އަދީބް: އޭނާއަށް ރައީސް ވަނީ މިއަދު މައާފް ދެއްވާފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ރައީސް، އަދީބާއި ޒިޔަތަށް މައާފްދެއްވައިފި؛ މިއަދު މިނިވަންވާނެ

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީ އެ ހިޔާނާތް ބަލައި ގެއްލުނު ފައިސާ ހޯދާނެ ކަމުގެ ވައުދާ އެކު؛ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، އެއިން އެންމެ ފައިސާއެއް ވެސް ހޯދިފައެއް ނުވޭ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މައާފު ދެއްވާފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ. އެއާ އެކު، މިއަދު އެ ދެ ބޭފުޅުން މިނިވަން ވާނެކަން ވެސް ވަނީ އެނގިފަ އެވެ.

ވީ ކިހިނެއް؟ -  ރައީސް އެ ދެ ބޭފުޅުންނަށް މިއަދު މައާފް ދެއްވައިފައިވާކަން އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ވަނީ ކަަށަވަރުވެފަ އެވެ.

ތަފްސީލު - ރައީސް ސޯލިހްގެ ފަސް އަހަރުގެ ވެރިކަން ނިމެން ބާކީ ފަސް ދުވަސް އޮއްވައި އެފަދަ ނިންމެވުމެއް ނިންމެވި ސަބަބެއް އަދި ނޭނގެ އެވެ. މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހާ ސުވާލު ކުރުމުން އަދި ޖަވާބެއް ނުލިބެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބަށް އިއްވާފައި ވަނީ 20 އަހަރުގެ ޖަލު ހުކުމެވެ. އެފަދަ އެއްބަސްވުމެއްގެ ދަށުން ޒިޔަތަށް ވަނީ 32 އަހަރުގެ ހުކުމެއް އިއްވާފަ އެވެ.

އެ ގޮތަށް ހުކުމްތަކެއް އިއްވާފައިވީ ނަމަވެސް، މި ސަރުކާރުން ވަނީ އެ ދެ ބޭފުޅުން ގޭބަންދަށް ބަދަލުކޮށްފަ އެވެ. މި ވެރިކަމުގެ ބޮޑު ބައެއް އެ ދެ ބޭފުޅުން ހޭދަކުރެއްވީ ގޭގަ އެވެ.

މިއަދު ބޭއްވި އިވެންޓެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ: އަދީބާއި ޒިޔަތަށް މައާފު ދިން މައްސަލައިގައި ރައީސް އޮފީހުގެ ކޮމެންޓެއް އަދި ނުލިބޭ. (ފޮޓޯ/ރައީސް އޮފީސް)

ފާހަގަކޮށްލެވޭ ކަމެއް - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 3.2 ބިލިއަަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ވައްދައި އެކި ބޭނުންތަކަށް ބޭނުންކުރި އެވެ.

ރައީސް ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ އެ ހިޔާނާތް ބަލައި ގެއްލުނު ފައިސާ ހޯދާނެ ކަމުގެ ވައުދާ އެކު އެވެ. ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، އެއިން އެންމެ ފައިސާއެއް ވެސް ދައުލަތަށް ހޯދިފައެއް ނުވެ އެވެ.

މި ހިޔާނާތާ ގުޅޭ މައްސަލައެއްގައި ޔާމީނަށް 11 އަހަރުގެ ޖަލުގެ ހުކުމެއް ވަނީ އިއްވާފަ އެވެ. ރައީސް ސޯލިހަށް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު، މިދިޔަ ދެ އަހަރުގައި ޖަލުގައި ހުންނެވި ޔާމީން ވަނީ މިދިޔަ މަހުގެ 1ގައި ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެ ހުކުމް އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގަ އެވެ.

ކޮމެންޓް (4)

ގަމީހެއް

14 ނޮވެމްބަރު 2023
މި ފެނަންނަނީ ޒީރޯ ޓޮލެރަންސް ވީމަ ވާ ގޮތް. މީނައަށް ޒީރޯ ޓޮލެރަންސްގެ މާނަވެސް ނޭނގޭ ކަންނޭގެ.
0 0

ކީމާ

14 ނޮވެމްބަރު 2023
ދެން މަޑުމަޑުންހުރެ ވަގައްނެގި ލާރި ތައްބޭނުންކުރޭ. ވަގުން ހަމަ ވަށައިގެން މިގައުމު ސަރުކާރުގަޔާ ސިޔާސީގަ އުޅެނީ. ވަގު ރާއްޖެ.
1 1

ޕްރޮޖީ އަދީބު

14 ނޮވެމްބަރު 2023
ދިވެހިރައްޔިތުންގެ މާއާފުވެސް ލިބޭނެކަމަށް އުއްމީދުކުރަން.
0 0

ޔާމީނު

13 ނޮވެމްބަރު 2023
ރިހާކުރުފުޅި ވަގަށްނެގިމީހާ އަދިވެސް އޮތީ ޖަލުގަ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް