ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު (ވ) އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު.

އެޗްއާރުސީއެމް

އަދީބާއި ޒިޔަތަށް މައާފުދިނުމުގެ ކަންބޮޑުވުމާ އެކު އެޗްއާރުސީއެމްއިން ގޮވާލީ ގާނޫނު އިސްލާހުކުރަން

އެ ދެ ބޭފުޅުން މިނިވަން ކުރުން އެޗްއާރުސީއެމް އިން ސިފަކުރީ ކޮރަޕްޝަން ހުއްޓުވުމަށް އަޅާފައި ހުރި ފިޔަވަޅުތަކަށް އެޅުނު ހުރަހެއްގެ ގޮތުގައި
16 ނޮވެމްބަރު 2023

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މައާފް ދެއްވުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިއްޔެ ކަންބޮޑުވުން ފާޅުކޮށް، މައާފު ދިނުމާ އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އިސްލާހުކުރުމަށް ގޮވާލައިފި އެވެ.

ވީ ކިހިނެެއް؟ - ރައީސް ސޯލިހް، އަދީބާއި ޒިޔަތަށް މިދިޔަ ހޯމަ ދުވަހު މައާފު ދެއްވުމުން، ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތުގެ އެއް މައްސަލައިގެ އިސް ބައިވެރިން، އެންމެ އަށް އަހަރުގެ ތެރޭގައި، މިހާރު ވަނީ މިނިވަން ވެފަ އެވެ. މިގޮތަަށް ރައީސް ސޯލިހް ނިންމެވީ އެ މަނިކުފާނުގެ ފަސް އަހަރުގެ ވެރިކަން ނިމެން އެންމެ ހަތަރު ދުވަަހަށް ވެފައި ވަނިކޮށެވެ.

ތަފްސީލް - އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށްދިނުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެޗްއާރުސީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ، އެފަދަ ކުށްތައް ސާބިތުވެ، ހުކުމްކޮށްފައިވާ ފަރާތްތަކަކަށް ހުކުމްގެ ބޮޑު ބައެއް ތަންފީޒު ނުވަނީސް އަދަބު ލުއިކޮށްދިނުމުގެ ސަބަބުން މިނިވަން ވެގެން ދިއުމަކީ ކޮރަޕްޝަން ހުއްޓުވައި މަނާކުރުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް އެޅިގެންދިޔަ ހުރަހެއް ކަމަށެވެ.  

ގާނޫނީ ނިޒާމުގައި އެކަށައަޅާފައިވާ އުސޫލުތަކާ އިޖުރާއަތުތަކުގެ ތެރެއިން ކުށްވެރިންނަށް ދެވޭ އަދަބުތައް ފުރިހަމައަށް ތަންފީޒުނުކުރެވި، ސިޔާސީ ބޭނުންތަކާއި އެ ނޫން ވެސް ސިޔާސީ މަގްސަދުތައް ހާސިލުކުރުމަށް ކަމަށް ބެލެވިދާނެ ފަދަ ގޮތަކަށް އަދަބުތައް ލުއިކޮށްދިނުމަކީ ރައްޔިތުންގެ އިތުބާރު ވެސް ގެއްލިގެންދާނެ ކަމެއްކަން ފާހަގަކޮށް އެޗްއާރުސީއެމް އިން ބުނީ:

  • ކުށުގެ ބާވަތަށް ބެލުމެއް ނެތި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރު ބައިކުޅަ އެއް ބައި ތަންފީޒުވެ ނިމިފައިވާ މީހުންގެ އަދަބު ލުއިކޮށްދިނުމުގެ ބާރު އޮތުމަކީ ބޮޑެތި ކުށްތައް ކަނޑައަޅާފައިވާ މަގްސަދު ހާސިލުކުރުމަށް އެޅޭ ހުރަހެއް

  • ބޮޑެތި ކުށްކުރާ ފަރާތްތަކާއި ކުދި ކުށްކުރާ މީހުންނަށް މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުން އެއް ހަމައަކުން އޮތުމަކީ އިންސާފުވެރި ގޮތެއް ނޫން

"ދެންނެވުނު މަގްސަދު ހާސިލުކުރުމަށްޓަކައި މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ވީ އެންމެ އަވަހަށް އިސްލާހުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާ އަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، ގައުމުގެ އުމްރާނީ ތަރައްގީއަށާއި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާކަން ފާހަގަކުރަމުން އެޗްއާރުސީއެމް އިން ބުނީ:

  • އެމްއެމްޕީއާރުސީ މައްސަލާގައި ދައުލަތަށް ލިބެން ޖެހޭ 1 ބިލިއަނަށް ވުރެ ގިނަ ފައިސާ ދައުލަތުގެ ބައިތުލްމާލަށް އަނބުރާ ނުލިބިވުމަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް

  • މި ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މުޖުތަމައުގެ އެންމެ ނާޒުކު ހާލަތުގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަންހެނުންނާއި ކުޑަކުދިންނާއި ދައުލަތުން ހާއްސަ ރައްކާތެރިކަމެއް ފޯރުކޮށްދޭން ޖެހޭ ފަރާތްތައް ތިބިއިރު، ކޮރަޕްޝަންގެ އަމަލުތަކުން ގެއްލިގެންދާ ފައިސާގެ ސަބަބުން މި ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ އިތުރު ރައްކާތެރިކަމަށް ހުރަސްއެޅިގެންދޭ

ފަސްމަންޒަރު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 3.2 ބިލިއަަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ވައްދައި އެކި ބޭނުންތަކަށް ބޭނުންކުރި އެވެ.

ރައީސް ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ އެ ހިޔާނާތް ބަލައި ގެއްލުނު ފައިސާ ހޯދާނެ ކަމުގެ ވައުދާ އެކު އެވެ. ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، އެއިން އެންމެ ފައިސާއެއް ވެސް ދައުލަތަށް ހޯދިފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް