އަލީ ވަހީދު މާލޭ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަނީ (ދައުރު ފޮޓޯ/ހުސައިން ސުނައިން)
އަލީ ވަހީދުގެ މައްސަލަ: ސިޔާސީ މީހުންނަކީ މައުސޫމް ބައެއް
"އަޑެއް ކިޔައިފިއްޔާ ރެނދެއް ލާނެ،" މިއީ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވަނިކޮށް، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވުނު އަލީ ވަހީދު، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ނެގުމާ އެކު އިއްޔެ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވި ވާހަކައެކެވެ. އެކަމަކު ހާސްނުވާށެވެ. ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް، އެ ހަރުބަސް އަލީ ވަހީދަކަށް ރައްދެއް ނުވާނެ އެވެ.
މިހެން ބުނަން ޖެހެނީ އިއްޔެ އޭނާއަށް ކީ 'ޝަރަފުވެރި' މަރުހަބާ ފެނިފަ އެވެ. ޖިންސީ ގޯނާގެ އެތައް ތުހުމަތަކާ ކުރިމަތިވިޔަސް، އިނގިރޭސި ވިލާތުގައި ދެ އަހަރާއި ބައި ހޭދަކުރައްވާ އިއްޔެ ރަސްމީ ފާލަމަށް އޭނާ ފައިބައިވަޑައިގަތީ 'އިއްޒަތްތެރިއެއް'ގެ ގޮތުގަ އެވެ. އެކި ޖިންސުގެ އެކި އުމުރުގެ އެތައް ބަޔަކު މަރުހަބާ ކިޔަން އެތަނުގައި ސަފު ހަދައިގެން ތިއްބެވެ.
ލަވަ ޖަހައި މާ ބޮނޑިއާ އެކު، އެއް ބަޔަކު އޭނާ ގައިގައި އޮޅުލައި ރޮއެ ހެދީ އެވެ. އުފުލި ދައުވާތަކުގެ ބޮޑުކަމާއި ނުރައްކާތެރި މިންވަރު ވެސް ހަނދާނެއް ނެތް ކަހަލަ އެވެ.
ކޯޓުން ކުށެއް ސާބިތުނުވާހާ ހިނދަކު އެމީހަކީ، ގާނޫނުގެ ކުރިމަތީގައި، ކުށެއް ނެތް މީހެކެވެ. ނަމަވެސް އަލީ ވަހީދާ ދެކޮޅަށް މައްސަލަތައް އައި ގޮތާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ފިޔަވަޅު އެޅިލެއް އަވަސްކަމާ އެކު އެއީ އާދަޔާ ހިލާފު ބޮޑު މައްސަލަގަނޑަކަށް އޭރު ވި އެވެ. އެހެންކަމުން އެކަން ހިނގާދިޔަ ގޮތާ މެދު ހަނދާން އާކޮށްލުން ހުއްޓެވެ.
-
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކާ އެކު ޖުލައި 2020ގައި މަގާމުން ވަކިކުރި
-
ދައުލަތުން ހަތް ދައުވާއެއް އުފުލައި ޕާސްޕޯޓު ވެސް ހިފެހެއްޓި
-
އުފުލި ދައުވާތަކަކީ؛ ރޭޕްކުރަން އުޅުން، ޖިންސީ އަނިޔާކުރުން، ޖިންސީ ގޯނާކުރުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން، ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުން
-
އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވަނީސް ދަންވަރުގެ ވަގުތެއްގައި ކުއްލިއަކަަށް އޭނާގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެކު ފެބްރުއަރީ 2021ގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި
-
ޝަރީއަތަށް ހާޒިރުނުވުމުން ސީދާ ސުޕްރީމް ކޯޓުން އޭނާ ހައްޔަރުކުރަން އަމުރުކުރި
-
އޭގެ ފަހުން އޭނާ އަނބުރާ ރާއްޖެ ގެނެސް އޭނާއަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވީ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކުރާ ކަމަށް ދައުލަތުން ބުނި
-
އެކަމަކު ދެ އަހަރާއި ފަސް މަސް ދުވަސް ވީއިރު އެ މަސައްކަތަށް މާ ބޮޑު ކާމިޔާބީއެއް ނުލިބި އޮއްވާ އެ ދައުވާތައް އަނބުރާ ގެންދިޔަ
-
ދައުވާތައް އަނބުރާ ގެންދަން ނިންމީ، މައްސަލާގައި ހިމެނޭ ހެކިން ދައުވާކުރަން ބޭނުން ނުވާ ކަމަށް ބުނެ ޕީޖީ އޮފީހަށާއި ފުލުހުންނަށް ފޮނުވި ސިޓީތަކާ ގުޅިގެން
-
ދައުވާތައް އަނބުރާ ގެންދަން އެދުނީ، އަޑުއަރާފައިވާ ގޮތުގައި، ބިރު ދެއްކުމާއި ދައުވާތައް އަނބުރާ ގެންދަން ފައިސާ ހުށަހަޅާތީ
-
އޭނާ ރާއްޖެ ވަޑައިގެންނެވިއިރު ސުޕްރީމް ކޯޓުގެ އަމުރު އޮތީ، އޭނާ މައާފަށް އެދިވަޑައިގަތުމުން ބާތިލްކޮށްފައި
އަލީ ވަހީދު ރާއްޖެ ވަޑައިގެންނެވީ މިނިވަނެއްގެ ގޮތުގަ އެވެ. މައުސޫމު ބޭފުޅެއްގެ ގޮތުގަ އެވެ. ހުރިހާ ދައުވާތަކަކުން ބަރީއަވެގެން، އެއް ބައެއްގެ ނަޒަރުގައި، 'ބަތަލެއް'ގެ ގޮތުގަ އެވެ.
މި މައްސަލައިގެ ކަން ހިނގި ގޮތަށް ބަލާއިރު އެއްވެސް ވަރަކަށް ހައިރާނެއް ނުވެ އެވެ. މިއީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ ސިޔާސީ މީހުންނާ މެދު ރާއްޖޭގައި ތަކުރާރުވާ ސިލްސިލާއެއްގެ ބައެކެވެ. މަނީ ލޯންޑަރިން އަށް ވިޔަސް، ވައްކަމަށް ވިޔަސް، ސިޔާސީ މީހަކު ނަމަ، އެއީ މައުސޫމު ބޭފުޅެކެވެ. ކޯޓުން ކުށް ސާބިތުވިޔަސް 'ރަންގަނޑެއް'ގެ ނުވަތަ 'ބަތަލެއް'ގެ ސިފައިގައި ނޫނީ، އެއްބަޔަކަށް ނުފެނެ އެވެ.
އަނިޔާ ތަހައްމަލްކުރާ މީހުންނަށް އަނިޔާ އެވެ. އެމީހުންނަށް ބިރު ދައްކައި ދިރިއުޅެން ވެސް އުނދަގޫކުރަންވީ އެވެ. އެމީހުންގެ ދިފާއުގައި ނުކުންނާނެ ބަޔަކު، އަދި އިންސާފު ހޯދައިދޭނެ މުއައްސަސާއެއް ވެސް ނެތެވެ. އެހެންވެ ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ހަމަ ކުރިން ވެސް އުޅުނު އަރާމު ދިރިއުޅުމުގައި، ހިތުހުރި ގޮތަކަށް އުޅެންވީ އެވެ.
އާއްމުންގެ ހިޔާލަށް ބަލާއިރު ވެސް މި ވާހަކަތަކަށް ބާރު ލިބެ އެވެ. ގިނަ މީހުން ސުވާލު އުފައްދަނީ ރާއްޖޭގެ ކޯޓުތަކުގެ ނަޒާހާތްތެރިކަމާ މެދު އެވެ. އަނިޔާގެ ޝިކާރައަކަށް ވީ މީހުންގެ ވާހަކަތައް ސަރުކާރުން ބޮލާލައި ޖެހި ވާހަކަ އެވެ.
"އަލީ ވަހީދު ވީމަ ޖަލު ހުކުމަށް ވެސް ސުޕްރީމް ކޯޓުން ދިނީ މާފު. ނިކަމެތި މީހާ ޖަލަށް. ވީ ނީޑް ޖަސްޓިސް [އަހަރެމެން ބޭނުންވަނީ އިންސާފު] އިންސާފަކީ ސަރުކާރަކުން ކުޅެގެން ގެންގުޅޭ އެއްޗެއް ނޫން،" ސޯޝަލް މީޑިއާގައި އެކަކު ބުންޏެވެ.
"...އަލީ ވަހީދުގެ އަގެއް ނެތް ދުލުން ބުނެލާ ބަހަކުން ކަމެއްގެ ހަގީގަތް ބަދަލެއް ނުވާނެ. އަލީ ވަހީދާ ވެސް ގާނޫނުގެ ދިގު އަތް އަރާ ހަމަކުރާނެ. ވަގަކަށް ހާސް ދުވަސް، ވެރިއަކަށް އެއް ދުވަސް،" ސޯޝަލް މީޑިއާގައި އެހެން މީހަކު ނުރުހުން ފާޅުކުރި އެވެ.
"ވިކްޓިމްއަކީ އަޅުގަނޑޭ، އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއޭ"
ރަސްމީ ފާލަމުގައި ހުންނަވައިގެން އަލީ ވަހީދު ނޫސްވެރިން ކުރިމަތީގައި ވެސް ކުޅުއްވީ 'ވިކްޓިމް' ކާޑެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ސިޔާސީ ބަޔަކު ފަހަތުގައި ތިބެގެން ކުރި ނުހައްގު ދައުވާތަކެކެވެ.
"ވިކްޓިމްއަކީ އަޅުގަނޑޭ، އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއޭ،" ތަކުރާރުކޮށް އަލީ ވަހީދު ވިދާޅުވި އެވެ.
"އެ ވަރުގެ ބޮޑު ކަމެއް ކުރި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ނިޒާމުން އަޅުގަނޑު ދުއްވާލަން ވެގެން. ދެން ސިޔާސީ މަސްރަހުގައި އެއްބައި މީހުން ވަޅި ޖަހަން ފޮނުވަނީ، މިހާރު އެކަންތައް މަދުވީ ކަންނޭނގެ. މިހާރު މި ބަލަނީ އެ މީހެއްގެ ބޮލުގައި އެ މީހަކު ނުކުރާ ކަމެއް އަޅުވާފައި ނައްތާލުން."
ހަމަ އެ ނޭވާގައި އޭނާ ވިދާޅުވީ 'އަޑެއް ކިއްޔާ ރެނދެއްލާނެ' މިހެންނެވެ. އެކަމަކު ދެން އޭނާ ވާހަކަދެއްކެވީ އޭނާއަށް ތުހުމަތުކުރި މީހުންނަކީ ކޮބައިކަން ނޭނގޭ ނަމަ، އެއީ ހިނގި ކަމަކަށް ނުވާ ފަދަ މޭރުމަކުންނެވެ.
"އަޑެއް ކިއްޔާ ރެނދެއްލާނެ. ފަނަރަ މީހުންގެ ވާހަކަ ތި ވިދާޅުވަނީ. ދައްކަވާ އެކެއް. ދައްކަވާ ޓެކްސްޓް މެސެޖެއް. ދައްކަވާ ހިނގި ހާދިސާއެއް. ދިޔަ ތަނެއް،" އަލީ ވިދާޅުވި އެވެ.
ޖިންސީ ކުށުގެ މިފަދަ މައްސަލަތަކުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް، ގިނަ ފަހަރަށް، ހެއްކަކީ އަނިޔާ ލިބުނު މީހާގެ ބަހެވެ. ތުހުމަތުކުރެވޭ ކުށްވެރިޔާ އެ ކުށަކަށް އިންކާރު ކުރާއިރު، އޭނާ އެ ދައްކަނީ ތެދެއްކަމާއި ދައުވާ ލިބޭ މީހާ ދޮގު ހަދާކަން ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދިނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެ އެވެ.
އެފަދަ މައްސަލަތަކުގައި، ހާއްސަކޮށް ސިޔާސީ ނުވަތަ ބާރާއި ނުފޫޒު ގަދަ މީހުންނާ ދެކޮޅަށް ކުރިއަށް ދާން ގިނަ ފަހަރަށް ފަސްޖެހެނީ މުޖުތަމައުގައި ކުރިމަތިވާ ފިއްތުންތަކާއި އިންޒާރުތަކުގެ ސަބަބުންނެވެ. އިންސާފު ލިބޭނެކަމުގެ އުއްމީދު ވެސް ކުޑަވުމުންނެވެ.
އަލީ ވަހީދުގެ މައްސަލައިގައި ވެސް އެގޮތަށް ކަން ހިނގާފައި ނުވެއޭ ބުނެވޭކަށް ނެތެވެ.
ރެނދުލަނީ އަލީ ވަހީދުގެ ހަޔާތުގައެއް ނޫނެވެ. އޭނާގެ 15 އަހަރު ވީ ސިޔާސީ މަސައްކަތުގައެއް ވެސް ނޫނެވެ. އާންމުންނަށް ނުފެނުނަސް ހަގީގަތުގައި ރެނދުލަނީ އޭނާގެ ފަރާތުން އަނިޔާތަކެއް ލިބުނު ކަމަށް ތުހުމަތުކުރި މީހުންގެ ހަޔާތުގަ އެވެ.