ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 31 ޖުލައި 2024ގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއް ފަރާތުގައި ސައިކަލެއް މަތީ އިން މީހެއްގެ ގައިގައި ޖެހުނު އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން (ފޮޓޯ/ޕޮލިސް)

ހުޅުމާލެ އެކްސިޑެންޓް: ވަކީލަކު ނެތި މުއްދަތު ޖެހުމުން އިކުރާމް މިނިވަން ވެއްޖެ

އެ މައްސަލައިގައި ހައިކޯޓުގެ ޝަރީއަތުގައި ފުލުހުން ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކުރަން ޖެހޭ ކަަމަށް ފަނޑިޔާރު ވިދާޅުވި
1 ސެޕްޓެމްބަރު 2024

ހުޅުމާލޭގައި ބާރަށް ދުއްވި ކާރެއް ސައިކަލެއްގައި މަޑުކޮށްގެންއިން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލާގައި ކާރު ދުއްވި ކަމަށް ތުހުމަތުކުރާ އިބްރާހީމް އިކްރާމް، މ. ލޭންޑް އޮފް ގާޑެން، ދޫކޮށްލުމަށް ހައި ކޯޓުން މިއަދު އަމަރުކޮށްފި އެވެ.

މައްްސަލައިގެ ފެށުން - ޖުލައި 31 ގައި ހިނގި އެ އެކްސިޑެންޓުގައި ކާރުގައި ތިބި ތިން މީހުން ކާރުން ނުކުމެ ފިލައިގެން ދިޔައީ އެވެ. ޖެހިގެން އައި ދުވަހު އެ ތިން މީހުން ވެސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.

ވީ ކިހިނެއް؟ - އެ ތިން މީހުންގެ ތެރޭގައި ހިމެނޭ އިކްރާމް ވަނީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އޭނާ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ:

  • ވަކީލަކު ނެތި ދަށު ކޯޓުން ބަންދުގެ މުއްދަތު ޖެހި ކަމަށް ބުނެ 

ތަފްސީލް: ހައި ކޯޓުން އެ މައްސަލާގައި މިއަދު ހުކުމްކުރީ ބަންދުގެ މުއްދަތު ޖެހީ ގޯސްކޮށް ކަމަށެވެ. އިކްރާމް ބަންދުކުރަން އަމުރު ނެރުނީ އޭނާއަށް ގާނޫނުއަސާސީން ލިބިދޭ ވަކީލަކު އައްޔަންކުރުމުގެ ހައްގަށް އެދިފައިވަނިކޮށް އެކަން ހަމަޖައްސައި ނުދީ ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ޖަހާފައި ވާތީ އެވެ. 

"ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގެ ރެކޯޑިން މި ކޯޓުން ހޯދައި، ވަކީލަކު ހަމަޖެއްސުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައިވޭތޯ ބެލިއިރު، އެފަދަ އެއްވެސް ކަމެއް އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައި ނުވޭ،" ހައި ކޯޓުގައި މައްސަލަ ބެއްލެވި ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.

ފުލުހުން ހައިކޯޓަށް ދޮގު މައުލޫމާތު ދިން މައްސަލައެއް

ވަކީލަކު އައްޔަންކުރުމާ ގުޅޭ ގޮތުން ދަށު ކޯޓުގެ ފަނޑިޔާރުން ސުވާލުކުރި ކަމަށް ފުލުހުން ހައިި ކޯޓުގެ ޝަރީއަތުގައި ވަނީ ބުނެފަ އެވެ. އެއީ ޝަރީއަތުގެ މަޖިލީހަށް ދޮގު މައުލޫމާތު ދިނުން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަން ޖެހޭނެ ކަމަށް، ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފައިސަލްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ދަށު ކޯޓުގެ އަމުރު ބާތިލްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެނގުން މުހިންމު - އެ އެކްސިޑެންޓުގައި ބާރަށް ދުއްވާފައި ދިޔަ ކާރުގައި ތިބި ތިން މީހުންނަކީ ވެސް ކުށުގެ އެކި ރިކޯޑް އޮންނަ މީހުންނެވެ.

މި މައްސަލައިގައި ހިމެނޭ އަދި ދޫވި އިބްރާހިމް އިކްރާމް، 33، އަކީ:

  • 2022 ވަނަ އަހަރު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް މުޒާހަރާކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި

  • ބަންދުން ދޫކޮށްލީ މި އަހަރު ފެބްރުއަރީގައި

މި މައްސަލައިގައި ދެން ހައްޔަރު ކުރި އިކްރާމުއްރަހުމާން އަކީ:

  • އުމުރުން 16 އަހަރުގައި 2015 ވަނަ އަހަރު 16 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ މީހެއް 

  • ހައި ކޯޓުން ވެސް ދެމެހެއްޓި އެ ހުކުމުގެ އަދަބު ފަހުން ޖުވެނަލް ކޯޓުން ވަނީ އޭނާ އިސްލާހީ ޕްރޮގްރާމެއްގައި ބައިވެރިވެފައިވުމުން، މައާފްކޮށްދީފައި

ދެން ހިމެނޭ ޖިނާހް އިސްމާއީލަކީ:

  • މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއްގައި ހުރި މީހެއް

  • 2022 ވަަނަ އަަހަރު އޭނާ ބަންދުން ދޫކޮށްލީ ރައީސްއަށް ލިބިދީފައިވާ މާފުދެއްވުމުގެ އިހުތިޔާރުގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ހުކުމަށް ލުއި ދެއްވުމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް