އަލީ ވަހީދާއި ރައީސް ސޯލިހް: އަލީ ވަހީދު މީގެ ކުރިން ވިދާޅުވީ، ރައީސް ސޯލިހް ހިޔާނާތުގެ 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ނެންގެވި ކަމަށް ނަމަވެސް މިއަދު އެކަން ދޮގު ކުރެއްވި (ފައިލް ފޮޓޯ)

އަލީ ވަހީދު

އަލީ ވަހީދު މިހާރު ވިދާޅުވަނީ، ރައީސް އެމްއެމްޕީއާރުސީގެ ފައިސާގައި ނުޖެހޭ ކަމަށް

އެއީ އޭނާ 'ފްރޭމް' ކުރީ ކޮން ބައެއްކަން ހޯދުމުގެ ނިޔަތުގައި ދެއްކި ވާހަކައެއް ކަމަށް ވިދާޅުވި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން 35 މިލިއަން ރުފިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް ކުރިން ވިދާޅުވި ވިދާޅުވުމަކީ އެއީ ހަގީގަތެއް ނޫން ކަމަށް މިއަދު ރާއްޖެ ވަޑައިގެންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވަނިކޮށް 2020 ވަނަ އަހަރުގެ ތެރޭ، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ ދައުވާ އުފުލުމާ އެކު މިވީހާ ދުވަހު އޭނާ ހުންނެވީ އިނގިރޭސީވިލާތުގަ އެވެ. އެގައުމުގައި ހުންނަވައިގެން ސެޕްޓެމްބަަރު 2021ގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ރައީސް ސޯލިހަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން:

  • ރައީސް ސޯލިހަށް އަމާޒުކޮށް 35 މިލިއަން ރުފިޔާގެ ކަޅު ދަބަހުގެ ވާހަކަ ފުރަތަމަ އޭނާ ގެންނެވީ، ދުރުދުރުން، ވަކި މީހެއްގެ ނަން ވިދާޅުނުވެ؛ ނަމަވެސް ފަހުން ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެ ފައިސާ ގެންދެވީ ރައީސް ކަމަށް

  • އެ ފައިސާ ރައީސް ގެންދެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރެހެންދި ފްލެޓުން؛ އެ މަންޒަރު އެތަނުގެ ސީސީޓީވީން ފެންނާނެ

  • ފުލުހުން އުޅެނީ އެ ސީސީޓީވީ ފުޓޭޖް ފޮރުވައިގެން ކަމަށް ވިދާޅުވި

ވީ ކިހިނެއް؟ - ރާއްޖެއިން ދިޔަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން މިއަދު، މާލެ ވަޑައިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރު ރައީސަށް ކުރެއްވި ތުހުމަތާ ގުޅިގެން 'ދައުރު'އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު އެދުވަހު އެ ނޫސްކޮންފަރެންސް ބޭނުން ކުރީ، ސްމޯކް ސްކްރީނަކަށް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އަޅުގަނޑު އެ ލަފްޒު ބޭނުން ކުރީ ސްމޯކް ސްކްރީނަކަށް،" އޭރު ކުރި ތުހުމަތު މިހާރު ދޮގު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

11 ޖުލައި 2023 ވަނަ ދުވަހު މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއަށް އެނބުރި ވަޑައިގެން، އެއް ނަންބަރު ފާލަން ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ރައީސް 35 މިލިއަން ރުފިޔާ ނުގެންދަވާކަމަށްތޯ މިހާރު ތިޔަ ވިދާޅުވީ ތަކުރާރުކޮށް އެހެމުން ވެސް އޭނާ ވިދާޅުވީ، އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އެގޮތަށް ވާހަކަ ދެއްކެއްވީ، ޖިންސީ ގޯނާގެ މައްސަލައިގައި އޭނާ ފްރޭމް ކުރި މީހުންނަކީ ކޮބައިތޯ ދެނަގަތުމަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ، އެއީ ސްމޯކް ސްކްރީންއެކޭ އަޅުގަނޑު ބޭނުން ކުރީ. އެއީ، އަޅުގަނޑު ފަހަތުގައި ވިއްދާފައި ހުރީ ކޮން ހިޔަމައެއްތޯ ޔަގީން ކުރަން. ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައިވެސް އޮވޭ،" އަލީ ވަހީދު ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 35 މިލިއަން ރުފިޔާ ނަގާކަށް ނުޖެހޭނެ. އެއަށްވުރެ ލިބޭ ބޭފުޅެއް އެއީ."

އަލީ ވަހީދު ވިދާޅުވި ގޮތުގައި 'ސްމޯކް ސްކްރީންގެ މާނައަކީ ދޮގު ހެދުމެއް ނޫން' ކަމަށެވެ.

އެނގުން މުހިންމު - އަލީ ވަހީދު ވިދާޅުވީ ސްމޯކް ސްކްރީން އަކީ، އަސްކަރީ އޮޕަރޭޝަންތަކުގެ ސިއްރުކުރުމަށް ބޭނުން ކުރާ ހަނގުރާމައިގެ އުކުޅެއް ކަމަށެވެ. 

އަލީ ވަހީދު އިތުރަށް ވިދާޅުވީ:

  • އޭނާ ފްރޭމް ކުރީ، އެމްޑީޕީ ތެރެއިން ކަމަށް؛ އެއީ ކޮން ބައެއްކަން ހާމަކުރަމަށް ނޫސްވެރިން އެދުމުން އެކަމާ ދެކޮޅު ހެއްދެވި

  • ސިޔާސީ ގޮތުން ދެން ކުރިއަށް ގެންދަވާނެ ގޮތެއް ވެސް ހާމަ ކުރަން އަދި ބޭނުން ނުވާ ކަމަށް ވިދާޅުވި

  • އެއްވެސް މުވައްޒަފަކަށް ޖިންސީ ގޯނާ  ނުކުރާ ކަމަށް ﷲގަންދީ ހުވާ ކުރެއްވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް