ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޝަރީއަތަކަށް ގެނައި ދުވަހު: އޭނާ ބާރު އޮތް އިރު ވަރަށް ނުރައްކާތެރި ކަންކަން ގެންދެވީ ރާވަމުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ގައުމުގެ މުޅި ނިޒާމް ފުނޑާލެވިދާނެކަމުގެ ބިރުވެރި މެސެޖްތައް އަދީބާ އެކު
އަންހެން ކުދިން ފޮޓޯ ފޮނުވަނީ އެވެ.
އަނެއް ބަޔަކު އަތުގައި ފައިސާ ނެތިގެން އާދޭސްކުރަނީ އެވެ.
ފުލުހުންނާއި ސިފައިންގެ ބައެއް މީހުން، އެ މީހުންގެ ވެރިންނަށް ހަޑިހުތުރު ބަސްތަކުން މުހާތަބުކޮށް، ސިޔާސީ ކަންކަމުގެ ތެރެއަށް ރަނގަޅަށް ވަދެ، ފަސާދައިގެ ވާހަކަ ދައްކަނީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު، އެމްޑީޕީ މައިތިރިކުރަން ޖެހޭ ކަމަށް ވިދާޅުވެ، ލަފާ ދެއްވަނީ އެވެ.
ރިސޯޓް ހަދަން ރަށްރަށާއި ފަޅުތައް ހޯދަން ދުވަނީ އެވެ. ފައިސާގެ އެކި އަދަދުތަކުގެ ހުށައެޅުންތަކެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ރިޝްވަތުގެ ފަހަތުން ދުވަނީ އެވެ.
މިއީ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ބާރުގައި ހުންނެވި އިރު ގެންގުޅުއްވި އެއް ފޯނުގައި ހުރި ކަމަށް ބެލެވޭ މައުލޫމާތުތަކުގެ ތެރެއަށް ފީނާލުމުން ކޮށްލެވޭ ހުލާސާއެކެވެ. އެކަމަކު މިއީ ދައުލަތުން ވައްކަންކުރައްވައިގެން ސިޔާސީ ބާރުވެރިކަން ހޯއްދަވަން އުޅުއްވި ބޭފުޅެއްގެ ބާރާއި އޭނާގެ އަތް ދަށަށް މުޅި ދައުލަތް ގެންދަވަން ފަތުރާލެއްވި ދަލުގައި މީހުން ޖެހިފައި އޮތް މިންވަރު ދިވެހި ރައްޔިތުންނަށް ސާފުވާނެ މިންވަރެއް ކަން ޔަގީނެވެ.
އަދީބަކީ އޭރުގެ މަޝްހޫރު ނަމުން ނަމަ 'ބްރޯ' އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާހާ ބާރުގަދަ މިނިސްޓަރެއް ނުފެނެ އެވެ. ނުވަތަ އެއީ ރާއްޖެ މިހާތަނަށް ދުށް އެންމެ ބާރުގަދަ މިނިސްޓަރެވެ. އެ ބާރު އޭނާ ހޯއްދެވީ، ދިވެހިންނަށް އެނގޭނެ ފަދައިން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޭން ހިންގި މުއާމަލާތްތަކާއި ރިޝްވަތުގެ ފައިސާއިންނެވެ. އެ ފައިސާ އަަޅުއްވަމުން ގެންދެވީ ރައްޔިތުންގެ މަޖިލިހަށާއި ސަލާމަތީ ބާރުތަކަށާއި ޝަރުއީ ނިޒާމާއި މިނިވަން އެހެން މުއައްސަސާތަކުގެ އެކި ފަންތީގެ މީހުންނަށެވެ.
ލީކުވި މެސެޖްތަކުން ކުރެހޭ ތަސްވީރަކީ އަދީބަކީ ރަސްމީ ބޮޑު މަގާމެއްގައި ހުންނެވި އެކަމަކު މާފިއާ ޑޮންއެއް ކަމެވެ. އޭނާގެ ސަބަބުން ދައުލަތުގެ މުޅި ނިޒާމް، އާންމުންނަށް ނޭނގޭ ހިސާބުގައި، ދިޔައީ ފުނޑެމުންނެވެ. ފުނޑުވަމުންނެވެ.
ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ މެސެޖްތަކުން އެނގެނީ، އެންމެ މަތީ ކޯޓު ސިިޔާސީ ކަންކަމުގެ ތެރެއަށް ސީދާ ވަދެފައި އޮތް ވަރެވެ. އޭރު ސުޕްރީމް ކޯޓުގެ އެންމެ ބާރުގަދަ ފަނޑިޔާރަކީ އަލީ ހަމީދުކަން، ހަގީގަތް ދެނެހުރި މީހުންނަށް ވަންހަނާވެފައެއް ނުވެ އެވެ. އެހެންކަމުން ހެނދުނު 'ސާ، ކިހިނެއްތޯ' އޭ ވިދާޅުވެ މެސެޖް ފޮނުއްވަނީ، އޭގެ ފަހަތުގައި، ވަރަށް ގިނަ އެހެން ރޭވުންތަކާއި ސަލާންޖެހުންތައް ހުރީމަ އެވެ.
އަލީ ހަމީދުގެ ސިޔާސީ މެސެޖްތައް
އެމްޑީޕީން މަޖިލިސް ހުއްޓުވުން
8 ޖުލައި 2014
ހެނދުނު 08:02
ޑިއާ ސާ، އެމްޑީޕީން މަޖިލިސް ހުއްޓުވާ މައްސަލައާ މެދު ފިޔަވަޅެއް އެޅުމާ މެދު ވިސްނަން ނުވޭތޯ، ސާ.
ހެނދުނު 08:04
ކޮންމެވެސް އިރަކުން ބުރެއް ޖަހަމާ ހިންގަވާ
ހެނދުނު 08:06
އަލީ އާޒިމް ކަނޑާލަމާ ހިންގަވާ!
މެންދުރު 12:16
އަހަރެމެން ކޮންމެވެސް ކަމެއް ކުރަން ޖެހޭނެ. މިރޭ ބައްދަލުކުރާނަން
10 ޖޫން 2014
ހެނދުނު 07:10
އައްސަލާމް އަލައިކުމް. އަނެއްކާ ކައުންޓަ ޓެރަރިޒަމް އެމީހުން ހެދީތޯ ސާ.
12 ޖޫން 2014
ހެނދުނު 07:47
ކޮބާ ކިހިނެއްތޯ މި ވަނީ އެމްޑީޕީ މީހުންނަށް އަލުން ދިރެން ފުރުސަތު ދެއްވަނީތޯ؟
15 ޖޫން 2014
ހެނދުނު 07:31
އަޅުގަނޑުމެން މި އެދެނީ މޯލްޑިވްސް ބާ އެސޯސިއޭޝަން އުވާލަން. އެއީ ރައީސް އާއި ސަރުކާރަށް ގެއްލުންދެނިވި ހަތިޔާރެއް.
23 ޖުލައި 2014
ހެނދުނު 08:09
ސަރުކާރު ބަދަލުކުރާ ވާހަކަ އެ ދައްކަނީ، މީނާ [ކުރީގެ ރައީސް މުހައްމަދު ނަޝީދު] ހުރިއްޔާ މި ފިތުނައިން ސަލާމަތެއް ނެތް، ސާ.
އަލީ ހަމީދަކީ ރާއްޖޭގެ ޝަރުއީ ނިޒާމަށް އެކަނި ޖެހުނު ހަލާކެއް ނޫނެވެ. އޭނާގެ މެސެޖްތަކުން އެނގެނީ އެއީ އޭނާ ތާއީދުކުރައްވާ ސަރުކާރަކަށް ފާޑުކިޔާ ކޮންމެ ބަޔަކަށް ވެސް ކުރިމަތިވި ނުރައްކަލަކާއި އުނދަގުލެއް ކަމެވެ. މިސާލަކަށް ދިވެހި އެތައް ބައެއްގެ އިހުތިރާމް ލިބިވަޑައިގެން ހުންނެވި ކުރީގެ މިނިސްޓަރު އަދި ލިއުންތެރިޔާ ސީނާ އަހުމަދު ޒާހިރު ލިއުއްވި ލިއުއްވުމަކާ ބެހޭ ގޮތުން އަލީ ހަމީދުގެ ހިތްޕުޅުގައި އޮތް ނަފުރަތާއި ރުޅިވެރިކަން އެނގޭ މި މެސެޖެވެ.
ސާ، ސީނާ ޒާހިރަށް މި އުޅެނީ ކިހިނެއް ވެގެން. ގާނޫނުއަސާސީގެ ބާރާއި އާންމު މަސްލަހަތާ ބެހޭ މައްސަލަތަކާއި ސުޕްރީމް ކޯޓަކީ ގާނޫނުއަސާސީގެ ބަލަދުވެރިޔާކަމާއި ރާއްޖެ ކަހަލަ ޑިމޮކްރަސީއެއްގައި ފަހު ބަސް ބުނާ ތަނަކީ ވެސް ސުޕްރީމް ކޯޓުކަން ފަދަ ބޮޑެތި މައްސަލަތަކުގައި ވާހަކަ ދެއްކޭ ވަރުގެ އިލްމީ ގާބިލްކަން އެބަ ހުރިތަ؟
އޭނާގެ ބައެއް މެސެޖްތައް ރައްދު ވަނީ އޭރު ރާއްޖޭގެ އެންމެ ބޮޑު ނޫސް 'ހަވީރު'އަށެވެ. 'ހަވީރު' ހުއްޓާލަން ޖެހުނު ސިވިލް ކޯޓުގެ އަމުރު ނެރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް، އެ ހުކުމް އިއްވެވި ގާޒީ ފަހުން އޮތީ ވިދާޅުވެފަ އެވެ.
'ހަވީރު'އަކީ އަލީ ހަމީދުގެ ނަޒަރުގައި ޔާމީންއާ ދެކޮޅަށް ޕްރޮޕެގަންޑާ ފަތުރާ މީޑިއާއެކެވެ. އެގޮތުން 'ހަވީރު'ގައި ޖެހި ކޮންމެވެސް ލިއުމަކާ ބެހޭ ގޮތުން ހިތްޕުޅުހަމަޖެހިވަޑައިނުގެން އަދީބަށް ފޮނުއްވި މެސެޖަކީ މި އެވެ:
ސާ، އަޅުގަނޑުމެންގެ ރައީސާއި ސަރުކާރާ ދެކޮޅު ޕްރޮޕެގަންޑާ މެޝިން 'ހަވީރަ'ށް ބައްލަވާލައްވާ. އަޅުގަނޑުމެންގެ އަތް ބަނދެވިފައި ވަނީ ކީއްވެގެންތޯ؟
އަލީ ހަމީދު ހުންނެވީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އޭނާއާ އެކު މުޅި ސުޕްރީމް ކޯޓު ވެސް، ޔާމީން އާއި އަދީބު ހިމާޔަތްކުރުމުގެ މިޝަނެއްގަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ ހަތް ފަނޑިޔާރުން ތިއްބެވި އިރު ކޯޓުގެ އަގުލަބިއްޔަތު 'ތަމްސީލްކުރެއްވި' އެޖެންޓެވެ. ފަހުން ފަސް ފަނޑިޔާރަށް ކުޑަކުރުމާ އެކު އެ ފަސް ފަނޑިޔާރުންގެ ފަރާތުން ސިޔާސީ ކަންކަމުގެ ތެރެއަށް ވެންނެވި ފަނޑިޔާރެވެ. އެކަމަށް ބާރު ދެނީ އޭރު ނެރުނު ސިޔާސީ ހުރިހާ ހުކުމަކަށް ވެސް ފަސް ފަނޑިޔާރުންގެ ތާއީދު އޮތުމެވެ. އެހެންކަމުން އެއް މެސެޖެއްގައި 'އަހަރެމެން' މިހެން ޖައްސަވާފައި ސިފަކުރެއްވީ އެއީ ސަރުކާރަށް އޮތް 'ސިފައިން'ގެ ލަސްކަރެއް ކަމަށެވެ. އެގޮތުން 2018 ނުވަތަ 2023ގައި މިޝަން ނިމެންދެން އެ 'ލަސްކަރު' ދެމިއޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވެސް އަލީ ހަމީދުގެ 'ދުއްޕާންތަކުން' ސަލާމަތްވީހެން ހިއެއް ނުވެ އެވެ. ފެންނަން އޮތް އެއް މެސެޖްގައި އޭރުގެ ފަނޑިޔާރު އާދަމް މުހައްމަދު ސަލާމް ވިދާޅުވެގެން ވެސް އަދީބުގެ އެހީއަށް އެދިވަޑައިގަނެ އެވެ. އާދައިގެ ކަމަކު ނޫނެވެ. ސެކިއުރިޓީން (ސިފައިން) ފޮނުވައިގެން އޭނާ ކޯޓަށް ގެންނާށެވެ.
އާދަމް މުހައްމަދު ސަލާމް ބުނެފި. އޭރުން މީހުން ހަމަނުވާނެ، ސާ. ސެކިއުރިޓީ މެދުވެރިކޮށް އޭނާ ފޮނުވަން އެބަ ޖެހޭ ސާ
ބައެއް ފުލުހުންގެ އަނދިރި ފަރާތް
ފުލުހުންގެ ހާއްސަ އޮޕަރޭޝަންގައި އިސްކޮށް އުޅުނު ބައެއް މީހުންގެ މެސެޖްތައް ކިޔާފައި، ގައުމާ މެދު ކަންބޮޑުވާ މީހަކު ނަމަ، ބިރު ވެސް ގަންނާނެ އެވެ. ދެރަވެ ހިތާމަ ވެސް ކުރާނެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 7 ފެބްރުއަރީ 2012ގައި ވައްޓާލަން ބައެއް ފުލުހުން ބަގާވާތެއް ހުންގާލީއޭ، ރިޔާސީ ކޮމިޝަންގެ ތަހުގީގުން ސާބިތުނުވިޔަސް، އެ މެސެޖްތަކުން އާންމުންގެ ހިތަށްއެރުން އެކަށީގެންވެ އެވެ.
ސަލާމަތީ ބާރުތަކުގެ ބައެއް މީހުން އުޅުނީ އަދީބާ އެކު ވައިބާ ގްރޫޕްތަކެއް ހަދައިގެންނެވެ. ފުލުހުން ފުލުހުންނާ އެކު އެވެ. ސިފައިން ސިފައިންނާ އެކު އެވެ. ބައެއް މެސެޖްތަކުން އެނގެނީ ވަރަށް ނުރައްކާތެރި ރޭވުންތައް ވެސް ރާވަމުން ދިޔަ ކަމެވެ.
މީގައި ފުލުހުންގެ ތެރެއިން އެންމެ ހަރަކާތްތެރިކޮށް އުޅުނީ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ)ގެ އިސް ދެ މީހުން ކަމަށްވާ ސައިފް ހުސެއިން އާއި އަބްދުﷲ އިބްރާހިމް (އެސްއޯ ޑީޑީ) އެވެ.
ސައިފް އާއި 'ޑީޑީ'ގެ ބައެއް މެސެޖްތައް
ސައިފް އާއި ޑީޑީ އަދި އަދީބާ ދެމެދު ގާތް ގުޅުމެއް އުފެދުނީ ނަޝީދުގެ ވެރިކަން ވެއްޓުމުގެ ކުރިން ކަމަށް ބެލެވެ އެވެ. އޭރު އަދީބު ހުންނެވީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ އެންމެ އިސް ހިންގުންތެރިޔާގެ ގޮތުގަ އެވެ. ސަރުކާރުގެ އިގުތިސާދީ ސިޔާސަތަށް ތަކުރާރުކޮށް ފާޑު ވިދާޅުވެ އެވެ.
ބައެއް މީހުން އޭރު ވެސް ގަބޫލުކުރީ އަދީބަކީ އިދިކޮޅުގައި ޔާމީން ހުންނެވި އިރު އެމަނިކުފާނުގެ 'މުޑުވަކެއް' ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ލިބިވަޑައިގަތީ ވެސް ޔާމީންގެ ބާރު އެޅުއްވުމުގެ ތެރެއިން ކަމަށް، އޭރު ވެސް ވާހަކަދެކެވެ އެވެ. އެއީ 'މާފިޔާ ޑޮން'އަކަށް އަދީބު ބަދަލުވުމުގެ ފެށުން ވެސް މެ އެވެ.
ނަޝީދާ ދެކޮޅު ހަރަކާތްތައް ވަރުގަދަވި އިރު ފުލުހުންގެ ތެރެއަށް އަދީބުގެ އަތް ވަދެފައި އޮތުން ކައިރި އެވެ. އެހެންކަމުން އޭނާގެ ޓޫރިޒަމް މިނިސްޓަރުކަމުގައި ފައިސާގެ ތަނަވަސްކަން ހޯއްދެވުމާ އެކު ރިޝްވަތުގެ ހަލާކު، ފުލުހުންނަށް ވެސް، ފަތުރާލެއްވީ އެވެ. ސައިފް އާއި ޑީޑީގެ ވައިބާ ގްރޫޕުގައި ހުރި މެސެޖްތަކުން އެއީ އަދީބުގެ 'އެޖެންޓުންކަން' އެނގެ އެވެ.
ފުރަތަމަ އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އަދީބާ ހަމައަށް ގެނެސްދެނީ އެމީހުން ނުހިމެނޭ ގޮތަށް އެސްއޯގެ އޮނިގަނޑު ބަދަލުކުރަން އުޅޭކަމުގެ ހީތަކުގަ އެވެ. އެކަން ސައިފް އާއި ޑީޑީގެ ވިސްނުމަށް އައީ ފޭދޫފިނޮޅުގައި ބޭއްވި އެސްއޯ ކޮމާންޑަރުންގެ ހާއްސަ ބައްދަލުވުމެއްގައި ކަމަށް ފެނެ އެވެ. އޭރު ޑީޑީ ހުރީ ޗުއްޓީގަ އެވެ.
ތިރީގައި އެވަނީ ސައިފް އާއި ޑީޑީ އަދި އަދީބާ ދެމެދު ބަދަލުކުރި ގްރޫޕް މެސެޖްތަކެކެވެ.
10 ޖޫން 2014
(އިނގިރޭސި ބަހުން ހުރި ބައިތައް ތަރުޖަމާކޮށްފައި)
ހެނދުނު 07:43 (މެސެޖްތައް ފަށާފައި އެވަނީ އަދީބުގެ ފަރާތުން ސިއްރު ކޮންމެވެސް ރޭވުމެއް އެނގުމާ އެކުގަ އެވެ.)
-
ޑީޑީ: ތީ ވަރަށް ރަނގަޅު ހިޔާލެއް، ސާ. ސައިފް އާއި އެހެން ކޮމާންޑަރުން ވީ ޝަމީމްއާ އެކު ފޭދޫފިނޮޅުގައި. އަންނަ ހަފުތާއާ ޖެހެންދެން އެ މީހުން އެ ތަނުގައި ތިބޭނެ
11 ޖޫން 2014
ފަތިހު 03:07
-
ސައިފް: މޯނިން، ސާ.
ފަތިހު 04:42 އިން 04:47 އަށް
-
ޑީޑީ: ސާ، ދަންނަވާ [ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަށް] ޑީޑީމެން ލައްވާ ނުވާންވީ ކީއްވެހޭ
-
އަދީބު: ކަލޭމެންގެ ނަން ބުނަންވީތަ؟
-
އަދީބު: ތިޔައީ ރަނގަޅު ގޮތެއް.
-
އަދީބު: ؟ (ބެލެވެނީ ޖަވާބެއް ނައުމުން ސުވާލު މާކެއް ޖެހީ ކަމަށް)
-
ޑީޑީ: އަޅުގަނޑަށް އޯކޭ. އޭނާ [ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު] ކައިރީ ބުނޭ ކުރީގައި އެމީހުން ކައިރީ ސީޕީ ކޮންމެ ކަމެއް ބުންޏަސް ވަގުތުން އެމީހުން އެކަމެއް ކުރާ ކަމަށޭ ސާއަށް [އަދީބަށް] އެނގިފައި އޮންނަނީ. މިހާރު ކޮމިޝަނަރަކަށް ވީމާ ކީއްވެގެންހޭ ނުވާންވީ.
-
އަދީބު: އޯކޭ، ނޯޓެޑް.
ހެނދުނު 06:48 އިން 08:57 އަށް
-
ސައިފް: ފޭދޫފިނޮޅުގައި ޝަމީމް ގެންދަނީ އެސްއޯގެ އޮނިގަނޑު އިސްލާހުކުރަމުން. އޭނާގެ އަމިއްލަ އެޖެންޑާއަކަށް.
-
ސައިފް: އޭނާގެ އެޖެންޑާ އޮތީ މުޅި ތަން ބަދަލުކުރާ ގޮތަށް، ސާ
-
ސައިފް: އަހަންނާއި ޑީޑީ އޭގައި ނުހިމެނޭ
-
އަދީބު: ކޮން ކަމެއް އިސްލާހުކުރަން؟
-
އަދީބު: ކަލޭމެން ބޭރުކޮށްފައިތަ؟
-
ސައިފް: ހީވަނީ އެހެންހެން
-
އަދީބު: ނުވާނެ އެގޮތަކަށް
-
އަދީބު: އެހެންވިއްޔާ އޭނާ އެ އުޅެނީ ގާސިމަށް [ގާސިމް އިބްރާހިމް] ލަސްކަރެއް ހަދައިދޭން ދޯ
-
ސައިފް: އަހަންނަށް ހީވަނީ އޭނާ އެކަން އެކުރަނީ ސީޕީގެ ކޮމާންޑަށް ހެން
-
އަދީބު: އަހަރެން ކަލޭމެންނަށް ސިއްރު ލިއުމެއް ހިއްސާކޮށްލާނަން.
-
އަދީބު: ހަމައެކަނި ކިޔާފައި ޑިލީޓްކޮށްލާ
-
ސައިފް: އޯކޭ ސާ. ވީހާވެސް އަވަހަކަށް ފިޔަވަޅު އަޅަން ޖެހޭ
މި މެސެޖްތައް ލިއުނު އިރު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ބަދަލުގައި ވަގުތީ ގޮތުން ފުލުހުންގެ ކަންކަން ހަވާލުކޮށްފައި އޮތީ އަދީބަށް ކަން އެނގެ އެވެ. އެހެންވެ އަދީބު 13 ޖޫންގެ ރޭގަނޑު ފުލުހުންގެ އިސް މީހުންނާ އިސްކަންދަރު ކޮށީގައި ބައްދަލުކުރައްވަ އެވެ.
ސައިފްގެ ބައެއް މެސެޖްތަކުގައި ބުނެފައި ހުރީ އޭނާ އާއި ޑީޑީމެން އުޅެނީ އަމިއްލަ އެދުމުގައި ނޫން ކަމަށާއި ރައީސް އާއި އަދީބާއި ސަރުކާރުގެ ހިމާޔަތުގައި ކަމަށެވެ. ނަމަވެސް ކޮމިޝަނަރު ހުސެއިން، އެ މީހުންނަށް އެހާ އިތުބާރުކުރައްވާ ކަމަކަށް ނުފެނެ އެވެ. އެހެންވެ އެކަން ބަދަލުކުރަން ހުސެއިންއާ އަދީބު ބައްދަލުކުރައްވަ އެވެ.
އަދީބު ވިދާޅުވެފައިވާ ގޮތުގައި ކޮމިޝަނަރަށް އޭނާ ވިސްނާދެއްވީ ފުލުހުންގެ ސީދާ ކޮންޓްރޯލް އޮންނާނީ ސައިފް އާއި ޑީޑީމެންގެ ބޭނުންހިފައިގެން ކަމެވެ. ހުސެއިންގެ ނުތަނަވަސްކަމެއް އޮތް ނަމަ އެކަން ސާފުކުރަން ސައިފް އާއި ޑީޑީއާ ބައްދަލުވުން ވެސް ހަމަޖައްސަ އެވެ.
ނަމަވެސް ފަހުން ކޮށްފައި ހުރި މެސެޖްތަކުން އެނގެނީ އެ އިތުބާރު ނުއުފެއްދޭކަމެވެ. ހުސެއިންއަށް ފާޑުކިޔާފައި ގިނަ މެސެޖްތަކެއް ކުރި އެވެ. އޭގެ ތެރޭގައި ކޮމިޝަނަރަށް އެ މީހުންގެ ހިތުގައި އެއްވެސް އިހުތިރާމެއް ނެތް ފަދަ މެސެޖްތައް ވެސް ހިމެނެ އެވެ.
އެންމެ ކަންބޮޑުވާން ޖެހެނީ ބައެއް މެސެޖްތަކުން ނެގިދާނެ މާނަ އެވެ. އޭގެ ތެރޭގައި ކޮންމެ ފަދަ ކަމެއް ވެސް ކުރަން ސައިފް އާއި ޑީޑީގެ 'ޓީމުން' ފަސްނުޖެހޭނެކަމުގެ ވާހަކަތަކެވެ. އަދީބުގެ ހިމާޔަތަށް ފުލުހުންގެ ތެރޭގައި އެ 'ޓީމު' ބޮޑުކުރަމުން ދާ ވާހަކަ އެވެ.
ތިރީގައި އެވަނީ އޭގެ ބައެއް މިސާލުތަކެވެ.
19 ޖޫން 2014
ފަތިހު 05:33 އިން 05:59
-
ސައިފް: އަހަންނަކަށް ހިއެއްނުުވޭ ޕްލޭންކުރި ގޮތަށް ކަންކަން ދާހެނެއް
-
ޑީޑީ: މިހާތަނަށް އެއްވެސް ކޮމެންޓެއް ނުލިބޭ
-
އަދީބު: މިއީ ހުސެއިންއާ ކަލޭމެން ކުރިމަތިލާން ޖެހޭ ވަގުތު. އޭނާ ކައިރި ބުނޭ ހިނގާށޭ އެކަން ކުރަން [ކޮން ކަމެއްކަން މެސެޖްތަކުން ސާފެއް ނުވޭ]
-
އަދީބު: ކަލޭމެންނާ މެދު އޭނާ ހިތްހަމަޖައްސައިދީފައި އަހަރެން އޮންނާނީ
-
އަދީބު: ޝަމީމް ކިހިނެއް؟
-
އަދީބު: އެއްވެސް ހަބަރެއް ނެތްތަ؟
-
ޑީޑީ: އޭނާ ހީވަނީ އަހަރެމެން ކޮޅުގައިގެން ހުރީ. އެކަމަކު މާ ހިމޭންކޮށް ފެންނަނީ.
-
ޑީޑީ: އަހަރެމެންގެ އެބަ އޮތް 2،3 ޕްލޭން ސެޓް. އެމީހުން ތިބީ އަހަރެމެންގެ ފާރަލުމުގެ ދަށުގައި. މި ބުނީ ޖަނގިޔާ (އަހުމަދު ނާޒިމް) އިއްލެ (ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހިމްއަށް ވުން ކައިރި) އަދި ރިޔާޒު (ބެލެވެނީ ރައްޔިތުންގެ މަޖިލިހުގެ ޖޭޕީ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ކަމަށް)
-
ޑީޑީ: މިއަދު އަހަރެމެން ޝަމީމް ކައިރި ބުނާނަން މިއީ ކަން ކުރަން ޖެހޭ ވަގުތޭ.
-
އަދީބު: އަހަރެން އޭނާއާ ބައްދަލުކުރަންވީތަ ނޫނީ އެއްޗެކޭ ބުނަންވީތަ؟
-
ޑީޑީ: އެހެން ހަދައިފިއްޔާ ހީވަނީ އޭނާއަށް ހިތްވަރު ލިބޭނެހެން.
-
ޑީޑީ: ސާ، މިރޭ އޭނާއާ ބައްދަލުކުރެވިދާނެތަ؟
-
ސައިފް: އޭނާ އެދެނީ އަހަރެމެން އެންމެން އޭނާއާ 1130ގައި ބައްދަލުކުރަން
-
ޑީޑީ: އޯކޭ
-
ސައިފް: ސާ، ތިކޮށްދެއްވި ކަންތަކުގެ އަގުވަޒަންކުރަން. އަހަރެމެންގެ އެބަ އޮތް އަހަރެމެންގެ އަމިއްލަ ޕްލޭނެއް. ސާގެ ބްލެކް ލިސްޓާ ބެހޭ ކަންކަން ވަމުންދާ ތަން ވަރަށް އަވަހަށް ފެންނާނެ. އެކަން ކުރަން އަހަރެންގެ ޓީމު މާލެއަށް އިއްޔެ ގެނެސްފިން
ޝަމީމްއަކީ، އެނގިފައިވާ ގޮތުގައި، މި ވަގުތު ސައުތު ޕޮލިސްގެ ކޮމާންޑަރު އަހުމަދު ޝަމީމެވެ. އެކަމަކު ވައިބަ ގްރޫޕްގައި އޭނާ އެއްވެސް މެސެޖެއް ލިއެފައެއް ނެތެވެ. އެ ގްރޫޕްގައި އޭނާ ނުހިމެނެ އެވެ. ނޫނީ އެފަދަ ގްރޫޕަކަށް ވަންނަން ބޭނުންނުވީ އެވެ. އެހެންކަމުން ޝަމީމާ ބެހޭ ގޮތުން ސައިފްމެން ދައްކާފައި ހުރީ ކިހާ ވަރެއްގެ ތެދު ވާހަކަތަކެއްކަން ބުނަން އުނދަގޫވެ އެވެ.
ޝަމީމްއާ މެދު ހިތްހަމަނުޖެހިގެން އޭނާ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރަން ކޮމިޝަނަރު ހުސެއިންއަށް ސައިފްމެން އެންގި ކަމަށް، ފަހުގެ މެސެޖްތަކެއްގައި ލިއުނެވެ. އޭގެ މާނައަކީ ސައިފްމެން ރޭވި ގޮތަށް ޝަމީމްގެ އެހީތެރިކަން ނުލިބުމެވެ. މިއީ އެކަން ދޭހަވާ ބައެއް މެސެޖްތަކެވެ.
6 ޖުލައި 2014
ދަންވަރު 04:17
-
ސައިފް: ސީޕީ ކަައިރީ އަހަރެމެން ވަރަށް ސާފުކޮށް ބުނިން އަހަރެމެން ހިމެނޭހެން ޝަމީމްގެ ޕޮލިސީ ޗޭންޖްކުރަން ޖެހޭނޭ ނުވަތަ އެހެން ޑިޕާޓްމަންޓަކަށް އޭނާ ބަދަލުކުރާށޭ. މި މަހު އެ މައްސަލަތައް ހައްލުކުރަން މުއްދަތު ވެސް ދިނިން
-
ސައިފް: އެސްއޯ އޮތީ ސީޕީ އާއި ޝަމީމްގެ ބާރުގެ ދަށުގައި ނޫން ކަމަށް ބުނެ ސީޕީގެ ހިތުގައި ބިރު ވެސް އުފެއްދިން
-
ސައިފް: ތިބާ ބުނި ގޮތަށް އަހަރެމެން މިހާރު މި ތިބީ ކުރީ ސަފުގައި. މިހާރު ވެސް އެތައް ބަޔަކާ ބައްދަލުކޮށް އަހަރެމެންގެ ފަޅިއަށް އަރުވައިފިން. ވަރަށް އަވަހަށް ބޮޑު ނެޓްވޯކެއް ހެދޭނެ
ސައިފްމެން ގެންދިޔައީ ސިޔާސީ ގޮތުން ޔާމީނަށާއި އަދީބަށް ގެއްލުމެއް އަތުވެދާނެ މީހުންނަށް ފާރަލަމުންނެވެ. އަދީބުގެ ވާހަކަތަކުން އެނގެނީ ފުލުހުންގެ ތެރެއަށް ގާސިމް އިބްރާހިމްގެ ނުފޫޒު ވަންނަކަމަށް ޝައްކުކުރާ ކަމެވެ. ހާއްސަކޮށް ރިޔާޒު ބައްދަލުކުރާ މީހުންނާއި ދާ ތަންތަނަށް ސައިފްމެން ފާރަލަމުން ދިޔައީ އެހެންވެ އެވެ.
އެ ދުވަސްކޮޅު ރިޔާޒުގެ ސައިކަލްގައި ރޯކޮށްލަ އެވެ. ބެލެވޭ ގޮތުގައި ވައިބާ ގްރޫޕަށް ސައިފް ލަނީ އޭގެ ފޮޓޯއެކެވެ. އޭގެ ފަހުން ސައިފްގެ މެސެޖްތަކެވެ:
1 ޖުލައި 2014
ހެނދުނު 10:42
-
ސައިފް: ރިޔާޒުގެ ސައިކަލް. ދެން އޭނާގެ އުނދަގުލެއް ނޯންނާނެ ކަމަށް އުއްމީދުކުރަން.
-
އަދީބު: އަބްދުﷲ ރިޔާޒު ސައިކަލް؟
-
ސައިފް: ޔެސް
ހެނދުނު 11:17
-
ޑީޑީ: މިއަދު އުޅޭ ވަރަށް ހާޑުވެގެން ބައެއް ސީނިއަ އޮފިސަރުން ރިޔާޒުގެ ސައިކު ބަޔަކު ރޯކޮށްގެން. ކިޔާއަޑު އިވޭ ތިން ސައިކްގައި ރޯކޮށްފިޔޭ
-
އަދީބު: ހެހެ. ރިޔާޒަށް ވަފާތެރި ކުއްތާތައް އުޅޭ ދޯ.
-
އަދީބު: އަހަރެން ރައީސް ކައިރި ބުނިން ކަލޭމެން ދެ މީހުން އަހަންނާ އެކު މަސައްކަތްކުރާ ކަމަށް.
-
އަދީބު: ރައީސް ވިދާޅުވީ ރަނގަޅޭ. އަހަރެން ބުނިން ބޮޑު ކަމެއް ހިނގާ ނަމަ އަހަންނަށް އެނގޭނޭ
އަނެއްކޮޅުން ސައިފްމެންނަށް ފުލުހުންގެ ޖާސޫސުން ވެސް ލޯ އަޅަމުން ދިޔަކަން ބައެއް މެސެޖްތަކުން ދޭހަވެ އެވެ. އެއީ އެ މީހުންނަށް އޮތް މައްސަލައެއް ކަމަށް، ސައިފް އާއި ޑީޑީ، އަދީބަށް އަންގަ އެވެ. އެ ޖާސޫސްކުރުމުގެ ފަހަތުގައި ހުންނެވީ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކަމަށް ސައިފް ބުނެ އެވެ.
"އެހެންވީމާ ޕޮލިސް އިންޓެލް އެއްކޮށް ބަދަލުކުރަން ޖެހޭ" ކަމަށް އަދީބު ލިއުއްވަ އެވެ.
"ފުލުުހުންގެ ތެރޭގައި އޮތް ތެޅުންތައް މާ ގިނައީ،" ޑީޑީ ބުނެލަ އެވެ.
ފައިރޫޝްއާ ދެކޮޅަށް ނުކުމެގެން އުޅުނީ އަދީބާ ބެހޭ ގޮތުން ތަފާތު 'އަޑުތައް' އަރުވާތީ ކަމަށް، މެސެޖްތަކަށް ވިސްނާލުމުން އެނގެ އެވެ. އެހެންކަމުން ސައިފްމެންގެ އެންމެ ބޮޑު އެއް އަމާޒަކަށް ހެދީ ފައިރޫޝްއަށް ފުލުހުންގެ ބޮޑު އެއްެވެސް ޒިންމާއެއް ނުދިނުމެވެ.
ސައިފްމެންގެ އެހެން ބައެއް މެސެޖްތައް ވެސް، ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ފެނެ އެވެ. އެއީ ވަކިވަކި ބައެއް ފުލުހުން ސިޔާސީ އެކި މީހުންގެ އެޖެންޓުންނަށް ވެގެން ކުރާ ކަންކަމުގެ ނުރައްކާ އޮތް މިންވަރު ބުނެދޭށެވެ.
6 ޖުލައި 2014
ހެނދުނު 05:53 އިން 06:02 އަށް
-
ސައިފް: އަހަރެމެން އޮންނާނީ އަނިޔާވެރި ޑިކްޓޭޓަރު އަންނިއާ ދެކޮޅަށް ވެސް ތަޅާފައި. އެހެންކަމުން އެ މީހުންގެ [އަދީބާ ދެކޮޅު ފުލުހުންނާއި ސިޔާސީ މީހުން] ހަތިޔާރު ބަހައްޓަންދެން މި ތެޅުން ކުރިއަށް ދާނެ
-
ސައިފް: ކަންބޮޑުނުވޭ، އަހަރެމެން އެކަންޏެއް ނޫން ތިބާ [އަދީބު]އާ އެކު ތިބީ. ނުކުންނަން ޖެހިއްޖެ ނަމަ އެންމެން ރުކުރުވާލާން. ފެބްރުއަރީ 6،7 ގޮތަށް
-
ޑީޑީ: ރަނގަޅަށް ތިބުނީ ސައިފް. ޝުހާސް އާއި ޑޭވިޑް ނުވަތަ އެހެން އޮފިސަރުން ވެސް ބުނެފާނެ އެމީހުންގެ ބާރުގެ ދަށުގައޭ އޮތީ، އެކަމަކު އެއީ ހުސް ވާހަކައެއް. އަމަލީ ގޮތުން އުޅޭނީ އަހަރެމެން، ނަތީޖާ ވެސް ދައްކާނީ އަހަރެމެން. ފެބްރުއަރީ 7 ،8 ގައި އަހަރެމެން ނުބުނަން އެންމެން ތިބީ އަހަރެމެންނާ އެކުގައޭ، އަނެއްކާ ނުބުނަން އަހަރެމެންނޭ ކޮންޓްރޯލްކުރީ. އެކަމަކު ހަނގުރާމައިގެ މައިދާނުގައި އަހަރެމެންގެ އަމަލްތައް އާންމުންނަށް ފެނުމުން ގަބޫލުކުރީ އޯހް، އެމީހުންނޭ އެކަން އެކުރަނީ. އަހަރެމެންނަށް އިތުބާރުކުރޭ ސާ. ވަގުތު އައުމުން ހަމަ އެފަދަ ކަމެއް ކޮށްލާނީ
މި ވާހަކަތަކަށް ފަހު އަނެއް ދުވަހު އަދީބު އޭނާގެ ރިޝްވަތު ބެއްސެވުމާއި ބައެއް މީހުންނާ ބައްދަލުކުރައްވަމުން އައި، ކުރީގެ ފެންޓަސީ ހިންގި އިމާރާތުގެ އެޕާޓްމަންޓަށް ސައިފްމެންނަށް ދައުވަތު ދެއްވަ އެވެ. އެ ބައްދަލުވުމަށް ފަހު ބަދަލުކުރާ މެސެޖްތަކުން ލަފާކުރެވެނީ ފައިސާގެ އެހީތެރީކަމެއް ވެދިންހެންނެވެ.
7 ޖުލައި 2014
ރޭގަނޑު 11:21
-
އަދީބު: ކަލޭމެން ކޮން ތާކު؟
-
ސައިފް: ގޭގައި
-
އަދީބު: ވަރުބަލިވެފައިތަ؟
-
އަދީބު: ފެންޓަސީއަށް އާދެ ބަލަ، މިރޭ ވަރަށް ދަންވަންދެން އަހަރެން އުޅޭނަން. ކަލޭމެންނަށް އާދެވޭނެތަ؟
-
ސައިފް: އޯކޭ ސާ. މިދަނީ
-
އަދީބު: 6 އަށް ފިތާލާ
ރޭގަނޑު 12:34
-
ސައިފް: ސާ، މިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެމެންގެ އަމާޒަށް ވާސިލްވާން އޮމާންކަމާ އެކު މިހާރު މަސައްކަތްކުރެވޭނެ. އަހަރެމެން ތިބާ ވެއްޓުނަކަ ނުދޭނަން. އަހަރެމެންގެ ނެޓްވޯކް ވަރަށް އަވަހަށް ބޮޑުވާނެ. ކަންކަން ރޭވި ގޮތަށް ނިމިގެންދާނެ.
-
ޑީޑީ: ވަރަށް ބޮޑަށް ޝުކުރިއްޔާ ސާ.
-
ޑީޑީ: ތިބާ ބުނާ ގޮތަކަށް ކަންކަން ކުރިއަށް ދާނެ
ފުލުހުންގެ ތެރޭގައި އަދީބުގެ އެޖެންޓުން އުޅޭކަމާއި އެސްއޯގެ ކޮންޓްރޯލް ހޯދަން އުޅޭކަމުގެ އަޑުތައް އުމަރު ނަސީރާ ހަމައަށް ދިޔަކަން އެނގެ އެވެ. އެހެންވެ ސައިފްމެންނާ ސުވާލު ވެސް ކުރެ އެވެ. އެ މީހުންގެ ބައެއް އެސްއެމްތައް، ފުލުހުންގެ އިންޓެލިޖެންސްއަށް ފެނުނު ކަމަށް ވެސް، ސައިފް ބުނެ އެވެ. އެހެންވެ އޭނާ އެދުނީ ވައިބާއިން އެކަނި މުވާސަލާތް ހިންގުމަށެވެ.
ސައިފް މިހާރު އުޅެނީ ފުލުހުންގެ ތެރެޔަކު ނޫނެވެ. އެކަމަކު ޑީޑީ އަންނަނީ ފުލުހުންގެ އެކަޑަމީގައި ވަޒީފާ އަދާކުރަމުންނެވެ.
ސަލާމަތީ ބާރުތަކުގެ ބައެއް މީހުން އަޑިން އަދީބާ ގުޅިގެން ދެއްކި ވާހަކަތަކުން އެނގެނީ ސަރުކާރު ތެރޭގައި އެކި ފެކްޝަންތައް އުފެދި، އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރު ނެތްކަމެވެ. ހާއްސަކޮށް އަދީބުގެ ފޯކަސް އޮތީ މުޅި ސަރުކާރު އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންދެވުމަށެވެ. ދައުލަތުގެ މުޅި ނިޒާމް އޭނާގެ އަޅަކަށް ހެދުމެވެ. ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވީ އަލީ ހަމީދު މެދުވެރިކޮށެވެ. އޭނާއާ ދެކޮޅު މީހުންނަށް ދައުވާ އުފުއްލަވަން ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވީ މުހުތާޒު މުހުސިން އެވެ.
އެމްއެންޑީއެފްގެ ތެރޭގައި އަދީބާ އެކު ވައިބާ ގްރޫޕް ހައްދަވައިގެން އުޅުއްވި އެންމެ އިސް އެއް އޮފިސަރަކީ ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އެވެ. ޔާމީންގެ ވެރިކަން ފެށުމާ އެކު އޭނާ ހުންނެވީ ލ. ގަމުގައި އެ ސަރަހައްދުގެ އިސް ވެރިޔަކަށް ލައިފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެހެލައިފަ އެވެ. އެކަމަކު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެޔަށް ފުލުހުން ވަދެ، ފިސްތޯލައެއް ހޯދައި، އޭނާ ހައްޔަރުކުރި ފަހުން ފަޔާޒަށް ދެނީ މާލޭ އޭރިޔާގެ ކޮމާންޑަރުގެ މަގާމެވެ.
އޭގެ ފަހުން ދެން އަންނަނީ ސެޕްޓެމްބަރު 2015ގައި ޔާމީން ދަތުރުފުޅުކުރެއްވި ރަސްމީ ލޯންޗުކޮޅު 'ފިނިފެންމާ'ގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާ އެވެ. އަދީބު ވެސް ހައްޔަރުކުރެ އެވެ. ފަޔާޒު ވެސް ހައްޔަރުކުރެ އެވެ.
އެކަމަކު އަދީބު ހީކުރެއްވީ ދައުލަތުގެ ހުރިހާ ބާރެއްގެ ތެރެއަށް އޭނާ ފަތުރާލެއްވި ރިޝްވަތުގެ ފައިދާ ފެންނާނެ ކަމަށެވެ. އޭނާ ހައްޔަރުކުރިޔަސް ކޯޓުތަކުން ދޫކުރާނެ ކަމާއި ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު އޭނާއަށް އޮތް ކަމެވެ. ދަށު ކޯޓުތަކުން ފެށިގެން ސުޕްރީމް ކޯޓާ ހަމައިން ވެސް އޭނާ ސަލާމަތްވާނެ ކަމަށެވެ.
ނަމަވެސް ޔާމީން އެ ފުރުސަތު ނުދެއްވި އެވެ. އެހާ ހިސާބުން ހުރިހާ ބާރެއް ނެންގެވީ ޔާމީނެވެ. އަދީބާ ދެކޮޅަށް ދައުލަތުގެ އެ ހުރިހާ ބާރެއް ބޭނުންކުރެއްވި އެވެ.
މިއީ ދިވެހި ގައުމަށް ލިބެން ހުރި ފިލާވަޅުތަކެވެ. ސަލާމަތީ ބާރުތަކުގެ އެތެރޭގެ ކަންކަން ތަރުތީބު ކުރަން ޖެހޭނީ އެފަދަ ނުބައި ނުފޫޒުތައް ވަދެ، މުޅި ނިޒާމު ފުނޑާނުލެވޭނެ ގޮތަށެވެ. ޖުޑިޝަރީއަކީ ސިޔާސީ މީހުންގެ ކުޅޭކުޅޭ ބަޔަކަށް ނުވާނެ ފަދަ ހަރުދަނާކަމެއް ހުންނަން ވާނެ އެވެ.
ސުވާލަކީ މިހާރު މި ގައުމު މިދަނީ އެ ތަރުތީބުގައި ހެއްޔެވެ؟ އަޅުގަނޑަކަށް އެ ޔަގީންކަމެއް ނެތެވެ. އަޅުގަނޑަށް ބުނެވެން އޮތީ މާޒީން ފިލާވަޅެއް ލިބުނު މަންޒަރު އަދި ނުފެންނަ ކަމެވެ. އަދީބު ކަހަލަ ބާރުގަދަ ވަޒީރަކު އުފެދުނަ ނުދީފާނެ އެވެ. ނަމަވެސް މުޅި ނިޒާމް އަދިވެސް އޮތީ ދާދި އެއްކަހަލަ ގޮތަކަށެވެ.
ކޮމެންޓް (20)
ޖުހާޖުހާ
މަސްއައިން
މީހެއް
ށާލިނީ
ތަދައްހުލް އާދަނިކު
ދިވެހިންގެ އެއްބައިވަންތަކަން
ސިކުނޑި
ދިއްދޫމީހާ
ދިއްދޫ އެއްމެ މިނިވަން މޮޅު ނޫސްވެރިޔާ
އަސްތާ
އަހުމަދޭ
ރަންރަން
ތެފައާސާ.
ހަރިހަރިޔާ
މުއްތޭ
ސުނާރު
އަލީ
ހަތަރެސްކަން
ހަމަވީ
ްއަބޯ