މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެމްއޭ

އެމްއެމްއޭން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތުން؛ އިގްތިސާދަށް ލޮޅުން އަރާނެ

އެމްއެމްއޭއިން ބިން ގަތުމަށް ހޭދަކުރާ ފައިސާގެ އަދަދަކީ މިއަހަރުގެ ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭ 19 ބިލިއަން ރުފިޔާގެ %73؛ އެހެންކަމުން ބަޖެޓް ސަޕޯޓުގެ ބޮޑު ބައެއް ހޯދަނީ ފައިސާ ޗާޕްކޮށްގެން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތް

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑުން މިދިޔަ ހަފްތާ ބޮޑު ނިންމުމެއް ނިންމި އެވެ. އެ ބޭންކުގެ ބޯޑުގެ މެންބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވި ބޮޑު ނިންމުމަކީ ހުޅުމާލޭގައި ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރަން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތުމެވެ.

އިތުބާރުހުރި މަސްދަރަކުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި، އެ ބޭންކުގެ ބޯޑުގައި ނެގި ވޯޓުގައި ވޯޓް އެއްވަރުވެ، ވަކި ކޮޅަކަށް ފާހެއް ނުވި އެވެ. ދެން އެ ހިސާބުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވޯޓު ދެއްވީ 14 ބިލިއަން ރުފިޔާ އެޗްޑީސީއަށް ދައްކައި ބިން ގަތުމަށެވެ. އެ ހިސާބުން އެ ނިންމުން ބޯޑުގައި ފާސްވީ އެވެ. މިހާރު ދެން އޮތީ އެ ނިންމުން ތަންފީޒުކުރުމުގެ މަރުހަލާ އެވެ. 

އެމްއެމްއޭން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އިމާދު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެކަމަކު، އެ ނިންމުމާ މެދު ބޯޑުގައި ތިއްބެވި ބައެއް ބޭފުޅުންގެ ހިޔާލު ތަފާތުވީ ހަގީގީ ކަންބޮޑުވުންތަކެއް ހުރެގެންނެވެ. އެ ނިންމުމުގެ އިގްތިސާދީ ނުރައްކާ ބޮޑުކަމުންނެވެ. ހާއްސަކޮށް ދަރަނި ބޮޑުވެފައިވާ މި ރާއްޖޭގެ މާލީ ހާލަތު މިވަގުތަށް އޮތް ގޮތުންނެވެ. އަދި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން މިވަގުތަށް ކޮންމެހެން މަޖުބޫރުވެފައިވާއިރު އެ ނިންމުމާ އެކު ދެން ވެދާނޭ ގޮތަކާ މެދު ބޯޑުގައި ތިއްބެވި ބައެއް ބޭފުޅުން ކަންބޮޑުވި އެވެ.

އެމްއެމްއޭއިން މި ހުޅުވަނީ ނުރައްކާ ދޮރެއް

އެމްއެެމްއޭއިން މިދިޔަ ސަރުކާރުގެ ތެރޭގައި ވެސް މިފަދަ ނިންމުމެއް ނިންމި އެވެ. އެއީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުން 84،000 އަކަފޫޓުގެ ބިމެއް ގަތުމެވެ. އެފަހަރު ބިން ގަތީ 200-300 މިލިއަން ރުފިޔާގެ އަދަދެއް އެމްއެމްއޭއިން އެޗްޑީސީއަށް ދައްކައިގެންނެވެ. އެކަމަކު، އޭރު އެކަން ކުރީ އެމްއެމްއޭގައި ހުރި އެ ބޭންކުގެ އަމިއްލަ ރިޒާވް ފައިސާއިންނެވެ. ޗާޕް ޖަހައި ފައިސާތަކެއް ނެރެގެނެއް ނޫނެވެ. 

އެ ބިމުގައި ވެސް އެމްއެމްއޭއިން މާ ބޮޑު ކަމެއް އަދި ކޮށްފައެއް ނެތެވެ. އަދި އޭރު ބިންގަތީ އެ އިދާރާގެ އޮފީސް އިމާރާތް ހެދުމަށެވެ. 

ހުޅުމާލެ ފޭސް-2 އާއި އެ ސަރަހައްދުގެ ގޮނޑުދޮށް (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެކަމަކު މިފަހަރުގެ ތަފާތަކީ އެމްއެމްއޭގައި ނެތް ރައުސްމާލެއް އިތުރުކޮށްގެން ނެތް ފެންވަރުން އެކަން ކުރުމެވެ. އަދި އެކަން އެގޮތަށް ކުރުމުގެ މަގުސަދާއި އެކަމުން ނިކުންނާނެ ނަތީޖާ މިފަހަރު ނުރައްކާވެފައި ބޮޑީ އެވެ. 

އެމްއެމްއޭގެ ބެލެންސް ޝީޓުން ދައްކާ ގޮތުގައި އެމްއެމްއޭގެ ރިޒާވްގައި އެ މީހުންގެ އަމިއްލަ ފައިސާގެ ގޮތުގައި އެންމެ ގިނަ ވެގެން ވެސް ހުންނާނީ 1.4 ބިލިއަން ރުފިޔާ އެވެ. އަދި އެމްއެމްއޭގެ ޖުމްލަ ރައުސްމާލު މިވަގުތު ހުރީ 800 މިލިއަން ރުފިޔާގަ އެވެ. 

މިހާ ބޮޑު ނުރައްކަލެއް އޮތް ނިންމުމެއް ނިންމުމަށް ފަހު ވެސް އެމްއެމްއޭއިން މި ނިންމުމާ މެދު އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނުވެ އެވެ. 

އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވަނީ އެމްއެމްއޭއިން ބިން ގަތުމުގެ މުއާމަލާތް ކުރުމަކީ އެއްވެސް ހަމައަކުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ނުރައްކާ ބޮޑު ކަމެއް ކަމަށެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ މިއީ އިގްތިސާދު "ކޮލެޕްްސް" ވެދާނެ ފަދަ ނިންމުމެއް ކަމަށެވެ.

ދުނިޔޭގެ ސެންޓްރަލް ބޭންކުތަކުން އާންމުކޮށް އިންވެސްޓްކުރަނީ ރަން ފަދަ ފަސޭހައިން ފައިސާއަށް ބަދަލު ކުރެވޭ ބާޒާރަށް އަންނަ ބަދަލުތަކުން އަގު ވެއްޓުމުގެ ފުރުސަތު ކުޑަ އެސެޓްތަކަށެވެ. އަދި އެކަން ކުރަނީ އެ މީހުންގެ ރިޒާވް ފައިސާއިން އެ ފުރުސަތު ލިބޭ ނަމަ އެވެ. އަމިއްލައަށް ފައިސާ ޖަހައި ނެރެގެނެއް ނޫނެވެ.

ބިމަކީ އެހާ ފަސޭހައިން ފައިސާއަށް ބަދަލު ކުރެވޭ އެއްޗެއް ވެސް ނޫނެވެ. އަދި އެމްއެމްއޭގެ ނެތް ފެންވަރަކުން ފައިސާ އުފައްދައިގެން އެސެޓަށް އިންވެސްޓްކުރުމަކީ އިގްތިސާދީ އެއްވެސް މިންގަނޑަކުން ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. 

އިގްތިސާދީ ހަމަނުޖެހުމެއްގެ ނުރައްކާ 

އިގްތިސާދީ ވަޒީރުކަން ކުރެއްވި އަހުމަދު މުހައްމަދު ވިދާޅުވީ ހުޅުމާލެއިން ބިމެއް ގަންނަން އެމްއެމްއޭއިން ނިންމި ނިންމުމަކީ ނުސީދާ ގޮތަކުން ފައިސާ ޗާޕް ކުރުން ކަމަށެވެ. ހަމައެކަނި އެކަން ކުރާ ގޮތް ތަފާތު ކުރަނީ ކަމަށާއި ނަތީޖާއަކީ އެއް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ފައިސާ ޗާޕްކުރުމުން މިވަގުތު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާނޭ އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ދިވެހި ފައިސާގެ އަގު ދަށަށް ދިޔުމެވެ. ސަބަބަކީ ދައުރުވާ ފައިސާގެ ތެރެއަށް ރުފިޔާތަކެއް އިތުރުވުމެވެ. ހާއްސަކޮށް ރާއްޖޭގެ އިގްތިސާދުގައި އެނބުރޭ ބޭރު ފައިސާ ގިނަވާނެ މަގެއް ފެންނަން ނެތި ރުފިޔާ އިތުރުވުމެވެ.

ބާޒާރު މަތީގައި ބަޔަކު ރުފިޔާތަކެއް ގުނަނީ: ފައިސާ ޗާޕްކޮށްފި ނަމަ އޭގެއިން ނިކުންނާނޭ އިގްތިސާދީ ލޮޅުންތައް ބޮޑު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

"މިއީ ނުސީދާ ގޮތުން ފައިނޭންސިން ފަހިކޮށްދިނުމުގެ އަމަލެއް. އަދި ފައިސާ ޗާޕުކުރުމެކޭ އެއްފަދަ ކަމެއް. އެއީ އުފެއްދުންތެރިކަން އިތުރުވުމަކާ ނުލައި އިގްތިސާދަށް އާ ފައިސާ ވަންނާތީ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ. 

"ބޭންކުތަކުން މި ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ޓްރެޒަރީ ބިލްތަކާއި ބޮންޑުތައް ގަތުމުގެ ސަބަބުން މާލީ ނިޒާމުގެ ތެރޭގައި ލިކުއިޑިޓީ އިތުރުވެ، އަގުތައް މައްޗަށް ދިއުމަށް މަގުފަހިވެދާނެ."

އިންފްލޭޝަން މަތިވުމާއި އެކްސްޗޭންޖް ރޭޓަށް ކުރިމަތިވާ ޕްރެޝަރާއި ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރުވުމުގެ ސަބަބުން އިގްތިސާދުގެ ހަމަޖެހުން ގެއްލި، އިގްތިސާދު ހީނަރުވެގެން ހިނގައިދާނެ ފަދަ ކަމެއް މިއީ.

އަހުމަދު މުހައްމަދު / ކުރީގެ އިކޮނޮމިކް މިނިސްޓަރު

އޭނާގެ ވާހަކައަކަށް އެއްބަސްވަމުން ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ، އެމްއެމްއޭއިން ފައިސާ ލިބުމާއެކު އެޗްޑީސީން މާލީ ވުޒާރާއަށް ދައްކަން ހުރި ދަރަނި ދެއްކުމުގެ ނަމުގައި އެ ފައިސާގެ ވަރަށް ބޮޑު ބައެއް ސަރުކާރަށް ދައްކާނެ އެވެ. އެއާ އެކު، ދެން ފިނޭންސް މިނިސްޓްރީން އެ ފައިސާ ބޭނުން ކުރާނީ އެކި ހަރަދުތައް ހަމަޖެއްސުމަށެވެ. 

"އޭރުން އެ ފައިސާއަކީ ލޯކަލް އިކޮނޮމީ ތެރެއަށް ވަންނާނެ ފައިސާ އެއީ. އޭރުން ފައިސާ ޗާޕް ކުރުމޭ އެވީ އެއްވަރު. ޑޮލަރު ފަހާ ދުވާ ރުފިޔާ އޭރުން އެ ގިނަވަނީ،" އެ ބޭފުޅާ ވެސް ވިދާޅުވި އެވެ. 

ބަޖެޓް ސަޕޯޓް ފައިސާގެ ބޮޑު ބައެއް ޗާޕްކޮށްގެން

އޭނާ ލަފާކުރައްވާ ގޮތުގައި އެ ފިޔަވަޅު އަޅަން ސަރުކާރަށް މަޖުބޫރުވެގެން އުޅެނީ މިއަހަރު ބަޖެޓް ޑެފިސިޓަށް ފައިނޭންސް ހޯދަން ރޭވި ގޮތަށް ފައިސާ ނުހޯދިގެންނެވެ. ހާއްސަކޮށް ރާއްޖޭގެ މާލީ ރޭޓިންތައް ހުރި ގޮތުން ބޭރުގެ ފައިނޭންސިން އާއި ޓީބިލްތައް ވިއްކަން ސަރުކާރަށް އުނދަގޫވުމަކީ މިފަޔަވަޅު އަޅާ ސަބަބެއް ކަމަށް ވެދާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި އާމްދަނީއަށް ވުރެ އިތުރަށް ހިނގާ ހަރަދުތައް ފޫބައްދަން 19 ބިލިއަން ރުފިޔާ މިއަހަރު ހޯދަން ޖެހެ އެވެ. އެގޮތުން، ސަރުކާރުން އެ ފައިސާ ހޯދަން ރާވާފައިވާ ގޮތަކީ:

  • ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓް ލޯން - 7 ބިލިއަން ރުފިޔާ

  • ރާއްޖޭގެ އެތެރޭގެ ބާޒާރުން - 5 ބިލިއަން ރުފިޔާ

  • މަޝްރޫއުތައް ހިންގުމަށް ސޮއިކޮށްފައިވާ ލޯންތަކުން - 5.1 ބިލިއަން ރުފިޔާ

  • ދަރަނި ދައްކަން އެސްޑީއެފުން ފައިސާ ނެގުން - 2 ބިލިއަން ރުފިޔާ

ބަޖެޓުގައި ވެސް ލަފާކޮށްފައިވާ ގޮތުގައި ބަޖެޓް ފައިނޭންސިންއަށް ހޯދަން ޖެހޭ ފައިސާ ގިނަކަމުން އާންމު ހާލަތެއްގައި އެވަރަށް ފައިސާ ހޯދަން އުނދަގޫވާނެ އެވެ. އެ ހާލަތުގައި ސަރުކާރުން ވިސްނާފައި ވަނީ ހަރަދު ކުޑަކުރަން ކަމަށް ވެސް ބަޖެޓުގައި ވަނީ ބުނެފަ އެވެ. 

ބަޖެޓު ކޮމިޓީގައި ބަޖެޓް ދިރާސާކުރުމަށް ޓަކައި މެންބަރުން ބަޖެޓް ފޮތުގެ ތަފާސްހިސާބުތަކެއް ބަލަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ނަމަވެސް މިހާރު ސުވާލަކީ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ހިޔާލު ދޫކޮށްލުން ކަމަށް ވެދާނެ އެވެ. އޭގެ ބަދަލުގައި ހަރަދުތައް ހުރި ވަރެއްގައި ބަހައްޓައިގެން ފައިސާ ޗާޕްކޮށްގެން ހަރަދުތައް ހަމަޖައްސަން ސަރުކާރުން ވިސްނަނީ ކަމަށްވުން ކަމަށް ގާތެވެ. އެމްއެމްއެމްއޭ އިން ބިން ގަންނަން ހަރަދުކުރަން ނިންމާފައިވާ 14 ބިލިއަނެއްހާ ރުފިޔާ އަކީ ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނޭ ކަމަށް ލަފާކޮށްފައިވާ  އަދަދުގެ %73 އެވެ. އެހެންކަމުން އެމްއެެމްއޭއިން އެ އަދަދަށް ފައިސާ ނެރެފި ނަމަ ސަރުކާރުން އިތުރަށް ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނީ 5 ބިލިއަނެއްހާ ރުފިޔާ އެވެ. އެއީ މަޝްރޫއުތައް ހިންގަން ސޮއިކޮށްފައިވާ ލޯނުތަކުން ލިބޭ ފައިސާ ނޫން ހުރިހާ ފައިސާއެއް ބަޖެޓަށް ހޯދަނީ ފައިސާ ޗާޕްކޮށްގެން ކަމަށް ބުނެ ހިސާބުތަކުން ބާރު ލިބެ އެވެ.

ތަކެތީގެ އަގު ބޮޑުވުން؛ ޑޮލަރުގެ އަގު މައްޗަށް

އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރުން 7-8 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޗާޕްކޮށްގެން ނެރެ، އިގްތިސާދުގެ އުފެއްދުންތެރިކަމުގެ ގާބިލުކަމަށް ވުރެ ފައިސާގެ ސަޕްލައި އިތުރުކުރުމުގެ ނަތީޖާއަކީ ޑޮލަރު ރޭޓް 18-19ރ. އާ ދޭތެރޭގެ އަދަދަކަށް އެރުމެވެ.

އިގްތިސާދީ ދާއިރާގެ ބައެއް ބޭފުޅުންގެ ލަފާކޮށްފައި ވަނީ އިތުރު ފައިސާ ޗާޕްކޮށްފި ނަމަ މިހާރު ހުރި ޑޮލަރުގެ ރޭޓް 20ރ. ހުރަސް ކުރާނޭ ކަމަށެވެ. ނަތީޖާއަކީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އަނެއްކާވެސް ބޮޑުވުމެވެ. ބޮޑުކުރަން ވިޔަފާރިވެރިންނަށް މަޖުބޫރުވާ ފަދަ އިގްތިސާދީ ހާލަތްތަކެއް ކުރިމަތިވުމެވެ.

މިހާރު ވެސް ރާއްޖޭގެ އިންފްލޭޝަން ވަނީ މިއީ މިިދިޔަ 9 އަހަރު ތެރޭ މައްޗަށް ނުދާހާ ވަރަށް މައްޗަށް ޖެހިފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު މުޅި ރާއްޖޭގެ އިންފްލޭޝަން ވަނީ %4.80އަށް އަރާފަ އެވެ. އަދި އަތޮޅު ތެރޭގެ އިންފްލޭޝަނަށް އެކަނި ބަލާ ނަމަ އެ އަދަދު ހުރީ %5.57 އެވެ.

މިއަހަރު ބަޖެޓުގައި ސަރުކާރުން ލަފާކޮށްފައިވާ އަދަދަށް ވުރެ މާ މައްޗަށް އިންފްލޭޝަން މިހާރު ވެސް މި ވަނީ އަރައިފަ އެވެ. ސަރުކާރުން ލަފާކުރީ މިއަހަރު  އިންފްލޭޝަން %3.9ގައި ހިފެހެއްޓޭނޭ ކަމަށެވެ. އެކަމަކު ފައިސާ ޗާޕް ކުރާ ނަމަ އެއީ ހާސިލް ކުރެވޭނޭ ކަމެއް ނޫން ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. 

"ފައިސާގެ ސަޕްލައި އިތުރުވެ، އިންފްލޭޝަންގެ ޕްރެޝާ އިތުރުވުމާ ގުޅިގެން، ރުފިޔާއަށް އޮންނަ އިތުބާރު ކުޑަވެ ނުވަތަ އިންފްލޭޝަނުން ރައްކާތެރިވުމަށް، ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ރުފިޔާ ބޭރު ފައިސާއަށް ބަދަލުކުރުމަށް މަސައްކަތް ކުރާ މިންވަރު އިތުރުވާނެ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ. 

ލޯކަލް މާރުކޭޓް ސަރަހައްދުގައި ވިއްކަން ބަހައްޓާފައިވާ ތަރުކާރީ އާއި މޭވާތަކެއް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މީގެ އިތުރުން އޭނާ ވިދާޅުވީ ބޭރު ފައިސާއަށް ޑޮލަރު ފަހާ މީހުން ދުވާވަރު އިތުރުވުމާ އެކު ރުފިޔާގެ އަގު ދަށްވެ، އިމްޕޯޓުކުރުމަށް ހިނގާ ހަރަދު ބޮޑުވުމުން ކަރަންޓް އެކައުންޓް ޑެފިސިޓް ނުވަތަ ދަރަނި އިތުރުވާނެ ކަމަށެވެ.

"ރުފިޔާގެ އަގު ދަށްވުމުގެ ސަބަބުން ބެލެންސް އޮފް ޕޭމަންޓްސްއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރިމަތިނުވެ ނުދާނެ. ހާއްސަކޮށް ބޭރުގެ ދަރަނި އަދާކުރުމުގެ ހަރަދުތައް އިތުރުވާނެ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ. 

"އިންފްލޭޝަން މަތިވުމާއި އެކްސްޗޭންޖް ރޭޓަށް ކުރިމަތިވާ ޕްރެޝަރާއި ކަރަންޓް ކައުންޓް ޑެފިސިޓް އިތުރުވުމުގެ ސަބަބުން އިގްތިސާދުގެ ހަމަޖެހުން ގެއްލި، އިގްތިސާދު ހީނަރުވެގެން ހިނގައިދާނެ ފަދަ ކަމެއް މިއީ." 

ފައިސާ ޗާޕްނުކޮށް ސަރުކާރަށް މިވަގުތަށް ކުރެވެން އޮތް ކަމަކީ ހަރަދުތައް ކުޑަކުރުމެވެ. ހާއްސަކޮށް ކުންފުނިތަކަށް ކުރާ ހަރަދުތަކާއި މުވައްޒަފުންގެ މުސާރަތަކާއި އެލަވަންސާއި ސަރުކާރުގެ މުވައްޒަފުންގެ އަދަދުތައް މަދުކުރުމެވެ. އެކަމަކު ސުވާލަކީ ސަރުކާރަށް އެކަން ކުރުމުގެ ސިޔާސީ ގާބިލްކަން އެބަހުރި ހެއްޔެވެ؟ އެހެން ހިތްވަރު ނެތް ނަމަ ފައިސާ ޗާޕްކުރުން ނޫން ގޮތެއް އޮތް ކަމަކަށް ނުފެނެ އެވެ. އެކަމަކު އެކަން ކޮށްފި ނަމަ ނަތީޖާއަކީ އިގްތިސާދީ ވޭންތަކެއް އުފުލަން ޖެހުމެވެ. އާންމު މީހާއަށް އެއީ އަގުތައް މަތިވުމެވެ. ވިޔަފާރިވެރިންނަށް އެ މީހުންގެ ވިޔަފާރިތަކުގެ ވިކުރާ ދަށްވުމެވެ. 

ކޮމެންޓް (3)

ތެފައާސާ.

12 މާރިޗު 2025
މޭޔަރަކަށް ހުންނެވިއިރު ކައުންސިލަށް ފައިސާ ހޯދަން ކުއިކް ފިކްސްއެއް ގޮތަށް ކުރެއްވި ކަމަކީ، އޭގެ ދުރުރާސްތާ ނަތީޖާއަށް ބެލުމެއް ނެތި މަގުތަކުގައި ގޮޅި ކުރަހައިގެން ވިއްކީ. މިހާރު ރައީސްކަމަށް ވަޑައިގެން ބަޖެޓް ސަޕޯޓް ހޯއްދަވަންވެސް މި ކުރަނީ ހަމަ އެއްކަމެއް. ހުޅުމާލޭގެ ބިމުގައި ގޮޅި ކުރަހައިގެން ސެންޓްރަލް ބޭންކަށް ވިއްކަނީ. ހައްތާވެސް ކުއިކް ފިކްސް. ދުރުރާސްތާގެ ވިސްނުމެއް އަމުދުން ނުވެސް ނެތީ. ހުރިހާ ގެއްލުމެއް އަހަރެމެން ރައްޔިތުންނަށް.
9 1

ސިކުނޑި

12 މާރިޗު 2025
@ތެފައާސާ. ދުރުރާސްތާ ޕްލޭނެއް ނުގެންގުޅެނީ ގަސްތުގައި! އެހެން ނިޔަތެއްވެސް އެކަމުގައި އޮންނާތީ! ގައުމަށް ރައްޔިތަށް ހެވެއް އެދިގެން ކަންކުރާ މީހަކުނެތް!
0 1

ސިކުނޑި

12 މާރިޗު 2025
@ތެފައާސާ. ކައުންސިލަށް ލިބުނީ 1500، ޕާކިން ވިއްކީ 30-40 ހާހަށް! މިހާތަނަށް މުއީޒު ކުރެއްވި އެއްވެސް ކަމެއްގައި ރަނގަޅު ނަތީޖާއެއް އެބަފެނޭ އިނގޭތޯ؟ އެއޮތީ ރަސްފަންނު ދުވާ ޓްރެކް، އިންޑަސްޓްރިއަލް އޭރިޔާ، މުއިޒުނެރު، ޕާކުތަކާއި މައިޒާންތައް .... ކޮންމެ ކަމެއްވެސް ކޮށްފައި އޮތީ އަމާބުނީތީ ފަރަށްދާހެން! އެކަމަކު ފައިސާ ޚަރަދުކުރި!
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް