އެކްސިޑެންޓުގައި މަރުވި ހަސަން ސަމާހް، 23.
ސަމާހުގެ މަރާ އެކު އަނެއްކާވެސް ރޭސް ކާރުތަކުގެ ޝަކުވާ
"ފުރާނައަކީ މިއަދު އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ،" މައުރޫފް ހުސެންގެ ނަމުގައި ފޭސްބުކްގައި މީހަކު، މިއަދު ހިނގި ހިތާމަވެރި އެކްސިޑެންޓުގެ ވާހަކަ ފެށީ މިހެންނެވެ.
ޓީއެފްޖީން ހުޅުމާލޭގައި މިއަދު ކުރިއަށްގެންދިޔަ މެރަތަންގައި ބައިވެރިވެ އެ ތަނަށް ދިޔަ އުމުރުން 23 އަހަރުގެ ހަސަން ސަމާހު އެ ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވީ އެވެ. ނަމަވެސް އެ މެރަތަން ކެންސަލް ނުކޮށް ކުރިއަށް ގެންގޮސްފައިވާތީ އޭނާ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަމާހު މަރުވީ އޭނާ ދުއްވަން އިން ސައިކަލު، ބާރު ސްޕީޑެއްގައި އައި ރޭސް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އެ އެކްސިޑެންޓުގައި ސަމާހުގެ ބޮލާއި މޫނު މައްޗަށް ވެސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
އެކްސިޑެންޓު ހިނގި ކާރު ދުއްވަން އިން 26 އަހަރުގެ ފިރިހެން މީހާ މިހާރުވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި، މުހައްމަދު ވިސާމް ސިދުގީ، ވަޔޮލެޓްފެހި/އައްޑޫ ހިތަދޫގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސެއް ނެތެވެ.
މެރެތަން އަށް ދިޔަ ޒުވާނަކު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މަރުވުމުން އެ އިވެންޓު ކެންސަލް ނުކޮށް ކުރިއަށް ގެންދިއުމުން ގިނަ ބަޔަކު އެ ކަމަށް ވެސް ފާޑުކިޔާފައިވެ އެވެ.
"ހަމަ އެ މެރެތަންގައި ދުވުމަށް އައި ޒުވާނެއް ހަމަ އެ ތަނުގައި ނިޔާވުމުން ދުވަން އައި މީހުން ކައިރީގައި މި ހާދިސާގެ ހިތާމައިގައި ޕްރޮގްރާމް ކެންސަލް ކޮށްފީމޭ ނުބުނެވޭނެ ބާވައެވެ؟ އިންސާނީ ކަރާމަތާއި ލޭގެ އަގެއް ނެތީ ހެއްޔެވެ؟،" މައުރޫފްގެ ޕޯސްޓުގައި އޭނާ ބުނެފައިވެ އެވެ.
އޭގެ އިތުރުން ވެސް ގިނަ ބަޔަކު އަންނަނީ އެ ކަމަށް ފާޑުކިޔަމުންނެވެ.
އެއަށް ވުރެ ވެސް ބޮޑަށް ގިނަ ބައެއްގެ ކަންބޮޑުވުމަކީ ބާރު ސްޕީޑުގައި ރޭސް ޖަހާ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅޭ ކަމުގެ ޝަކުވާ އެވެ. އެ ކަމަށް ހިޔާލު ފާޅުކުރި މީހަކު ބުނީ ހަފްތާ ބަންދާ ދިމާކޮށް ދަންވަރު ގަޑީގައި ރޭސް ކާރުތަކުގައި ނުކުމެ ރޭސް ޖެހުން އާންމު ކަމަކަށް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"ރޭސް ކާރު ދުއްވާ ސްޕީޑުގައި ދުއްވާނެ މަގެއް ރާއްޖޭގައި ނެތް އިރު، އެ އުޅަނދުތައް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދެނީ ކީއްކުރަން؟ އެ އުޅަނދުތައް ގެނެސްގެން ކުރަނީ ކޮން ބޭނުމެއްކަން އެބަ އެނގޭ. އެ މީހުންގެ ސަބަބުން ކިތައް ފުރާނަ ގެއްލުނީމަތޯ އެ އުޅަނދުތައް އެތެރެކުރުން ހުއްޓާލާނީ؟،" ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.
"ސްޕޯޓް ކާރުތަކަކީ ޑޮމެސްޓިކް އޭރީއާތަކުގައި ދުއްވުމުގެ ހުއްދަ އޮންނަ އުޅަނދުތަކެއްތޯ؟ މިއީ ހަމަ އެހެން ގައުމުތަކުގައި ވެސް މި ކަން އޮންނަ ގޮތް ތޯ؟،" ސަމާހުގެ މަރުގެ ހަބަރަށް ކޮމެންޓުކުރި މީހަކު ސުވާލު އުފެއްދި އެވެ.
ސްޕޯޓްސް ކާރުތައް ދުއްވުން މަނާކުރަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ނުރައްކާތެރިކޮށް މަގުތަކުގައި ކާރުތައް ރޭސް ޖަހަމުން ދާއިރު ފުލުހުން އެކަން ނުހުއްޓުވާތީ ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ވެސް ފާޑުކިޔަމުންނެވެ.
"ބާރުބާރަށް މަގުތަކުގައި ރޭސް ކާރުތަކުގައި އެބަ ދުއްވާ. އަޑުގެ ނެތް ތަނަށް ލަވަ ޖަހަމުން ރޭސް ޖަހާލާފައި ދާއިރު އެހެން މީހުން ބިރުން ފިތްކަނޑައިގެން ދާވަރުވޭ. އެކަމަކު ފުލުހުން އަޅައެއް ނުލާ. އެންމެ ފަހަރަކު ވެސް ނުކެރޭ ހުއްޓުވާފައި އަހާކަށް ލައިސެންސް އޮތް މީހެއްހޭ ކާރު ދުއްވަން އިނީ. ދުއްވަނީ ދުއްވަން ޖެހޭ ވަރަށް ވުރެ އެތައް ގުނަ ބާރަށް ކަން ވެސް އެނގޭ ފުލުހުންނަށް،" އެހެން މީހަކު އޭނާގެ ހިޔާލު ފާޅުކުރި އެވެ.
ފުލުހުންނަށް ފާޑުކީ އެހެން މީހަކު ވަނީ ފުލުހުން ތިބެނީ ރޭސް ކާރު ދުއްވާ މީހުން ދެކެ ބިރުން ކަމަށް ބުނެ، އެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރޭސް ކާރަކުން ޖެހި އަނެއްކާވެސް ފުރާނައެއް ގެއްލުނީ އެވެ. އަނެއްކާވެސް ރޭސް ކާރުގެ ޝަކުވާތައް ގިނަވީ އެވެ. އާންމުންގެ މެދުގައި ބިރުވެރިކަން އަނެއްކާވެސް މިވަނީ ބޮޑުވެފަ އެވެ.
މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ވެސް ރޭސް ކާރަކުން، ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެ އެވެ. އެ އެކްސިޑެންޓުގައި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
ކޮމެންޓް (2)
ރާއްޖެ
ހުމަރ