ސަމާހު މަރުވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ: އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައި.

އެކްސިޑެންޓުވި ސްޕޯޓްސް ކާރު ދުއްވީ 26 އަހަރުގެ މީހެއް

ފުލުހުން އެ މީހާ މިހާރު ހައްޔަރުކޮށްފައި ވާއިރު، އޭނާގެ އަތުގައި ލައިސެންސެއް ނެތް
6 ސެޕްޓެމްބަރު 2024

ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވިއިރު، އެ އެކްސިޑެންޓުގައި ހިމެނޭ ސްޕޯޓްސް ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް އޭނާގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 2 ހާއިރު އެވެ. އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2:48ގަ އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި ހަސަން ސަމާހު، 23، ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ.

ތަފްސީލް - ފުލުހުން ދެންމެ އާންމުކޮށްފައިވާ ވަނަވަރުގައިވާ ގޮތުން، ހައްޔަރުކޮށްފައިވަނީ:

  • މުހައްމަދު ވިސާމް ސިދުގީ، 26

  • އޭނާގެ އެޑްރެހަކީ ވަޔޮލެޓްފެހި/އައްޑޫ ހިތަދޫ

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ވިސާމް އަތުގައި ކާރު ދުއްވުމުގެ ލައިސެންސެއް ނޯވެ އެވެ.

ފާހަަގަކޮށްލެވޭ - އެކްސިޑެންޓުގައި ސަމާހުގެ ބޮލާއި މޫނު މައްޗަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނު އިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށް އެނގިފައިވެ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދަރުބާރުގެ ކައިރީގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ދަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް