ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް: މަޖިލީހުން ކަނޑައަޅާ ޖޭއެސްސީގެ މެންބަރަކަށް އޭނާ އައްޔަން ކުރުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި (ފޮޓޯ/ މަޖިލިސް)

ހުސެއިން ރިޒާ

ޖޭއެސްސީގެ ރައީސް މަޖިލީހުގައި ދިފާއަކަށް ނެންގެވީ އެމްޑީޕީ ސަރުކާރުގައި ކަން ކުރި ގޮތް

ޖޭއެސްސީގެ ނިންމުން ގޯސް ކަމަށް ވިދާޅުވެ، ފިލްޒާ ދެއްވި ލަފައަކީ "ފިތުނަ"އެއްގެ ގޮތުގައި ރިޒާ ސިފަ ކުރެއްވި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމި ނިންމުމުގައި އިޖުރާއީ ގޯހެއް ނެތް ކަމަށް ވިދާޅުވެ، އެ ނިންމުން ދިފާއުކުރައްވައި އެ ކޮމިޝަންގެ ރައީސް އަދި މާފުށި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ރިޒާ އާދަމް މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވައިިފި އެވެ.

ވީ ކިހިނެއް؟ - މިއަދު މަޖިލީހުން ވަނީ ޖޭއެސްސީން ނިންމި ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ފާސްކޮށްފަ އެވެ. 

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފަތިމަތު ފިލްޒާ ހިމެނޭހެން ގާނޫނީ ވަކީލުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ފާޑުކިޔުމުން އަމާޒުވި ޖޭއެސްސީގެ ނިންމުން ދިފާއުކުރައްވައި ރިޒާ ވާހަކަ ދެއްކެވީ، މިކަމާ ގުޅިގެން މަޖިލީހުގައި ނެގި ވޯޓުގެ ކުރިން ކުރިއަށް ދިޔަ ބަހުސްގެ މަރުހަލާގަ އެވެ.

ތަފްސީލު - ބަހުސްގައި ޕީއެންސީއަށް ލިބުނު ވަގުތަށް ވުރެ އިތުރަށް ވަގުތު ނަންގަވައިގެން، ގާތްގަނޑަކަށް 10 މިނެޓަށް ވާހަކަ ދައްކަމުން ރިޒާ ވަނީ ޖޭއެސްސީގެ ނިންމުމުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވާފަ އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި، އެ ނިންމުމުގައި އިޖުރާއީ ގޯހެއް ނެތެވެ. 

"އަޅުގަނޑުމެން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމާއި އަޅުގަނޑުމެންގެ ޖުޑީޝަރީ ކޮމިޓީން އެ ނިންމި ނިންމުމަކީ ހަމަ ސައްހަ ނިންމުމެއް. އިޖުރާއީ އެއްވެސް ހިލާފެއް އެ ހަސްމަށް އޭނާގެ [އަޒްމިރަލްދާ އާއި މަހާޒުގެ] ހައްގަކަށް އުނިކަމެއް އަންނަ ގޮތަށް އެއްވެސް އަސަރެއް ކުރާ ފަދަ އެއްވެސް އެއްޗެއް ނެތްކަން އަޅުގަނޑު ފާހަގަކުރަން،" އާންމުކޮށް މަޖިލީހުގައި މަޑުމައިތިރިކަމާ އެކު ވާހަކަ ދައްކަވާ ރިޒާ، މިއަދު ވަރަށް ޖޯޝާ އެކު، އަޑަށް ބާރު ލައްވާފައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް އާއި މާފުށި ދާއިރާގެ މެންބަރު ރިޒާ ޖޭއެސްްސީގެ މެންބަރު ކަމުގެ ހުވާ ކުރެއްވުމުގެ ތެރެއިން (ފައިލް ފޮޓޯ/ރައީސް އޮފީސް)

ރިޒާގެ ވާހަކައިގައި ދެން ފާހަގަ ކުރެއްވީ، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޖޭއެސްސީގެ ކޮންޓްރޯލް އެ ޕާޓީއަށް އޮތް އިރު، އެ ކޮމިޝަނުންނާއި 19 ވަނަ މަޖިލީހުން އޭރު ބައެއް ފަނޑިޔާރުން ވަކިކުރުމުގައި އަމަލު ކުރި ކަމަށް ބުނާ ގޮތެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމްގެ މައްސަލައެއް ބަލަން 2019ގައި ޖޭއެސްސީން ނިންމީ، އޭރު އޭނާ ބަލަމުން ދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ޝަރީއަތުގެ މަޖިލީހެއް ތާވަލުކޮށްފައި އޮއްވާ

  • ހައިލަމްގެ މައްސަލަ ޖޭއެސްސީން އޭރު ބެލީ އެ ކޮމިޝަންގެ ކުޑަ ކޮމިޓީއަކަށް ފޮނުވައިގެންނެއް ނޫން

  • 2022ގައި ހައި ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުއްރައޫފް އާއި އަބްދުﷲ ހަމީދު ވަކިކުރަން ޖޭއެސްސީން ނިންމާފައި ވަނީ، އެ ފަނޑިޔާރުންގެ މައްސަލަ ބަލަން ކުޑަ ކޮމިޓީން ފެށި އިރު އެންމެ ފުރަތަމަ ކުރި ތުހުމަތުތަކާ ގުޅިގެންނެއް ނޫން

  • އޭރު އެ ދެ ފަނޑިޔާރުން ވަކި ކުރަން ނިންމީ، ކުޑަ ކޮމިޓީން އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމާފައި އޮއްވައި އެ ކޮމިޓީއަށް ބަދަލު ގެނެސް، އެ ފަނޑިޔާރުންނަށް ފަހުން ކުރި ތުހުމަތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ

ޖޭއެސްސީގެ ރައީސްއަށް ފިލްޒާގެ ލަފާވީ 'ފިތުނައަކަށް'

މަޖިލީހުންނާއި ޖޭއެސްސީން ކުރިން އަމަލުކޮށްފައިވާ ގޮތުގެ މިސާލުތައް ދައްކަވަމުން ރިޒާ މުޅިން ވެސް ފާޑުކިޔުން އަމާޒު ކުރެެއްވީ ކައުންސެލް ޖެނެރަލް ފިޒްޒާ އަށެވެ.

"ކޮބާތޯ އިޖުރާއަތަކީ؟ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީގެން މި [19 ވަނަ] މަޖިލީހަށް ވެސް ހުށަހެޅިއޭ. ކޯއްޗެއްތޯ ބެއްލެވީ؟ ކޮބާތޯ އޭރު ޖެނެރަލް ކައުންސެލްގެ ލަފާ ފުޅަކީ؟،" ރިޒާ ސުވާލު އުފެއްދެވި އެވެ.

ރިޒާ ވިދާޅުވި ގޮތުގައި، ފިލްޒާ ދެއްވާ ލަފާ "މުސުމީ ބަދަލުތަކާ އެކު" ބަދަލުވާކަށް ނުޖެހެ އެވެ. އެ ލަފައެއް ދޭން ޖެހެނީ، އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ހަރުދަނާ އުސޫލުތަކުގެ މައްޗަށެވެ.

"[ފިލްޒާގެ ލަފާ] އޮންނަން ޖެހެނީ، އަސާސްތަކުގެ މައްޗަށް ބިނާކޮށް. އެ އޮންނަން ޖެހެނީ، ގާނޫނުތަކުގެ މައްޗަށް ބިނާކޮށްފައި. [އަދި] އާދަކާދަތަކާއި އިސްތިއުނާފީ ކޯޓުތަކުގެ މައްޗަށް ބިނާކޮށްފައި. މިއަށް ވުރެ ހަރުދަނާ އުސޫލުތަކެއް [ލަފާތަކެއް] ނެރެން ވާނީ،" ފިލްޒާގެ ލަފައަށް ފާޑުކިޔުން އަމާޒުކުރައްވަމުން ރިޒާ ވިދާޅުވި އެވެ.

"މި ނުރަނގަޅު އުސޫލުތައް [ލަފާތައް] ނެރުމުގެ ނަތީޖާއަކީ، ގައުމުގައި ފިތުނަ އުފެދިގެން ދިޔުން. ހަގީގަތާ ހިލާފު ވާހަކަތައް މުޖުތަމައުގައި ފެތުރިގެން ދިޔުން."

ވާހަކަ ނިންމާލައްވަމުން ރިޒާ ވިދާޅުވީ، އޭނާގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ފިލްޒާ "މިއަށް ވުރެ ޒިންމާދާރުވެވަޑައިގެން، މިފަދަ ކަންތައްތައް ނިންމުމުގައި ރަނގަޅު ރިއާޔަތް ދެއްވާނެ" ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޖޭއެސްސީގެ ދިފާއުގައި ތަޅުމުގައި އެ ކޮމިޝަންގެ ރައީސް ރިޒާ ވާހަކަ ދެއްކެވިއިރު، މިކަމުގައި ފާޑުކިޔާ މީހުން އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ އަޒްމިލްދާ އާއި މަހާޒަށް ޖަވާބުދާރީވުމަށް ފުރުސަތު ނުދިނުމެވެ.

ކޮމެންޓް (1)

އިބްރާހިމް

15 މޭ 2025
ރިފޯމްގެ އަންމައާ އައްޕަކަމަށް ދައުވާ ކުރާ އެމްޑީޕީއިްނ ޖުޑީސަލް ކަމިސަންއިން ސިޔާސީ މީހުން ބޭރުކޮށް މިނިވަން ކުރަން ވައުދު ވެގެން ރައްޔިތުން ސުޕަރ މެޖޯރިޓީ ދިނީމާ އެކަން ނުކޮށް ދައުރު ނިންމާލީ ކީއްވެތޯ އެޕާޓީ ޕާރލިމެންޓް ރައީސް އާޒިމާ ޕާޓީ ރައިސް ފަޔާ އެންޑިޕީ ޖުޑީސަލް ރައީސް ހިސާނު ކައިރީ އަހ ބުނާ އެއްޗެއް ދިރާސާ ކޮށް ގެނެަސް ދޭނެ އެންމެ ނޫސްވެރިއެއްވެސް މިގައުމުގައި ނެތިއްޔާ މާނައަކީ ރައްޔިތުންގެ ހައްގުގައި އުޅޭނެ މީޑީއާއެއްމިރާއްޖެއަކުނެތޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް