މީގެ ކުރިން ބޭއްވި ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން: ސަރުކާރުން މިރޭ ވަނީ އެކްސިޑެންޓުތައް މަދު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި. (ފޮޓޯ/ރައީސް އޮފީސް)

ރޭސިން ސަރަހައްދުގެ ހުއްދަ ބާތިލުކޮށް، ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމައިފި

އެކްސިޑެންޓުތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ވަކި ހޯސްޕަވާއަކުން ފެށިގެން މަތީގެ އެއްގަމު އުޅަނދުތައް އާންމު މަގުތަކުގައި ބޭނުންނުކުރެވޭ ގޮތަށް ހެދުން ހިމެނޭ

ހުޅުމާލޭގައި ރޭސިން އަދި ޑްރިފްޓިންނަށް ހާއްސަކޮށްފައިވާ ސަރަހައްދު ބޭނުންކުރުމަށް ދީފައި އޮތް ހުއްދަ ބާތިލުކޮށް، އެކްސިޑެންޓުތައް ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން މިރޭ ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހުޅުމާލޭގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކު މަރުވުމާ ގުޅިގެން، އެކްސިޑެންޓުތައް މަދު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވައިފަ އެވެ. އަދި އެއަށް ފަހު އެމަނިކުފާނު ވަނީ އެ ފިޔަވަޅުތައް އިއުލާންކުރައްވައިފަ އެވެ.

ތަފްސީލް - އެކްސް ޕޯސްޓެއްގައި ރައީސް ވިދާޅުވިގޮތުގައި، އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ބާރު ސްޕީޑްގައި ވެހިކަލް ދުއްވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރުރުން

  • ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން. 

  • ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ މީހާގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން. 

  • ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމު އުޅަނދުތައް އާންމު މަގުތަކުގައި ބޭނުންނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން. 

  • އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން. 

  • ހުޅުމާލޭ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ފުލުހުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން. 

  • ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތައާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ މީހުންގެ ލައިސަންސުން ޕޮއިންޓް ކަނޑަން ފެށުން.

  • މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން ކުރާ މަސައްކަތް މިހާރަށް ވުރެ އިތުރުކޮށް ހަރުދަނާކުރުން.

އިތުރު ތަފްސީލު އަންނަނީ...

ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމަށް މިހާރު އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތައް އަޅަނީ، އެމަނިކުފާނު ވިދާޅުވިގޮތުގައި، ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދުފަހަރު ކޮންޓްރޯލް ކުރުމަށާއި އުޅަނދަށް ބަދަލު ގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް، ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމުގެ ބޭނުމުގަ އެވެ.

"މި ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓާ ކުރެވޭނެ!" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން، އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި ރޭ ދަންވަރު ސްޕޯޓްސް ކާރަކުން ޖެހި، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ހަސަން ސަމާހު އެވެ. 

މި އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވަން އިން މުހައްމަދު ވިސާމް ސިދުގީ ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފާހަގަކޮށްލެވޭ - ފުލުހުން ބުނެފައިވާ ގޮތުގައި ވިސާމް އަތުގައި ކާރު ދުއްވުމުގެ ލައިސަންސެއް ނޯވެ އެވެ.

އެކްސިޑެންޓުގައި ބޮލާއި މޫނުމައްޗަށް ބޮޑެތި އަނިޔާތަކެއް ލިބުނު ސަމާހު މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ  އެވެ.

ކޮމެންޓް (2)

profile-image-placeholder

ބަދަލުވާނެ.

7 ސެޕްޓެމްބަރު 2024
ކުދިންނޭވެ ހާސްކަނޱާލަ ކުޱަދުވަސްކޮޅަކުން އެނިންމުން ބަދަލުވާނެ ކުދިންކޮޅެއް ބޮޱާހާކާލަނިކޮށް މީމިޤައުމުގަ ކަންތައްވާގޮތް. އިންސާނުންގެ އަގައްވުރެ ބުޅަލުގެ އަގުވެސްބޮޱު މިޤައުމުގަ. އިހައްދުވަހު ވެހުނުވާރޭގަވެސް އިންސާނުން ސަލާމަތްކުރުމުގެ ބަދަލުގަ އުޅުނީ ބުޅާތަކުގެ ފަހަތުން. އިންސާނީ ކަރާމާތެއްނެއްމިތަނަކު މިހާރު.

ހަސަން234

7 ސެޕްޓެމްބަރު 2024
ބުރާސްފަތިދުވަހުގެ ރޭ އެކިކަހަލަ ކާރުތަށް ހުޅުމާލެއައް އެއްކޮއްފައި މޮޅު ގޮތްގޮތަށް ޑްރްފްޓް ކޮއް ސަޅި ދެއްކުމަކީ މިކަހަލަ ކަންތައްތައް އާމު މަގުތަކުގައި ޒުވާނުން ކުރަން ބޭނުންވާ ސަބަބު ! ސިޔާސީ ގޮތުން ބެލިޔަސް ވޯޓުލާ މަދު ބަޔެއް މިކަން ކުރަނީ 100 ވެސް ހަމަ ނުވާނެ ! މިކަންތައް މަނާ ކުރުން މިއީ ރައީސް ކުރި ވަރަށްވެސް ރަގަޅު ކަމެއް . އާމުންގެ ތައުރީފު ލިބޭނެ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް