އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުޅުއްވި އިޝްތިހާރެއްގެ ތެރެއިން: އޭނާ މަގާމުގައި ހުންނަވައިގެން މިނިސްޓްރީގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތަހުގީގާ ގުޅޭ ބަޔާންތައް ވަނީ ލީކްކޮށްލާފައޮ (ފައިލް ފޮޓޯ/ މިނިސްޓްރީ)
އަލީ ވަހީދުގެ ފަރާތުން 'ޖިންސީ ގޯނާ ލިބުނު' މީހުންގެ ބަޔާންތައް ލީކްކޮށްލައިފި
މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު މަގާމުގައި ހުންނަވަނިކޮށް، އެ މިނިސްޓްރީގެ އަންހެން މުވައްޒަަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި އަލީ ވަހީދާ ގުޅޭ ގޮތުން ތަހުގީގަށް އެ އަންހެނުން ދީފައިވާ ބަޔާންތައް ސޯޝަލް މީޑިއާގައި ލީކްކޮށްލައިފި އެވެ.
މައްސަލައިގެ ފެށުން - ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ 18 ނޮވެމްބަރު 2020ގަ އެވެ. ކޯޓުން ޕާސްޕޯޓް ދޫކޮށްލުމާ އެކު ރާއްޖެއިން ފުރައިގެން އިނގިރޭސި ވިލާތަށް ވަޑައިގަތީ، ފެބްރުއަރީ 2021ގަ އެވެ. އޭގެ ފަހުން:
-
އޭނާ ޝަރީއަތަށް ފިއްލަވައިގެން ތިން އަހަރު ދުވަސް ވަންދެން އުޅުއްވީ ރާއްޖެއިން ބޭރުގައި
-
މައްސަލަ ދިގުލައިގެންގޮސް، އެތައް ދުވަހެއް ފާއިތުވި އިރު އޮތީ އެ މައްސަލަ ކުރިއަށް ނުގޮސް ހުއްޓިފައި؛ އެންމެ ފަހުން އަލީ ވަހީދުގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެނުންތަކެއްގެ ހެކި ބަސްތައް އަނބުރާ ގެންދިޔަ
-
ހެކި ބަސްތައް އަނބުރާ ގެންދިޔުމުން، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ މިދިޔަ ޖޫން މަހު ދައުވާތައް އަނބުރާ ގެންގޮސްފައި؛ އެއާ އެކު އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ ޖުލައި މަހު
-
ރާއްޖެ ވަޑައިގެން 'ވިކްޓިމްއަކީ އަޅުގަނޑު' ކަމަށް ވިދާޅުވެ، އަލީ ވަހީދު އަނެއްކާވެސް ސިޔާސީ ހަރަކާތްތަކަށް އެނބުރި ވަޑައިގަތް؛ ފުރަތަމަ ފެނުނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިނުން އަދި މިހާރު އޭނާއަކީ އެމްޑީޕީގެ ކެންޑިޑޭޓެއް
ވީ ކިހިނެއް؟ - ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ އަލީ ވަހީދާ ގުޅޭ މި ބަޔާންތައް ލީކްކޮށްލާފައި ވަނީ އެކްސްގައި ހަރަކާތްތެރިވާ އެކައުންޓަކުންނެވެ.
ތަފްސީލު - އެ ކައުންންޓުން މިހާތަނަށް ތިން އަންހެނެއްގެ ބަޔާން ވަނީ ލީކްކޮށްލައިފަ އެވެ. އެއީ ސައްހަ ބަޔާންތަކެއްކަން އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.
ބަޔާންތަކުން އެނގޭ ގޮތުގައި ގަދަކަމުން އަލީ ވަހީދު ވަނީ ބައެއް އަންހެނުންނާ އެކު ޖިންސީ ގުޅުން ހިންގައި/ހިންގުމަށް މަސައްކަތްކުރައްވައިފަ އެވެ.
އޭގެ އިތުރުން އެ އަމަލުތައް ހިންގަން އުޅުއްވީ އަލީ ވަހީދު އޭރު ހުންނެވި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކަން ވެސް ބަޔާންތަކުން އެނގެ އެވެ. އެ ގޮތުން:
-
މިނިސްޓްރީގެ ދަތުރުތަކުގައި އަންހެން މުވައްޒަފުން ރިސޯޓުތަކަށް ގެންގޮސް، އެމީހުންނާ "ބެހެން" އެކި ގޮތްގޮތުން މަސައްކަތްކުރައްވާފައިވޭ
-
އިތުރުން ކޮވިޑް-19ގައި މިނިސްޓްރީން އެކުލަވާލި ޓާސްކް ފޯސް ގާއިމްކުރި މާގިރި ހޮޓެލްގައި އޭނާ ހުންނެވި ރޫމްގައި ވެސް މި އަމަލުތައް ހިންގައި/ހިންގުމަށް މަސައްކަތްކުރެއްވި
-
ބައެއް އަންެހެނުންނަށް އެކި މަގާމުތަކާއި ޕްރޮމޯޝަން ފަދަ ތަކެތި ހުށަހަޅާފައިވޭ
އަލީ ވަހީދުގެ އެ އަމަލުތަކުގެ ވާހަކަ ދައްކައިފި ނަމަ، އޭނާއަކީ ބާރުގަދަ ބޭފުޅެއް ކަމަށް ވިދާޅުވެ، މުވައްޒަފުންނަށް އިންޒާރުދެއްވައި ބިރު ވެސް ދެއްކެވި ކަމަށް ބަޔާންތަކުން އެނގެ އެވެ.
އަލީ ވަހީދުގެ މައްޗަށް އޭރު ކުރި ދައުވާތަކަކީ:
-
ރޭޕްކުރަން އުޅުން
-
ޖިންސީ އަނިޔާކުރުން
-
ޖިންސީ ގޯނާކުރުން
-
ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން
-
ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުން
އެ ހުރިހާ ތުހުމަތުތަކަށް ބާރުދޭ ވާހަކަތައް އެ ބަޔާންތަކުގައި އެބަހުއްޓެވެ.
އަލީ ވަހީދުގެ ބަސް - މީގެ ކުރިން ވެސް އަލީ ވަހީދު ވަނީ އޭނާއަށް އަމާޒުވި މި ތުހުމަތުތުތައް ދޮގުކުރައްވައިފަ އެވެ. އަދި ބަޔާންތައް ލީކްވުމާ އެކު މިއަދު އޭނާ ވަނީ އެކަމާ ގުޅޭ ގޮތުން އެކްސްގައި ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ.
"ސިޔާސީ ގޮތުން ކާޅަށް ކޮށާ ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނަން. ބުނި ބުންޏަށް ފްރޭމްކޮށް ދިން އަނިޔާ އާއި ލަކުނު އަދި ނުފިލާ. އިރާދަފުޅުން ނަޔާ ކުޅުދުއްފުއްޓެއް ކާމިޔާބު ކުރާނީ ނުހަނު ލޯތްބާ އެކު. ތިޔަ ކަން ތި ކުރަނީ ކާކު ކީއްވެކަން އެނގޭ،" އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
މިފެންނަނީ ހަޤީޤީ ކުލަވަރު