ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައި (ދައުރު ފޮޓޯ)

މިއީ ހާދަވޭނެކޭ، ހާދަ ހިތްދައްޗޭ

މިދިޔަ ފަސް އަހަރުގެ ތެރޭގައި މަގުމަތީގެ އެކްސިޑެންޓުތަކުގައި 31 މީހަކު މަރުވެފައިވާއިރު، މިއިން ކޮންމެ މަރަކީ ވެސް އެތައް ބަޔަކަށް ލިބޭ ވޭނެއް
8 ސެޕްޓެމްބަރު 2024
2

މުހިންމު ނުކުތާތައް

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގައި މީހުން އުޅެން ފެށުމުން ލައިންސް ނެގުން ބޮޑު ތަނުން އިތުރުވެފައިވާ ކަމަށް

އެކްސިޑެންޓްތަކުގައި ބައެއް ފަހަރަށް ގޯސް ހެދިފައި ހުންނަނީ އަނިޔާ ލިބޭ މީހުންކަން ފާހަގަކުރެވޭ

ލައިންސް މިހާރު ދޫކުރާ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި

ދުނިޔޭގައި ހުރި ނަމަ، މީގެ ދެ ދުވަސް ކުރިން، ފާތުމަތު ވަހީދާގެ ދޮށީ ފިރިހެން ދަރިފުޅަށް 25 އަހަރު ފުރޭނެ އެވެ. އެކަމަކު ދުށް ހުރިހާ ހުވަފެނަކާއި ކުރި އުއްމީދުތަކުގައި ކުލަނުޖެހި އުޅެނިކޮށް، މާލޭގެ މަގުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އޭނާގެ ދަރިފުޅު މަރުވީ އެވެ. 

އުމުރުން މިހާރު 50 އަހަރާ ގާތްކުރާ ފާތުމަތުގެ ބަހުން ނަމަ، އެ ދަރިފުޅަކީ އޭނާގެ މުޅި ދިރިއުޅުމެވެ. ކައިވެންޏަށް އެތައް އަހަރެއް ވީއިރު ވެސް ދަރިއަކު ނުލިބި ވޭތުވުމަށް ފަހު، އެތައް ދުއާއަކަށް ފަހު މާތް ﷲ އޭނާއަށް ލެއްވެވި ރަހުމަތެކެވެ. ރަށުން ކިޔަވާ ނިންމުމުން، ހިތާ ދެކޮޅަށް ވަޒީފާއަކަށް މާލެ ފޮނުވީ މަންމަ އާއި ހަގަށް ތިބި ކޮއްކޮމެންގެ ދިރިއުޅުން އާރާސްތުކޮށްދިނުމަށް އެހީވުމަށް އެދެމުންދާތީ އެވެ.

އެކަމަކު ދޮށީ ދަރިފުޅުގެ ވަޒީފާއަށް ބަރޯސާވެގެން، އުފަލާއި ފުދުންތެރިކަމާ އެކު ދިރިއުޅެމުން އައި އެ އާއިލާގެ އުފަލުގައި ސިއްކަ ޖެހުނީ، ފާތުމަތު ގަބޫލުކުރާ ގޮތުގައި, ހަމަ އެންމެ މީހެއްގެ ފަރުވާ ކުޑަކަމުންނެވެ. ހަމައެއް ލަމައެއް ނެތި، ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްގައި، އޭނާގެ ދަރިފުޅު ދުއްވި އުޅަނދު ޖެހި ހިނގި އެކްސިޑެންޓުގައި  ގެއްލިގެން ދިޔައީ، އޭރު އުމުރުން 22 އަހަރުގެ ޒުވާނާގެ ފުރާނަ އެކަންޏެއް ނޫނެވެ. އެ އާއިލާގެ ރޫހެވެ.

ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައި (ދައުރު ފޮޓޯ)

"އަދިވެސް ހީވަނީ ހަމަ ދެންމެ ވީ ކަމެއްހެން. އަދިވެސް މި މަންމަގެ ލޮލަށް ހަމަނިދި ނުލިބޭ،" ކުރެހިފައިވާ އަޑަކުން ފާތުމަތު ބުންޏެވެ.

"މިއީ ހާދަ ވޭނެކޭ، ހާދަ ހިތްދައްޗޭ." 

އެ އެކްސިޑެންޓަށް ފަހު، ފާތުމަތަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އޭނާ ބަލަނީ މާލޭގެ ފަސްގަނޑަށް ނާރާވޭތޯ އެވެ. ހަގަށް ތިބި ދަރިން، ދަތުރުވަރެއްގައި މާލެ އަޔަސް، އޭނާއަށް ލޮލުފިޔައެއް ނުޖެހެ އެވެ. ހީވަނީ ހަމަ ދެންމެ ދެންމެ، ހޮސްޕިޓަލުން ގުޅާފައި "ދަރިފުޅު އެކްސިޑެންޓް ވެގެން ގެނެސްފިޔޭ" ބުނެފާނެހެންނެވެ.

"މިއީ މިންވަރުފުޅު. އަޅުގަނޑު ބަލަން ހިތްވަރު ކުރެވޭތޯ. މީހުންނަށް ހިނިތުންވެލެވޭތޯ،" ފާތުމަތު ބުންޏެވެ.

"މާލޭގެ އެ ފަސްގަނޑުގައި އެގޮތަށް ކިތައް ޒުވާން ފުރާނަ ހިނގައްޖެތޯ. އެ ކުދިންގެ އާއިލާގެ ހިތުގައި ވެސް ހަމަ މިގޮތަށް ވޭން އަޅާނެ ދެއްތޯ."

ފާތުމަތުގެ ދަރިއެކޭ އެއްގޮތަށް، ހުޅުމާލޭގައި އިއްޔެ ރޭ މެންދަމު ހިނގި އެކްސިޑެންޓެއްގައި މަރުވި ޒުވާނާގެ އުމުރަކީ ވެސް 23 އަހަރެވެ. ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން ދިޔަ، އުއްމީދީ އެ ޒުވާނާ މަރުވީ އޭނާ އެންމެ ޝައުގުވެރިކަމާ އެކު ދުވެ އުޅުނު މެރެތަނެއްގައި ބައިވެރިވުމަށް ގޮސް އުޅެނިކޮށެވެ.

މިދިޔަ ހަފުތާގައި މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނާ، އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު ވަނީ މަރުވެފަ އެވެ. އުމުރުން އެންމެ 21 އަހަރެވެ.

އަނެއްކާވެސް އެހެން އާއިލާއަކަށް، ކެތްނުވާވަރުގެ ވޭނެކެވެ.

މަރުގެ އެކްސިޑެންޓުތައް ފުލުފުލުން

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލަކަށް ގެއްލުންވެފައި. އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި. (ދައުރު ފޮޓޯ)

މިދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގި މަގުމަތީގެ އެކްސިޑެންޓުގައި 31 މީހަކު ވަނީ ދުނިޔެ ދޫކޮށްފަ އެވެ. އޭގެ ތެރެއިން:

  • 14 މީހުން މަރުވީ މާލޭގައި ހިނގި އެކްސިޑެންޓުތަކުގައި

  • ދެ މީހަކު ފިޔަވައި އެންމެން ވެސް މަރުވެފައިވަނީ ބްރިޖް މަތީގައި ނޫނީ ހުޅުމާލޭގައި ހިނގި ހާދިސާތަކުގައި

  • ވަރަށް ގިނަ އެކްސިޑެންޓުތަކުގައި  ދިގު މުއްދަތަކަށް ބޭސް ކުރަން ޖެހޭ ކަހަލަ އަނިޔާ ލިބިފައިވޭ، އަދި ފުރާނަ ސަލާމަތްވިޔަސް މުޅި އުމުރަށް ނުކުޅެދުންތެރި މީހަކަށް ވެފައިވޭ

  • މި އަހަރުގެ މިހާތަނަށް 1،907 އެކްސިޑެންޓު ހިނގާފައިވޭ

'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ކުއްލިއަކަށް ގިނަވީ، މާލެ އާއި ހުޅުމާލެއާ ގުޅުވާލާފައިވާ ސިނަމާލެ ބްރިޖް ހެދުމާއި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން އާބާދުވުމާ އެކު އައި ހޭލަމޭލަކަމާ އެކު އެވެ.

ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިއިރު، ސްކޫލާއި އާއްމު ގިނަ ހިދުމަތްތަކެއް އެތަނުން ލިބޭކަށެއް ނެތެވެ. އެހެންވެ، ކުދިން ސްކޫލަށް ދިޔުމާއި ވަޒީފާއަށް ދިޔުމަށް ވެސް ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު، މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން ޖެހުނެވެ. ދެ ވަނަ ފިޔަވަހީގައި އޭރު ސްކޫލެއް ނުހުންނާތީ، މާލޭގައި ހުންނަ ސްކޫލަށް ކުދިން ގެނެސް ގެންގޮސް ހެދުމަށް ވެސް އިތުރު އެތައް ބަޔަކު ލައިސަންސް ނަގައި، އުޅަނދު ދުއްވަން ފެށި އެވެ.

މާލޭގައި ބަހަކާއި ކާރެއް އެކްސިޑެންޓުވެފައި. މި ފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ދަނީ ގިނަވަމުން (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ކޮމިޝަނަރު ވިދާޅުވި ގޮތުގައި، 2020 ވަނަ އަހަރު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާ އެކު ރެކޯޑު މިންވަރަކަށް މީހުން ލައިސަންސް ނެގި އެވެ.

"ކުރިން ވާއެއްޗަކީ، މާލޭގައި ވަޒީފާގައި އުޅެފައި ވަގުތު ހޯދައިގެން ވެސް މަންމަ ނުވަތަ ބައްޕަ ސްކޫލު ދޮށަށް ދާނެ. އެކަމަކު މިހާރު ވަޒީފާގައި ހުރެފައި ކުދިން ގޮވައިގެން ދެ ވަނަ ފިޔަވައްސަށް ދާނެ ވަގުތު ނޯންނާތީ، ގޭގައި ތިބޭ އެހެން މީހުން އެބަޖެހޭ އެކަން ކުރަން،" ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހެދި ދިރާސާއަކުން ވެސް ދައްކާގޮތުގައި އެންމެ ގިނަ ބަޔަކު ލައިސަންސް ނެގީ ސްކޫލު ދޮށަށް ކުދިން ބަލައި ދިޔުމަށް." 

އުޅަނދު ދުއްވުމަށް ލައިސަންސް ނަގާ މީހުންގެ އަދަދު މި ފަހަކުން އިތުރުވެފައިވާއިރު، ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އޮންނަ ގޮތް ރަނގަޅުކަމަކަށް ޝުޖާއު ގަބޫލެއް ނުކުރައްވަ އެވެ. ލައިސަންސް ދޫކުރަނީ، ގަވައިދުތަކާއި އުސޫލުތައް ދަސްކޮށްގެން، އެންމެ ރަނގަޅަށް ދުއްވަން އެނގޭ މީހުންނަށްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެކަން އޭނާ ފާހަގަކުރެއްވީ، ބައެއް އެކްސިޑެންޓުތަކުގައި، ލައިސަންސް އޮންނަ މީހުން ވެސް ނުގަވައިދުން ނޫނީ އުސޫލުތަކުގެ ބޭރުން ދުއްވާފައިވާތީ އެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ހަލާކުވެފައި. މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި (ދައުރު ފޮޓޯ)

ޝުޖާއު ވިދާޅުވި ގޮތުގައި ކުރީރޭ މެންދަމު، ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒުވާނަކު މަރުވީ ވެސް، ލައިސަންސް ނެގުމުގެ ކަންކަން މުރާޖައާކޮށް ބަދަލުގެނައުމުގެ ދަނޑިވަޅެއްގަ އެވެ.

ހަމައެއްލަމައެއް ނެތް، އެމީހަކާ އެމީހެއް

ސިނަމާލެ ބްރިޖާއި ހައިވޭ މަތިން ބައެއް ފަހަރު ދަތުރުކުރާއިރު، މޭގަނޑު އަނގަޔަށް އަންނަހާވެ އެވެ. ދުއްވޭނެ ސްޕީޑެއް ކަނޑައަޅާފައި އޮތް ނަމަވެސް، ފަރުވާލެއް ނެތެވެ. ސްޕީޑު ބްރޭކަކަށް، ޓްރެފިކް ނިޝާނަކަށް ބެލުމެއް ނެތެވެ. ފަހަތުން ގޮސް ކުރިމަތީގައި އޮންނަ އުޅަނދު އޯވަޓޭކްކޮށް، ކުރިއަރާ ދާން އުޅުމާއި ނުބައި ފަޅިން ދުއްވައިގެން އެތައް ފުރާނައެއް ގެއްލިއްޖެ އެވެ.

ބްރިޖާއި ގުޅިފައި ހުންނަ ބައެއް މަގުތައް ވެފައި އޮންނަނީ، އެކްސިޑެންޓުގެ ހާއްޔަކަށް ނުވަތަ 'މަރުގެ މަގުތަކަށެ'ވެ. 

ޝުޖާއު ވިދާޅުވީ އެކްސިޑެންޓެއް ހިނގައިފި ނަމަ ދެން އެންމެ ބާރަށް ދެކެވެނީ އިހުމާލުވާ މީހާއަށް ފިޔަވަޅު ނޭޅުމުގެ ވާހަކަ ނަމަވެސް، މައްސަލަ ތަހުގީގުކުރާއިރު އޭގެ އަނެއް ފުށް ވެސް ފެންނަ ކަމަށެވެ. ބޮޑު އެކްސިޑެންޓެއް ހިނގުމުން، ގިނަ ބައެއްގެ ހަނދާނުން ކައްސާލާ ކަމަކީ، އަނިޔާވާ މީހާ ވެސް ގަވައިދާ ހިލާފުވެފައި އޮވެދާނެ ކަމެވެ. އެކްސިޑެންޓުގައި މީހާ މަރުވީ ނުވަތަ ބޮޑު އަނިޔާއެއް ލިބުނީ، ގަވައިދާ ހިލާފަށް އޭނާ އުޅަނދު ދުއްވުމުން ކަމަށް ވެސް ވެދާނެ ކަމަށް ވިދާޅުވި އެވެ.

އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް އެހީވަނީ

އެކަމަކު އެފަދަ ހާލަތްތަކުގައި، ހާއްސަކޮށް މީހާ ދުނިޔެ ދޫކޮށްފި ނަމަ އެއީ އެ ވަގުތު ދައްކަން ފަސޭހަ ވާހަކައަކަށް ނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އެއީ ހިތާމައިގެ ދަނޑިވަޅެއް. އެ ވަގުތު އާއްމުން ވެސް ހައިލައިޓް ކުރާނީ އަނެއް މީހާއަށް އަދަބު ދިނުމަށް. އެކަމަކު އިންވެސްޓިގޭޓް ކުރީމައި މި އެނގެނީ އެކްސިޑެންޓުވެ އޭނާ މަރުވީ، އޯވާ ޓޭކްކޮށްގެން ނޫނީ ނުބައި ފަޅިން ދުއްވައިގެން،" ކޮމިޝަނަރު ވިދާޅުވި އެވެ.

"މިފަދަ އެކްސިޑެންޓުތައް ވެސް ވަރަށް ގިނަ. ހާއްސަކޮށް ސައިކަލް ދުއްވާ މީހުން އެބަހުރި، ހަތަރު ފުރޮޅުލީ އުޅަނދުގެ ފަހަތުން ނުވަތަ އަރިމަތިން ނުގަވައިދުން ކުރިއަށް ދާން މަސައްކަތް ކުރަނިކޮށް އެކްސިޑެންޓުވެފައި."

ޝުޖާއު ވިދާޅުވި ގޮތުގައި ކުރިއާ ބަލާއިރު މާލޭގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މާލޭގައި ބާރަށް ނުދުއްވޭނެ ކަމަށް މީހުން ގަބޫލުކުރެ އެވެ. މީހުންނަށް އާދަވެފައި ހުރީ ބަލައިގެން، މަޑުން ދުއްވުމަށެވެ. އެކަމަކު  ބްރިޖާއި ހުޅުމާލޭގެ ދެ ފިޔަވަހީގައި ހިނގާ އެކްސިޑެންޓުތައް މިހާރު ވަނީ ކޮންޓްރޯލުން ނައްޓާފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ނުރައްކާތެރި އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގަނީ:

  • ހުޅުމާލޭ ނިރޮޅުމަގުގައި 

  • ހުޅުމާލޭ ފޭސް-2އަށް އަށް ދާ ހައިވޭގައި 

  • މާލެ އާއި ހުޅުމާލެއާ ވީ ފަޅިން، ބްރިޖް ހައިވޭގައި

ޝުޖާއު ވިދާޅުވި ގޮތުގައި މި ފަހުން އެންމެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގަ އެވެ. އެ ސަރަހައްދުގެ މަގުތައް ހުންނަ ގޮތުން، ވެސް ގިނަ ޒުވާނުން އެތަނުގައި ދުއްވަނީ ހައިވޭގައި ދުއްވާ ސްޕީޑަށް، އެ ބާރުމިނުގަ އެވެ. މާލެ އާއި ފުރަތަމަ ފިޔަވަހީގެ މަގުތަކާ ހިލާފަށް، ދެ ވަނަ ފިޔަވަހީގެ މަގުތަކުގައި ކެމެރާ ހަރުކޮށްފައި ނެތުމުން، އެކަން އިތުރު ހިތްވަރަކަށް އެ މީހުންނަށް ވެ އެވެ.

ބަދަލުތަކެއް ބޭނުން

މީހުން ގިނަވުމާއި ގިނަ ބަޔަކު ލައިސަންސް ނަގައި އަލަށް އުޅަނދު ދުއްވަން ފަށާފައިވާއިރު، ޓްރެފިކް ބައެއް ބަދަލުތައް ގެންނަން ޖެހޭކަން ޝުޖާއު ވެސް ގަބޫލު ކުރައްވަ އެވެ.

އޭނާ ވިދާޅުވީ ބްރިޖުގައި މިހާރު ޓްރެފިކް ލައިޓް ހަރުކޮށްފައި ހުންނަ ބައެއް ތަންތަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި ބައެއް ތަންތަނުގައި ހަދާފައިވާ ޕާކިން ޒޯނުތައް ނަގައި، ބައެއް ތަންތަނުގައި ޕާކުނުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފާހަގަ އެބަވޭ [ބްރިޖް މަތީ] އެއާޕޯޓާ ދިމާއަށް އިންނަ ޓްރެފިކް ލައިޓަށް ލަނބާލާތަން. އެތަނުގައި ދެ ލައިޓު އެއް ފަހަރާ ޖެހޭއިރު، ކާރު ލައިނަށް ސައިކަލްތައް އެބަ އަރުވާ. އަނެއްކޮޅުން އެއާޕޯޓު ލައިޓު ދިއްލޭ ވަގުތު ސައިކަލާއި ކާރު އެބަހުރި އެއް ލޭނެއްގައި،" ޝުޖާއު ކިޔައިދެއްވި އެވެ.

ބްރިޖުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހަކު މަސައްކަތް ކުރަނީ

"އެ ލޭނުގައި ތިބޭ މީހުން އެބަ މަސައްކަތް ކުރޭ ހަތަރުފުރޮޅުލީ އުޅަނދަށް ޖާގަ ދޭން. އެކަމަކު ފަހަތުން އަންނަ އުޅަނދުގެ ސްޕީޑެއް ނޭނގޭނެ. އެހެންވެ، އެފަދަ ވަގުތުތަކުގައި އެބަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ. އެއީ ބަދަލެއް ގެންނަން ޖެހޭ ތަނެއްގެ ގޮތުގައި ފާހަގަ މިކުރެވެނީ."

ފުލުހުންނަށް ހުށަހަޅާ ގިނަ މައްސަލަތަކުގެ ތެރެއިން، ތަހުގީގަށް ހޭދަވާ ވަގުތު އެންމެ ކުޑަ މައްސަލަތަކަކީ އެކްސިޑެންޓުގެ ހާދިސާތަކެވެ. ހާއްސަކޮށް މާލެ އާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަގުތަކުގައި ކެމެރާ ހަރުކޮށްފައި ހުންނާތީ، ސީސީޓީވީ ފުޓޭޖްގެ އެހީގައި، ހާދިސާ ހިނގި ގޮތް ވަރަށް ރަނގަޅަށް ފެންނަން ހުރެ އެވެ.

އެކަމަކު ޝުޖާއުގެ ކަންބޮޑުވުމަކީ ތަހުގީގަށާއި ކުށްވެރިއާއަށް އަދަބު ލިބުމާ ހަމައަށް ހޭދަވާ ވަގުތު ދިގުވުމެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ބައެއް އެކްސިޑެންޓުތައް ތަހުގީގުކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ނަގާ

  • އެ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި އެތަނުން މައްސަލަ ކޯޓަށް ފޮނުވުމަށް ވެސް ދުވަސްތަކެއް ނަގާ

  • ޝަރީއަތް ވެސް އެތައް މަހަކަށް ދިގުލައިގެން ދޭ

  • ބައެއް ފަހަރު ހުކުމެއް އަންނަނީ ތިން ހަތަރު ފަހުން؛ އެ މުއްދަތުގައި ތުހުމަތު ކުރެވޭ މީހާ ހުންނަނީ ދޫކޮށްލާފައި. އަދި އޭނާގެ ފަރާތުން އިތުރު އެކްސިޑެންޓުތައް ހިނގާފައި ހުރޭ

"މިކަން ހައްލު ކުރެވޭނީ، އެންމެން ވެސް ހެދިފައިވާ އުސޫލުތަކަށް ތަބާވެ، އެކަށީގެންވާ އަދަބެއް ދެވެން އޮންނަ ނިޒާމެއް ގާއިމުކޮށްގެން. އަދި ހުރިހާ ދިމާއަކުން ވެސް އެކުގައި މަސައްކަތްކޮށްގެން،" ޝުޖާއު ވިދާޅުވި އެވެ.

"މި ފަދަ އެކްސިޑެންޓުތައް މަދުކުރުމަށް މުޅި ސިސްޓަމް އެބަޖެހޭ ރަނގަޅުކުރަން."

ހައިވޭ މަތީގައި ބަހައްޓާފައި ހުރި ބޯޑެއް ކައިރިން މީހަކު ދުއްވާފައިދަނީ (ދައުރު ފޮޓޯ)

ޝުޖާއު ވިދާޅުވީ މާލޭ ސަރަަހައްދުގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް، ކުރިއަށް އޮތް ތަނުގައި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެގޮތުން އެންމެ ބާރު ބޮޑުވާ މަގުތަކަށް، އެންމެ ބާރުބޮޑުވާ ވަގުތުުތަކުގައި އިތުރު ފުލުހުން، 24 ގަޑިއިރު ނެރެގެން ރައްޔިތުންގެ ސަލާމަތްކަން ކަށަވަރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އޭނާ އެދިވަޑައިގެންނެވީ އާއްމުންގެ އެއްބާރުލުމަށެވެ. ގަވައިދާއި އުސޫލުތަކަށް ތަބާވެ، އުޅަނދުފަހަރު ދުއްވާ އުޅުމުގައި ސަމާލުވުމަށެވެ. އެހެން ނޫނީ އަނެއްކާވެސް މި ވޭން ތަހައްމަލު ކުރަން ޖެހިދާނެ އެވެ.

ކޮމެންޓް (2)

އިބުރޭ

8 ސެޕްޓެމްބަރު 2024
އެކްސިޑެންޓެއްވެގެން މައްސަލަ ބަލައި ދައުވާ ކުރެވެނީ ކިތައް ފަހަރުތޯ ސުވާލުކޮށްލަންޖެހޭ. އަހަރު ދެއަހަރު އެކްސިޑެންޓެއް ތަހުގީގުކުރަންނެގުމަކީ ފުލުހުން ގާބިލިއްޔަތާމެދު ސުވާލު އުފެދޭ ކަމެއް.
4 1

ހަސަންދީ.

8 ސެޕްޓެމްބަރު 2024
އަލަށް ދަސްކޮށްގެން ނިކުންނަ މީހާ ހަމައެއް ލަމައެއްނެތި އެކްސިޑްޓްވަނީ މަދުފަހަރަކު. އާންމުކޮށް އެކްސިޑެންޓް މިވަނީ މާފަރިތަވެގެން ބާރަށް ދުއްވައި ގޮތްގޮތަށް ދުއްވައިގެން. ގަވާއިދަށްއުޅޭ މީހުންގެ މައްސަލަ ނުބެލި ގާނޫނު ތަންފީޒު ނުކުރެވުމަކީ މައްސަލައެއް.
8 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް