަލާއިރު ޑިސެމްބަރު މަހު އެކަނި އިންފްލޭޝަން ވަނީ %1.13 މައްޗަށް ޖެހިފަ އެވެ. އަދި ނޮވެމްބަރުގައި އެ އަދަދު %2.62 މައްޗަށް ޖެހުނެވެ.
އިންފްލޭޝަން މައްޗަށް ދިޔައީ ކީއްވެ؟
އިންފްލޭޝަން އެހާ ބޮޑަށް މައްޗަށް ދިޔަ މައިގަނޑު އެއް ސަބަބަކީ ސިނގިރޭޓާއި ދުންފަތުގެ އެކި ބާވަތްތަކުގެ އަގުތައް މައްޗަށް ދިޔުމެވެ. އަދި ދުންފަތުގެ ބާވަތްތަކަށް ފަހު ދެން އެންމެ ބޮޑަށް އަގުތައް މައްޗަށް ދިޔަ ރެސްޓޯރަންޓު، ކެފޭތަކުގެ ބައިގެ އަގުތައް މައްޗަށް ދިޔަ މައިގަނޑު ސަބަބަކީ ވެސް އެ ތަންތަނުން ވިއްކާ ސިނގިރޭޓް، ކޮފީ އަދި ދުފާ ތަކެތީގެ އަގު ބޮޑުވުން ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުވީ އެ ތަކެތީގެ އިމްޕޯޓް ޑިއުޓީ މިފަހުން ބޮޑު ކުރުމުންނެވެ.
ތަރުކާރާއި އާއި މޭވާގެ އަގުތައް ވެސް ބާޒާރުގައި ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން:
-
ރެސްޓޯރަންޓު އަދި ކެފޭތަކުގެ އަގުތައް - %9.19 މައްޗަށް ދިޔަ
-
ސިނގިރޭޓާއި ދުންފަތުގެ އެހެން ބާވަތްތަކުގެ އަގުތައް - %11.15 މަތިވި
-
ތަރުކާރީ - %4.48 މައްޗަށް ދިޔަ
-
މޭވާ - %2.78 މައްޗަށް ދިޔަ
މީގެ އިތުރަށް ވެސް ގޭގައި ހިފޭ ގެންގުޅޭ ތަކެތީގެ އަގުތައް %3.02ގެ ބޮޑުވުމެއް އައިއިރު މަހުގެ ބާވަތްތަކުގެ އަގު %0.65ގައި ވަނީ މައްޗަށް ގޮސްފަ އެވެ.
ޑިސެމްބަރު މަސް ތެރޭ ބައެއް ބާވަތްތަކުގެ އަގުތައް ދަށަށް ވެސް ދިޔަ އެވެ. އެގޮތުން އަގުތައް ދަށްވި ބައިތަކަކީ:
-
މުވާސަލާތީ ހިދުމަތްތަކުން - %3.73ގެ ދަށްވުމެއް
-
ކަރަންޓުން - %2.28ގެ ދަށްވުމެއް
-
ފެން - %0.69 ދަށްވުމެއް
-
ތައްޔާރީ ކާބޯތަކެތި - %0.52ގެ ދަށްވުމެއް
ބަޖެޓުގެ ލަފާކުރުންތަކަށް ވުރެ މަތި
މިއަހަރު ބަޖެޓުގައި ސަރުކާރުން ލަފާކޮށްފައި އޮތީ މިއަހަރު ރާއްޖޭގެ އިންފްލޭޝަން %3.9ގައި ހިފެހެއްޓޭނޭ ކަމަށެވެ. އެ ވަރަށް އިންފްލޭޝަން އަރަނީ ވެސް ސަބްސިޑީތަކަށް ގެންނަ ބަދަލާ ހުރެ އަގުތަކަށް އަންނަ މަތިވުމާ ހުރެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އަދި ސަބްސިޑީގެ އިސްލާހުތައް ތަންފީޒު ނުކުރާ ނަމަ، އިންފްލޭޝަން %0.8އަށް ދަށްކުރެވޭނެ ކަމަށް ވެސް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
މިހާރު ސުވާލަކީ އަހަރު ފަށަން މިޖެހުނީ ބަޖެޓުގައި ލަފާކުރި ވަރަށް ވުރެ ބޮޑު އިންފްލޭޝަނަކާ އެކު ކަމަށްވުމެވެ. އެހެންކަމުން މިއަހަރު ތެރޭ އިންފްލޭޝަން ކުޑަކުރެވިދާނެ ކަމަށް އަދި އަންދާޒާއެއް ނުކުރެވެ އެވެ. ސަބަބަކީ، ބޭރު ފައިސާގެ ތާށިކަން އެގޮތުގައި ދެމި އޮތުމެވެ.
ރޯދަ މަސް ފަދަ ތަކެތީގެ އަގުތައް ބޮޑުވާ މަހެއް ކުރިމަތީ އޮތުމާ އެކު އެކު މިއަހަރުގެ ފުރަތަމަ ކުއާޓާގައި އިންފްލޭޝަން %5އަށް ވުރެ މައްޗަށް ދާނެ ކަމަށް މިހާރު އަންދާޒާ ކުރެވެ އެވެ.
މިހާރު ވެސް އަތޮޅުތައް ވަކިން ނަގާ ނަމަ އަތޮޅުތަކުގައި ތަކެތި އަގުތައް ނުވަތަ އިންފްލޭޝަން ވަނީ %5.57އަށް ބޮޑުވެފަ އެވެ. އަދި މާލޭގައި ވަކިން އިންފްލޭޝަން ހުރީ %4.29ގަ އެވެ. އަދި އަތޮޅުތަކުގައި އިންފްލޭޝަން މަތިވާ މިންވަރު ހުރީ %1.39ގަ އެވެ. މާލޭގައި އެ އަދަދު ހުރީ %0.92ގަ އެވެ.
ކޮމެންޓް (6)
މައޭރުވެސްބުނިން
ބާބޫ
ބާބޫ އަލް އަނގޮޅިތީމީ
ބާބޫ އަލް ރަސްގެތީމީ
ބާބޫ
ތެފައާސާ.