ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޕީޕީއެމް ވެރިކަމުގައި އޮތް އިރު އެ ޕާޓީގެ ޖަލްސާއެއްގައި (ފޮޓޯ/މިހާރު)

ޔާމީނާއި އަދީބާ ދެެމެދު އޮތް 5 މިލިއަން ޑޮލަރުގެ 'ރުޅިވެރިކަން'

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ސިޔާސީ ކަންކަމަށް ބޭރު ފަރާތްތަކުން އެހީ ހޯދުން މަނާ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން 5 މިލިއަން ޑޮލަރެއްގެ ވާހަކަ ދައްކަވަނީ އެއީ ހަމަ އާދައިގެ ކަމަކަށް ހައްދަވައިގެން
17 އޯގަސްޓު 2025
11

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެމެދު އޮތް އެތައް ރުޅިވެރިކަމެއްގެ ތެރެއިން ވެސް ރައްޔިތުންނަށް އެންމެ ގިނައިން އިވޭނެ އެއް އަޑަކީ ސިޔާސީ ކަންކަމަށް ހޭދަކުރަން ބޭރުގެ ކޮންމެވެސް ފަރާތަކުން ދިން 5 މިލިއަން ޑޮލަރެއްގެ ވާހަކަ އެވެ. އެ ފަސް މިލިއަން ޑޮލަރުގައި އެ ދެ ބޭފުޅުން އެ ތިއްބަވަނީ، 'ބައްދަބައްދަ' އެވެ. ޔާމީން ވިދާޅުވަނީ އެއީ ސީދާ އެމަނިކުފާނުގެ ސިޔާސީ ކަންކަމަށް ލިބިވަޑައިގެންނެވި ފައިސާ ކަމަށެވެ. ނަމަވެސް އަދީބު އެ ހިފަހައްޓަވައިގެން އުޅުއްވަނީ އެވެ.

ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އަމިއްލަ ޝުއޫރު ފާޅުކުރާ ނަމަ ބުނެވޭނީ އެއީ ލަދުވެތި ވާހަކައެއް ކަމަށެވެ. ނަމަވެސް އެ ފައިސާ ހޯއްދެވި ބޭފުޅުންގެ ފަރާތްޕުޅުން އެފަދަ ލަދުވެތިކަމެއް ނުފެނެ އެވެ. ޔާމީން އަބަދުމެ ވިދާޅުވަނީ އެއީ "އަޅުގަނޑުގެ ސިޔާސީ މަސައްކަތަށް" ބޭރު ފަރާތަކުން ދެއްވި އެއްޗެއް ކަމަށެވެ. އެ ފައިސާއާ އަދީބު ހަވާލުވެވަޑައިގަންނަވަނީ އެއާޕޯޓުން ކަމެވެ. ސީދާ ނަގުދު ފައިސާ އެވެ. އަދީބު އެއަށް ހެއްދެވި ގޮތެއް ހެއްދެވީ އެވެ.

ޔާމީން އެމަނިކުފާނުގެ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

'އަދަދު' ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒު މޫސާއަށް މިދިއަ ހަފުތާގައި ޔާމީން ދެއްވި އިންޓަވިއުގެ ބައެއް ވެސް ދިޔައީ އެ 5 މިލިއަން ޑޮލަރުގެ ތެރޭގަ އެވެ. އެ ވާހަކާގައި އެމަނިކުފާނު ބެދުނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެފަދަ އެހީއެއް ގަބޫލުކުރެއްވިދާނެތޯ ކުރާ ސުވާލަށް ޔަމީން ދެއްވާ ޖަވާބު އެހާމެ 'ކަޑަ' އެވެ.

"އެއީ ބޭރުން އަޅުގަނޑަށް އެހީތެރިވާ އެކި ފަރާތްތަކުން ދީފައި ހުރި ފައިސާ،" ޔާމީންގެ އެކައުންޓްގައި ކިހާ ފައިސާއެއް ހުންނާނެތޯ ދެންނެވި ސުވާލުގެ ޖަވާބެއްގެ ގޮތުން ވިދާޅުވި އެވެ.

އެހާ ބޮޑެތި އަދަދުތަކުން މާލީ އެހީތެރިކަން ދޭނީ އެ ދޭ ބައެއްގެ ވެސް ކޮންމެވެސް މަސްލަހަތެއް އޮންނާނެތީ ކަމަށް، އާންމުކޮށް ގަބޫލުކުރާކުރުމަށް ރައްދެއްގެ ގޮތުގައި ވިދާޅުވީ "އެއީ ރާއްޖޭގެ އެހެން ކަމަކަށް [ނުވަތަ]، އެއްވެސް ގޮޮތަކަށް މިތަނުގައި އިންވެސްޓްކޮށްގެން އުޅޭ ބައެއް ނޫން" ކަމަށެވެ.

"އަޅުގަނޑަށް ހަމަ ކެމްޕޭނަށް އެހީތެރިވާން ލިބުނު ފައިސާ. އެ ފައިސާ އަދީބު އަތުގައި ވެއްޖެ. ފަސް މިލިއަން ޑޮލަރު،" ޔާމީން ވިދާޅުވި އެވެ.

"އެ ލާރި އެއާޕޯޓަށް ބަލާދިޔައީ އަދީބު. ހަމަ ނަގުދުން ފޮނުވި ލާރި އެއީ. އެ ފައިސާ ނެގީ އަދީބު. ދެން ސައުދީ ޕްރިންސްތޯ އެއީ އެކި ސްޕެކިއުލޭޝަން."

ވެރިކަމުގައި ހުންނެވި އިރު ވެސް އަދި ފަހުން ވެސް އެމަނިކުފާނުގެ ސިޔާސީ ބައިވެރިން ކައިރީގައި އެ 5 މިލިއަން ޑޮލަރުގެ ވާހަކަ އެކި ގޮތްގޮތަށް ޔާމީން ދެއްކެވި އެވެ. ބައެއް ފަހަރަށް އެއީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އެހީއެއް ކަމަށް ވިދާޅުވި ކަމަށް، އޭރު ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ނޫސްވެރިން ކައިރީގައި ބުނެފައި އެބަ ހުއްޓެވެ. އެކަމަކު 'އަދަދު'ގެ އިންޓަވިއުގައި ބޮޑަށް އިސްކަން ދެއްވީ ވަކި ބޭފުޅެއްގެ ނަން ނުގެންނަވައި، އެކަކަށް ވުރެ ގިނަ ބައެއްގެ އެހީއެއް ކަމަށް ދައްކަވާށެވެ. 

ކުރީގެ ރައީސް ޔާމީން 2018ގެ ރިޔާސީ ކެމްޕެއިންނަށް ގއ. ވިލިނގިއްޔަށް ވަޑައިގަންނަވަނީ: ސިޔާސީ ހަރަކާތްތަކަށް ބޭރުން ފައިސާ ލިބިވަޑައިގެންނެވި ކަމަށް ތަކުރާރުކޮށް ވިދާޅުވޭ (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ކޮންމެ މީހަކު ދިނަސް ނުވަތަ ކޮންމެ ފަރާތަކުން ދިނަސް ޔާމީން އެ ވިދާޅުވާ 5 މިލިއަން ޑޮލަރަކީ ގާނޫނީ ކުށެކެވެ. ދެ ގާނޫނަކުން މަނާކުރާ އަމަލެކެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި 'ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަންތައްތައް' ބަޔާންކުރާ މާއްދާގެ ނުވައެއްގައި އޮތީ މިހެންނެވެ:

  • ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންތިހާބެއްގައި ވާދަކުރުމަށް ކެމްޕޭންކުރުމަށްޓަކައި ބިދޭސީ ސަރުކާރަކުން ނުވަތަ ބިދޭސީ ޖަމާއަތަކުން ނުވަތަ ބިދޭސީ ފަރުދެއްގެ އަތުން ފައިސާ ހޯދުން

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ވެސް، ބޭރު ފަރާތްތަކުން މާލީ އެހީތެރިކަން ހޯދުން މަނާކުރެ އެވެ. އެގޮތުން އެ ގާނޫނުގެ 70 ވަނަ މާއްދާ ހާއްސަކޮށްފައި ވަނީ 'ބައެއް ފަރާތްތަކުން ދޭ އެހީ ގަބޫލުނުކުރުން' މި ބަޔަށެވެ. އެ މާއްދާގެ ހ. ށ އަދި ނ. ބިނާކުރީ ބިދޭސީންނަށެވެ. އެގޮތުން:

  • ހ. ބިދޭސީންނާއި، ބިދޭސީ ފަރާތްތަކާއި، ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި

  • ށ. ބިދޭސީ ސަރުކާރަކުން ނުވަތަ ބިދޭސީ ޖަމާއަތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި

  • ނ. ބައިނަލްއަގުވާމީ ޖަމާއަތްތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި

ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގަނީ އިންތިހާބުތަކަށް ނުކުންނާށާއި އެ އިންތިހާބުތައް ކާމިޔާބުކުރާށެވެ. އެހެންކަމުން ތިމަންނަގެ ސިޔާސީ ކަންކަމަށް އެހީވާން ވިޔަސް ބިދޭސީއެއްގެ ފަރާތުން މާލީ މަންފާއެއް ލިބިގަނެގެންނުވާ އެވެ. އެގޮތަށް އެހީތެރިވާނީ އެ އެހީއެއް ދޭ ބައެއްގެ ވެސް މަސްލަހަތުތަކެއް ހިމާޔަތްކުރާށެވެ. އެހެންކަމުން ބޭރުގެ އެއްވެސް ފަރާތަކުން ދޭ މާލީ އެހީއެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހިއްޕެވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ރައްޔިތުން އެނޫން ގޮތަކަށް ނުބުނާނެ އެވެ.

ޔާމީން އެ ވިދާޅުވާ 5 މިލިއަން ޑޮލަރު ރާއްޖެ ގެނައީ ވައިގެ މަގުންނެވެ. އަމިއްލަ ޖެޓެއްގަ އެވެ. އޭރު އަދީބަކީ ޔާމީންގެ އެންމެ އަރިސް ބޭފުޅެވެ. އެންމެ އިތުބާރުކުރައްވާ އެހީތެރިޔާ އެވެ. އެންމެ ބާރުގަދަ ވަޒީރެވެ. ދެ ބޭފުޅުންގެ ދެމެދު ހިންގާފައި ހުރި މާލީ މުއާމަލާތްތަކުގެ ހަގީގަތް އެ ދެ ބޭފުޅުން ނޫން ބަޔަކަށް ނުވެސް އެނގޭނެ އެވެ.

ރައީސްކަމުގައި ހުންނެވި އިރު ޔާމީން ދަތުރުކުރެއްވި 'ފިނިފެންމާ' ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ: މިއީ އެމްއެމްޕީއާރުސީގެ ހިޔާނާތް ވެސް ފަޅާއަރަން މެދުވެރިވި ހާދިސާ (ފޮޓޯ/ހަވީރު)

ހުރިހާ ގުޅުމަކާއި އިތުބާރުގެ ވާފަށް ކެނޑުނީ 'ފިނިފެންމާ' ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހިސާބުންނެވެ. ދެން ޔާމީން އަވަސްވެވަޑައިގަތީ އަދީބު އަތުގައި ހުރި އެމަނިކުފާނަށް 'ލިބިވަޑައިގަންނަވަން ޖެހޭ' ފައިސާ ހޯއްދެވުމަށެވެ. ފަސް މިލިއަން ޑޮލަރުގެ ވާހަކަ އެއްސެވުމުން އަދީބު ދެއްވި ޖަވާބަކީ، ޔާމީން ވިދާޅުވި ގޮތުގައި، "އެ ހުންނާނީ އިންވެސްޓްކޮށްފައޭ" އެވެ.

"ތިމަންނައަށް ދުވަސްކޮޅެއް ނަގާނޭ [އެ ހޯދަން]. [އެހެން] ކިޔާފައި ދުވަސްކޮޅެއް ކޮށްލާފައި އެއް މިލިއަން ޑޮލަރުގެ ޗެކް އަޅުގަނޑުގެ އެކައުންޓަށް [ޖަމާކުރީ]،" ޔާމީން ވިދާޅުވި އެވެ.

އެއީ މަނީ ލޯންޑަރިންގެ ކުށުގައި އެންމެ ފުރަތަމަ ޔާމީން ޖަލަށް ލި ގއ. ވޮޑަމުލާއާ ގުޅޭ ޗެކެކެވެ. އެ ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އެމަނިކުފާނު ވަނީ މިނިވަންވެފަ އެވެ.

ޔާމީން އެ ވިދާޅުވާ 5 މިލިއަން ޑޮލަރަކީ ސިޔާސީ ފަރާތްތަކުން ގަބޫލުކޮށްގެންވާނެ އެއްޗެއް ނޫންކަން ގާނޫނުތަކުން ރަނގަޅަށް އެނގެ އެވެ. މައްސަލައަކީ ރާއްޖޭގައި ހިޔާނާތް ބޮޑުވެ، އާންމުވެ، މިހާރު އެފަދަ ވާހަކަ ދެއްކުން ވެސް ލަދުވެތިކަމަކަށް ނުވުމެވެ. އާންމުން ރައްޔިތުން މާ ބޮޑަކަށް އަޅައެއް ނުލަ އެވެ. އެކަން ސިޔާސީ ލީޑަރުންނަށް އެނގިވަޑައިގަނެ އެވެ.

ޔާމީންގެ ތަފާތަކީ އެކައުންޓްގައި ހުރި ފައިސާގެ ވާހަކަ ދައްކަވާ ކަމެވެ. އެހެންވެ އަބަދުވެސް 5 މިލިއަން ޑޮލަރާ ބެހޭ 'އޮޅުންފިލުވައިދިނުން' އަންނާނެ އެވެ. އެއީ އެއްގޮތަކުން ބަލާ ނަމަ ޔާމީނާއި އަދީބާ ދެމެދު އަބަދުވެސް އޮންނާނެ ރުޅިވެރިކަމެކެވެ.

ކޮމެންޓް (11)

ހައްވަ

18 އޯގަސްޓު 2025
މައުމޫނުކޮށްދެއްވި ކަމެއް ނެތް ކަމަށް ނެތް ކަމަށް ކިޔާ ނޫކަށި ފުރައިގެ ކުދިންނަށް ނޭޭގުނަސް މައުމޫނާ މިގައުމު ހަވާލުއިރު މިގައުމުގައި ހުރީ އެންމެ 3 ސާނަވީ މަދަރުސާ! ލިޔެ ކިޔަން ނުދަންނަ މީހުން އެހާ ގިނަ. މައުމޫނު ކޮށް ދެއްވި އެންމެ ބޮޑު ކަމަކީ މީހުން ބިނާ ކުރުން. ކޮންމެ ރަށެއްގައި އަސާސީ ތިޢުލީމްގެ ކްލާސްތައް ހިންގުން! އައިޖީއެމްއެޗް، ރައީސް އޮފީސް، ދަރުބާުރުގެ، އިސްލާމީ މަރުކަޒު، ޒުވާނުންގެ މަރްކަޒު،ޣިޔާސުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ކަލާފާނު ސްކޫލް،ތީމުގެ މާލެ ވަށާ މހިރަ 3 ފައިލީ ތޮށިގަނޑު، މަސްބަންދު ކުރާ ފެކްޓަރީތައް މިހިރީ މައުމޫނުގެ ޢުމްރާނީ ބޮޑެތި ބިނާތައް. މި މާލޭގައިވެސް ކިތައް މަގުގައި ފަންފުޅަފާއި، ގެެދޮރު ހުރި ކަން އިއްޔެެ މެންދުރުގެ ކުދިންނަކަށް ނޭގޭނޭ! މައުމޫނު ދައުރު ފެށުނު އިރު ރާއްޖެއަކީ ދުނިޔޭގެ އެންމެ ފަގީރު 4 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް. ބޮލަކަށް އެންމެެ 200 ޑޮލަރުވެސް ހަމަ ނުވޭ. ދައުރު ހަމަވީ އިރު ރާއްޖެއަކީ ތަރައްގީ ވަމުންދާ މެދު ފަންތީގެ ގައުމުކަށް ހެއްެދެވި. 400 ސްކޫލުގައި ކިޔަވައިދޭ. ބޮލަކަށް ގާތްގަނޑަކަށް 7000 ޑޮލަރު ޖެހޭ.
4 4

ހިމާރުލްގައުމު

18 އޯގަސްޓު 2025
@ހައްވަ ތިރީސް އަހަރުން ވީވަރު. ޕަކާސް. ހަމަ ބޮޑު ފެއިލިއާއެއް މައުމޫނަކީ. ކޮންމެ ފަސްއަހަރަކުން ކަޑަ ޖެހުން އެއީ އޭނައަށް ކުރެވުނު ކަމަކީ.
1 2

ހިމާރުލްގައުމު

17 އޯގަސްޓު 2025
"މައްސަލައަކީ ރާއްޖޭގައި ހިޔާނާތް ބޮޑުވެ، އާންމުވެ، މިހާރު އެފަދަ ވާހަކަ ދެއްކުން ވެސް ލަދުވެތިކަމަކަށް ނުވުމެ" އެހެންވެދޯ ނަޝީދާ ސާލިހާ މުއިއްޒާ މައުމޫނުގެ ވައްކަންތަކުގެ ވާހަކަ ކަލޭ ނުލިޔަނީ. ހިތުން މަމީ އެއްމެ މިނިވަން އެއްމެ މޮޅު ނޫސްވެރިޔާއޯ.
5 4

ނަޝީދުކޮބާ؟

17 އޯގަސްޓު 2025
ތެދެއް. ނަޝީދުމެން ހިންގަނީ ރީތި ނަމެއް ކިޔާފަ "ކޮރަލް އިންސްޓިޓިއުޓް" ކަހަލަ ނަންނަމުގަ މަދަނީ ޖަމިއްޔާތައް. ކުރަނީ އެއްކަމެއް. ސަޅިދޯ މޫސާ.
6 3

ހުވަދޫ އަހައްމަދޭ

17 އޯގަސްޓު 2025
ޔާމީން ޔާމީން ޔާމިން. މިގައުމުގެ އުމްރާނީ ތަރައްީގެ ބާނީ. ހަޖަމް ކުރޭ މޫސާ ކަލޭ
7 4

ހުވަދޫ އަހައްމަދޭ

17 އޯގަސްޓު 2025
ހަވީރުގެ މައްސަލައިގަ އަދިވެސް ހަޖަމްނުވެގެން ހަމަ ރޮނީ ދޯ.
10 3

އަސްލުދޯ

17 އޯގަސްޓު 2025
@ހުވަދޫ އަހައްމަދޭ އަހައްމަދޭ ތިބުނީ ރަނގަޅަށް. ހަވީރު މައްސަލައިގަ މޫސާ ލަތީފުމެން ހިތުގަ މިއޮތް ރުޅިވެރިކަމުގެ ސަބަބުން އެހެން އެކަކުގެވެސް ނުފެންނަ މައްސަލަތައް ޔާމީނާއި ގުޅިގެން އެބަލިޔޭ. ނަގަނަގާފަ އެވެސް. އިބޫމެން ހިންގާލި "ރާއްޖެތެރޭ މާލޭ" ރޭސިސްޓް ސިޔާސަތަކީ (ގޯތި ބެހުން) ޤަރުނުގެވެސް އެންމެ ބޮޑު ޖަރީމާ. ޔާމީނާއި ގުޅިގެން މިކިޔާ އަދަދުތަކާ ކައިރިވެސް އެނުކުރާނެ. އަދި ކޮބާ ބަދަލުދިނުން. މަޗާ، މިއީ އެކައްޗެއް މޫސާ. ޔާމީނުގެ ސަބަބުން އެންމެ މަދުވެގެންވެސް 7000 އާއިލާއަށް ތަސައްލީއެއް ލިބުނު.
6 6

ހިމާރުލްގައުމު

17 އޯގަސްޓު 2025
ކަލޭ ކިތައްމެ ވަރަކަށް ޔާމީނޭ ކިޔައިގެން ދުވާލަކު ސާޅީސް ރިޕޯޓް ނެރުނަސް ނާސިރަށްފަހު މިގައުމަށް އެނގުމެއް ވާކަހަލަ ކަމެއް ކުރީ ޔާމީން. ބްރިޖް، ދަރުމަވަންތަ،ހުޅުމާލެ 2،ހިޔާ ފްލެޓް، ވެމްކޯ، މަހާ ޖައްރާފް، އެއާޕޯޓް އަތުލާފަ އެތަނުގެ ތަރައްގީގެ ބޮޔަ ބޮޑު މަޝްރޫއު. އޭނަގެ ވެރިކަމަކީ ކުދި ވިޔަފާރިކުރި މީހުންގެ ޖީބު ބަރުވި ފަސް އަހަރު. ނޭނގެންޏާ ގޮަސް އަހާ ހޯދާ ބަލާ. އެއީ އޭނަ ވައްކަން ކޮށްގެން ކުރިވަރު. ކަލޭގެ ވައްކަން ނުކުރާ ސާލިހާ ނަޝީދާ މުއިއްޒާ މައުމޫނު ކުރިކަމެއް ނެތް ފެންނާކަށް ވީ ފައިދާއެއް ނެތް. ދެން ހަޖަމް ކުރޭ.
8 5

ތަލަ ދޮންމަނިކު

17 އޯގަސްޓު 2025
މީނާ މިހިރީ ހަމަ ރަނގަޅަށް ޔާމީނާ ހިތާވެފަ. ކަލޭ ތިޔަކަމުގަ ދުނިޔެ އަޅާ ނުދަނީސް ބޭސްކުރަން ފެނޭ.
8 4

ހެހެހެ.

17 އޯގަސްޓު 2025
ރަނގަޅުތާ ސިއްރުނުކޮށް ބުނާކަންވެސް. އެހެންމީހުންވިއްޔާ ހުދުކާފޫރަށްވާންވެގެން ދޮގުމައްޗަށްދޮގުހަދާނެ.
6 2

ކުޑަ ސޯބު

17 އޯގަސްޓު 2025
ކޮބާ އިބޫ ސަރުކާރުގެ ވައްކަންތައް، އަންނި ރައްޓެހިންނަށް ބެހި ފަޅު ރަށްތައް، މައުމޫނު 30 އަހަރު އިލްޔާސުމެން ދައުލަތް ލޫޓުވުން، މިހާރު މުއިއްޒު ސަރުކާރުން ހިންގާ ބޮޑެތި ޖަރީމާ. ފައިސާ އާ ވައްކަމުން ޖަލުގަ އޮންނަ ޖެހެނީ ޔާމީނު އެކަނަ. 5 އަހަރު ނިމުން އިރު ކަމެއް ކުރީ އޭނަ އެކަނި އަސްލު. ކޮތަރު ކޮށި ވިޔަސް އެޅުނީ އޭނައަށް. އެންމެ މުހިންމު ކަމަކީ ބޯހިޔާވަހިކަން.
8 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް