ރައީސް ސޯލިހު (ކ) އާއި އަލީ ވަހީދު ސަލާމްކުރައްވަނީ (ފައިލް ފޮޓޯ)
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރައީސް ސޯލިހް ގެންދެވި ކަމަށް އަލީ ވަހީދު ތުހުމަތުކުރައްވައިފި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމެނޭ "ކަޅު ދަބަހެއް"، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އޭރު އުޅުއްވި ރެހެންދި ފްލެޓުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދެވި ކަމަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ކުށުގެ ދައުވާތަކާ ކުރިމަތިވެފައިވާ އަލީ ވަހީދު ރޭ ތުހުމަތުކުރައްވައިފި އެވެ.
ބޭސްފަރުވާއަށް ވަކި މުއްދަތަކަށް ބޭރަށް ވަޑައިގެންނެވި ގޮތަށް ރާއްޖެ ވަޑައިނުގެން ލަންޑަންގައި ހުންނެވި އަލީ ވަހީދު އޮންލައިންކޮށް ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި އިރު ރައީސް ސޯލިހު އެ "ކަޅު ދަބަސް ގެންދަވާ" ތަން ފެންނަ ވީޑިއޯއެއް ވެސް އޮންނާނެ ކަމަށެވެ. އެ މައްސަލަ ނުބަލަން ނިންމެވީ އެސިޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒު ކަމަށް ވެސް، އޭނާ ތުހުމަތުކުރެއްވި އެވެ.
ތަފްސީލު - އަލީ ވަހީދުގެ ވާހަކައިގައި ޕްރޮސެކިއުޓަ ޖެނެރަލް ހުސެން ޝަމީމް އަށާއި ސަރުކާރުގައި ތިއްބެވި އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވެސް ހިމެނެ އެވެ.
ރައީސް ސޯލިހަށް އަމާޒުކޮށް 35 މިލިއަން ރުފިޔާގެ ކަޅު ދަބަހުގެ ވާހަކަ ފުރަތަމަ އޭނާ ގެންނެވީ، ދުރުދުރުން، ވަކި މީހެއްގެ ނަން ވިދާޅުނުވެ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ފަސް މަގާމުގެ ތެރެއިން މަގާމެއްގައި އެ ދުވަސްވަރު ހުންނެވި ބޭފުޅަކު، ރެހެންދި ފްލެޓުން 35 މިލިއަން ރުފިޔާ، ކަޅު ދަބަހެއްގައި ގެންދެވި ކަމަށެވެ. އެ މަންޒަރު ފެންނަ "ސީސީޓީވީ ފުޓޭޖް ފުލުހުން ފޮރުވައިގެން" އުޅޭ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
ކަޅު ދަބަހުގައި ފައިސާ ގެންދެވީ ކޮން ބޭފުޅެއްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އަލީ ވަހީދު ގިނަ އިރުތަކެއް ވަންދެން ވާހަކަ ދެއްކެވީ ވަކި ނަމެއް ވިދާޅުނުވެ އެވެ. ނަމަވެސް އެއީ ރައްޔިތުންނަށް އެނގެން ޖެހޭ މުހިއްމު މައުލޫމާތެއް ކަމަށް ނޫސްވެރިޔަކު ބުނުމުން އަލީ ވަހީދު ދެން ވިދާޅުވީ، ރައީސް ސޯލިހު ވެސް ފައިސާ ދަބަހެއް ގެންދެވި ކަމަށެވެ.
އިތުރަށް ސާފުކުރުމުގެ ގޮތުން "ދައުރު"ން ސުވާލުކުރީ އަލީ އެ ވިދާޅުވާ 35 މިލިއަން ރުފިޔާ ހުރި ކަޅު ދަބަސް ގެންދެވީ ރައީސް ސޯލިހުތޯ އެވެ.
"އާދެ. އެއަށް ވުރެ ގިނައިން ހުންނާނެ [އެމްޑީޕީން ގެންގޮސް]. އެއް ހާދިސާ މި ދެންނެވީ،" ތިން ގަޑިއިރަށް ދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވި އެވެ.
"[35 މިލިއަން] އެއަށް ވުރެ ގިނައިން ނަގާފައި ހުންނާނީ. އެމްޑީޕީއަށް ނަގާފައި ހުންނާނީ. އެމްޑީޕީގެ ވަކިވަކި މީހުން ވެސް ހުންނާނެ ނަގާފައި."
"އެމްޑީޕީ ހިންގަންތޯ ނޫންތޯ އެނގޭނީ އެ ގެންދެވި ބޭފުޅަކަށް. އަޅުގަނޑަށް ދަންނަވަން ކެރިދާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހުންނެވީ ކަޅު ދަބަހުގައި ފައިސާ ގެންދަވާފައި،" އިތުރު ތަފުސީލުގައި އަލީ ވަހީދު ވިދާޅުވި އެވެ.
"އެ ބޭފުޅާ ކަޅު ދަބަސް ގެންދެވި ވީޑިއޯ ހުންނާނެ ޕޮލިހުގައި ވެސް."
އިތުރު ބައެއް މައުލޫމާތު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 2015 ގައި އިއްވި ޓެރަރިޒަމްގެ ހުކުމާ އެކު އެ މަނިކުފާނު ހުންނެވީ ޖަލުގަ އާއި ގޭބަންދުގަ އެވެ. އެ ދުވަސްވަރު ނައިބު ރައީސް މުހައްމަދު ޖަމީލް މަގާމުން ދުރުކުރުމާއި ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން އުޅުނެވެ. އެކަމަށް ބޭނުންވާ ވޯޓު ހަމަވާން އޮތީ، އެމްޑީޕީގެ ތެރެއިން ވެސް ބައެއް ވޯޓު ލިބިގެންނެވެ.
މި ދެ މައްސަލާގައި ވެސް އެމްޑީޕީން ނެރުނީ މެމްބަރުން ބޭނުންވާ ގޮތަކަށް ވޯޓުލުމުގެ ވިޕެކެވެ. އޭރު ތުހުމަތުކުރެވުނީ ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ބާބު ގާނޫނުއަސާސީގައި ހިމަނަން އެމްޑީޕީ މެމްބަރުންނަށް، އަދީބު މެދުވެރިވެ ވަރަށް ގިނަ އަދަދެއްގެ ފައިސާ ދިން ކަމަށެވެ. އޭގެ ތެރެއިން ބައެއް ފައިސާ ރައީސް ސޯލިހާ ހަވާލުކުރިކަމުގެ ވާހަކަތައް ވެސް ފެތުރުނެވެ.
އަލީ ވަހީދުގެ މި ތުހުމަތުތަކާ މެދު ރައީސް ސޯލިހުގެ ފަރާތްޕުޅުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އޭސީޕީ ރިޔާޒު ވެސް އަދި ވަކި ޖަވާބެއް ނުދެއްވަ އެވެ.