އެއްބަސްވެ ދެބަސްވަމާ: ސިޔާސީ ނުފޫޒުން ޖިނާއީ އަދުލު ސަލާމަތެއް ނުވި

ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް، އެންމެން ވެސް 'އަތްލާން ނުޖެހޭ' ކަންކަން ހުންނާނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި

މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ފެނިފައި ހައިރާންވި އެވެ. މުޅި ދިވެހި އުންމަތަށް، ގަނޑުކޮށް 'އަނގަ ބަންދުކުރުމުގެ' އަމުރެކެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އެ މައްސަލައެއްގެ ވާހަކަ ދެއްކުން މަނަ އެވެ. އެއްވެސް ހަސްމެއްގެ ވާހަކަ ދެއްކުމާއި، ވަކި ޑޮކިއުމަންޓަރީއެއް ދައުރުކުރުން ވެސް މަނާކޮށްފަ އެވެ. މިހާ ފުޅާ ދާއިރާއަށް 'އަނގަ ބަންދުކުރުމުގެ' އަމުރެއް ނެރުނު މިއީ ފުރަތަމަ ފަހަރެވެ.

ކޯޓުން މި އަމުރު ނެރުނީ 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލި ގަޒުފުކުރުމުގެ ދައުވާގެ މައްސަލާގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެ އަމުރެއް ނެރެން އެދިގެނެވެ. އޭގެ ފަހުން އެ އަމުރާ ހިލާފުވެގެން ކަމަށް ބުނެ 'އަދަދު' ނޫހުގެ އެހެން ދެ ނޫސްވެރިޔަކު ވަނީ ޖަލަށް ލައިފަ އެވެ. ފިޔާޒާއި ހަސަން ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓައިފަ އެވެ. 'އަދަދު' ނޫސް ހިންގައި އޮފީސް ރެއިޑްކޮށް، އެ ތަނުގެ މުދާތައް ގެންދިޔަ ގޮތަށް ހަވާލެއް ނުކުރެ އެވެ.

'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒަށް ކުރެވޭ ތުހުމަތުތަކަކާ ގުޅޭ ގޮތުން ސުވާލުކޮށްގެނެވެ. އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމީ، ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު ނެރުނުކަމުގެ ހަބަރެއް ލިޔެގެނެވެ. 

މި ހަމަތަކުން ބަލާ ކަމަށް ވަންޏާ ކޯޓު އަމުރާ މާ ގިނަ ބަޔަކު ހިލާފުވެއްޖެ އެވެ. އިދިކޮޅު ޕާޓީތަކުން ބާއްވާ މުޒާހަރާތަކުގައި، ސިޔާސީ ހަރަކާތްތެރިން އެ ގެންދަނީ ޝަހުޒާންގެ ސުވާލު ތަކުރާރުކުރަމުންނެވެ. ކިތަންމެ ނޫސްވެރިޔަކު، މި ކޯޓު އަމުރާ ގުޅޭ އެތައް ހަބަރެއް، އެކި ރިޕޯޓްތައް ގެނެސްދީފި އެވެ. ސޯޝަލް މީޑިއާގައި އެތައް މީހުންނެއް މި ވާހަކަތައް އެބަ ދައްކަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ފާޅުގައި މި ކޯޓު އަމުރާ ހިލާފުވެއްޖެ އެވެ. އެޅި ފިޔަވަޅެއް އަދި ފެންނާކަށް ނެތެވެ.

މި ވަރުން ވެސް މިއީ ޝިކާރަކުރުމުގެ ޝަރީއަތެއް ކަމަށް ބުނެވިދާނެ އެވެ. އެހެން މީހުންނަށް ފިޔަވަޅު ނާޅައޭ ބުނަން އަދި އަވަސް ހެއްޔެވެ؟ ނޫނެެކެވެ. ޝަހުޒާން ސުވާލުކުރި ދުވަހު ކޯޓުން ޗިޓު ފޮނުވި އެވެ. ލީވާން ހަބަރު ލިޔުނު ދުވަހާ ޖެހިގެން އައި ދުވަހު ހާޒިރުވާން އަންގައިފި އެވެ. ދެ މީހުން ވެސް އެއް ދުވަހަކު، ކޯޓަށް ހާޒިރުކޮށް، ވަކީލަކު އައްޔަންކުރަން ވެސް މާ ގިނަ ވަގުތު ނުދީ، ހަމަ އެ ދުވަހުން އެ ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ. މި ދުވެލި އެހެން މީހުންގެ މައްޗަށް ހިންގާ ތަނެއް ނުފެނެ އެވެ. 

މި ފެންނަނީ ސިޔާސީ ހަތިޔާރެއް ގޮތަށް ޖިނާއީ އަދުލުގެ ނިޒާމު ހިންގާ ތަނެކެވެ. ވަކި ނޫހެއް 'ފުނޑާލަން'، ސަރުކާރުގެ ބާރު އޮތް މުޅި ދައުލަތުން އުޅޭ ތަނެވެ.

'ދައުރު'ން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި ގެނެސްދޭ މައުލޫއަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް މި ވަންނަ ސިޔާސީ ނުފޫޒެވެ. މި އެޕިސޯޑްގެ މެހެމާނަކީ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމެވެ. ޑެޕިއުޓީ ޕީޖީގެ މަގާމު ވެސް ކުރިން ފުރުއްވި ޝަމީމަކީ، ދިފާއީ ވަކީލުކަމުގެ ތަޖުރިބާ ވެސް ހުންނެވި ބޭފުޅެކެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ބައިވެރިވެވަޑައިގެންނެވި 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް (ދައުރު ފޮޓޯ/ އަލީ ނިޝާން)

ތަންފީޒުކުރަން އުނދަގޫ އަމުރެއް

ވޮޑްކާސްޓްގައި ފުރަތަމަ ވެސް ދައްކަން ފެށުނު ވާހަކައަކީ ކްރިމިނަލް ކޯޓުން ނެރިގެން އުޅޭ 'އާދަޔާ ހިލާފު' އަމުރުގެ ވާހަކަ އެވެ. ކޯޓުން ނެރެފައިވާ އަމުރަކަށް އިހުތިރާމުކުރާނެކަން އެއީ ޝަމީމު ފުރަތަމަ ވެސް ފާހަގަކުރެއްވި ކަމެވެ.

"ކްރިމިނަލް ކޯޓުން ނެރުނީ ރަނގަޅު އަމުރެއް. މަތީ މަރުހަލާގެ ކޯޓަކުން އެހެން ގޮތަކަށް ނާންގާހާ ހިނދަކު، އެ އަމުރަށް ތަބާވާން ވެސް ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.

އެހެން ނަމަވެސް މުޅި އުންމަތަށް މިހެން އަމުރެއް ނެރެވިދާނެ ކަމުގެ ސުވާލު އޭނާ ވެސް އުފެއްދެވި އެވެ.

ގެގް އޯޑަރު ނެރުމަކީ ރާއްޖޭގެ ކޯޓުތަކުގައި ޕްރެކްޓިސް ކުރާ ކަމެއް ނަމަވެސް އެއީ ގާނޫނަކުން ލިޔެގެން ކުރާ ކަމެއް ނޫނެވެ. އެހެންވިޔަސް ސުޕްރީމް ކޯޓުން މީގެ ކުރިން ދެ އަމުރެއް ނެރެފައިވަނީ ކުށުގެ ތުހުމަތުވާ މީހާގެ ހައްގު ހިމާޔަތްކުރުމަށް ޓަކައި ނެރުނު ދެ އަމުރުގައި ހިމެނޭ މިންގަނޑަކީ ރަނގަޅު މިންވަރެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

އެ ދެ އަމުރުގައި މަނާކުރީ ދެ ކަމެކެވެ. އެއް ކަމަކީ ކުށުގެ ތުހުމަތުވާ މީހާ ސީދާ ކުށްކުރި ކަމަށް ބުނެ، ކުށްވެރިއެއްގެ ގޮތުގައި ސިފަކޮށްގެން ހިޔާލުފާޅުނުކުރުމަށެވެ. އަނެއް ކަމަކީ، މައްސަލައިގެ ހަސްމުން ޝަރީއަތުގެ ބޭރުން މައްސަލައިގެ ޝަރުއީ އަދި ގާނޫނީ ބަހުސް ނުކުރުމެވެ.

އެކަމަކު، ޝަމީމް ވެސް ފާހަގަކުރެއްވި ގޮތަށް މިހާރު ނެރެފައިވަނީ މުޅި ރާއްޖެއާއި މުޅި ދުނިޔޭގެ އެންމެން ވެސް ޝާމިލުވާ ގޮތަށް ނެރެފައިވާ، ތަންފީޒުކުރަން ވެސް ދަތި އަމުރެކެވެ. ތަންފީޒުކުރެވޭނެ ގޮތެއް، އެކި މީހުންނަށް އޮންނާނެ މިންގަނޑު ސާފު ނުވާތީ އެވެ.

"ރަށެއްގައި ހުރި މީހެއް، އަދި އޭނާ މި ޑޮކިއުމަންޓަރީއެއް ނުބަލާ. އޭނާއަށް ނެތް މި ބެލެވޭކަށް ވެސް. މީހަކަށް އޭނާއަށް ދެއްކުން ވެސް މަނާ. ދެން ނުބަލާ ހުރެ، އޭގައި އޮތް އެއްޗެއް އެނގޭނީއެއް ނޫން. ނޭނގިހުރެ، ނޭނގުމެއްގައި ދެއްކުން މަނާ ވާހަކަ ދެއްކިދާނެ،" މިސާލެއްގެ ގޮތުގައި ފާހަގަކުރައްވަމުން ޝަމީމްގެ ނުކުތާ އޭނާ ތަފްސީލްކޮށްދެއްވި އެވެ.

ޝަމީމް ވިދާޅުވީ ތަންފީޒުކުރަން ބަލާއިރު، ކުރަން އެހާ ދަތި ކަންކަން ކުރުމަށް އަމުރުކުރުން ވެސް ހަމަޖެހޭ ކަމަކަށް ނުވާ ކަމަށެވެ.

"ޕްރެކްޓިިކަލް ނަޒަރަކުން ބަލާނަމަ ކުރެވޭނެ ކަންކަމެއް ނޫން. ޕްރެކްޓިކަލް ނޫން ކަމެއް ގާނޫނެއްގެ ސިފައިގައި، އަމުރެއްގެ ސިފައިގައި ގެނައުމަކީ ހަމަޖެހޭ ކަމެއް ވެސް ނޫން،" ޝަމީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ގެގް އޯޑަރުތަކަކީ ދުނިޔޭގެ ކޮންމެ މުޖުތަމައެއްގައި ވެސް ދައުވާ ލިބޭ މީހާގެ މަސްލަހަތަށް ޓަކައި ނެރޭ އަމުރުތަކެކެވެ. ރާއްޖޭގައި މި ކަމުން ވެސް ރެކޯޑެއް ހެދީ އެވެ.

"ދައުވާ ލިބޭ ފިޔާޒާއި ހަސަން ނޫޅޭ މި ކަމަކާއެއް. އެ މީހުން ނޫޅޭ އެ މީހުންގެ ހައްގެއް ގެއްލިގެނެއް. އެ މީހުން އެ ކަމަކާ ޝަކުވާކުރަނީއެއް ވެސް ނޫން. އެ މީހުންނަށް މިއަކުން ލިބޭ ރައްކާތެރިކަމެއް ވެސް އޮތީއެއް ނޫން. ދެން މިއިން ކާކުގެ މަސްލަހަތެއް، ރައްކާތެރިކަމެއްތޯ ހިމާޔަތްކުރަން މި އުޅެނީ ވެސް ބަލަން ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.

'އަދަދު'ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން (ކ) އާއި ލީވާން އަލީ ނާސިރު ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި އެ ކޯޓަށް ހާޒިރުކޮށް ޖަލަށްލާން ހުކުމްކުރުން. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އިންޓެލް ބަލާ މިންގަނޑު ވަރުގަދަކުރުން

ފިޔާޒާއި ހަސަނުގެ އިތުރުން ގަޒުފުކުރުމުގެ ތުހުމަތު އޮތް (އަދި ދައުވާއެއް ނުކުރޭ)، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށް އީޝާ އަޝްރަފުގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. މި މީހުންގެ ޕާސްޕޯޓް ހިފަހައްޓަނީ ފުލުހުން ހުށަހަޅާ އިންޓެލް ރިޕޯޓަކަށް ރިއާޔަތްކޮށްފަ އެވެ.

އެކަމަކު ފުލުހުންގެ އިންޓެލިޖެންސަށް ފިޔާޒު މިދިޔަ 10 އަހަރު ދިރިއުޅުނު އަދި މިހާރު ވެސް ދިރިއުޅެމުންދާ އެޑްރެސް ނޭނގެ އެވެ. ޕާސްޕޯޓް ހިފެހެއްޓިކަމުގެ އަމުރު ފޮނުވަނީ އޭނާ މީގެ 10 އަހަރު ކުރިން ދިރިއުޅުނު އެޑްރެސްއަށެވެ. ފުލުހުންގެ އިންޓެލް ރިޕޯޓްތަކުގެ ސައްހަކަމާ މެދު ސުވާލު އުފެއްދޭނެ މިފަދަ ކިތަންމެ ކަމެއް އެބަ ހުއްޓެވެ.

އިންވެސްޓިގޭޓަރުން އެބަ ތިބި ވަރަށް މޮޅު. މޮޅު އިންވެސްޓިގޭޓަރެއް އުފެދެން އެބަ ނަގާ 10-15 އަހަރު. އެ ވަރަށް އޭނާ ތަމްރީނުކުރަން ދައުލަތުން ހަރަދުތަކެއް ވެސް އެބަކުރޭ. އެހެން ނަމަވެސް ވަކި ހިސާބަކުން މި ވާ ގޮތަކީ ސިޔާސީ މީހަކު ހިތްހަމަނުޖެހޭ ކަމެއް ކުރެވޭ ހިސާބަކުން އެ އޮފިސަރަކު މި ބަދަލުކުރަނީ މާ ދަށް މަސައްކަތަކަށް.

ޝަމީމް ވިދާޅުވި ގޮތުގައި ފުލުހުންގެ އިންޓެލް ފެއިލްވާ އެންމެ ބޮޑު ސަބަބަކީ ރަނގަޅު ފެންވަރުގެ އިންވެސްޓިގޭޓަރުންގެ ބޭނުން ފުލުހުންގެ ލީޑާޝިޕުން ނުހިފުމެވެ. ސިޔާސީ ނުފޫޒު ފުލުހުންގެ މުއައްސަސާއަށް ވެސް އިންތިހާއަށް ސިޔާސީ ނުފޫޒު ވަނުމެވެ. ފެންވަރު ހުރި، ތަހުގީގުތަކުގައި ބޭނުން ހިފޭނެ އޮފިސަރަކާ މެދު ސިޔާސީ މީހަކު ހިތްހަމަނުޖެހެންޏާ އޭނާ އެ ތަނަކު ނުހުންނާނެ އެވެ.

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގެ މިންގަނޑުތަކެއް ކަނޑައަޅާފައި ނެތުމުން، 2018ވަނަ އަހަރުގެ ތެރޭގައި ފުލުހުން ސައްހަ ނޫން ގޮތަކަށް އުފައްދާފައިވާ ކަމަށް ބެލެވޭ ރިޕޯޓްތަކެއް ފެނުނު ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭގެ ނަތީޖާގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ޓެރަރިޒަމްގެ މައްސަލަތަކުގައި ތައްޔާރުކުރާ އިންޓެލިޖެންސް ރިޕޯޓްތަކުގައި ހެކި ހުންނަން ޖެހޭނެ ކަމަށް ބެލެވޭ ވަކި މިންގަނޑުތަކެއް ލިޔެވިގެން ދިޔަކަން ފާހަގަކުރެއްވި އެވެ.

ވަކި ވަރަކަށް ހެކީގެ ނިސްބަތް އޭގައި ހިމަނައިގެން އެ މިންގަނޑުތައް އެހެން ކުށްތަކުގެ ގާނޫނާއި ގާނޫނުއްއުގޫބާތަށް ވެސް ގެނައުމުން، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޖާގަ ފުލުހުންނާއި ފަނޑިޔާރުންނަށް ވެސް ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ފުލުސް އޮފިސަރުން ހަރަކާތްތެރި ވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަލީ ވަހީދުގެ މައްސަލަ؛ އިތުބާރު ހޯދަން ލިބުނު ފުރުސަތެއް

ކްރިމިނަލް ޖަސްޓިސް ސިސްޓަމް ނުވަތަ ޖިނާއީ އަދުލުގެ ނިޒާމަކީ ވަރަށް ބާރުގަދަ ނިޒާމެކެވެ. ޝަމީމް ވެސް މި ކަން ފާހަގަކުރައްވަމުން ވިދާޅުވީ، ނިޒާމު ބޭނުންކުރަން ވެއްޖެއްޔާ ރަނގަޅު ގޮތުގައި ވެސް ބޭނުން ހިފިދާނެ ކަމަށާއި ނަހަމަ ގޮތުގައި ވެސް ބޭނުން ހިފިދާނެ ކަމަށެވެ.

ބައެއް ޒާތުގެ ކުށްތަކުގައި ސިޔާސީ ވެރިން ވެސް މިހާރު ނުފޫޒު ފޯރުވަން ފަސްޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކެވެ. އޭގެ ބައެއް މައްސަލަތަކުގައި، ޝަމީމް ވެސް ޕީޖީއަކަށް ހުންނެވިއިރު، ނިޒާމު ހިނގާ ތަން ދައްކުވައިދެވުމުން އެ ގޮތަށް ނިޒާމު މަސައްކަތްކުރާ ތަން ފެންނަ ކަމަށް ވިދާޅުވި އެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ހަރުކަށި އަބަދުތައް ދެވެން ފެށުމުން، ނިޒާމު ހިންގަން ފެށުމުން ސިޔާސީ މީހަކު ނޫނީ ސިޔާސީ މީހަކާ ގުޅުންހުރި މީހަކު ވެސް ކުޑަކުއްޖަކާ ބެހެއްޖެނަމަ އެ ކަން ސީރިއަސްކޮށް ނަގާނެ. ނިޒާމުގެ ތެރެއިން ވަކި ތަފާތު ލުއިތަކެއް ނުލިބޭނެ ކަން ސިޔާސީ މީހުން ވެސް މިހާރު ގަބޫލުކުރާނެ،" ޝަމީމް ވިދާޅުވި އެވެ.

ވަޒީފާގެ މާހައުލުގައި މުވައްޒަފުން ވެރިފަރާތުގެ ޖިންސީ ޝިކާރައަކަށް ހަދާ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށް ޝަމީމް ވިދާޅުވި އެވެ. މި ޒާތުގެ ކުށުގެ ވާހަކައެއް ޝަމީމް ދައްކަވަނީ ގެގް އޯޑަރުގައި ބުނާ ޑޮކިއުމަންޓަރީގައި ވެސް ގެނެސްދެނީ އެފަދަ ތުހުމަތުތަކެއް ކަމަށް ވުމުންނެވެ. 

ނަމަވެސް ޑޮކިއުމަންޓަރީގައިވާ ތުހުމަތުތަކުގެ ވާހަކަ ނުދައްކަވައި، ޝަމީމް ދެއްކެވީ އެފަދަ އެހެން ބޮޑު މައްސަލައެއްގެ ވާހަކަ އެވެ. ޓޫރިޒަމް މިިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ތުހުމަތުކުރެވުނު މައްސަލަ އެވެ.

އެ މައްސަލާގައި ފުލުހުންނާއި ޕީޖީ އޮފީހުން ވެސް ވަރަށް މަސައްކަތްކޮށްގެން، ހެކިބަސް ހޯދައި ދައުވާ ވެސް ކުރެވުނެވެ. ނަމަވެސް ދައުވާ ކުރީމައި ފުރަތަމަ ފިލައިގެން ދިޔައީ އެވެ. ފިލައިގެން ދެވޭނީ ބާރުގަދަ ފަރާތްތަކުގެ އެހީތެރިކަމެއް ވެސް އޮވެގެން ކަމަށް ޝަމީމް ގަބޫލުކުރައްވަ އެވެ. ފިޔަލައިގެން ދިޔަ ނަމަވެސް ވިސާ ހަމަނުޖެހުމާއި، ރާއްޖޭގައި މިހާ ސީރިއަސް ތުހުމަތުތަކުގައި ދައުވާކޮށްފައި ވެސް އޮތުމުން އަލީ ވަހީދަށް ވަކި ފަސޭހައެއް ވެސް ނުވި އެވެ.

މީގެ ސަބަބުން މައްސަލަ ފައިލްކުރުމަށް ޕީޖީ އޮފީހާއި ފުލުހުންނަށް ވެސް އެކި ޒާތުގެ ޕްރެޝާތައް އައި ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެކި ކަހަލަ ސިޔާސީ ސަބަބުތަކަށް ޓަކައި ހެކިން، ހެކިބަސް ދޭން ބޭނުމެއް ނުވި. އެ ދުވަހު ވެސް ސިޔާސީ މީހުން އަލީ ވަހީދަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް ހުރެގެން، ސިސްޓަމަށް ނުރަނގަޅު ގޮތެއްގައި ނުފޫޒު ފޯރުވައިގެން ހެކިންނަށް ނުފޫޒު ފޯރުވައިގެން އެ ކަން ހިންދާލީ،" ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެ ދުވަހު ގޮތެއްގައި ހިފެހެއްޓުނު ނަމަ، އެ ސަކަރާތް ނުޖެހިނަމަ މިއަދު ރައްޔިތުންނަށް އެނގޭނެ ވަޒީފާގެ މާހައުލުމުގައި އެ ޖަހާ ސަކަރާތް ނުޖެހޭނެ ކަން. އެކަމަކު ކޮންމެ ވެސް މީހަކު ކޮންމެ ވެސް މީހަކަށް ކަމެއް ކޮށްދޭން ޖެހިގެން، ސްމޯކް ސްކްރީން ހަދަން ޖެހިގެން، މި ސަކަރާތް ޖަހަން ވެއްޖެއްޔާ ދުވަހަކު ވެސް މި ކަން ހައްލެއް ނުވާނެ."

ހެކި ބަސް ދޭން ތިބި މީހުން ހެކިބަސް ނުދޭ ގޮތަށް ނިންމުމުގެ ސަބަބުން، ޝަމީމް ގަބޫލުކުރައްވަނީ ޕީޖީއަށް ވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ. އެހެން ނަމަވެސް ސިޔާސީ ބާރުވެރިކަން އޮތް މީހުންނަށް އެ ދުވަހު ހެކިންނަށް ނުފޫޒު ނުފޯރުވައި، ޝަރީއަތް ހިންގަން ފުރުސަތު ދެވެން އޮތެވެ. އެއީ ސައްހަ ނޫން ހެކިތަކެއް ކަމަށް ބުނަންޏާ، އެ ކަން ވެސް ޝަރީއަތްކޮށްގެން ސާބިތުކުރަން ފުރުސަތު ނުދީ، އެ ކަން ހުއްޓުވުމަކީ ދެރަ އެކެވެ.

ޝަމީމް ވިދާޅުވީ އެ ދުވަހަކީ ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ހޯދަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ނަގާލި ދުވަސް ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު ފުރުސަތެއް އަލީ ވަހީދގެ މައްސަލައަކީ. ނިޒާމު މި މައްސަލަތަކަށް ފައްކާވިކަން. ނިޒާމުން އެކްޝަން ނަގާނެކަން ދައްކަން. ނިޒާމުން އަނިޔާގެ ޝިކާރައަށްވާ ފަރާތަށް ރައްކާތެރިކަމާއި ހިމާޔަތްދޭނެކަން،" ޝަމީމް ވިދާޅުވި އެވެ.

ރައީސަށް ލިބިދޭ މާފުކުރުމުގެ ބާރު އަތުލަން ޖެހޭ

ޖިނާއީ ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މީހުން ދޫކޮށްލުމަކީ ވެސް މިހާރު އާންމު ވެފައިވާ ކަމެކެވެ. ޝަމީމް ވިދާޅުވީ "ކްރިމިނަލް ޖަސްޓިސް ސިސްޓަމަށް ދިމާވެފައިވާ ވަރަށް ބޮޑު ވަބާއެއް،" ކަމަށެވެ.

ކޮންމެ އިންތިހާބަކާ ދިމާކޮށް ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ މީހުންނަށް މާފުދީ، ބައެއް މީހުންގެ ކުށުގެ އަދަބު ލުއިކޮށްދެ އެވެ. އެންމެ ފަހުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތެރިޔާ ކަމަށް އަމިއްލައަށް ވެސް އިއުތިރާފުވެފައިވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް މިނިވަންވަނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާއަށް މާފު ދެއްވުމުންނެވެ.

ޝަމީމް ވިދާޅުވީ އަދީބު ދޫކޮށްލުމަކީ އޭނާ ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ޝަމީމް ގަބޫލުކުރައްވާ ގޮތުގައި ރައީސްއަށް ލިބިދީފައިވާ އެ ބާރު އަތުލަން ނުޖެހެ އެވެ. ނޫނީ އިންސާނިއްޔަތު ކަމަށް ޓަކައި ދޫކޮށްލަން ޖެހޭ ފަދަ، ނުރައްކާތެރި ބައްޔެއް ޖެހުން ކަހަލަ ކަމެއްގައި މެނުވީ އެ ބާރު ނުލިބޭ ގޮތަށް އެ ބާރު ހަނިކުރަން ޖެހެ އެވެ.

"ރައީސަކަށް ހުންނަ މީހާއަށް ވެސް، އޭނާގެ ތާއީދު ދެމެހެއްޓުމަށް ޓަކައި، ޕާޓީގެ ވަފާތެރިންގެ ފަރާތުން އާދޭ މި ކަަހަލަ ޕްރެޝަރުތަކެއް. އެހެންވީމާ ރައީސުންނަށް ފަސޭހަކޮށްދޭން ވެސް އެބަ ޖެހޭ މި ބާރު އަތުލަން، ނޫނީ ހަނިކުރަން،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް، އެންމެން ވެސް 'އަތްލާން ނުޖެހޭ' ކަންކަން ހުންނާނެ ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ސިޔާސީ މީހުންގެ ކަންކަމަށް އައުމުން ވެސް އަޅުގަނޑުމެން އެންމެން ގަބޫލުކުރަން ޖެހޭ އުސޫލުތަކެއް ހުންނަންޖެހޭ. އަތް ނުލާނެ ކަންތައްތަކެއް ހުންނަން ޖެހޭ،" ޝމީމް ވިދާޅުވި އެވެ.

ކޮމެންޓް (3)

ޝަމިއްޓެ ކުރީގެ ފޭނެއް

19 މޭ 2026
ޝަމިއްޓޭ އަސްލު ކަޑައޭ. ސިޔާސީ ނުފޫޒުން ގިނަކަންކަން ނިންމި ކުރިން. އެހެންވީމާ ތިވާހަކަ އަޑެއްނާހާނެ. މިހާ ރަގަޅެއް ނޫނޭ ވާހަކަ ދައްކަން
0 0

އައްޑޫ މީހާ

16 މޭ 2026
ޝަމީމް އަށް ޒާތީ ފައިދާވާގޮތަށް އަދި ސޫދު އާ ގުޅިގެން ސޫދުއަށް ސިޔާސީ ފައިދާ ވާގޮތަށް ކަންކަން ނިންމީ، ޖިނާއީ އަދުލުގެ ނިޒާމު، ނުފޫޒުން އެއްކިބާކުރަންތަ؟ ފުރަތަމަ ތިމާ މީހާގެ ފަސްބައިގަހުރި ގުއިތައް ސާފުކޮށްލާ.
1 0

ބޯހަލާކު

15 މޭ 2026
ޝަމީމުއަށް ނުފޫޒު ފޯރުވަން ގުޅީމަ މައްސަލަ ބަލަން ނޭންގީ ކީއްވެ؟ ކޮންކަހަލަ ހަމަނުޖެހޭ ވާހަކައެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް