ކުރީގެ ރައީސް ސޯލިހް އަދި ކުރީގެ ނައިބު ރައީސް އަދީބު
އަދީބަށް މާފު ދިން މައްސަލައިގައި ސޯލިހް ވާހަކަދައްކަން ބޭނުމެއް ނުވި
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް މާފު ދެއްވި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވައިފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނުއަގުގައި ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 3.2 ބިލިއަަނަށް ވުރެ ގިނަ ރުފިޔާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ގެއްލުނު މައްސަލަތަކުގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަކަށް އޭނާ އިއުތިރާފްވެވަޑައިގެންފައިވެ އެވެ. އެއާ އެކު، ކުށް ސާބިތުވެ، 20 އަހަރަށް އަދީބު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޮކްޓޯބަރު 2020ގަ އެވެ.
އަދީބުގެ މައްޗަށް އިއްވާފައި އޮތް އެ ހުކުމަށް ސޯލިހް މާފު ދެއްވީ، އެ މަނިކުފާނުގެ ވެރިކަން ނިމެން ހަފްތާއަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، 13 ނޮވެމްބަރު 2023ގަ އެވެ.
ތަފްސީލު - ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ސޯލިހް ނިންމެވި އެ ނިންމެވުމާ ގޫޅޭ ގޮތުން އާންމުންގެ ކަންބޮޑުވުންތައް އޭރު ބޮޑުވި އެވެ.
އެ ނިންމެވުމަށް ފަހު، ސޯލިހް ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ދިމާވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީން ބޭއްވި 'ލޫޓުވައިފި، ލޫޓުވައިފި' މުޒާހަރާގެ ތެރެއިންނެވެ.
މުޒަހަރާ ނިންމާލި ވަގުތު 'ދައުރު'ން ސޯލިހާ ކުރި ސުވާލަކީ އަދީބަށް މާފު ދެއްވީ ކީއްވެގެންތޯ އެވެ.
"ތި ވާހަކައަށް [އަދީބަށް މާފު ދިން މައްސަލައިގައި] ހިނގާ ފަހުން އަޅުގަނޑުމެން ފަހުން ވާހަކަ ދައްކާލަން،" އެ ސުވާލުގެ ޖަވާބުގައި ސޯލިހް ވިދާޅުވި އެވެ.
އެ ވަގުތު އެ ސުވާލަށް ޖަވާބު ނުދެއްވޭނެތޯ އެހުމުން އެ މަނިކުފާނު ވިދާޅުވީ "މިހާރު މި ދަނީ މުޒާހަރާ ނިންމާލާފައި ގެއަށް" ކަމަށެވެ.
އެހެން ވިދާޅުވުމަށް ފަހު ސޯލިހް ވަޑައިގެންނެވީ ކާރަށް އަރާވަޑައިގަތުމަށެވެ.
ގުޅުން ހުރި - އަދީބުގެ އިތުރުން، ސޯލިހް ވަނީ ހަމަ އެ ދުވަހު އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުންނެވި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް މާފު ދެއްވާފަ އެވެ. މި ދެ ބޭފުޅުންނަށް މާފު ދެއްވި ސަބަބާ ގުޅޭ ގޮތުން އޭރު ރައީސް އޮފީހުގެ އޮފިޝަލުންނާ ވެސް ނޫސްވެރިން ސުވާލު ކުރުމުން ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
އަދީބަށް ދެއްވި މާފާ އެކު ހަމަ އެ ހަފްތާގައި ވެރިކަން ބަދަލުވުމާ އެކު، އަދީބު ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ. އަދީބު މިހާރު ދިރުއުޅުއްވަނީ ދުބާއީގަ އެވެ.
އިތުރަށް ކިޔާލަން
އެނގުން މުހިންމުު - ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލައި ގެއްލުނު ފައިސާ ހޯދާނެ ކަމުގެ ވައުދާ އެކު އެވެ. އެކަމަށްޓަކައި ރިޔާސީ ކޮމިޝަނެއްވެސް އުފެއްދެވި އެވެ. ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔައިރު، އެއިން އެންމެ ފައިސާއެއް ވެސް ދައުލަތަށް ހޯދިފައެއް ނުވެ އެވެ.
ވެރިކަން ނިމުނު އިރު، އޭރު މި ހިޔަނާތާ ގުޅިގެން ޖަލުގައި އޮތީ ޔާމީން އެކަންޏެވެ. ޔާމީންގެ މައްޗަށް އޭރު އިއްވާފައި އޮތް11 އަހަރުގެ ޖަލު ހުކުމް ފަހުން ހައިކޯޓުން ބާތިލުކޮށް، އެމަނިކުފާނުވެސް ވަނީ މިނިވަންވެވަޑައިގެންފަ އެވެ. އެ ހުކުމްގެ އިސްތިއުނާފް މަރުހަލާ މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.
ކޮމެންޓް (12)
އާފް
ހުސެން ރަހާ
ކޮއި
އަޑަފި
ޢަހޫ
ހުސެން ރަހާ
މަގުމަތިން
ތެފައާސާ.
މުހައްމަދު
އިބްރާހިމް
އަހައްމަދު
ލޫޓޭ އިބޫ