މިދިޔަ ޖުލައި މަހު ހިނގި އެކްސިޑެންޓުގައި ކާރު ދުއްވި ކަމަށް ތުހުމަތުވާ އިކުރާމް: އޭނާގެ ބަންދަށް 30 ދުވަސް ކޯޓުން ވަނީ ދީފައި.

ރޭސް ކާރު ދުއްވި އިކުރާމްގެ ބަންދަށް 30 ދުވަސް ޖަހައިފި

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފައި ވަނީ ކުރިން ބަންދަށް ދިން ތިން ދުވަހުގެ މުއްދަތު ހަމަވެގެން

ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ފަހުކޮޅު ހިނގި އެކްސިޑެންޓުގައި ރޭސް ކާރު ދުއްވަން ދުއްވަން އިންކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިބްރާހިމް އިކްރާމް 30 ދުވަހަށް ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގައި ހައި ކޯޓުން މިދިޔަ އާދީއްތަ ދުވަހު އޭނާ ދޫކޮށްލުމުން އަލުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ދީފައި ވަނީ ތިން ދުވަހެވެ. އެ ތިން ދުވަސް ހަމަވެގެން މިއަދު އޭނާ ކޯޓަށް ހާޒިރު ކުރި އެވެ.

ތަފްސީލު - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން 30 ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އިކްރާމް ފުރަތަމަ ހައްޔަރުކޮށް ބަންދުކުރި ގޮތް ގޯސްވެގެން ހައި ކޯޓުން އޭނާ ދޫކޮށްލާފައިވަނީ ވަކީލެއްގެ ހައްގު އޭނާއަށް ދީފައި ނުވާތީ އެވެ. އެހެންވެ، އަލުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ.

އެނގުން މުހިންމު - ބާރަށް ދުއްވާފައިދިޔަ ކާރު ކޮންޓްރޯލްނުވެ، މަގުގެ އަރިމަތީގައި ސައިކަލެއްގެ މަތީ އިން މީހެއްގެ ގައިގައި ޖެހުނު އެކްސިޑެންޓުގައި އިކްރާމްއާ އެކު ކާރުގައި ދެން ތިބި ދެ މީހުން ވެސް ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރި އެވެ. އަދި އެ މީހުން ބަންދުގައި ބޭތިއްބުމަށް މީގެ ކުރިން ކޯޓުން އަމުރުކޮށްފައިވެ އެވެ. މި ތިން މީހުންގެ ވެސް އެކި ކުށްތަކުގެ ރެކޯޑް އޮވެ އެވެ.

ފާހަގަކޮށްލެވޭ - އެ އެކްސިޑެންޓު ހިނގިތާ ދެ މަހެއްހާ ދުވަސް ފަހުން، މިއަދު ހުޅުމާލޭގައި ރޭސް ކާރަކުން 23 އަހަރުގެ ޒުވާނެއްގެ ގައިގައި ޖެހި އޭނާ ވަނީ މަރުވެފަ އެވެ. އެއާއެކު ސަރުކާރުން ވަނީ ބާރަށް ދުއްވާ މީހުންނާ މެދު ހަރުކަށު ފިޔަަވަޅު އެޅުމަށްޓަކައި ގާނޫނުތައް އިސްލާހު ކުރުމަށް ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް