ހުޅުމާލެ ފޭސް ދޭއްގެ ބާރަށް ދުއްވާފައި ދިޔަ ރޭސިން ކާރެއް ކޮންޓްރޯލް ނުވެގެން އެކްސިޑެންޓުވި ސަރަހައްދު ފުލުހުން ބައްލަހައްޓަނީ: މި މައްސަލައިގައި ކާރުގައި އިން އެކަކު ކޯޓުން ވަނީ ދޫކޮށްލާފައި (ދައުރު ފޮޓޯ)

އަލީ އިހުސާން

އިކުރާމް ދޫވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި ފިޔަވަޅު އަޅާނަން: އިހުސާން

އިހްސާން ވިދާޅުވި ގޮތުގައި އިކްރާމް އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައި

މިދިޔަ ޖުލައި މަހު ފަހުކޮޅު ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގި އިރު ރޭސިން ކާރު ދުއްވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިބްރާހިމް އިކްރާމް ހައި ކޯޓުން ދޫވުމާ ގުޅިގެން، އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލާގައި ކާރުގައި ތިބި ތިން މީހުން ވެސް ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރުމުން އެމީހުން ބަންދުގައި ބެއިތިއްބުމަށް މީގެ ކުރިން އަމުރުކޮށްފައިވެ އެވެ. އޭގެ ތެެރެއިން އިކްރާމް މިއަދު ހައި ކޯޓުން ދޫކޮށްލީ، އޭނާއަށް ގާނޫނުއަސާސީން ލިބިދޭ ވަކީލަކު އައްޔަންކުރުމުގެ ހައްގަށް އެދިފައިވަނިކޮށް އެކަން ހަމަޖައްސައި ނުދީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ޖަހާފައި ވާތީ އެވެ.

މިކަމާ ގުޅިގެން އާންމުން ވެސް ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު، މިނިސްޓަރު އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އެ މައްސަލައާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ބުނީ ކީކޭ؟ - "މިކަން ހިނގި ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާ ނަމަ، އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ،" އިހުސާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިކްރާމް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރު ކުރުމަށް ފުލުހުން މިހާރު އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެ މައްސަލާގައި ހައިކޯޓުގައި ފުލުހުން ބުނެފައި ވަނީ، ދަށު ކޯޓުގެ ފަނޑިޔާރު ވަކީލަކު އައްޔަން ކުރުމުގާ ގުޅޭ ގޮތުން ބަންދުގެ އަޑުއެހުމުގައި އިކްރާމްއާ ސުވާލު ކުރި ކަމަށެވެ.

"ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގެ ރެކޯޑިން މި ކޯޓުން ހޯދައި، ވަކީލަކު ހަމަޖެއްސުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައިވޭތޯ ބެލިއިރު، އެފަދަ އެއްވެސް ކަމެއް އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައި ނުވޭ،" ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.

އެހެންކަމުން އެއީ ޝަރީއަތުގެ މަޖިލީހަށް ދޮގު މައުލޫމާތު ދިނުން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަން ޖެހޭނެ ކަމަށް، ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.

ކޮމެންޓް (2)

ސުނާ

6 ސެޕްޓެމްބަރު 2024
ރަނގަޅު.ބަލަން ޖެހޭ.ފުލުހުންގެ އިހުމާލުންދޫވެއްޖެއްޔާ ބަލަންޖެހޭ.ބޮޑެތި ކުއްވެރިން ފުލުހުންގެ ސަބަބުން ދޫވެގެންދޭ.
0 0

ކުރީ ސަރުކާރު

1 ސެޕްޓެމްބަރު 2024
މާ ބޮޑު ބެލުން ތަކެއް ނުބެލިޔަސް އެނގޭނެ ތި ގަސްދުގަ ކޮށްފަ އޮތް ކަމެއްކަން. ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ގާޒީ ކުރިމައްޗަށް ގެންދިޔައިމަ ދޫވާނެ ކަން ނޭނގޭހާ ވަރަށް ވުރެ ގިނައިން ހިނގާ ކަމެއް ތިއީ. އެވަރު އެނގޭ އަހަރުން ކަހަލަ ގަމާރުންނަށް ވެސް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް