ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީގެ އުފާ ފާޅުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް ސެންޓަރުގައި ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ސިޔާސީ މަގާމުތައް 700އަށް ވުރެ އިތުރު ނުކުރަން މުއިއްޒު ނިންމަވައިފި

އެއީ މި ސަރުކާރާއި ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ތިބި ސިޔާސީ މަގާމުތަކަށް ވުރެ މަދު އަދަދެއް ކަމަށް ފިރުޒުލް ފާހަގަކުރެއްވި

އަންނަ މަހުގެ 17ގައި ވެރިކަމާ ހަވާލުވާ އާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700އަށް ވުރެ ގިނަ ނުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - މިކަން ހާމަކުރެއްވީ، އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލެވެ.

ބުނީ ކީކޭ؟ - "އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ މި ވަނީ، ސަރުކާރު އެކުލަވާލުމުގައި ސިޔާސީ މަގާމުތަކާ ގުޅޭ ގޮތުން މުހިންމު ނިންމުމެއް ނިންމަވާފައި. [އެއީ] އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު700އަށް ވުރެ ގިނަ ނުކުރުމަށް،" ފިރުޒުލް ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ އިންތިގާލީ އޮފީސް)

ތަފްސީލު - ފިރުޒުލް ވިދާޅުވީ:

  • އޭގެ ތެރޭގައި ރައީސް އޮފީހާއި މިނިސްޓްރީތަކާާއި ރައިސް އަދި ނައިބު ރައީސްގެ ގެކޮޅަށް އައްޔަން ކުރާ އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށް

  • ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 1،063

"އަދި ހަމަ އެހެންމެ، މި އަދަދަކީ، [ކުރީގެ] ރައީސް [އަބްދުﷲ] ޔާމީންގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކަމަށް، މިއަދުގެ ސަރުކާރުގެ ކުރީގެ ތަރުޖަމާނު [މަބްރޫކު އަބްދުލްއަޒީޒް] ފާހަގަކުރައްވައިވާ 808އަށް ވުރެ ވެސް މަދު އަދަދެއް،" ފިރުޒުލް ވިދާޅުވި އެވެ.

ކޮމެންޓް (3)

ހަސަންދީ

10 އޮކްޓޯބަރު 2023
ރަނގަޅު ވެރިކަމެއްގެ ކުލަވަރު އެބަފެނޭ. ތިގޮތަށް ދެމިހުންނަވާނެ ކަމަށް އުއްމީދު ކުރަން.
1 0

ހަސަނު

10 އޮކްޓޯބަރު 2023
ތިގޮތަށް ކަންތައް ކުރައްވައިފިއްޔާ ވަރަށް ރަނގަޅު. އަސްލު 700 ވެސް ގިނަ.
4 0

ގުޑް ގަވަނެންސް

10 އޮކްޓޯބަރު 2023
ރަނގަޅު ނިންމެވުމެއް. މަތިބަރުވުމަކީ ކޮރަޕްޝަންވެސް އިތުރުވެ އާލާވާ ކަމެއް.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް