އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އައިސް ގޭ ބަންދުގައި ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)

އަހުމަދު އަދީބު

ސޯލިހް މާފު ދެއްވުމުން އަދީބު ރާއްޖެއިން ފުރާވަޑައިގެންފި

އަދީބު ފުރާވަޑައިގެންނެވިއިރު، ސޯލިހްގެ ވެރިކަން ނިމި އާ ރައީސް ޑރ. މުހައްމަދު އިއްޔެ ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންފައި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި މައާފާ އެކު އޭނާ ރާއްޖެ އިން ފުރާވަޑައިގެންފައިވާކަން 'ދައުރު' އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ސޯލިހްގެ ފަސް އަހަރުގެ ވެރިކަން ނިމެން އެންމެ ފަސް ދުވަހަށް ވެފައި ވަނިކޮށް އަދީބަށް މައާފު ދެއްވައި މިނިވަންކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

ތަފްސީލު - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް މިރޭ ކަށަވަރުކޮށްދިން ގޮތުގައި އަދީބު މިހާރު ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފަ އެވެ.

އަދީބު ފުރާވަޑައިގެންނެވީ ކޮން އިރަކު، ކޮން ގައުމަކަށް ކަމެއް އަދި ކަށަވަރެއް ނޫނެވެ. އޭނާ ފުރާވަޑައިގެންނެވިއިރު، ސޯލިހްގެ ދައުރު ނިމި، އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު 20 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

ގުޅުންހުރި - އެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އިއްވި 32 އަހަރުގެ ޖަލު ހުކުމް ވެސް ސޯލިހް ވަނީ މިދިޔަ ހޯމަ ދުވަހު މައާފްކޮށްދެއްވާފަ އެވެ.

އެ ދެ ބޭފުޅުންނާ އެކު ހެދި އިއުތިރާފް އެއްބަސްވުމާ އެކު، ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވީ ވެސް ގޭ ބަންދުގައި ތިއްބަވައިގެންނެވެ.

ފަސްމަންޒަރު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 3.2 ބިލިއަަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ވައްދައި އެކި ބޭނުންތަކަށް ބޭނުންކުރި އެވެ.

ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ އެ ހިޔާނާތް ތަހުގީގުކޮށް ގެއްލުނު ފައިސާ ހޯދުމުގެ ވައުދަކާ އެކު އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔަ އިރު އެއިން އެންމެ ރުފިޔާއެއް ވެސް ދައުލަތަށް ހޯދިފައެއް ނުވެ އެވެ.

އެ ވައުދު ނުފުއްދި، އެކަމުގައި އިސްކޮށް ތިބި މީހުންނަށް ސޯލިހް މައާފް ދެއްވުމާ ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އާންމުންގެ ފާޑުކިޔުން ވެސް ސޯލިހަށް ވަނީ އަމާޒުވެފަ އެވެ.

ގުޅުންހުރި - މި ހިޔާނާތާ ގުޅޭ މައްސަލައެއްގައި ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުގެ ހުކުމް ތަންފީޒު ކުރެއްވުމަށް އެމަނިކުފާނު މިދިޔަ ދެ އަހަރު ހުންނެވީ ޖަލުގަ އެވެ. ނަމަވެސް، ސޯލިހަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާ އެކު، މިދިޔަ މަހުގެ 1ގައި ޔާމީން ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެ ހުކުމް އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގަ އެވެ.

ކޮމެންޓް (3)

ޟިއާ

19 ނޮވެމްބަރު 2023
ކީއްވެތަ ވައްކަމުގެ ކުއް ސާބިތުވެފަ ހުންނަ މީހުންނަށް މާތް ބަހުރުވަ ތި ބޭނުންކުރަނީ؟
0 0

ލައިކް

18 ނޮވެމްބަރު 2023
ކުރިންވެސް ދައްކަމުންގެންދިޔަ ވާހަކަ. ތިމައްސަލަތައް ބެލިމީހުން ރާއްޖެއިން ބޭރަށް ދަތުރުކޮށް އަގުބޮޑެތި އެޕަލް ގަޑިޔާ ފޯނާ ދައުލަތުގެ ލާރިން ގަނެ ތިކަން ހެދީ ކުޅޭކުޅޭ ކުޅިވަރަކަށް. 5 އަހަރުވެގެން ދިޔައިރު އެންމެ މައްސަލައެއް ބަލާ ނުނިމޭ. ލާރި ނެގި މީހުންނާ ލާރިއަށް ހެދިގޮތުގެ ރިކޯރޑްވެސް އޭސީސީގެ ބުރަމަސައްކަތުން ފެންނަށް އެބަހުރި ފުލުހުންނަށް ވިކަމެއް ހަރާމް. ދެންވެސް ބުނަންއޮތީ އޭސީޕީ ރިޔާޒް ތިތަނުން ބޭރުކޮށް ތިކަންތައް ތަޙްޤީޤް ކުރަން ދަންނަ ބަޔާ ތިމައްސަލަ ތަޙްޤީޤްކުރަން ހަވާލް ކުރަން. ތިފަދަ މައްސަލަތައް ތަޙްޤީޤް ކިރުމުގެ ގާބިލު ކަމެއް ފުލުހުންގެ ގައިގައި ނެތް
0 0

އަސްކަރަ

18 ނޮވެމްބަރު 2023
މީގެ އެންމެ ބޮޑު ޒިންމާ ނަގަން ޖެހޭނީ ޕީޖީ އާ ޕޮލިސް... އެމީހުން އުޅުނީ އިންސާފު ހޯދާކަށް ނޫން... ޔާމީނު ފަހަތުން ސިޔާސީ މަސައްކަތެއް ކުރީ... މިކަން މިހެން ކުރި މީހުނަށް ހައްގު އަދަބު ލިބެން ޖެހޭ...
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް